Thursday, June 7, 2012
#
އިސްލާމީ އިޤްތިސާދު
އިސްލާމީ މުޖްތަމަޢުގައި ނަގާ ޓެކްސްއާއި ޒަކާތާއި ހުރި ފަރަޤަކީ ކޮބާ؟
on
7.6.12
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ވަރަށް ގިނަ ޢާއްމުންނަށް ޒަކާތާއި ޓެކްސާއި ދޭތި ވަނީ
އޮޅިފައެވެ. ދައުލަތުގެ ފަރާތުން މުވާޠިނުންގެ މައްޗަށް ލާޒިމްކޮށްފައިވާ ޓެކްސްގެ
ޝަރްޢީ ހުކުމަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން
މިބަޙުޘްގައި މިކަންތަކާއި ބެހޭ ގޮތުން އަލިއަޅުވާލެވޭތޯ އިންޝާﷲ ބަލާނަމެވެ.
ވަބިﷲއް ތައުފީގް.
އިސްލާމީ ފިގްހުގައި ޓެކްސްގެ މަފްހޫމަކީ؛ ފައިސާވެރިންގެ
މުދަލުން ސަރުކާރަށް ދެއްކުމަށް ކަނޑައެޅިފައިވާ ވަކި މިންވަރެކެވެ. އެމިންވަރެއް
ސަރުކާރަށް ނެގެނީ ޢާއްމު ރައްޔިތުންގެ މަޞްލަޙަތުހުރި ޟަރޫރީ ބޭނުންތައް
ފުއްދުމަށްޓަކައެވެ. މިގޮތުން ނެގޭ
އެއްޗެއްވާން ޖެހޭނީ ވަގުތީ އެއްޗަކަށެވެ. ޔަޢުނީ ޓެކްސް ނެގެން ޖެހޭނީ
ރައްޔިތުންނަށް ބޭނުންވެފައިވާ ވަކި ކަމެއް ކުރުމަށްޓަކައެވެ. އެކަމެއް ފުދުމުން
ޓެކްސް ނަގައިގެން ނުވާނެއެވެ. ޓެކްސް ނެގުމަށް މެދުވެރިވެފައިވާ ޙާލަތު ފިލައި
ދިޔުމުން އިތުރަށް ޓެކްސެއް ނެގިގެން ނުވާނެއެވެ.
އިސްލާމީ ފިގްހުގައްޔާއި އިގްތިޞާދީ މާހިރުންގެ ވިސްނުމުން
ޓެކްސްގެ މާނަ ކުރުމުގައި ހުރި އެއްގޮތް ކަންތަކާއި ތަފާތުވާ ކަންތައްތައް.
އެއްގޮތްވާ ކަންތައްތައް؛
1. ދެގޮތުންވެސް
(އިސްލާމީ ފިގްހުގައިވެސް އަދި އިގްތިޞާދީ މާހިރުންގެ ނަޡަރުގައިވެސް) ޓެކްސަކީ
ސަރުކާރުން ރައްޔިތުންގެ މައްޗަށް މަޖްބޫރު ކުރުވައިގެން ނަގާ އެއްޗެކެވެ.
2. ދެގޮތުންވެސް(އިސްލާމީ ފިގްހުގައިވެސް އަދި އިގްތިޞާދީ
މާހިރުންގެ ނަޡަރުގައިވެސް) ޓެކްސަކީ
ފައިސާ އިން ދައްކަން ޖެހޭ އެއްޗެކެވެ.
3. ޓެކްސް ދެއްކުމުގެ ސަބަބުން ދައްކާ ފަރާތަށް ލިބޭނެ
ވަކި އިތުރު ފައިދާ ތަކެއް ނުވެއެވެ.
ތަފާތުވާ ކަންތައްތައް؛
1. އިސްލާމީ މަފްހޫމުގައި ޟަރީބާ އަކީ ނުވަތަ ޓެކްސަކީ
ޝަރްޢީ ނައްޞެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ގުރްއާނުން ނުވަތަ
ސުންނަތުން ނުވަތަ ޞަޙާބީ އެއްގެ އަޘަރަކުންނެވެ. ނަމަވެސް އިގްތިޞާދީ
މަފްހޫމުގައި ޟަރީބާ އަކީ ނުވަތަ ޓެކްސަކީ މިފަދަ އެއްވެސް ނައްޞެއްގެ މައްޗަށް
ބިނާވެފައިވާ އެއްޗެއް ނޫނެވެ. އަދިކިއެއްތަ، އެއީ ގައުމުގެ މުވާޠިނުން
ކަމަށްވީތީވެ، ނުވަތަ ސަރުކާރުގެ ޙިމާޔަތް ލިބިގެން ތިބި ބަޔަކަށްވީތީވެ ދައްކަން
ޖެހޭ އެއްޗެކެވެ.
2. އިގްތިޞާދީ ނަޡަރުން ބަލާއިރު ޓެކްސަކީ ދާއިމީ
ގޮތެއްގައި ނެގޭ އެއްޗެކެވެ. ނަމަވެސް އިސްލާމީ ނަޡަރަކުން ބަލާއިރު ޓެކްސަކީ
ހަމައެކަނި މެދުވެރިވާ ޙާލަތަކާއި ގުޅިގެން ނެގޭ އެއްޗެކެވެ. އެޙާލަތު ފިލައި
ދިޔުމުން ޓެކްސް ނެގުން ހުއްޓާލަން ޖެހޭނެއެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ
ޓެކްސްގެ ނިޡާމަކީ އިސްތިޘްނާ ޙާލަތްތަކެއްގައި ހުއްދަ ކުރެވޭ ނިޡާމެކެވެ.
3. އިގްތިޞާދީ ނަޡަރަކުން ބަލާއިރުގައި ޓެކްސަކީ ދާއިމީ
ގޮތެއްގައި ދައުލަތުގެ އާމްދަނީ ހޯދުމަށް ބޭނުން ހިފިދާނެ ނިޡާމެކެވެ. ނަމަވެސް
އިސްލާމީ ނަޡަރަކުން ބަލާއިރު ޓެކްސްގެ ނިޡާމުގެ ބޭނުން ހިފޭނީ ގައުމު އެފަދަ
ޙާލަތަކަށް ގޮސްފި ހިނދެއްގައި އެކަންޏެވެ.
މިޒަމާނުގައި ސަރުކާރުތަކުން ދައުލަތް ހިންގުމަށް
ބޭނުންވާނެ ފައިސާ ހޯދުމުގެ އެއް ވަސީލަތެއްގެ ގޮތުގައި ޓެކްސްގެ ނިޡާމުވަނީ
ހަމަޖައްސާފައެވެ. ވީމާ، އިސްލާމްދީނުގައި ދައުލަތް ހިންގުމަށް ބޭނުންވާނެ ފައިސާ
ހޯދުމުގެ ގޮތްތައް ކަނޑައެޅިފައިވަނީ ކޮންގޮތަކަށްތޯ ބަލައިލުމަކީ މުހިންމު
ކަމެއްކަމުގައި ދެކި، އެކަމަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.
އިސްލާމީ ދައުލަތަކަށް ފައިސާ ހޯދޭނެ މަގުތައް؛
1. ޒަކާތް؛ ޒަކާތަކީ ނިޞާބު ހަމަވުމުން ފޮރުވާފައި ހުންނަ ފައިސާ
އިންނާއި، ދަނޑުގޮވާމުން، އަދި ވިޔަފާރި މުދަލުން ނެގޭ އެއްޗެކެވެ. ވީމާ، ނިޞާބު
ހަމަވެއްޖެނަމަ ޒަކާތް ނެރެން ޖެހޭނެއެވެ. ނޫންނަމަ ސަރުކާރުގެ ފަރާތުން ޒަކާތް
ނެރުމަށް މަޖްބޫރު ކުރުވަން ޖެހޭނެއެވެ. މިކަމުގެ ދަލީލަކީ؛ ސޫރަތުއްތައުބާ ގެ 103
ވަނަ އާޔަތެކެވެ. (خُذْ مِنْ أَمْوَالِهِمْ صَدَقَةً
تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّـهُ سَمِيعٌ عَلِيمٌ) މާނައަކީ: "އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهر
ކުރައްވާނޭ، އަދި
އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި
އެއުރެންނަށްޓަކައި ކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ دعاء
އަކީ، އެއުރެންނަށްއޮތް
ހިތްހަމަޖެހުމަކާއި، رحمة
އެކެވެ. اللَّه
އީ، މޮޅަށް
އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ".
ސޫރަތުލް ބަގަރާގެ 267 ވަނަ އާޔަތުގައި މާތް ﷲ ވަޙީ
ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آَمَنُوا
أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُمْ مِنَ
الْأَرْضِ) މާނައަކީ: " އޭ إيمان
ވެއްޖެ މީސްތަކުންނޭވެ!
ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން
ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ
ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި قصد ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ
މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ
ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، اللَّه
އީ، ފުދިވޮޑިގެންވާ،
ގިނަގިނައިން حمد
ލިބިވޮޑިގެންވާ
ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!."
މިއާޔަތުގެ ތަފްސީރުގައި އިމާމް ބަޣަވީ ރަޙިމަހުﷲ
ވިދާޅުވެފައިވެއެވެ." މިއާޔަތުން ދޭހަވާ ގޮތުގައި އިންސާނާ ހޯދާ މުދަލުން
ޒަކާތް ނެރުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މީގެ
ތެރޭގައި ފައިސާ އިންނާއި ވިޔަފާރި މުދަލުން އަދި ނަޢަމް ޞޫފިން ނެގޭ ޒަކާތްވެސް
ހިމެނިގެންވެއެވެ. (އައްތަފްސީރުލް ކަބީރު ލިއްރާޒީ 4/669).
2. ހަނގުރާމާއިގެ ޣަނީމާގެ ގޮތުގައި ލިބޭ ތަކެތި، އަދި ބިމުގައިވާ މަޢާދިނާއި ރިކާޒް (ފޮރުވުމަށްޓަކައި ބިމުއަޑީގައި
ވަޅުލާފައި ހުންނަތަކެތި)، ގެ ފަސްކުޅައެއް ބައި. ސޫރަތުލް އަންފާލުގެ 41 ވަނަ
އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. (وَاعْلَمُوا
أَنَّمَا غَنِمْتُم مِّن شَيْءٍ فَأَنَّ لِلَّـهِ خُمُسَهُ وَلِلرَّسُولِ وَلِذِي
الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ إِن كُنتُمْ
آمَنتُم بِاللَّـهِ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ
يَوْمَ الْتَقَى الْجَمْعَانِ ۗ
وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ)
މާނައަކީ: " ތިޔަބައިމީހުން ދަންނާށެވެ!
ތިޔަބައިމީހުން غنيمة ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ اللَّه އަށާއި، (އެކަލާނގެ) ރަސޫލާ އާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ
މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި،
ދަތުރުވެރިންނަށެވެ. (އެއީ) اللَّه އަށާއި، حق އާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް
ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ
ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ
ރަސްކަލާނގެއެވެ. (ނޯޓު: ގިނަ مفسّر ން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެތެރެއިން ހަތަރުބައި ލިބެނީ،
ހަނގުރާމައިގައި ބައިވެރިވި مسلم ންނަށެވެ. އަނެއްބައި خاص ކުރެވިގެންވަނީ، މި آية ގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. اللَّه އާއި، رسول އާގެ ބައި އެއީ އެއްބައެކެވެ). ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރެއްވިއެވެ. (وفي
الركاز الخُمس )
މާނައަކީ: "ރިކާޒުން ފަސްބައިކުޅަ އެއްބައެވެ." މި ޙަދީޘް ރިވާ ކުރެއްވީ
އިމާމް ބުޚާރީ އާއި މުސްލިމްއެވެ.
3. ޖިޒްޔަ: މިއީ ޣައިރު މުސްލިމުން
މުސްލިމުންގެ ޛިންމާގެ ތެރެއަށް ވަދެއްޖެނަމަ، އެބައިމީހުންގެ ދީނުގައި ދެމި
ތިބުމަށް ދައްކަން ޖެހޭ އެއްޗެކެވެ. އެބައިމީޙުންގެ މުދަލާއި ލޭ
ރައްކާތެރިކޮށްދިނުމަށް ޓަކައި އޭގެ ބަދަލެއްގެ ގޮތުން އިސްލާމީ ދައުލަތަށް
ދައްކަން ޖެހޭ އެއްޗެކެވެ. މުސްލިމުންގެ ތެރެއިން އެއްވެސް މީހަކު
އެބައިމީހުންނަށް އަނިޔާވެރިވެގެން ނުވާނެއެވެ. އަދި އެމީހުން ދައްކާ ޖިޒްޔާގެ
ބަދަލުގައި މުސްލިމް ދައުލަތުގައި އަމާން ކަމާއި އެކު އެބައިމީހުންނަށް
ދިރިއުޅެވޭނެ މަގު ހަމަ ޖައްސަން ޖެހޭނެއެވެ. ޖިޒްޔަ އަށް ދައްކަން ޖެހޭނީ ކިހާ
ވަރެއްތޯ ކަނޑައަޅާނީ ޙާކިމާ އެވެ. މީސްތަކުންގެ މާލީ ޙާލަތަށް ބެލުމަށްފަހު،
އެއިރެއްގެ މަޞްލަޙަތު ހަމަޖެހޭ ވަރަކަށް ނަގާނީއެވެ. ސޫރަތުއް ތައުބާގެ 29 ވަނަ
އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَاتِلُوا الَّذِينَ لَا يُؤْمِنُونَ
بِاللَّـهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ
اللَّـهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا
الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ) މާނައަކީ؛ ' ފޮތް ލިބުނު
މީހުންކުރެ، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ، އަދި اللَّه އާއި، އެކަލާނގެ رسول އާ حرام
ކުރެއްވި ކަންތައް حرام ނުކުރާ، އަދި حق دين އަށް تبع ނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ حال، އަމިއްލައަތުން
جزية ދީފުމަށް ދާނދެނެވެ."
4. އަލްޚަރާޖް؛ މިއީ ބިންތަކުގެ އަހްލުވެރިންގެ އަތުން
ނެގޭ އެއްޗެކެވެ. (އަލްއަޙްކާމުއްސުލްޠާނިއްޔާ ލިލްމާވަރްދީ ޞަފްޙާ 186). މިއީ
ޛިންމީންގެ ބިންތައް ފަތަޙަ ކުރުމަށް ފަހުގައި އެބައިމީހުން އެތަނުގައި ތިބުމުގެ
ބަދަލުގައި ސަރުކާރަށް ދައްކަން ޖެހޭ ވަކި މިންވަރެކެވެ. (މައުސޫޢަތު ފިގްހި
ޢުމަރު ބިން އަލްޚައްޠާބި، ޑރ. މުޙައްމަދު ރާވޫސް، ޞަފްޙާ 295).
5. އަލްޢުޝޫރު: މިއީ ވިޔަފާރިވެރިން އަތުން ނެގޭ
އެއްޗެކެވެ. (އަލްމުޣްނީ ލިބްނި ގުދާމާ 8/517، އަދި މައުސޫޢަތު ފިގްހި ޢުމަރު ބިން
އަލްޚައްޠާބި، ޑރ. މުޙައްމަދު ރާވޫސް، ޞަފްޙާ 506).
މަންބަޖު އޭ ކިޔުނު ރަށެއްގެ އަހްލުވެރިން އެބައިމީހުންގެ
ވިޔަފާރިވެރިންގެ ފައިދާއިން 10% ނެގުމަށް ހުށަހަޅައި އެކަން ޢުމަރު ރަޟިޔަﷲ
ޢަންހު އަށް ދެންނެވުމުން އެކަލޭގެފާނު ޞަޙާބީންނާއި މަޝްވަރާ ކުރެއްވިއެވެ.
އެހިނދު ހުރިހާ އަޞްޙާބުންގެ އިޖްމާޢިން ނިންމެވީ ވިޔަފާރިވެރިންގެ ފައިދާ އިން
10% ނެގުމަށެވެ.
ޢުމަރުގެ ފާނު މުސްލިމުންނާއި ސުވާލުކުރެއްވިއެވެ.
"ތިޔަބައިމީހުން ޙަބަޝާގެ ބިމަށް ވަދެއްޖެނަމަ އެބައިމީހުން ކަންތައް ކުރަނީ
ކިހިނަކުންތޯއެވެ؟ އެހިނދު މުސްލިމުން ޖަވާބުގައި ދެންނެވިއެވެ. ތިމަންމެންގެ
އަތުގައި ހުރި އެއްޗަކުން 10% އަތުލައެވެ. ޢުމަރު ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ.
"ތިޔަބައިމީޙުންގެ އަތުން ނަގާފަދައިން އެބައިމީހުންގެ އަތުންވެސް
އަތުލާށެވެ". (މައުސޫޢަތު ފިގްހި ޢުމަރު ބިން އަލްޚައްޠާބި، ޑރ. މުޙައްމަދު
ރާވޫސް، ޞަފްޙާ 506 އަދި އަލްއަމްވާލް ލިލް ގާސިމް ބިން ސައްލާމް ޞަފްޙާ 713).
އާމްދަނީގެ ގޮތުގައި ދައުލަތަށް ނެގެމުން ދިޔަ ތަކެއްޗާއި
މިޒަމާނުގައި މިނަގާ ޓެކްސާއި ހުރި އެއްގޮތް ކަންތަކާއި ތަފާތުތައް:
ފުރަތަމަ: ޒަކާތާއި ޓެކްސާއި ހުރި އެއްގޮތް ކަންތައްތައް:
1. މިއިން ކޮންމެ
އެއްޗަކީވެސް (ޒަކާތާއި ޓެކްސަކީވެސް)، އަމިއްލަ ރުހުމުގައި
ނުދައްކައިފިނަމަ ގަދަކަމުންވެސް އަތުލެވޭނެ އެއްޗެކެވެ. قال رسول الله صلى الله عليه وسلم: (من أعطاها مؤتجرًا فله
أجرها، ومن منعها فإنا آخذوها وشطر ماله عزمة من عزمات ربنا، ليس لآل محمد منها
شيء) [رواه أبو داود، (1577)، މާނައަކީ: ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަޖުރަށް އެދި ޒަކާތް
ދައްކައިފިމީހަކަށް އެކަމުގެ އަޖުރު ލިބޭ ހުއްޓެވެ. އެކަމުން މަނާވެގެންފިނަމަ
ތިމަންމެން ގަދަކަމުންވެސް އެމީހެއްގެ އަތުން ޒަކާތް އަތުލާހުށީމެވެ. އަދި އޭނާގެ މުދަލުގެ ދެބައިކުޅައެއްބައިވެސް ނަގާހުށީމެވެ. އެއީ
ހައްދަވާ ގެންގުޅުއްވާ އިލާހުގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެވެ.
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢާއިލާގެ އެއްވެސް މީހަކަށް މިއިން
ބައެއް ނުވެއެވެ".
އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި ޒަކާތް
ދެއްކުމުން މަނާވެގެން މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ.
2. ޒަކާތަކީވެސް އަދި ޓެކްސަކީވެސް ކަނޑައެޅިފައިވާ
އޮފީހަކަށް ދައްކަން ޖެހޭ އެއްޗެކެވެ.
3. ޒަކާތްދެއްކުމުންވެސް އަދި
ޓެކްސް ދެއްކުމުންވެސް އެދައްކާފަރާތަށް ސީދާ ގޮތެއްގައި ލިބޭނެ ވަކި އެއްޗެއް
ނޯވެއެވެ. އެއެއްޗެއް ދައްކަނީ އޭނާ އަކީ މުޖްތަމަޢުގެ ފަރްދަކަށްވީތީވެއެވެ.
އެހެންކަމުން، މުޖްތަމަޢުގެ އެހެން އަފްރާދުންގެ ހަމަޖެހުން ހޯދައިދިނުމަށް
މަސައްކަތް ކުރުމަކީ ތިމާގެވެސް މަސްއޫލިއްޔަތަކަށްވީތީވެއެވެ. (ފިގްހުއްޒަކާތި
ލިލްގަރްޟާވީ 2/998).
ޒަކާތާއި ޓެކްސާއި ދެމެދުގައިވާ ތަފާތުތަކަކީ:
1. ޒަކާތަކީ
ބިންމަތީގައި ﷲ އެއްކައުވަންތަ ކުރާ މުސްލިމުން ބިންމަތީގައި ތިބިހާ ހިނދަކު
ނެރެން ޖެހޭ އެއްޗެކެވެ. މީހެއްގެ އަނިޔާވެރި ކަމެއްގެ ސަބަބުން ނުވަތަ ޙާކިމެއްގެ
ޢަދުލުވެރި ކަމަކުން ޒަކާތް ނެރުމަކަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ޓެކްސަކީ
ދާއިމީ ގޮތެއްގައި ނެރެން ޖެހޭ އެއްޗެއް ނޫނެވެ. ދައުލަތަށް ބޭނުން ޖެހިއްޖެ
ހިނދެއްގައި މުޖްތަމަޢުގެ އަފްރާދުން އަތުން ޓެކްސް ނެގެއެވެ. އަދި ޙާޖަތް ފިލައި
ދިޔުމުން ޓެކްސް ނެގިގެން ނުވާނެއެވެ. (އައްޒަކާތު އައްޟަރީބާ، ޣާޒީ ޢީނާޔާ ޞަފްޙާ
44،45).
ޒަކާތް ނެރެން ޖެހޭ މިންވަރާއި، ނިޞާބާއި،
ޝަރްޠުތައް އަދި މިނޫންވެސް ޒަކާތާއި ގުޅުން ހުރި އެންމެހައި ޙުކުމްތައް
ކަނޑައެޅިގެންވަނީ ސީދާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. އެއްވެސް
މީހަކަށް އެއަށް އުނި އިތުރު ކުރުމުގެ ބާރު ލިބިގެންނެއް ނުވެއެވެ. ނަމަވެސް
ޓެކްސް ދައްކަން ޖެހޭ ވަރާއި، ޝަރްޠުތައް އަދި މިނޫންވެސް ކަންތައްތައް
ކަނޑައަޅަނީ އިންސާނުން އަމިއްލައަށް އެބައިމީހުންގެ އިޖްތިހާދުންނެވެ.
(އަލްއިޒްދިވާޖުއް ޟަރީބީ، ޢަޠިއްޔާ ޞަގްރު، ޞަފްޙާ 18).
ހޭދަ ކުރެވޭ ގޮތްތަކަށް ބަލާއިރުގައި: ޒަކާތުގެ ފައިސާ
ހޭދަ ކުރެވެނީ ކަނޑައެޅިފައިވާ ވަކި ބައިތަކަކަށެވެ. ސޫރަތުއް ތައުބާގެ 60 ވަނަ
އާޔަތުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ
وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي
الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً
مِنَ اللَّهِ وَاللَّهُ عَلِيمٌ حَكِيمٌ) މާނައަކީ:
"ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ
މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި،
ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ)
ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ
ރަސްކަލާނގެއެވެ."
ނަމަވެސް ޓެކްސް އިން ނެގޭ ފައިސާ ހޭދަ ކުރުމަށް ވަކި
ދާއިރާތަކެއް ކަނޑައެޅިފައެއް ނުވެއެވެ. އެއިރަކު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ
ދާއިރާ އަކަށް ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ އިން ޚަރަދު ކުރެވިދާނެއެވެ. މީގެ
އިތުރުން، ޒަކާތުގެ ގޮތުގައި ނެގޭ ފައިސާ ޚަރަދު ކުރެވޭނީ ހަމައެކަނި ޒަކާތް ނެގޭ
ރަށެއްގެ އަހްލުވެރިންނަށެވެ. އެރަށެއްގައި ޒަކާތް ޙައްގުވާ މީހުން ތިއްބާ އެހެން
ރަށަކަށް އެޒަކާތް ބަދަލު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ޓެކްސްގެ
ގޮތުގައި ނެގޭ ފައިސާ އަކީ ސީދާ ދައުލަތުގެ ޚަޒާނާ އަށް ވަންނަ އެއްޗެކެވެ. ރައްޔިތުންގެ
މަޞްލަޙަތު ހުރި ކޮންމެ ދާއިރާ އަކަށްވެސް އެފައިސާ އިން ޚަރަދު ކުރެވިދާނެއެވެ. އިސްލާމްދީނުގައި
ޓެކްސް ނެގުމުގެ ޙުކުމް:
މިމައްސަލާގައި ފިގްހުވެރިން ދެބަޔަކަށް ބެހިގެންވެއެވެ.
ބައެއް ޢިލްމުވެރިން ވަކި ޙާލަތްތަކެއްގައި، ވަކި ޝަރްޠު ތަކަކާއި އެކު ޓެކްސް
ނެގުން ހުއްދަ ކުރައްވައެވެ. އަނެއްބައި ޢިލްމުވެރިންގެ ނަޡަރުގައި ޓެކްސް
ނެގުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެކެވެ.
މިކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ޓެކްސް ނެގުމަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވާ ޢިލްމުވެރިން:
މިބޭފުޅުން ދެކިލައްވާ ގޮތުގައި މުދަލުން ނެރެން ޖެހޭނެ
ހަމައެކަނި އެއްޗަކީ ޒަކާތެވެ. އެމީހެއްގެ މުދަލުގެ ޒަކާތް ނެރެފި މީހާ އެމީހެއްގެ
ވާޖިބު އަދާކޮށްފިއެވެ. އަދި އެމީހެއްގެ ޛިންމާ ބަރީއަކޮށްފިއެވެ. ޒަކާތް ފިޔަވާ
އޭނާގެ މުދަލުން ޙައްގަކާ ނުލާ އެއްވެސް އެއްޗެއް އަތުލުމަކީ ޙަރާމް ކަމެކެވެ.
އެމީހަކު އަމިއްލަ އަށް ހިތުން ރުހުމުން ﷲ ގެ ޙަޟްރަތުން ދަރުމައަށް އެދިގެން ދިން
އެއްޗެއް ފިޔަވައެވެ.
މިބޭފުޅުންގެ ދަލީލުތައް:
1. ما رواه أبو
هريرة رضي الله عنه أن أعرابيًّا أتى النبي صلى الله عليه وسلم، فقال: دلني على
عمل إذا عملته دخلت الجنة، فقال: (تعبد الله ولا تشرك به شيئًا، وتقم الصلاة
المكتوبة، وتؤدي الزكاة المفروضة، وتصوم رمضان)، قال: والذي نفسي بيده، لا أزيد
على هذا شيئًا ولا أنقص منه، فلما ولى قال رسول الله صلى الله عليه وسلم: (من سره
أن ينظر إلى رجل من أهل الجنة فلينظر إلى هذا) [متفق عليه، رواه البخاري، (1397)،
ومسلم، (116)]، وفي رواية قال عليه السلام: (إن صدق الأعرابي؛ دخل الجنة) [رواه
الترمذي، (622)، وصححه الألباني في صحيح سنن الترمذي، (619)]، މާތް
ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. އަޢްރާބީންގެ މީހަކު
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.
"އެކަމެއް ކޮށްފިނަމަ ތިމަންނާ ސުވަރުގެ އަށް ވަންނާނެ ޢަމަލެއް
ދަސްކޮށްދެއްވަބައްލަވާށެވެ". ޙަދީޘް ކުރެއްވިއެވެ. "ﷲ އަށް އަޅުކަން
ކުރާށެވެ. އަދި އެކަލާނގެ އަށް ޝަރީކު ނުކުރާ ހުށިކަމެވެ. ފަރްޟު ނަމާދުތައް އަދާ
ކުރާށެވެ. ފަރްޟު ޒަކާތް އަދާ ކުރާށެވެ. އަދި ރަމަޟާން މަހު ރޯދަ ހިފާށެވެ."
އަޢްރާބީ މީހާ ބުންޏެވެ. ތިމަންނާގެ ނަފްސު އެކަލާންގެ އަތްޕުޅުގައިވާ ފަރާތް
ގަންދީ ބުނަމެވެ. ތިޔަށް ވުރެ އިތުރެއްވެސް ނުކުރާހުށީމެވެ. އަދި މަދެއްވެސް
ނުކުރާހުށީމެވެ." އެމީހާ އެނބުރި ދިޔުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ސުވަރުގޭގެ އަހްލުވެރިއަކު
ދެކެން ބޭނުންނަމަ އެމީހާ އަށް ބަލާހުށިކަމެވެ." މިޙަދީޘް އަކީ ބުޚާރީ އާއި
މުސްލިމް ރިވާ ކުރެއްވި ޙަދީޘެކެވެ. އެހެން ރިވާޔަތެއްގައިވެއެވެ. ކީރިތި ރަސޫލާ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަޢްރާބީ މީހާ
ތެދުހަދައިފިނަމަ ސުވަރުގެ އަށް ވަންނަ ހުއްޓެވެ." މިއީ ތިރްމިޛީގެ
ރިވާޔަތެކެވެ. އަދި ޝައިޚް އަލްބާނީ ޞައްޙަ ކުރައްވާފައިވާ ރިވާޔަތެކެވެ.
މި ޙަދީޘް ގައި އަޢްރާބީ މީހާ މިވަނީ ފަރްޟު ޒަކާތް ފިޔަވާ
އެހެން އެއްޗެއް އިތުރުވެސް އަދި މަދުވެސް ނުކުރާނެ ކަމަށް ބުނެފައެވެ. އެކަމަށް
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުހި ގަބޫލުވެ ވަޑައިގަތެވެ. އަދި އެއީ
ސުވަރުގެ ވަންތަ ވެރިއެއް ކަމުގައި ޙަދީޘް ކުރެއްވިއެވެ.
2. روى
الترمذي عن أبي هريرة، أن النبي صلى الله عليه وسلم قال: (إذا أديت زكاة مالك؛ فقد
قضيت ما عليك) [رواه ابن حبان، (3216)، وحسنه الألباني في صحيح الترغيب والترهيب،
(1719)] މާނައަކީ: "އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ
ކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރެއްވިއެވެ. "ތިބާގެ މައްޗަށް ވާޖިބުވެގެންވާ ޒަކާތް ދައްކައިފިނަމަ ތިބާގެ
މައްޗަށް ވާޖިބުވެގެންވާ ކަންތައް އަދާކޮށްފިއެވެ". މިއީ އިބްނު ޙިއްބާންގެ
ރިވާޔަތެކެވެ. އަދި ޝައިޚް އަލްބާނީ ޙަސަން ކުރައްވާފައިވާ ރިވާޔަތެކެވެ.
އެހެންކަމުން އެމީހެއްގެ މައްޗަށް ވާޖިބުގެންވާ ޒަކާތް އަދާކޮށްފިނަމަ އެހެން
އެއްޗެއް ނެރުމަށް އެމީހެއްގެ މައްޗަށް މަޖްބޫރެއް ނުކުރެވޭނެއެވެ.
3. މީސްތަކުންގެ މިލްކިއްޔާތަށް އިސްލާމްދީން އިޙްތިރާމް ކުރެއެވެ. މުދަލުގެ
އެންމެ ޙައްގުކަން ބޮޑު ފަރާތަކީ އެމުދަލެއްގެ ވެރިފަރާތެވެ. މީސްތަކުންގެ
އަބުރާއި ލޭ ޙުރުމަތްތެރި ކުރެއްވި ފަދައިން މީސްތަކުންގެ މުދާވެސް ވަނީ
ޙުރުމަތްތެރި ކުރައްވާފައެވެ. ޓެކްސަކީ މީސްތަކުންގެ އަތުން ގަދަކަމުން އަތުލެވޭ
އެއްޗެކެވެ. ވީމާ، ޓެކްސް ނެގުމަކީ ޙަރާމް ކަމެކެވެ.
4. މަކްސް (މަކްސަކީ ނުޙައްގު ގޮތުގައި މީހުން އަތުން އަތުލެވޭ ފައިސާ ނުވަތަ
ތަކެއްޗެވެ.) ނެގުން ޙަރާމް ކުރައްވާ ވާރިދުވެފައި ޙަދީޘް ތައް. މަކްސް ނަގާ
މީހުންނަށް ނަރަކައިގެ ގަދަފަދަ ޢަޛާބު ދެއްވާނެ ކަމާއި، އެފަދަ މީހުންނަށް
ސުވަރުގެ ޙަރާމް ކުރައްވާފައިވާ ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘް ކުރައްވާ ބަޔާން ކުރައްވާފައިވެއެވެ. فعن رويفع بن
ثابت: سمعت رسول الله صلى الله عليه وسلم يقول: (إن صاحب المكس في النار) [رواه
أحمد في مسنده، (17464)، وصححه الألباني في صحيح الترغيب والترهيب، (787)]. މާނައަކީ: މާތް ﷲ ރުއްސުންލެއްވި
ރުވައިފިޢް ބިން ޘާބިތު ގެ ފަރާތުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު
އެއްސެވީމެވެ. "މަކްސްގެ އަހްލުވެރިންވަނީ ނަރަކާގައެވެ." މިއީ އިމާމް
އަޙްމަދު މުސްނަދުގައި ރިވާ ކުރައްވާފައި ރިވާޔަތެކެވެ. އަދި ޝައިޚް އަލްބާނީ
ޞައްޙަ ކުރައްވާފައިވާ ޙަދީޘެކެވެ.
ޓެކްސް ނެގުމަކީ ހުއްދަ ކަމެއް ކަމުގައި
ވިދާޅުވާ ޢިލްމުވެރިން:
1.
ޙަނަފީ މަޛްހަބު: މީސްތަކުންގެ މުދަލުން ޓެކްސް ނެގުން
ބޭނުން ޖެހިއްޖެ ހިނދެއްގައި، ޓެކްސް ނެގުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ
ރައްޔިތުންގެ ބައިތުލް މާލުގައި ފައިސާ ނެތި އެނޫން އެއްވެސް ގޮތެއް ނެތިއްޖެ
ޙާލަތެއްގައެވެ. (ޙާޝިޔަތު އިބްނި ޢާބިދީން 2/336-337).
2.
މާލިކީ މަޛްހަބު: ޚާއްޞާ ޙާލަތެއް މެދުވެރިވެއްޖެނަމަ
ޓެކްސް ނެގުމަކީ ހުއްދަ ކަމެކެވެ. އިމާމް ގުރްޠުބީ ރަޙިމަހުﷲ-
ވިދާޅުވެފައިވެއެވެ. (ޒަކާތް ނެގުމަށްފަހުގައި، މުސްލިމުންގެ މުދަލުން އިތުރު
އެއްޗެއް ނަގަން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެއެއްޗެއް ނެގުމަކީ ހުއްދަވެގެންވާ
ކަމެކެވެ.) (އަލްޖާމިޢު ލިއަޙްކާމިލް ގުރްއާން 2/242).
3.
ޝާފިޢީ މަޛްހަބް: ޢާއްމު މަޞްލަޙަތެއް އޮތްކަމަށް ޙާކިމާ
އަށް ފެނިއްޖެ ހިނދެއްގައި މުއްސަނދިންގެ އަތުން ޓެކްސް ނެގުމަކީ ހުއްދަ ކަމެކެވެ.
އިމާމް ޣަޒާލީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަތްމަތީ ފައިސާ ހުސްވެ، ޢަސްކަރީ
ކަންތަކަށް ޚަރަދު ކުރާނެ ފައިސާ ނެތިއްޖެނަމަ، އަދި ޢަސްކަރީން ޢާމްދަނީ ހޯދުމަށް
އެހެން މަސައްކަތެއް ކުރަން ނުކުމެއްޖެ ޙާލަތުގައި ޢަދުއްވުން އައިސް މުސްލިމުންގެ
ގައުމުގެ މައްޗަށް ވެރިވެގަންފާނެ ކަމަށް ބިރު ހީވެއްޖެނަމަ، ނުވަތަ ގައުމުގެ
ތެރޭގައި ފިތުނަ ފަސާދަ ޢާއްމުވެދާނެ ކަމަށް ފެނިއްޖެނަމަ، ސިފައިންނަށް
ބޭނުންވާނެ ވަރު މުއްސަނދިންގެ އަތުން ނެގުމަކީ ހުއްދަވެގެންވާ ކަމެކެވެ."
(އަލްމުސްތަޞްފާ މިން ޢިލްމިލް އުޞޫލި ލިލްޣަޒާލީ 1/426).
ޢިއްޒުއްދީން ބިން ޢަބްދިއްސަލާމްގެ
ފަތްވާގައި އައިސްފައިވެއެވެ. "ތަތާރުންނާއި ހަނގުރާމަ ކުރުމަށް ލަޝްކަރު ތައްޔާރު
ކުރުމަށް ބޭނުންވާނެ ފައިސާ ދައުލަތުގެ ޚަޒާނާގައި ނެތްނަމަ، އެފައިސާ ހޯދުމަށްޓަކައި
މީސްތަކުންގެ އަތުން ޓެކްސް ނެގުން ކިންގް މުޡައްފަރު ގުޠުޒަށް ހުއްދަ ދެއްވިއެވެ."
(އައްނުޖޫމުއްޒާހިރާ ފީ މުލޫކި މިޞްރަ ވަލްގާހިރާ ލިއަބިލް މަޙާސިން ޔޫސުފް ބިން
ތަޣްރީ ބަރްދާ 7/72-73).
4. ޙަންބަލީ
މަޛްހަބް: ދައުލަތް
ހިންގުމަށް ބޭނުންވާނެ ފައިސާ ނެގުމަކީ އެބޭކަލުންގެ އަރިހުގައި ހުއްދަ ކަމެކެވެ. އަދި
އެއީ މުދަލުން ކުރެވޭ ޖިހާދެއްގެ ގޮތުގައި އެބޭފުޅުން ޞިފަ ކުރައްވާފައިވެއެވެ.
(ފަތާވާ އިބްނު ތައިމިއްޔާ 30/40-41).
މިބޭފުޅުންގެ ދަލީލުތައް:
1.
ސޫރަތުލް ބަގަރާގެ 177 ވަނަ އާޔަތް، (لَيْسَ الْبِرَّ
أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ
مَنْ آَمَنَ بِاللَّهِ وَالْيَوْمِ الْآَخِرِ وَالْمَلَائِكَةِ وَالْكِتَابِ
وَالنَّبِيِّينَ وَآَتَى الْمَالَ عَلَى حُبِّهِ ذَوِي الْقُرْبَى وَالْيَتَامَى
وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ
الصَّلَاةَ وَآَتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا
وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ أُولَئِكَ
الَّذِينَ صَدَقُوا وَأُولَئِكَ هُمُ الْمُتَّقُونَ) މާނައަކީ: "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް
ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ
މީހާއީ، اللَّه އަށާއި
آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ.
އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި
مسكين ންނަށާއި (حال ގައި ޖެހިިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ
މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ
މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ.
އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް
ހަމަ އެއުރެންނެވެ."
މިއާޔަތުގައި ޒަކާތުގެ އިތުރުން ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި
މިސްކީނުންނަށް މުދާ ދިނުމަށް ބާރުއަޅުއްވާފައިވެއެވެ. މިއިން ދޭހަވަނީ މުދަލުގައި
ޒަކާތް ފިޔަވާ އެހެން ޙައްގެއް ވާ ކަމެވެ.
2. عن
فاطمة بنت قيس قالت: (سُئل النبي صلى الله عليه وسلم عن الزكاة فقال: (إن في المال
لحقًا سوى الزكاة)، ثم تلا هذه الآية من سورة البقرة: {لَيْسَ الْبِرَّ أَنْ
تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ} [البقرة: 177]) [رواه الترمذي،
(661)، وضعفه الألباني في ضعيف سنن الترمذي، (659)]. މާނައަކީ: މާތް ﷲ ރުއްސުންލެއްވި
ފާޠިމަތު ބިން ގައިސް ގެ ކިބައިން ރިވާވެގެންވެއެވެ. ޒަކާތާއި ބެހޭ ގޮތުން ކީރިތި
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރެވުނެވެ. ޙަދީޘް ކުރެއްވިއެވެ.
"ހަމަކަށަވަރުން މުދަލުގައި ޒަކާތް ފިޔަވާ އެހެން ޙައްގެއްވެއެވެ"،
މިފަދައިން ޙަދީޘް ކުރެއްވުމަށްފަހުގައި ސޫރަތުލް ބަގަރާގެ 177 ވަނަ އާޔަތް
ތިލާވަތު ކުރެއްވިއެވެ. {لَيْسَ الْبِرَّ أَنْ تُوَلُّوا
وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ}. މިއީ އިމާމް ތިރްމިޛީ ރިވާ ކުރެއްވި
ޙަދީޘެކެވެ. ޝައިޚް އަލްބާނީ ޟަޢީފްކަމަށް ވިދާޅުވެފައިވާ ރިވާޔަތެކެވެ.
3. عن
أبي سعيد الخدري عن النبي صلى الله عليه وسلم: (من كان له فضل زاد؛ فليعد به على
من لا زاد له)، قال: فذكر من أصناف المال ما ذكر؛ حتى رأينا أنه لا حق لأحد منا في
فضل [رواه مسلم، (4614)]. މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ
ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރެއްވިއެވެ. "ތިމާގެ އަތުގައި ކާބޯތަކެތި އިތުރަށް ހުރެއްޖެނަމަ،
އެފަދައެއް ނެތް އެހެން މީހުންނަށް ޓަކައި އެބައި ތައްޔާރުކުރާ ހުށި ކަމެވެ."
އަބޫސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
މުދަލުގެ ބާވަތެއްގެ ގޮތުގައި އެބައި ލެއްވިއެވެ. ތިމަންމެން އަތުގައި
އިތުރުވެފައި ހުންނަ ބަޔަކީ ތިމަންމެންގެ ޙައްގެއް ނޫން ކަމަށް ދޭހަވާ ވަރުވިއެވެ.
4.
عن علي رضي الله
عنه قال: قال رسول الله صلى الله عليه وسلم: (إن الله فرض على أغنياء المسلمين في
أموالهم قدر الذي يسع فقراءهم، ولن يجهد الفقراء إلا إذا جاعوا وعروا مما يصنع
أغنياؤهم، ألا وإن الله محاسبهم يوم القيامة حسابًا شديدًا، ومعذبهم عذابًا نكرًا)
[رواه الطبراني في الأوسط، (3717)، وقال الهيثمي: (ثابت من رجال الصحيح وبقية
رجاله وثقوا وفيهم كلام)، مجمع الزوائد، (3/197)]. މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން
އަބީޠާލިބް ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘް ކުރެއްވިއެވެ. "ފަގީރުންނަށް ފުދޭނެ މިންވަރު ﷲ ތަޢާލާ ވަނީ މުސްލިމް
މުއްސަނދިންގެ މުދަލުގައި ލައްވާފައެވެ. މުއްސަނދިން ކުރި ކަމަކުން މެނުވީ ފަގީރުން
ބަނޑުހައިވެ، ލާނެއަންނައުނު ނުލިބިފައި ނުތިބޭނެއެވެ. ދަންނާށެވެ.
ގަދަފަދަވެގެންވާ ޙިސާބު ބެއްލެވުމަކުން ގިޔާމަތް ދުވަހުގައި ﷲ ތަޢާލާ
އެބައިމީހުންގެ ޙިސާބުތައް ބައްލަވާނެއެވެ. އަދި ވޭންދެނިވި ޢަޛާބު
އެބައިމީހުންނަށް ދެއްވާނެއެވެ." މިއީ އައްޠަބަރާނީ އަލްއައުސަޠުގައި ރިވާ
ކުރައްވާފައިވާ ޙަދީޘެކެވެ.
5. عن
عبد الرحمن بن أبي بكر رضي الله عنه أن أصحاب الصفة كانوا أناسًا فقراء، وأن النبي
صلى الله عليه وسلم قال مرة: (من كان عنده طعام اثنين فليذهب بثالث، ومن عنده طعام
أربعة فليذهب بخامس أو سادس)، وإن أبا بكر جاء بثلاثة وانطلق النبي صلى الله عليه
وسلم بعشرة [متفق عليه، رواه البخاري، (3581)، ومسلم، (5486)]. މާނައަކީ: މާތް ﷲ ރުއްސުންލެއްވި
ޢަބްދުއްރަޙްމާނު ބިން އަބީ ބަކްރިގެ ކިބައިން ރިވާވެގެންވެއެވެ. އަޞްޙާބުއް
ޞުއްފާ އަކީ ވަރަށް ފަގީރު ބޭފުޅުން ކޮޅެކެވެ. އެބޭފުޅުންނާއި ބެހޭ ގޮތުން ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ އަތުގައި
ދެމީހުންގެ ކާނާ ހުރެއްޖެ މީހާ ތިންވަނަ މީހަކު ގޮވައިގެން ދާހުށި ކަމެވެ.
އެމީހެއްގެ އަތުގައި ހަތަރު މީހުންގެ ކާނާ ހުރެއްޖެ މީހާ ފަސްވަނަ އަދި ހަވަނަ މީހަކު
ގޮވައިގެން ދާހުށި ކަމެވެ." އަބޫބަކުރު ރަޟިޔަﷲ ޢަންހު ތިންބޭފުޅުން
ގެންދެވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދިހަ ބޭފުޅުން
ގެންދެވިއެވެ." މިއީ އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެކެވެ.
6.
ما ورد عن الفاروق
عمر رضي الله عنه أنه قال: (لو استقبلت من أمري ما استدبرت؛ لأخذت فضول أموال
الأغنياء فقسمتها على فقرائهم)، މާނައަކީ: މާތް ﷲ ރުއްސުންލެވި ޢުމަރުލް ފާރޫގް
ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ކަމަކައިގެން ކުރިމަތި ލައްވައިފިނަމަ
ފަސްޖެހިވަޑައި ނުގަންނަވާ ހުށީމެވެ. މުއްސަނދިންގެ އަތުގައި އިތުރުވެފައި ހުރި
ފައިސާ ނަގާ ފަގީރުންނަށް ހޭދަ ކުރާ ހުށީމެވެ." މިއިން ދޭހަވަނީ ޒަކާތް
ފިޔަވާ އިތުރު މިންވަރެއް ފަގީރުންގެ ޙާޖަތްތައް ފުއްދުމަށް ޓަކައި މުއްސަނދިންގެ
އަތުން ނެގުން ވަލިއްޔުލް އަމްރަށް ލާޒިމް ކުރެވިދާނެ ކަމަށް ޢުމަރު ރަޟިޔަﷲ
ޢަންހު ދެކިލައްވާ ކަމެވެ. އޭގެ ސަބަބުން މުޖްތަމަޢުން ފަގީރުކަން ފޮހިލެވެއެވެ.
(އަލްއަމްވާލް ލިއަބީ ޢުބައިދު ގާސިމް ބިން ސައްލާމް، ޞަފްޙާ 495، އަލްޖާމިޢު
ލިއަޙްކާމިލް ގުރްއާނި ލިލް ގުރްޠުބީ 1/241، އަލްމުޙައްލާ ލިބްނި ޙަޒްމު 2/225).
7.
މުދަލުގައި ޒަކާތް ފިޔަވާ އެހެން
ޙައްގެއްވާ ކަމަށް މުޖާހިދު، ޝަޢްބީ، ޢަޠާ، ޠާވޫސް ފަދަ ތާބިޢީންގެ ފަރާތުން
ވާރިދުވެފައި ވެއެވެ. (އަލްމުޙައްލާ ލިބްނި ޙަޒްމު 6/225، އަލްޖާމިޢު ލިލް
ގުރްޠުބީ 1/241-242، އަލްއަމްވާލް ލިއަބީ ޢުބައިދު ގާސިމް ބިން ސައްލާމް، ޞަފްޙާ
495-496، ފިގްހުއް ޒަކާތި ލިލްގަރްޟާވީ 2/983).
ބުއްދީގެ ދަލީލުތައް:
1. އެއްވެސް
މީހަކަށް އެމީހަކު އަމިއްލަ މަސައްކަތުން ފައިސާ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. މުޖްތަމަޢުގެ
އެހެނިހެން ފަރްދުންވެސް އޭނާ އަށް މަސައްކަތް
ކުރެވޭނެ މާޙައުލު ތަނަވަސްކޮށް ނުދިންނަމަ އޭނާގެ މަސައްކަތަށް ވަރަށް
ގިނަ ދަތިތަކާއި ކުރިމަތިވެގެން ދާނެއެވެ. އެހެންކަމުން ތިމާގެ އަމިއްލަ މުދަލަކީ
މުޖްތަމަޢުގެ އެހެނިހެން އަފްރާދުންގެ ވެސް ޙައްގެއްވާ އެއްޗެކެވެ.
2. މުސްލިމުންގެ
މެދުގައި އޮންނަންވާ އުޚުއްވަތް ތެރިކަން ދެމެހެއްޓޭނީވެސް އެކަކު އަނެކަކަށް
އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އެކަކަށް ދިމާވާ އުނދަގުލާއި ދަތީގައި
އަނެކަކުވެސް ބައިވެރިވެގެންނެވެ. މިކަމުގައި ސަރުކާރަށްވެސް އެއްބާރުލުން ދޭން
ޖެހެއެވެ.
3. ހަމައެކަނި
ޒަކާތުން ލިބޭ ފައިސާ އިން ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަކީ ދަތި ކަމެކެވެ.
ސަބަބަކީ ޒަކާތުގެ ފައިސާ އަކީ ކަނޑައެޅިފައިވާ ވަކި ބަޔަކަށް ބަހަން ޖެހޭ
އެއްޗެކެވެ. އޭގެ ތެރެއިން ކިރިޔާވެސް ދައުލަތަށް އެއްޗެއް ލިބޭނީ
"ފީސަބީލިﷲ" ގެ ބައިންނެވެ. އެއިން ގައުމުގެ ޚަރަދުތައް ފޫބެއްދުމަކީ
އުނދަގޫ ކަމަކަށްވާނެއެވެ. އެހެންކަމުން، ދައުލަތް ހިންގުމުގެ ޚަރަދުތައް
ހޯދުމަށްޓަކައި ފައިސާ ހޯދުމުގެ ގޮތުން މުއްސަނދިންގެ އަތުން ކޮންމެވެސް ޢަދަދެއް
ނަގަން އެބަޖެހެއެވެ. އެއީ "އެޔާއި ނުލާ ވާޖިބު ކަމެއް ފުރިހަމަ ނުވާ ކޮންމެ
ކަމަކީ ވާޖިބު ކަމެކޭ" އޮންނާ ގާޢިދާގެ ދަށުންނެވެ. (އަލްމުސްތަޞްފާ
ލިލްޣަޒާލީ 1/17، އުޞޫލުއްތަޝްރީޢިލް އިސްލާމީ، ޢަލީ ޙަސްބުﷲ، ޞަފްޙާ 272).
4. އިސްލާމީ
ޝަރީޢަތުގެ ގާޢިދާއެއްގައިވެއެވެ. "އެންމެންނަށް ލިބިދާނެ ގެއްލުން
ފޫބެއްދުމަށް ޓަކައި އަމިއްލަ އަށް ގެއްލުމުގައި ބޮލުއެޅަން ޖެހެއެވެ"،
މިގާޢިދާގެ މާނައަކީ، ތިމާގެ އަމިއްލަ މަންފާ އަށްވުރެ މުޖްތަމަޢުގެ މަންފާ އަށް
ވިސްނަން ޖެހޭ ކަމެކެވެ. އެހެން ގާޢިދާ އެއްގައިވެއެވެ. "މަޞްލަޙަތެއް
ހޯދުމަށްވުރެ ނުބައި ފިލުވާލުން މާއައުލަކަން ބޮޑެވެ"، "ބޮޑު
މަޞްލަޙަތެއް ހޯދުމަށް ޓަކައި ކުޑަމަޞްލަޙަތު އޮންނަ ކަންތައް
ދޫކޮށްލެވެއެވެ"، މި ގާޢިދާ ތަކުން ދޭހަކޮށްދެނީ ޓެކްސް ނެގުން ހަމައެކަނި
ހުއްދަ ކަމެއް ނޫނެވެ، ގައުމު ފައިސާ އަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަމަށް
ޚަރަދު ކުރާނެ ފައިސާ ގައުމުގެ ޚަޒާނާގައި ނެތްނަމަ، އަދި ފައިސާވެރިން ޓެކްސް
ނުދައްކައިފިނަމަ ގައުމު ބަނގުރޫޓުގެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެ
ޙާލަތެއްގައި، ޓެކްސް ނުދައްކައިފި މީހެއްގެ އަތުން ގަދަކަމުން އަތުލުންވެސް
ހުއްދަވެގެންވާ ކަމެވެ. (އަލްމުސްތަޞްފާ ލިލްޣަޒާލީ 1/71، އަލްއަޙްކާމް
ލިލްއާމިދީ، 1/157، އުޞޫލުލް ޚުޟަރީ، ޞަފްޙާ 55).
5. ގައުމުގެ
އެކިއެކި ދާއިރާތައް ކުރިއަރުވާ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ސަރުކާރުގެ
މަސްއޫލިއްޔަތެކެވެ. އެކަމަށް ޓަކައި ފައިސާވެރިންގެ އަތުން ކޮންމެވެސް ވަރެއް
ނަގައިގެން މެނުވީ އެކަންވާން ނެތިއްޖެ ޙާލަތެއްގައި ޓެކްސް ނެގުމަކީ ކޮންމެހެން
ކުރަން ޖެހޭނެ ކަމެކެވެ. (ފިގްހިއްޒަކާތި ލިލްގަރްޟާވީ 2/1077).
ޓެކްސާއި ބެހޭ ގޮތުން ފަހުގެ
ޢިލްމުވެރިންގެ ޚިޔާލުތައް:
1.
ޝައިޚުލް އަޒްހަރު މަޙްމޫދު ޝަލްތޫތު
ދެކިލައްވާ ގޮތުގައި ޒަކާތަކީ މާލީ އަޅުކަމެކެވެ. ޙާޖަތަށް ޖެހިފައިވިޔަސް
ނުވިޔަސް ނެރެން ޖެހޭނެ އެއްޗެކެވެ. އެއީ ފަގީރުންނާއި މިސްކީނުންނަށް އަބުދުގެ
އަބަދަށް ފައިސާ ލިބިލިބި ހުންނާނެ މަގެކެވެ. ނަމަވެސް ޓެކްސަކީ ބޭނުން ޖެހިއްޖެ
ހިނދެއްގައި ޙާކިމާ ނަގާ އެއްޗެކެވެ. މުޖްތަމަޢުގެ ފައިދާ އާއި ލާބަ އަށް ކުރަން
ޖެހޭ ކަންތައްތައް ކަމުގައިވާ ތަޢްލީމީ މަރްކަޒުތައް ބިނާ ކުރުމާއި، މަގުތައް
ހެދުމާއި، ގައުމުގެ ދިފާޢުގައި ކުރަން ޖެހޭ ކަންތައް ކުރުމާއި މިނޫންވެސް މިފަދަ
ޢާއްމު މަޞްލަޙަތުތައް ހުރި ކަންތަކުގައި ޚަރަދު ކުރާނެ ފައިސާ އަށް ބޭނުންވެއްޖެ
ހިނދެއްގައި ޓެކްސްގެ ގޮތުގައި ކޮންމެވެސް މިންވަރެއް ނެގުމަކީ ހުއްދަ ކަމެކެވެ.
ބައެއްފަހަރު މިގޮތަށް މިންވަރެއް ނެގުމަކީ ވާޖިބު ކަމެއް ކަމުގައިވެސް
ވެގެންދެއެވެ. (އަލްފަތާވާ އަލްކުބްރާ ލިމަޙްމޫދި ޝަލްތޫތު، 116-118).
2.
ޒަކާތާއި އެކުގައި ޓެކްސް ނެގުމަކީ
ހުއްދަ ކަމެއް ކަމުގައި އައްޝައިޚް މުޙައްމަދު އަބޫޒުހްރާ ވިދާޅުވެފައިވެއެވެ.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި ޓެކްސް ނަންގަވަން
ޖެހިވަޑައި ނުގަތީ އެކަމުގެ ޙާޖަތަށް އެވަގުތު ބޭނުންވެފައި ނުވުމުގެ ސަބަބުން
ކަމަށް ވިދާޅުވެއެވެ. ސަބަބަކީ ޞަޙާބީންގެ މެދުގައި އޮތް އުޚުއްވަތް ތެރި ކަމާއި،
ﷲ ގެ މަގުގައި ހޭދަ ކުރުމަށް އޮތް ރޫޙުގެ ބޮޑު ކަމާއި، ޛިންމީންގެ އަތުން ލިބޭ
ޖިޒްޔައިގެ ސަބަބުން ދައުލަތް ހިންގުމަށް ދަތި ނުވުމެވެ. ނަމަވެސް މިޒަމާނުގައި
ހަމައެކަނި ޒަކާތަށް ނެގޭ ފައިސާ އިން ދައުލަތް ހިންގުމުގެ ޚަރަދުތައް ދެކޮޅު
ނުޖެއްސޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން، ޓެކްސް ނެގުމަކީ ހުއްދަ
ކަމެއް ކަމުގައި އަބޫޒުހްރާ ވިދާޅުވެއެވެ. (އައްތަޠްބީގުލް މުޢާޞަރު ލިއްޒަކާތި،
ޝައުގީ ޝަޙާދާ، ޞަފްޙާ 47).
3.
އިމާމް މައުދޫދީ ރަޙިމަހުﷲ ދެކިލައްވާ
ގޮތުގައި ޓެކްސް ނެގުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ ދައުލަތުގެ ބޭނުންތަކަކީ
ޢާއްމު ރައްޔިތުންގެ ވެސް ބޭނުންތައް ކަމަށްވީތީވެއެވެ. (ނަޡަރިއްޔަތުލް އިސްލާމް
ވަހަދްޔުހޫ ފިއްސިޔާސަތި ވަލްގާނޫނި، އަބުލްއަޢްލާ އަލްއަމުއުދޫދީ، ޞަފްޙާ
313-321، އަލްޙުއްރިއްޔަތުލް އިގްތިޞާދިއްޔާ ފިލް އިސްލާމް، އަބުލް ފަތޫޙް،
ޞަފްޙާ147).
ޓެކްސް ނެގުން ހުއްދަވެގެންވަނީ
އަންނަނިވި ޝަރްޠުތަކާއި އެކުގައެވެ.
1.
ދައުލަތް ހިންގުމަށް ޓަކައި ފައިސާ އަށް
ބޭނުން ޖެހިފައިވުން، އަދި ޓެކްސް ނަގައިގެން ނޫން ގޮތަކަށް ޚަރަދުތައް ފޫބެއްދޭނެ
އެހެން އެއްވެސް ގޮތެއް ނެތުން. އައްޡާހިރު ބޭބްރުސް އަށް ނަޞޭޙަތް ދެއްވާ އިމާމް
ނަވަވީ ފޮނުއްވި ސިޓީ ފުޅުގައި ލިޔުއްވާފައިވެއެވެ. "ބައިތުލް މާލުގައި
ފައިސާ ހުރެމެ، ޢާއްމު ރައްޔިތުންގެ އަތުން އެއްވެސް މިންވަރެއް ނެގުމަކީ
ހުއްދަވެގެންވާ ކަމެއް ނޫނެވެ. (ތުޙްފަތުއް ޠާލިބީން ފީ ތަރްޖަމަތިލް އިމާމިއް
ނަވަވީ، އިބްނުލް ޢައްޠާރު، ޞަފްޙާ 50-،54، އަލްއިމާމުއް ނަވަވީ، ޢަބްދުލް ޣަނީ އައްދަގްރު، ޞަފްޙާ 144-163).
2.
ޓެކްސް ނެގުމަކީ އިސްތިޘްނާ ޙާލަތުގައި
ކުރަން ޖެހޭ ކަމެކެވެ. މާނައަކީ ޓެކްސް ނެގެން ޖެހޭނީ އެކަމަށް ގައުމު ބޭނުން
ޖެހިއްޖެ ހިނދެއްގައި އެކަންޏެވެ. އެޙާޖަތް ފިލައި ދިޔުމާއި އެކުގައި ޓެކްސް
ނެގުން ހުއްޓާލަން ޖެހޭނެއެވެ.
3.
ޓެކްސް ގެ ގޮތުގައި ނެގޭ ފައިސާ ޢަދުލުވެރި
ކަމާއި އެކުގައި ބެހިގެން ދާން ޖެހޭނެއެވެ.
4.
ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ އިން
ކުރަން ވާނީ ޙަލާލު ރަގަޅު މަސައްކަތް ތަކެވެ. ވަކި ބަޔެއްގެ މަޞްލަޙަތު ޙިމާޔަތް
ކުރުމަށް ޓަކައި، އެފައިސާ އިން ޚަރަދު ކުރެވިގެން ނުވާނެއެވެ. ޢުމަރު ރަޟިޔަﷲ
ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ ތިމާގެ ބޭފުޅަކު ފައިސާ އަށް
އެދި ވަޑައިގަތުމުން އެކަމާއި ކޯފާ އިސްކުރައްވާ އެމީހާ ގެއިން ނެރެލެއްވިއެވެ.
ދެން އެކަމާއި މެދު ޢުމަރު ރަޟިޔަﷲ ޢަންހު އާއި ސުވާލު ކުރެވުމުން ވިދާޅުވިއެވެ.
"އޭނާ ތިމަންނާގެ ކިބައިން އެދުނީ މުސްލިމް މުޖްތަމަޢުގެ ފައިސާ އިން
ދިނުމަށެވެ. ޚާއިނެއްގެ ގޮތުގައި ﷲ އާއި ބައްދަލުކޮށްފިނަމަ ތިމަންކަލޭގެފާނުގެ
ޙާލަތުވާ ހުށީ ކޮންގޮތަކަށްތޯއެވެ؟"، އޭގެ ފަހުން އެކަލޭގެފާނުގެ
އަމިއްލަފުޅު މުދަލުން އެމީހާ އަށް ދެއްވިއެވެ. (ތާރީޚުއް ޠަބަރީ 5/19،
ފިގްހިއްޒަކާތި ލިލްގަރްޟާވީ، 2/1085، އައްޠަބަގާތުލް ކުބްރާ، ލިބްނި ސަޢްދި،
1/219، އަޚްބާރު ޢުމަރު، ޠަންޠާވީ، ޞަފްޙާ 299).
5.
ޓެކްސް ނެގެން ޖެހޭނީ މުވާޠިނުންގެ
އަސާސީ ޚިދުމަތްތައް ފުއްދުމަށްފަހުގައި ބާކީ އޮންނަ އެއްޗަކުންނެވެ. އަސާސީ
ބޭނުންތައް ފުއްދުމަށް ފަހުގައި ބާކީ އެއްޗެއް ނެތްނަމަ ޓެކްސް ނެގިގެން
ނުވާނެއެވެ. (އަލްއަމްވާލް ފީ ދައުލަތިލް ޚިލާފާ، ޢަބްދުއްނަދީމް ޒައްލޫމް، ޞަފްޙާ
142، ސިޔާސަތުލް އިންފާގިލް ޢާއްމި، ޢައުފުލް ކުފްރާވީ، ޞަފްޙާ 447).والله أعلم
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
އިސްލާމީ އިޤްތިސާދު
Labels:
އިސްލާމީ އިޤްތިސާދު
Subscribe to:
Post Comments (Atom)
No comments:
Post a Comment