އިސްލާމްދީނަކީ ޢާލަމީ ދީނެކެވެ. އަދި ކީރިތި ރަސޫލާއަކީ މުޅި ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާ އެންމެންގެ ގާތަށް މާތްﷲ ފޮނުއްވާފައިވާ ރަސޫލެކެވެ. މިކަން ބަޔާންކުރައްވައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللّهِ إِلَيْكُمْ جَمِيعًا (سورة الأعراف:158). މާނައަކީ: ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ.
ޙަޤީޤަތުގައި މިއާޔަތުގައި މާތްﷲ ކުރައްވާފައިވާ ޚިޠާބަކީ، އަލްއިމާމު އިބްނު ކަސީރު ވިދާޅުވެފައިވާ ފަދައިން، ދުނިޔޭގައިވާ ހުރިހާ އެންމެން އޭގައި ޝާމިލުވާގޮތަށް ކުރައްވާފައިވާ ޚިޠާބެކެވެ . ފުރަތަމަ އާޔަތުގައިވާ (كَافَّةً لِّلنَّاسِ) މިކަލިމައާއި ދެވަނަ އާޔަތުގައިވާ "إِلَيْكُمْ جَمِيعًا"މިކަލިމައާއި މި ދެކަލިމައަކީ ވެސް ހުރިހާ އެންމެންގެ މައްޗަށް ޢާއްމުކުރުމުގެ ގޮތުން ބޭނުންކުރެވޭ ދެ ކަލިމައެވެ . ސަބަބަކީ އިސްލާމްދީނަކީ މީސްތަކުންނަށް ހިދާޔަތާއި ތެދުމަގު ދައްކައިދޭ ދީންކަމަށް ވާތީއެވެ. އަދި ހުރިހާ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައްޔާއި ހިދާޔަތާއި ތެދުމަގު ބަޔާންކޮށްދެއްވުމުގެ ގޮތުން ބާވާލައްވާފައިވާ ދީންކަމަށް ވާތީވެސް މެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ (سورة الأنبياء : 107) . މާނައަކީ: އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އަދިވެސް ހަމަ މިމާނައިގައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ذَلِكَ الْكِتَابُ لاَ رَيْبَ فِيهِ هُدًى لِّلْمُتَّقِينَ (سورة البقرة : 2). މާނައަކީ: މިއީ އެ ފޮތެވެ. އެ ފޮތާމެދަކު ޝައްކެއް ނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ.
މުޙައްމަދުގެފާނުގެ އުއްމަތަކީ ދަޢްވަތުގެ އުއްމަތެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ތައުޙީދުގެ ރިސާލަތެވެ. އަދި އެކަލޭގެފާނުގެ މަންހަޖަކީ ޢާލަމީ މަންހަޖެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ދަޢުވަތަކީ އުއްމަތުގެ ފެންވަރުގައި ހުށަހެޅޭ، އެކަލޭގެފާނުގެ ރިސާލަތަކީ ތައުޙީދީކޮށް ފެތުރޭ، އަދި އެކަލޭގެފާނުގެ މަންހަޖަކީ ޢާލަމީ ވެއްޓަކަށް މުޅި ދުނިޔެއަށް ބަޔާންކޮށްދެވޭ އެއްޗަކަށް ވާންވާނެއެވެ. އުއްމަތުގެ ކޮންމެ ފަރުދަކީވެސް، އެ މީހެއްގެ ނިސްބަތުން އެ މީހެއްގެ ފެންވަރާއި ފަންވަރުގައި އެމީހެއްގެ މަޤާމާއި މައިދާނުގައި މީސްތަކުންނަށް އިސްލާމީ ދަޢްވަތު ފޯރުކޮށްދީ ހެއުކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭނެ މީހެކެވެ. އިސްލާމީ އުއްމަތް ކުރިއަރުވާ ތަރައްޤީ ކުރުމަކީ ހުރިހާ މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޝަރުޢީ ވާޖިބެކެވެ.
މިކަން ބަޔާކުރައްވާ މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައި ވެއެވެ. قُلْ هَـذِهِ سَبِيلِي أَدْعُو إِلَى اللّهِ عَلَى بَصِيرَةٍ أَنَاْ وَمَنِ اتَّبَعَنِي وَسُبْحَانَ اللّهِ وَمَا أَنَاْ مِنَ الْمُشْرِكِينَ (سورة يوسف :108) . މާނައަކީ: ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބަޢަވި މީހުން، ﷲ ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާއެކުގައެވެ. އަދި ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ! އަދި ޝަރީކު ކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ.
މިކަން އިތުރަށް ގައިމުކޮށް ކަށަވަރު ކޮށްދެއްވުމުގެ ގޮތުން އާލުޢިމްރާން ސޫރަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ (سورة آل عمران :104). މާނައަކީ: ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.
މި އާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވަނީ: މި އާޔަތުގެ މަޤްޞަދާއި މަފްހޫމަށް ބަލާއިރު މީސްތަކުންނަށް އިސްލާމްދީން ފޯރުކޮށްދިނުމުގެ މަސައްކަތަކީ އެ މީހެއްގެ ނިސްބަތާއި ޙައިސިއްޔަތުން ކޮންމެ މީހެއްގެ މައްޗަށް ވެސް ޝަރުޢީގޮތުން ވާޖިބުކުރާ ކަމެއް ކަމުގައެވެ .
މިހާ ހިސާބުން ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް މަނާކޮށް ނަހީ ކުރުމަކީ ދީން ފެތުރުމުގެ ގޮތުން ކޮންމެ މީހަކުވެސް އެ މީހެއްގެ ޢިލްމީ، އަދި ޢަމަލީ މައިދާނުގައި އެ މީހެއްގެ ދާއިރާގައި ދީނީގޮތުންނާއި ދުނިޔެވީގޮތުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމުގައި ކަނޑައެޅިދާނެއެވެ . އަދި ކޮންމެ މީހަކުވެސް އެ މީހެއްގެ ނިސްބަތުންނާއި ޙައިސިއްޔަތުން އަދި އެ މީހެއްގެ ފެންވަރުންނާއި ފަންވަރުން، ފިޤުހުވެރިކަމާއި ފަންނުވެރިކަމުން އެއްވެސް މުސްލިމަކު މި ވާޖިބު އަދާނުކޮށްވާނެ އެއްވެސްގޮތެއް ނޯންނާނެކަމާއި ، އިސްލާމްދީން ފެތުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ކޮންމެ މުސްލިމަކުވެސް އެ މީހަކަށް ވީވަރަކުން ވީހާ ރަނގަޅަކަށް ކުރުން ވާޖިބުވެގެންވާ ކަމެއް ކަމުގައި ކަނޑައެޅިދާނެއެވެ.
ޝަރުޢީގޮތުން ބަލާއިރު ކަމުގެ ހަޤީޤަތަކީ މިއީ ނަމަވެސް ބައެއްފަހަރު ބައެއް މީހުންނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަންތައްތަކެއް ވެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަގޮތުގައި އިސްލާމްދީން ކުރިއެރުވުމަކީ ހަމައެކަނި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާއި ޢިލްމުވެރިންގެ އެކަނި މަސްއޫލިއްޔަތެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެ މީހުންނަކީ ޢިލްމުވެރިންނެއް ނޫނެވެ. އެހެންކަމަށްވާނަ އެމީހުންނަށް އެހެން ބަޔަކަށް އެއްޗެއް ކިޔައިދެވޭނީ ކިހިނެއްހެއްޔެވެ؟ އަދި އެ މީހުންނަކީ ކުށްފާފަތަކަށް އަރައިގަނެވޭ ބައެކެވެ. ކުށްފާފަތަކަށް އަރައިގަނެވޭ ބަޔަކު އެފަދަ ކަންތައްތަކަށް އަރައިނުގަތުމަށް އެހެން ބަޔަކަށް ނަޞޭޙަތްތެރި ވެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ އަދި މީގެ އިތުރުންވެސް ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި އެ މީހުންނަކީ އެއްވެސް ވަރެއްގެ އާރެއް ބާރެއް ނެތް ބައެކެވެ. އެހެނީ އިސްލާމީ ދަޢުވަތު ދިނުމާއި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގައި ބާރުވެރި ނުފޫޒުގަދަ ބަޔަކަށް ވާންޖެހޭނެއެވެ. ޚާއްޞަގޮތެއްގައި ސިޔާސީ ގޮތުން ބާރުވެރިކަމެއް އޮތްބަޔަކަށް އެބަޔަކު ވާންޖެހޭނެއެވެ.
އެހެންނަމަވެސް މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ކުށް ހީއެކެވެ. ވަރަށް ބޮޑަށް އޮޅުންއަރާފައިވާ ކަންތައްތަކެކެވެ. މިކަންކަމުގެ ޙަޤީޤަތާއި އޭގެ އަޞްލަށް ރުޖޫޢަވާއިރު މި ވާހަކަތަކަކީ އެއްވެސް އަޞްލެއް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ދެކެވޭ ވާހަކަތަކެއް ނޫނެވެ.
ތެދެކެވެ. އިސްލާމްދީން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އެންމެ މިސާލީ ނަމޫނާ ދައްކަވައި އެންމެ އިސްކޮށް ފާޅުގައި އެ މަސައްކަތްތަކުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބަޔަކީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނެވެ. އެއަށްފަހު އިސްލާމްދީނުގެ ބޮޑެތި އިމާމުންގެ މޮޅެތި ޢިލްމުވެރިންނެވެ. އެހެންނަމަވެސް މަތީގައި ބަޔާންކުރެވިފައިވާ ފަދައިން ބައެއް މީހުންނަށް އޮޅުންއަރާފައިވާ ކަންތައްތަކަކީ އިސްލާމްދީން ފެތުރުމުގެ މި މަސްއޫލިއްޔަތު އުފުލައި މި މަސައްކަތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވުން މަނާކުރާ ކަންތައްތަކެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މި މަސްއޫލިއްޔަތު އުފުލުމުގައި މާތްﷲގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ޤަބޫލުކޮށް ކީރިތި ރަސޫލާއަށް ތަބަޢަވާ ކޮންމެ މީހަކީ އޭނާގެ ޒާތުގައި މި މަސްއޫލިއްޔަތު އުފުލަންޖެހޭނެ މީހެކެވެ. އަދި މި މަސައްކަތުގައި އެ މީހަކަށް ވެވުނު މިންވަރަކުން ވީހާ ރަނގަޅަކަށް ޙަރަކާތްތެރިވާން ޖެހޭނެ މީހެއްވެސް މެއެވެ.
މުސްލިމުންނަކީ ހެޔޮނުބައި ވަކިކޮށް ދެނެގަތުމަށްޓަކައި ޢިލްމު އުގެނި ތަޢްލީމު ޙާޞިލުކުރަންޖެހޭ ބައެކެވެ. އަދި ކިއެއްހެއްޔެވެ؟ ޢިލްމު އުގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް މާތްﷲ ފަރުޟު ކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްފުޅު ކުރައްވާފައި ވެއެވެ. {طَلَبُ العِلْمِ فَرِيْضَةٌ عَلَى كُلِّ مُسْلِمٍ ومُسْلِمَة} . މާނައަކީ: "(ކޮންމެ މީހަކުވެސް އެ މީހަކަށް ބޭނުންވާ އަސާސީ މިންވަރަށް) ޢިލްމު އުގެނުމަކީ ކޮންމެ މުސްލިމު ފިރިހެނަކާއި ކޮންމެ މުސްލިމު އަންހެނެއްގެ މައްޗަށް ފަރުޟު ވެގެންވާ ކަމެކެވެ."
މުސްލިމު ކޮންމެ ފިރިހެނަކާއި މުސްލިމު ކޮންމެ އަންހެނަކު އެ މީހަކަށް ބޭނުންވާ އަސާސީ މިންވަރަށް ޢިލްމު އުގެނުމަށް އަންގަވައި އަމުރުކުރެއްވުމުން ދޭހަކޮށްދޭ އެއްޗަކީ ކޮންމެ މުސްލިމަކުވެސް އެ މީހެއްގެ އަމިއްލަ ނަފްސަށް މުސްލިމެއްގެ ނަމާއި ލަޤަބު ދޭ ކޮންމެ މީހަކީ ޢިލްމު އުގެނި ތަޢްލީމި ޙާޞިލުކުރަން ޖެހޭނެ މީހެއްކަމެވެ. އަދި އެއީ އެފަދަ ކޮންމެ މީހެއްގެ މައްޗަށް ޝަރުޢީގޮތުން ލާޒިމުކުރާ ކަމެކެވެ. މީސްތަކުންނަށް އިސްލާމްދީން ހުށަހަޅައި އެ ދީން ފަތުރަން ނުކުންނަ މީހަކީ އިސްލާމީ ތަޢްލީމުގެ ބޮޑު އިމާމަކަށް ނުވަތަ އެ ދީނުގެ އެންމެ ބޮޑެތި މޮޅެތި ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއަކަށް އެ މީހަކު ވާކަށް ކޮންމެހެން ލާޒިމެއް ނޫނެވެ. އިސްލާމްދީނުގެ ޢާއްމު އަސާސީ މަޢްލޫމާތުތައް އެ މީހަކަށް އެނގި ދަސްވެފައި ހުރުމުން ފުދޭނެއެވެ. މާތްﷲ ރުއްސުންލެއްވި ކީރިތި ރަސޫލާގެ މާތް ޞަޙާބީން އިސްލާމްދީން ފެތުރުމުގެ މަސައްކަތް ކުރައްވާފައި ވަނީ މިފަދައިންނެވެ. މިސާލަކަށް އަބޫބަކުރުގެފާނު އިސްލާމްދީން ޤަބޫލުކުރެއްވި ފަހުން ހަފްތާގެ ތެރޭގައި 6 މީހުން އިސްލާމްދީނަށް ވެއްދެވިއެވެ. އޭރު އެކަލޭގެފާނަކީ އިސްލާމްދީނުގެ ބޮޑު ޢިލްމުވެރިއެއް ނޫނެވެ. އެހެނީ އޭރު ކީރިތި ޤުރްއާނުގެ ވަރަށް މަދު އާޔަތްކޮޅެއް ފިޔަވައި ބާވައި ލައްވާފައެއް ވެސް ނުވެއެވެ .
ހަމައެފަދައިން އިސްލާމްދީނުގައިވާ ހުރިހާ ރަނގަޅުކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވުމަކީ ނުވަތަ ދީނުގައި ކަނޑައެޅިފައިވާ ގޯސްކަމެއް އޮޅިގެންނަމަވެސް ކުރެވުމަކީ އެފަދަ މީހަކަށް އިސްލާމްދީން ފެތުރުމުގެ ގޮތުން ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން މަނާކުރާ ކަމެއް ނޫނެވެ. އަދި އެއީ އެފަދަ މީހަކު އެކަން ކުރުން މަނާކުރާ ދަލީލެއްވެސް ނޫނެވެ. އިސްލާމްދީން ފެތުރުމުގެ ގޮތުން ކުރެވޭ އެއްވެސް ކަމެއް މިފަދަ އެއްވެސް މީހަކަށް ނުކުރެވޭނެކަން ސާބިތުކޮށްދޭ ޝަރުޢީ ޤަޠްޢީ އެއްވެސް ދަލީލެއް ނުވެއެވެ .
އަދި ކިއެއްހެއްޔެވެ! އިސްލާމްދީން ފެތުރުމަށްޓަކައި ކޮންމެ މުސްލިމަކުވެސް އެ މީހެއްގެ ފެންވަރުން އެ މީހެއްގެ މައިދާނުގައި އެމީހަކަށް ވީވަރަކުން ވީހާ ރަނގަޅަކަށް މަސައްކަތް ކުރުމަށް އަންގަވާފައިވާ އަމުރުފުޅުގައި އޮޅިގެން ނުވަތަ ހަނދާންނެތިން ނުވަތަ އަތްދަށުން ގޮސްގެން ވެސް މީހަކަށް ފަހަރެއްގައި މިފަދަ ކަމެއް ކުރެވުމަކީ އިސްލާމްދީން ފެތުރުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް އެފަދަ މީހަކަށް ނުކުރެވޭނެ ކަމަކަށް ޝަރުޢީ އެއްވެސް ނައްޞަކުން ސާބިތުވާ ކަމެއް ނޫނެވެ. އެހެންކަމަށްވާ ނަމަ އިސްލާމްދީން ފަތުރައި އެ ދީން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަންތައްތަކެއް ވެސް އެ މީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމަކީ ޝަަރުޢީގޮތުން ހުއްދަ ކަމެކެވެ.
ހަމައެފަދައިން އިސްލާމް ދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރުން ބިނާވެފައި އޮންނަނީ ހަމައެކަނި ސިޔާސީ ބާރުވެރިކަމުގެ މައްޗަކަށް ނޫނެވެ. ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަށް މާތްﷲ އަންގަވައި ކުރައްވާފައިވާ އަމުރުފުޅުގައި ސިޔާސީ ބާރުވެރިކަން ޝަރުޠުކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އިސްލާމްދީން ފަތުރާ އެ ދީން ކުރިއެރުވުމަށްޓަކައި މަސައްކަތް ނުކުރަނީ ސިޔާސީ ބާރުވެރިކަމެއް ނެތިގެން ކަމަށް ބުނާ ބުނުމަކީ ބާޠިލު ބުނުމެއްކަން ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެއެވެ.
އިސްލާމްދީން ފެތުރުމުގެ މަސައްކަތުގައި ނޫޅެވޭނެކަމަށް ބުނެ ބަހަނާ ދެއްކުމުގެ މައިގަނޑު ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ: އިސްލާމްދީން ފެތުރުމުގެ މަސައްކަތަކީ، އެމީހުންގެ ނަޒަރުގައި، ވަރަށް ބޯދާ ދެރަ ނިކަމެތި މަސައްކަތަކަށް ވާތީ އެ މަސައްކަތުގައި އުޅެން އެ މީހުން ލަދުގަންނަނީއެވެ. އެ މަސައްކަތް ކުރަން އެ މީހުން ފަސްޖެހެނީއެވެ. އެހެންނަމަވެސް އިސްލާމްދީން ކުރިއަރުވައި އެ ދީނަށް ނަޞްރު ދިނުމަކީ މާތްﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އެންމެ މާތް އެންމެ މަތިވެރި އެންމެ ދަރަޖަ މަތިވެރި އެންމެ ސަވާބުބޮޑު އެއް އަޅުކަމެވެ. މާތްﷲގެ ކާމިޔާބާއި ނަޞްރު ލިއްބައިދެނިވި އަޅުކަމެކެވެ.
އިސްލާމްދީން ފަތުރާ ކުރިއެރުވުމުގެ މި މާތް މަސައްކަތުގެ ސަވާބު ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީސްކުރައްވާފައި ވެއެވެ. {من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا، ومن دعا إلى ضلالة كان عليه من الإثم مثل آثام من تبعه لا ينقص ذلك من آثامهم شيئا} . މީހަކު މީހަކަށް ހެޔޮ ކަމަކަށް މަގު ދައްކައިފިނަމަ އެ ހެޔޮމަގު ދެއްކުނު މީހާ އެ ހެޔޮ މަގުގައި ކުރާ ހުރިހާ ހެޔޮކަމެއްގެ ސަވާބާއި ދަރުމަ އެ މީހަކަށް ލިބިފައި ހަމަ އެ ދަރުމައާއި ސަވާބު އެ މިންވަރަށް އެއްވެސް އުނިކަމެއް އައުމަކާ ނުލައި އެ މީހަކަށް ހެޔޮމަގު ދެއްކި މީހާއަށް ވެސް ލިބޭނެއެވެ. އަދި މީހަކު މީހަކަށް މަގުފުރެދުމުގެ މަގު ދައްކައިފިނަމަ އެ މަގުފުރެދުމުގެ މަގު ދެއްކުނު މީހާ އެ މަގުފުރެދުމުގެ މަގުގައި ކުރާ ހުރިހާ ފާފަ އެ މީހަކަށް ލިބިފައި ހަމަ އެ ހުރިހާ ފާފަ އެ މިންވަރަށް އެއްވެސް އުނިކަމެއް އައުމަކާ ނުލައި އެ މީހަކަށް މަގުފުރެދުމުގެ މަގު ދެއްކި މީހާއަށް ވެސް ލިބޭނެއެވެ. މިއެވެ.
ދެވަނަ ސަބަބަކީ: އިސްލާމްދީން ފެތުރުމުގެ މަސައްކަތް ކުރާހިތް ނުވުމެވެ. އިސްލާމްދީނާމެދު އެ މީހެއްގެ ހިތުގައި ޣީރަތްތެރިކަން ނެތުމެވެ. އެހެންނަމަވެސް އިސްލާމްދީން ފެތުރުމުގެ މަސައްކަތަކީ ބޯދާ ދެރަ ނިކަމެތި މަސައްކަތެއްކަމަށް ދެކި، އެކަން ކުރާހިތް ނުވެ އެކަން ކުރުމުގެ ޝައުޤުވެރިކަން ނެތި އެ ދީނުގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ދާއިރުވެސް އެކަމާ އެ މީހުންގެ ހިތުގައި ޣީރަތްތެރިކަން އުފެދެން ނުޖެހޭނެ ކަމެއް ވެސް ނޫނެވެ. ސަބަބަކީ ކީރިތި ރަސޫލާ މި މަސައްކަތް ކުރާހިތްޕުޅު ވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުން މިކަން ސާބިތުވެއެވެ. އަދި އެކަލޭގެފާނުގެ މާތް ޞަޙާބީންނާއި ސަލަފުއްޞާލިޙުންނާއި އިމާމުންނާއި ޢިލްމުވެރިން މިކަން ކުރައްވާ ހިތްޕުޅުން މި މަސައްކަތް ކުރެއްވިކަން އިސްލާމީ ތާރީޚު ހެކިދެއެވެ.
މި ހުރިހާ ކަމަކުން ދޭހަކޮށްދޭ އެއްޗަކީ އިސްލާމްދީން ފެތުރުމުގެ މި މަސައްކަތަކީ ވަރަށް މުހިއްމު ވަރަށް ބޭނުންތެރި އެހާމެ މާތް ދަރުމައާއި ސަވާބުހުރި މަސައްކަތެއް ކަމެވެ. އަދި މި މަސައްކަތް ކުރުމަކީ ބޯދާ ކަމެއް ނޫންކަމާއި މާތްﷲ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އެންމެ މަތިވެރި މަޤާމުކަމާއި، އެކަލާނގެ ޙަޟްރަތުގައި އެންމެ އެދެވިގެންވާ ދަރުމަހުރި މަސައްކަތް ކަމުގައެވެ. އެހެންކަމުން މާތް ﷲ އަށް އީމާންވެ ކީރިތި ރަސޫލާގެ ރަސޫލުކަން ޤަބޫލުކުރާ ކޮންމެ މީހަކީ އޭނާގެ ޒާތުގައި އެ މީހެއްގެ ނިސްބަތުންނާއި ޙައިސިއްޔަތުން އިސްލާމްދީނަށް ގޮވާލައި އެ ދީން ފެތުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން އުޅެންޖެހޭނެ މީހެކެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރުމުގެ މަތިވެރި މަޤްޞަދުގައި މުޖްތަމަޢުގެ ބޮޑުންނާއި ސިޔާސީ ބާރުވެރިން ޤާނޫނީ އިމުގެ ތެރެއިން އެ މީހުންގެ ޤާނޫނީ ބާރުވެރިކަމުގެ ތެރެއިންނާއި، އިސްލާމްދީނުގެ ޢިލްމުވެރިން މި ދީން ފަތުރާނީ މީސްތަކުންނަށް ތެދުމަގު ބަޔާންކޮށްދީގެންނާއި، އެނޫން އެންމެހައި ޢާއްމު ރައްޔިތުން މަތީގައި ބަޔާންކުރެވިފައިވާ ދެބައިމީހުންގެ މި މާތް މަސައްކަތަށް އެ މީހަކަށް ދެވުނު އެހީތެރިކަމެއްދީ ވާގިވެރިވެދީގެންނެވެ.
2 އަލްޢައްމާރު، އަސާލީބުއްދަޢްވަތި، ޞ182.
3 އަފްރާޝީމު، ޤަވާޢިދުލްޙިވާރި ބައިނަލްއަދްޔާނި، ޞ1.
4 އިބްނު ތައިމިޔާ، ފަތާވާ އިބްނު ތައިމިޔާ، ވ15، ޞ165، 166؛ އައްޝައުކާނީ، ފަތްޙުލްޤަދީރި، ވ3، ޞ59.
5 އައްޞާބޫނީ، މުޙައްމަދު ޢަލީ، މުޚްތަޞަރު ތަފްސީރި އިބްނި ކަސީރި، ވ2، ޞ57.
6 އަލްޣަޒާލީ، އިޙްޔާއު ޢުލޫމިއްދީނި، ވ2، ޞ306، 486؛ އަލްޖައްޞާޞް، އަޙްކާމުލްޤުރްއާނި، ވ2، ޞ37؛ އަލްޤުރްޠުބީ، އަލްޖާމިޢު ފީ އަޙްކާމިލް ޤުރްއާނި، ވ4، ޞ45؛ އައްނަވަވީ، އަލްމިންހާޖު، ވ1، ޞ212؛ 2ިބްނު ތައިމިޔާ، ކިތާބުލްއަމްރި ބިލްމަޢްރޫފި ވައްނަހްޔި އަނިލްމުންކަރި، ޞ23؛ އިބްނު ތައިމިޔާ، އަލްޙިސްބަތު، ޞ58؛ ޢައުދާ، އައްތަޝްރީޢުލްޖިނާއީ، ވ1، ޞ427؛ އިބްނު ރަޖަބު، އަބުލްފަރަޖި، ޖާމިޢުލްޢުލޫމި ވަލްޙިކަމި، ވ2، ޞ245؛ އިބްނު ޙަޒްމް، އަލްމުޙައްލާ، ވ1، ޞ26؛ ރިޟާ، ތަފްސީރުލްމަނާރި، ވ4، ޞ30، 31؛ އައްރާޒީ، އައްތަފްސީރުލްކަބީރު، ވ3، ޞ314؛ އިބްނުލް ޖައުޒީ، ޒާދުލްމަސީރި، ވ1، ޞ351؛ އިބްނުލްޢަރަބީ، އަޙްކާމުލްޤުރްއާނި، ވ1، ޞ266، 383؛ އަލްބަޣަވީ، ޝަރުޙުއްސުއްނަތި، ވ1، ޞ486.
7 އަލްޣަޒާލީ، އިޙްޔާއު ޢުލޫމިއްދީނި، ވ2، ޞ486.
8 އިބްނު މާޖާ، ސުނަނު އިބްނު މާޖާ، ޙަދީސް ނަމްބަރު: 224؛ އިބްނު ޢަބްދިލްބައްރި، ޖާމިޢު ބަޔާނިލްޢިލްމި، ޙަދީސް ނަމްބަރު: 12، 33؛ އަލްމުންޛިރީ، އައްތަރުޣީބު ވައްތަރުހީބު، ޙަދީސް ނަމްބަރު: 48؛ އައްސައްޚާވީ، އަލްމަޤާޞިދުލް ޙަސަނަތު، ޞ275.
9 އައްސިންދީ، ޙާޝިޔަތުއްސިންދީ ޢަލާ އިބްނި މާޖާ، ވ1، ޞ146؛ އައްޒަރުޤާ، އަލްމަދްޚަލުފިޤްހިއްޔު އަލްޢާމު، ވ2، ޞ694.
10 އަފްރާޝީމް، ނަޡަރިއްޔަތު މުޙާސަބަތިލް ޙުއްކާމި، ޞ116.
11 އަލްޤުރްޠުބީ، އަލްޖާމިޢު ލިއަޙްކާމިލް ޤުރްއާނި، ވ1، ޞ345؛ އިބްނު ކަސީރި، ތަފްސީރުލް ޤުރްއާނިލް ޢަޡީމި، ވ1، ޞ203؛ ވަހުބައްޒުޙައިލީ، އައްތަފްސީރުލް މުނީރު، ވ1، ޞ157؛ ޢަބްދުﷲ، ވިލާޔަތުލްޙިސްބަތި، ޞ158؛ ހަސަނީން، ރަޤާބަތުލްއުއްމަތި ޢަލަލްޙުއްކާމި، ޞ306؛ އައްޝިރުންބާޞީ، އަލްމަދްޚަލު ލިދިރާސަތިލް ފިޤްހިސްލާމީ، ޞ586؛ އަފްރާޝީމް، ނަޡަރިއްޔަތު މުޙާސަބަތިލްޙުއްކާމި، ޞ127
No comments:
Post a Comment