Wednesday, May 30, 2012

އިސްތިމްނާ ދުރުވުމަށް މަގެއް


އިސްތިމްނާއަކީ ފުރާވަރުގެ ކުދިންގެ މެދުގައި ވަރަށް މައްޝޫރު ސިއްރީ އާދައެކެވެ. އަދި މިކަމަކީ ފުރާވަރުގެ ކުދިންގެ އިތުރުން މީހުންނާއި އިދެގެން އުޅޭމީހުންގެވެސް ވަރަށް ބޮޑުއާދައެކެވެ. އެމީހުން ބުނާގޮތުން އަތާޝާ އަކީ ފުރަތަމަ ލޯބިވެރިޔާއެވެ. އަތާޝާއަކާއި ދުވަހަކުވެސް ގުޅުންނުކެޑޭނެއެވެ. ޖިންސީ އެދުންވެރިކަން އަމިއްލައަށް ފުއްދާލުމަށް، ސިއްރުއާދައޭ ނުވަތަ އިސްތިމްނާއޭވެސް ކިޔައިއުޅެއެވެ. މިއާދައަކީ ދެވިހިފައިފިނަމަ އިދެގެން ހުންނަ މީހާއާއި އެކު ކޮންމެ ދުވަހަކު ޖިމާޢުވި ކަމުގައިވިޔަސް ނުކޮއްދޫލާ ކަމެއްނޫނެވެ. މިއާދައަކީ ދެޖިންސުގެ ދެމެދުގައިވެސް ވަރަށް ޢާންމު ކަމެކެވެ. ފިރިހެނުން ކިޔައިއުޅެނީ އަތާޝާ  ކާރިއަށް ދިއުމެވެ. އަންނެހުން ކިޔައި އުޅެނީ އަތާޝުއާއި މީޓުކުރުމެވެ. 

ނަފްސާނީ ޢިލްމުވެރިންގެ ބަސްތަކުންނާއި، އަދި އިންސާނާގެ ސުލޫކު ދިރާސާކުރުމާއި ބެހޭ އެހެނެނިހެން ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވާހަކަތަކުންވެސް ދޭހަވާގޮތުގައި، ޖިންސީއުފާ ހޯދައިގަތުމުގައި، އެކަމަށް އޮންނަ ދީނީ އަދި ޠަބީޢީގޮތް ދޫކޮށްލައި، ސީދާމަގުން އެއްފަރާތްވުމަކީ، އެކަމުގެ ސަބަބުން، ތިމާގެ ހިތަށް ނުތަނަވަސްކަމާއި ހާސްކަން ގެނުވާނެކަމެކެވެ. އަދި މިފަދަ ގޮތްގޮތުން ލިބޭ ޖިންސީ އުފަލަކީ، އޭގެ އެންމެ ފުރިހަމަ ލައްޒަތަށް ވެގެން ނުދާނެކަމަށްވެސް ކަމާއިބެހޭ މާހިރުން ބުނެއެވެ.

އިސްލާމުދީނަކީ، އިންސާނާގެ ދިރިއުޅުމުގެ ހުރިހާކަމަކަށްވެސް އެންމެ ރަނގަޅު ހެޔޮމަގު ދައްކާ ދީނެވެ. އެހެންކަމުން ދީނުގައި މިކަމާއިބެހޭގޮތުން، ދެކެވިފައިވާ ވާހަކަތައް އަޅުގަނޑުމެންނަށް އެނގުމަކީ މުހިންމުކަމެކެވެ. ތިރީގައި އެވަނީ، ސިއްރީއާދައާއި ބެހޭގޮތުން، މުސްލިމު ޢިލްމުވެރިންގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންގެ ދެކެވަޑައިގަންނަވާ ގޮތްތަކެވެ.

ސިއްރުއާދައާ ބެހޭގޮތުން، އައްޝައިޚް ޔޫސުފުލް ޤަރަޟާވީ ދެއްވާފައިވާ ފަތުވާ:
ޢިލްމުވެރިންގެތެރެއިން ގިނަ ބޭކަލުން ވިދާޅުވެފައިވަނީ، ސިއްރީއާދައަކީ ޙަރާމްކަމެއް ކަމަށެވެ. މިކަމުގެ ދަލީލެއްގެ ގޮތުގައި އަލްއިމާމުއް ޝާފިޢ ނަންގަވާފައިވަނީ އަންނަނިވި އާޔަތެވެ. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ

މާނަ: “އަދި އެމީހުންނީ އެމީހުންގެ ފަރުޖުތައް (އެބަހީ ކުރިމަތީފަރާތާއި ފުރަގަސްފަރާތް ނުވަތަ ޖިންސީ ގުނަންތައް) ރައްކާތެރިކުރާ މީހުންނެވެ. އެބައިމީހުންގެ އަނބިންނާއި ފިރިން، ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެހަމަކަށަވަރުން އެބައިމީހުންނީ އެބައިމީހުންނާއިމެދު މަލަމާތްލިބިގެންނުވާ މީހުންނެވެ. ފަހެ އޭގެ ބޭރުގައިވާކަމަކަށް އެދިއްޖެ މީހާ، ފަހެ އެފަދަމީހުންނީ ހުއްދަވެގެންވާ ސަރަޙައްދު ފަހަނައަޅައިދާ މީހުންނެވެ.”

އަތުން ޖިންސީ އުފާ ހޯދާމީހާ، ނުވަތަ އިސްތިމްނާކުރާމީހާ އެކުރާކަމަކީ، އޭނާގެ ޝަހުވަތްތެރިކަން ފުއްދުމުގައި މިއާޔަތުގައި އަންގަވާފައިވާ ކަންތައްތަކުގެ، ޙައްދުން ބޭރުގައިވާކަމެކެވެ.

އަލްއިމާމް އަޙްމަދު ބިން ޙަންބަލްގެ ކިބައިން ރިވާވެގެންވާގޮތުގައި، މަންޏަކީ ހަށިގަނޑުން ބޭރުކުރާ އިތުރުރުވާބައިތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެންވީމާ، ކަވާޖަހައިގެން ލެބޭރުކުރުރާފަދައިން، މަނިބޭރުކުރުންވެސް އިމާމް އަޙްމަދި ހުއްދަކުރެއްވިއެވެ. އިބްނު ޙަޒްމު މިކަމުގައި ތާއީދުކުރައްވާ، އެކޮޅަކަށް ވަޑައިގަންންވާ ކޮޅަކީވެސް މިއީއެވެ. އެކަމަކު، ޙަންބަލީ މަޛްހަބުގެ ފިޤުހުވެރިން މިކަން ހުއްދަކުރައްވާފައިވަނީ، ދެ ޝަރުޠެއްގެ މަތިންނެވެ. އެއީ:-
 • ޒިނޭއަށް އަރައިގަނެވިދާނެކަމަށް ބިރުހީވުން
 • ކައިވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވުން
އެދުންވެރިކަން އުތުރި އަރާވަގުތުތަކާއި، ޙަރާމް ކަމަކަށް ވެއްޓިދާނެކަމުގެ ބިރު ހީވާ ޙާލަތްތަކުގައި، އިމާމް އަޙްމަދުގެ ރައުޔު އަޅުގަނޑުމެންނަށް ނެގިދާނެއެވެ. މިސާލަކަށް އޭނާގެ ވަޠަނުންބޭރުގައި، އަމިއްލަ ޤައުމާއިދުރުގައި ކިޔަވަން ނުވަތަ ވަޒީފާއެއް އަދާކުރާ މީހަކަށްވެފައި، އޭނާގެ ކުރިމަތީގައި ޖިންސީއެދުންވެރިކަން ހިލިގަންނުވާ އެތައްކަމެއް ހުރުމއި، އަދި ޒިނޭކުރެވިދާނެކަމަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބިރުވެތިވާނަމަ، އެކަމުންދުރުވުމަށްޓަކައި، މިވަސީލަތްތައް ބޭނުންކޮށްގެން އޭނާގެ ޖިންސީ އެދުން މައިތިރިކުރުމުގައި މައްސަލައެއްނެތެވެ. އެކަމަކު، މިކަމުގައި އިސްރާފުކޮށް، ބޭނުންވާ މިންވަރަށްވުރެ އިތުރުކޮށް، އެއީ އަދައެއްކަމުގައި ހަދައިގެންނުވާނެއެވެ.

ނަމަވެސް މިއަށްވުރެ ރަނގަޅުކަމެއްކަމުގައި އަޅުގަނޑު ދެކެނީ، ކައިވެނިކުރުމަށް ނުކުޅެދޭ މުސްލިމު ޒުވާނާއަށް ކީރިތި ރަސޫލާ ދެއްވާފައިވާ އިރްޝާދުގައި ހިފުމެވެ. އެއީ ރޯދަހިފުން ގިނަކުރުމުން، މިކަމަށް ވާގިހޯދުމެވެ. ރޯދައަކީ، އިންސާނާގެ ބޭނުންތައް ތަރުބިއްޔަތުކޮށް، ކެތްތެރިކަން ދަސްކޮށްދީ، ތަޤުވާވެރިކަމުގެ ބާރުގަދަކޮށްދީ، ތިމާގެ އަމިއްލަ ނަފްސު ﷲ އެންގެވިކަންކަމުގައި ބަހައްޓައިދިނުމަށް ބާރުއަޅާ ކަމެކެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ.

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ،‏ فَإِنَّهُ أَغَضُّ لِلْبَصَرِ،‏ وَ أَحْصَنُ لِلْفَرْجِ ‏وَ مَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ،‏ فَإِنَّهُ لَهُ وِجَاءٌ

މާނަ: “އެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަކަން ލިބިފައިވާ މީހަކުނަމަ، ފަހެ ކައިވެނިކުރާށެވެ. ފަހެ އެއީ ބެލުންތިރިކުރުމަށް ވެވޭ އެހީއެކެވެ. އަދި ފަރުޖަށްވާ ޙިމާޔަތެވެ. އަދި އެކަމަށް ކުޅަދާނަވެގެންނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. އެއީ އޭނާއަށްވާ އައްޑަނައެކެވެ.”

ފަޟީލަތުއް ޝައިޚް މުޞްޠަފާ އައްޒަރްޤާ ދެކެވަޑައިގަންނަވާގޮތް:
ސިއްރީ އާދައަށް (މާނައަކީ، އަތުން އިސްތިމްނާކުރުން) ދެ ފަޅިއަކުން ބަލާލެވިދާނެއެވެ. ޞިއްޙީގޮތުން ހަށިގަނޑަށް އެކަމުގެ ސަބަބުން ދިމާވާނެކަންތައްތަކުގެ ފަޅިއާއި، ޝަރްޢިގޮތުން އެކަމުގެ ޙުކުމްއޮތްގޮތް ބެލުމުގެ ފަޅިއެވެ.

 1. ޞިއްޙީގޮތުން ބަލާއިރު، މިކަންއޮތްގޮތް އެނގޭނީ ޑޮކްޓަރުންނަށެވެ. ތަފާތު ޙާލަތްތަކުގައި، ޞިއްޙީގޮތުން މިކަމުން ލިބޭނެ ގެއްލުންތަކުގެ މިންވަރާއި، ވައްތަރުތައް ކަނޑައެޅުމަށް ޚާއްޞަބަޔަކީ، އެމީހުންނެވެ. ތަފާތު ހާލަތްތަކޭ މިދެންނެވީ، މާގިނައިން މިކަންކުރުމައި، އާދައިގެ ގޮތެއްގައި މެދުމިނުގައި މިކަންކުރުމަށެވެ. އެކަމަކު، މިތަނުގައި އަޅުގަނޑަށް ދެންނެވިދާނެވާހަކައެއް އެބައޮތެވެ. އެއީ، މީޙުންގެ މެދުގައި، ޢާންމުގޮތެއްގައި ފެތުރިފައި އޮންނަނީ، ޙައްދުންބޭރުވާވަރަށް ގިނައިންކުރިކަމަށްވިޔަސް، އަދި އާދައިގެގޮތެއްގައި ކުރިނަމަވެސް މިއީ، މީހާއަށް ވަހުމުތައް ވާރުތަކުރާ ދަރަޖައަށް، ޞިއްޙީގޮތުން ގެއްލުންހުރިކަމެއްކަމަށެވެ. ނަމަވެސް، މިކަމާއިބެހޭ ތަޙްޤީޤުތައްކުރާ ޑޮކްޓަރުން ބުނާގޮތުގައި، ޞިއްޙީގޮތުން އޭގެ ގެއްލުން އުފެދެނީ، މާގިނައިން، އެކަންތައްކުރުމުންނެވެ. ކޮންމެހެން ބޭނުންޖެހިގެން، ކުރާކުރުމަކުންނޫނެވެ.
 2. ޝަރުޢީގޮތުން މިކަމުގެ ޙުކުމްއޮތްގޮތް ބާލާލާއިރު، އެންމެ ފުރަތަމަވެސް މިކަމާއި ގުޅިގެން މީހުންކިޔާ ޙަދީޘެއްގެ ވާހަކަ ދަންނަވާލަންޖެހެއެވެ. އެއީ، ” نَاكِح الكَفِّ مَلْعُون” އެވެ. މާނައަކީ: “އަތްތިލައާއި ކައިވެނިކުރާމީހަކި، ލަޢްނަތްލެއްވިގެންވާ މީހެކެވެ.” މި ޙަދީޘް ފެތުރިފައިވަނީ މިގޮތަށެވެ.
ޙަދީޘްޢިލްމުގެ ޢިލްމުވެރިން، މިއީ ވަޟްޢީ ނުވަތަ ޟަޢީފު ޙަދީޘެއްގެގޮތުގައި ނިންމަވާފައިވެއެވެ. މިދެޙާލަތުގައިވެސް (ވަޟްޢީ ނުވަތަ ޟަޢީފަކަށްވުން) އޭގެ މައްޗަށް ޝަރްޢީ ޙުކުމެއް ބިނާކުރުން ހުއްދައެއް ނޫނެވެ.

އަލްމުއުމިނޫން ސޫރަތުގެ فَأُوْلَئِكَ هُمُ الْعَادُون މާނަ: ފަހެ އޭގެ ބޭރުގައިވާކަމަކަށް އެދިއްޖެމީހާ، ފަހެ އެފަދަމީހުންނީ ހުއްދަވެގެންވާ ސަރަހައްދު ފަހަނައަޅައިދާ މީހުންނެވެ.” މިބައި ތަފްސީރުކުރެއްވުމުގައި، އިބްނު ކަޘީރު، މިޙަދީޘް އެހެން ލަފުޒަކުން ގެންނަވާފައި ވިދާޅުވެފައިވާގޮތުގައި މިއީ ޣަރީބު (ބީރައްޓެހި) ޙަދީޘެކެވެ. އަދި އޭގެ އިސްނާދުގައި ނުދަންނަ ބީރައްޓެހި ބަޔަކުވެއެވެ. އެހެންވީމާ ޝަރްޢީގޮތުން ބަލާއިރު ދެކެންޖެހޭނީ، މިއީ ނެތް ޙަދީޘަކަށެވެ.މއެހެންވީމާ، މިކަމަށް ބިނާކޮށް، އަޅުގަނޑު ދަންނަވާނީ، މިމައުޟޫއާއި ގުޅުންހުރި ހަމައެކަނި ޘާބިތު ނައްޞަކީ، މުއުމިނުން ސިފަކުރައްވައި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވާ އަންނަނިވި ބަސްފުޅުކަމުގައެވެ.

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ

މާނަ: “އަދި އެމީހުންނީ އެމީހުންގެ ފަރުޖުތައް (އެބަހީ ކުރިމަތީފަރާތާއި ފުރަގަސްފަރާތް ނުވަތަ ޖިންސީ ގުނަންތައް) ރައްކާތެރިކުރާ މީހުންނެވެ. އެބައިމީހުންގެ އަނބިންނާއި ފިރިން، ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެހަމަކަށަވަރުން އެބައިމީހުންނީ އެބައިމީހުންނާއިމެދު މަލަމާތްލިބިގެންނުވާ މީހުންނެވެ. ފަހެ އޭގެ ބޭރުގައިވާކަމަކަށް އެދިއްޖެ މީހާ، ފަހެ އެފަދަމީހުންނީ ހުއްދަވެގެންވާ ސަރަޙައްދު ފަހަނައަޅައިދާ މީހުންނެވެ.”

މިއާދައަކީ، މިއާޔަތުގައި އެވ وَرَاء ذَلِكَ އެބައިގެ ތެރެއަށް ވަންނަކަމެއްކަމަށް ބައެއް ފިޤުހުވެރިން ވިދާޅުވެއެވެ. އެގޮތަށް ބަލާކަމަށްވާނަމަ، އެކަންވާނީ ޙަރާމްކަމަކަށެވެ. އެހެނީ އެއީ ހުއްދަވެފައިވާ އިންތައް ފަހަނައަޅައި ދިއުމެކެވެ. فَأُوْلَئِكَ هُمُ الْعَادُون މިބައިން ޤަސްދުކުރެވޭ މާނައަކީ އެއެވެ. ޝާފިޢީ މަޛްހަބު ބުރަވަނީ މި ރައުޔަށެވެ.

މިއާޔަތުގައި އެވާ ޙައްދު ފަހަނައަޅައިދިއުމުގެ މާނައަކީ، ޒިނޭކުރުމާއި އެމާނަދޭހަވާ ކަންކަންކަމަށް ދެކެވަޑައިގަންނަވާ ފިޤުހުވެރިންވެސް އުޅުއްވައެވެ. އެގޮތުން ބަލާއިރު، އާޔަތުގެ ޢާއްމު މާނައިގެ ތެރޭގައި، ސިއްރުއާދައެއް ނުހިމެނޭނެއެވެ. އެހެންވީމާ، މިކަމަސް ޙުކުމް ކަނޑައެޅުމުގައި އެހެން ދަލީލުތަކަށް ބޭނުންވާނެއެވެ.

ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ ވާހަކަތައް، މިކޮޅަށް ބޮޑަށް ބުރަވެއެވެ. މިކަމާއިބެހޭގޮތުން، އެބޭކަލުން ވިދާޅުވެފައިވަނީ، އަޞްލުގައި މިކަމަކީ ދީނުގައި މަނާކުރެވިފައިވާ ކަމެއްކަމަށެވެ. އެކަމަކު 3 ޝަރަޠަކާއިލައިގެން މިކަން ހުއްދަވެދާނެއެވެ.
އެއީ:-
 1. ކައިވެނިކޮށްގެންހުރި މީހަކަށްނުވުން.
 2. އެކަން ނުކޮށްފިނަމަ، ޒިނޭކުރެވިދާނެކަމަށް ބިރުހީވުން.
 3. އެކަންކުރަނީ، ލައްޒަތު ހޯދުމުގެ ޤަޞްދުގައިކަމަށް ނުވުން އެކަމަކު އެއީ ހަމައެކަނި، އޭނާގެ ކިބައިގައި އުތުރު އަރައިގެންފައިވާ ޖިންސީ އެދުންގަނޑު މައިތިރިކުރުމަށް، ނުވަތަ ދުއްވާލުމަށް ކުރާކަމަކަށްވުން.
އިސްލާމީ ޝަރީޢަތުގެ ޢާންމު ޤަވާޢިދުތަކަށްބަލާއިރު، މިކަން ނިޔާކުރަނީ، މަނާކަމެއްގެގޮތުގައި ވުމަށެވެ. އެހެނީ. ޖިންސީ އެދުންވެރިކަން ފުއްދުމަށްއޮތް ޠަބީޢީ ވަސީލަތަކީ މިއީކަމަށްނުވާތީއެވެ. އެކަމަކު، މިއީ އެވަސީލަތުން އެއްކިބާވުން ނުވަތަ ފެޔަށްޖެހުމެކެވެ. އެހެންވީމާ، ޒިނޭފަދަ ކަނޑައެޅިގެން ޙަރާމް ދަރަޖައަކަށް ނުދިޔައެއްކަމަކު، މިކަންވާންޖެހޭނީ، މަނާކުރެވިގެންވާކަމަކަށް، ނުވަތަ މަކްރޫހަ ކަމަކަށެވެ.

އެކަމަކު، މިކަމުގައި، އިސްލާމީ ޝަރީޢަތުގައި އޮންނަ އެހެން ޤަވާޢިދެއްކަމުގައިވާ “ކޮންމެހެން ކުރަން މަޖުބޫރުވުން އެކަމެއްކުރުމަށް ހުއްދަވުން” ވެސް ވަދެއެވެ. އެއަށްވުރެ ބޮޑުކަމެއް، މިސާލަކަށް ޒިނޭކުރުންފަދަ ކަމަކަށް ބިރުގަންނަނަމަ، ނުވަތަ ގެއްލުންލިބޭފަދަ ނަފުސާނީ ނުތަނަވަސްކަމެއް އަންނަނަމަ، އެކަން ހުއްޓުވުމުށް ބޭނުންވާ ޙައްދުގެ ތެރޭގައި މިކަން ހުއްދަކުރެވިގެންދާނެއެވެ. ކުރިން ދެންނެވި އަސާސުގެ މައްޗަށް ބިނާކޮށެވެ. އެކަމަކު ކަންކުރަންވާނީ، ކޮންމެހެން ބޭނުންވާ މިންވަރަށެވެ. އޭގެ މާނައަކީ. މިކަމުގައި ޙައްދުން ބޭރުވުމަކީ، ދެސަބަބަކަށްޓަކައި، ހުއްދަވާނޭކަމެއް ނޫނެވެ.

އެއީ އެކަމުގައި، (މާގިނައިން ކުރުމުގައި) ޟަރޫރީ ބޭނުމެއް ނެތުމެވެ. އެހިނދުގައި މިކަންވާނީ، އެކަންކުރަން ކޮންމެހެން ޖެހުނު ސަބަބުގެ ބަދަލުގައި ލައްޒަތު ހޯދުމަށް ކުރެވޭ ކަމަކަށެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި، މިކަމަށް އާދަވެ، އިސްރާފުކުރުމަކީ، ޞިއްޙީގޮތުން ގެއްލުންހުރިކަމެކެވެ. ޞިއްޙީގޮތުން ގެއްލުންހުރި ކޮންމެކަމަކީ، ޝަރްޢީ ގޮތުން މަނާކަމެކެވެ. މިއީ ހުރިހާ ފިޤުހުވެރިންވެސް އެއްބަސްވެވަޑައިގަންނަވާ ކަމެކެވެ

ޙަނަފީން ހިމަނާފައިވާ ޝަރުޠުތަކުގެ އިތުރުން، ޢާންމުޤަވާޢިދުން ވިސްނޭ އިތުރު ދެޝަރުޠެއް ފާހަގަކުރެވޭކަން އެންމެފަހުން ފާހަގަކޮށްލަންޖެހެއެވެ.
 1. ކައިވެނިކުރުމަށް ފަސޭހަކަން ނުވަތަ މަގުފަހިވެފައިނެތުން
 2. ކައިވެނިކުރުމަށް ނުކުޅެދޭ މީހާއަށް ރޯދަހިފުމަށް ރަސޫލާ ދެއްވާފައިވާ އިރްޝާދާއި އެއްގޮތަށް. ރޯދަހިފުމުގެ ޤާބިލުކަންވެސް އޭނާއަށް ލިބިފައިނެތުން
ޝަރްޢީގޮތުން މިކަމުގައި އޮތް ރަނގަޅު ޙުކުމްކަމުގައި އަޅުގަނޑުދެކޭގޮތް މިދަންނަވާލެވުނީއެވެ. މޮޅަސް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

އައްޝައިޚް ޢަޠިއްޔާ ޞަޤުރު ވިދާޅުވެފައިވާގޮތް:
ތަފްސީރުފޮތްތަކާއި، ފިޤުހުފޮތްތަކުގައި، ޢިލްމުވެރިން މިޢަމަލާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން އައްޒުބައިދީ “އަލްއިޙްޔާއު” ގެ ޝަރަޙައިގައި އަދި އިބްނުލް ޤައްޔިމް އޭނާގެ “ބަދާޢިއުލް ފަވާއިދު” ފޮތުގައި މިކަމާއި ބެހޭގޮތުން ލިޔުއްވާފައިވެއެވެ.
މިކަމުގައި ފިޤުހުވެރިންގެ ބަސްފުޅުތަކުގެ ޚުލާޞާއަކީ އަންނަނިވި ބައެވެ. ޝާފިޢީ މަޛްހަބުގައި މިކަން ޙަރާމްކުރެއެވެ. ޝަހްވަތްތެރިކަން ގެނައުމަށްޓަކައި ކުރާކަމެއްނަމަ، ޙަނަފީ މަޛްހަބުގައިވެސް މިކަން ޙަރާމެވެ. (އައްތަޝްރީޢުލް ޖިނާއީ، ޞަފްޙާ36 އާއި އޭގެ ފަހަތުގެ ބައިތައް)

ޙަންބަލީ މަޛްހަބުގައި، ކޮންމެހެން ޟަރޫރީ ބޭނުމެއް ކުރިމަތިވެއްޖެނަމަ، އެއީ ހުއްދަކަމެކެވެ. 
އިބުނު ތައިމިޔާ ވިދާޅުވެފައިވެއެވެ. “އިސްތިމްނާ އަކީ، ގިނަ ޢިލްމުވެރިންގެ އަރިއަހުގައި ޙަރާމްކަމެކެވެ. އަދި އަޙްމަދުގެ (އިމާމް އަޙްމަދުގެ) މަޛްހަބުގައި މިކަމާމެދު އައިސްފައިވާ ދެ ބަހުގެ ތެރެއިން ބޮޑަށް ޞައްޙަ ބަހަކީވެސް މިއީއެވެ. އަނެއް ބަހެއްގައި ވަނީ އެއީ މަކްރޫހަ ކަމެއް ކަމަށެވެ. ޒިނޭކުރެވިދާނެކަމުގެ ބިރަށް، ނުވަތަ ބައްޔެއް ވެދާނެ ކަމުގެ ބިރަށްޓަކައި، ބައެއް ޞަޙާބީންނާއި ތާބިޢީން، މިކަން ހުއްދަކުރެއްވިކަމަށް، އަޅުގަނޑުމެންނާއި ހަމައަށް ޚަބަރުއައިސްފައިވެއެވެ. އިމާމް އަޙްމަދުވެސް ވިދާޅުވީ މިފަދައިންނެވެ. އެހެނެއްކަމަކު ޟަރޫރީ ބޭނުމެއްނެތި، މިކަންކުރުން އެއްވެސް މީހަކު ހުއްދަކުރިކަމެއް އަޅުގަނޑު ނުދެނެހުރީމެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “އަރާމު ލިބިގަންނަން ނުވަތަ ޖިންސީ ޚިޔާލު ގެނެސްގަންނަން، ނުވަތަ އާދައެއްގެ ގޮތުގައި، އިސްތިމްނާކުރާ ވަގުތު މީހަކާ ޖިމާޢުވަނީކަމަށް ޚިޔާލަށްގެނެސްގެން މިކަންކުރުމަކީ، ފަހެ ޙަރާމް ކަމެކެވެ.

މިކަމުން ދުރުވުމަށް ކުރެވިދާނެ ބައެއްކަންކަން:
 • ކުޅަދާނަކަން ލިބުމުން، އާދައިގެ ސިފައެއްގައިނަމަވެސް، ކައިވެނިކުރުމަށް އަވަސްވެގަތުން.
 • ޝަހްވަތްތެރިކަން އުތުރިގަންނަފަދަ، ކެއުންތަކާއި ބުއިންތައް މާގިނައިން ބޭނުންނުކުރުން.
 • ކީރިތި ރަސޫލާ މިކަމުގައި، އަޅުގަނޑުމެންނަށް ރޯދަހިފުމަސްވަނީ އިރުޝާދުދެއްވާފައެވެ.
 • ޖިންސީ އެދުންވެރިކަން ހިލޭފަދަ ކަންތައްތަކާއިދުރުވުން، މިސާލަކަށް އެފަދަ ކަމެއް ހިތުގައި އުފައްދާފަދަ އަޑުތައް ނޭހުމާއި، އެކަހަލަ މަންޒަރުތައް ނުބެލުން.
 • ތިމާގެ ޚިޔާލުތައް، ހުއްދަކުރެވިފައިވާ ދާއިރާތަކަށް މިސްރާބުކުރުވުން.
 • ތެދުމަގުގައި ސާބިތުވެގެންތިބޭ، ރަނގަޅު ރަޙްމަތްތެރިން އިޚްތިޔާރުކުރުން,
 • އަޅުކަމުގައި، ޢާންމުގޮތެއްގައި ވަގުތުތައް ހޭދަކުރެވޭތޯ ބެލުން.
 • ނޭދެވޭ ފިކުރުތަކަށް، ބޯލަނބައި ކިޔަމަންތެރިނުވުން.
 • ޖިންސީ ޚިޔާލުތަކުން ތިމާ ދުރުކޮށްދޭފަދަ، މުޖްތަމަޢުގެ މަސައްކަތުގައި ބައިވެރިވެއުޅުން.
 • ޖިންސީ އެދުންވެރިކަން ހިލިގަންނަގޮތަށް ހެދުން އެޅުމާއި، އެކަހަލަ ވަސްދުވާކަހަލަ ސެންޓާއި، އަދި އެނޫންވެސް އެބަވަތުގެ އެއްޗިއްސާއި ދުރުވުން.
 • ޖިންސީ އެދުންވެރިކަން ހިލަގަންނަގޮތަށް، އަނެއްޖިންސުގެ މީހުންނާއި އެކުވެ މަސްހުނިވެގެން ނޫޅުން.
 • ކުޅިވަރު ކުޅުން ފަދަ ފައިދާ ހުރި ކަމެއް ހުސްވަގުތުގައި ކުރުން.
 • ބަރާބަރަށް ނަމާދުކުރުން.

No comments:

Post a Comment