Friday, April 6, 2012

#

ނަމާދުގެ ފަރުޟުތަށް

ނަމާދަށް ފަރުޟުތަކަކާއި، ސުންނަތްތަކެއްވެއެވެ. މިއީ ފަރުޟުތަކުގެ ތެރެއިން ކަމެއްދޫކޮށް ކުރާނަމާދު މާތްﷲ ޤަބޫލެއްނުކުރައްވާނެއެވެ. ނަމާދުގެ ފަރުޟުތަކުގެ ޢަދަދަކީ ނުވައެކެވެ. އެފަރުޟުތަކުގެ ތަފުޞީލު ތިރީގައި މިވަނީއެވެ.

1-    ނިޔަތްގަތުން
ނިޔަތަކީ ކޮންމެކަމެއްވެސް ޤަބޫލުކުރެއްވުމާއި ނުކުރެއްވުން ބިނާވެފައިވާ ކަންތަކެވެ. ކޮންމެ ކަމެއްވެސްވަނީ ނިޔަތުގެ މައްޗަށެވެ. رسول الله ގެފާނުންގެ ކިބައިން بخاري ރިވާކުރެއްވި ޙަދީޘެއްގެ މާނާގައިވެއެވެ. "ޢަމަލުތައް ވާކަންކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެކަމެއްވަނީ އެކަމަކަށް ނިޔަތްގަތް ގޮތަކަށެވެ. ފަހެ އެމީހެއްގެ ހިޖުރަކުރީ ދުނިޔެއަށްޓަކާ އެދުނިޔޭގެ ފައިދާއެއް ޙާޞިލުކުރުމަށް ނުވަތަ އަންހެނަކާ ކާވަނިކުރުމަށް ހިޖުރަކުރި މީހެއް ކަމުގައި ވާނަމަ، ފަހެ އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުރިކަމަކަށެވެ." އަދި މާތްﷲ ކީރިތި ޤުރުއާނުގައިވެސް މިވާހަކަ އަންގަވައިފައިވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ (وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ) (البينة :5) މާނައީ: "ކީރިތިއަށް އަޅުކަން ކުރުމަށް މެނުވީ އެބައިމީހުނަށް އަމުރުވެވިގެން ނުވެއެވެ. އެއަޅުކަން ކީރިތިއަށް ޚާލިޞްކުރާ ޙާލުގައެވެ."

މިހާރުގެ މިޒަމާނުގައި ނިޔަތަކީ ދުލުން ކިޔާ އެއްޗެއްތޯ ނުވަތަ ނިޔަތަކީ ހިތުގައި އަޒުމު ކަނޑައަޅާއި ގަޞްދު ކުރުންތޯ މިއީ ވަރަށް ބޮޑަށް ހިނގާބަހުޘެކެވެ. މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ابن القيم އެކަލޭގެފާނުގެ ފޮތް (إِغَاثَةُ اللَّهْفَان) ގައި ވިދާޅުވިއެވެ." ނިޔަތަކީ އެއީ ޤަޞްދުކުރުމެވެ. އަދި ކަމަކަށް ޢަޒުމުކުރުމެވެ. އަދި އެޤަޞްދުކުރާތަނަކީ އޭނާގެ ހިތެވެ. ޙަޤީޤަތުގައި އެކަމަކާއި ދުލަކާއި ގުޅުމެއްނުވެއެވެ." ނިޔަތަކީ ދުލުން ކިޔާއެއްޗެއް ކަމުގައި ބުނާމީހަކަށް އެކަމަށް ދަލީލެއް ދެއްކިފައެއް ނުވެއެވެ. މިއީބަޔަކުމީހުން ޝައިޠާނީ ވަސްވާހަށް ހެއްލުމަށް ދެކެވޭ ވާހަކައެކެވެ.

2-    ޙަށަމްބަތް ތަކުބީރު ކިއުން:
ޙަރަމްބަތް ތަކުބީރަކީ ނަމާދު ފަށައިގަތުމުގެ ގޮތުން الله أكْبَرُ މިފަދައިން ކިޔުމެވެ. شافعي އާ  أحمد އާއި  أبوداود އާއި ابن ماجة އާއި ترمذي على ގެފާނުގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޙަދީޘުކުރެއްވިއެވެ. "ނަމާދުގެ ތަޅުދަޑިއަކީ ޠަހާރަތެވެ. އޭގެ ޙަރާމުވުމަކީ ތަކުބީރުއެވެ. އަދި އޭގެ ހުއްދަވުމަކީ ސަލާމުދިނުމެވެ." މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޢަމަލުފުޅުންނާއި ބަސްފުޅުން ޘާބިތު ވާކަމެވެ. أبوحميدގެ ކިބައިން ابن ماجة ރިވާކުރެއްވި ގެޙަދީޘެއްގައިވެއެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ތެދުވެވަޑައި ގަންނަވައިފިއްޔާއި ސީދާތެދަށް އާދެ! އިޢްތިދާލުގައި ހުންނަވައެވެ. އަދި އެކަލޭގެފާނުގެ ދެއަތްޕުޅު އުފުއްލަވައި الله أكبر ވިދާޅުވެ ނަމާދުކުރައްވަން ފައްޓަވައެވެ.

3-    ފަރުޟުނަމާދު ކޮޅަށް ހުރެގެން ކުރުން:
ކޮޅަށްހުރެ ފަރުޟުނަމާދު ކުރުމަކީ ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް ކީރިތި ގުރުއާނުންނާއި، ސުންނަތުންނާއި، ޢިލްމުވެރިންގެ އިޖުމާޢުން ވާޖިބުކުރާކަމެކެވެ. މިކަން އަންގަވައި މާތްﷲ ކީރިތި ގުރުއާނުގައި ވަޙިކުރައްވަނީ (حَافِظُواْ عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى وَقُومُواْ لِلّهِ قَانِتِينَ) البقرة 238 މާނައީ: "ތިއަބައިމީހުން ނަމާދު ތަކަށް ރައްކާތެރިވާށެވެ! އަދި މެދުނަމާދަށް ރައްކާތެރިވާށެވެ! އަދި ތިއަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!

 عمرانُ بنُ حصين ކިބައިން بخاري ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާޔަށް ފުރަގަސްފަރާތުގެ އުދަގޫލިބިގެންވިއެވެ. ފަހެ، ތިމަންގެ ނަމާދާއި ބެހޭގޮތުން ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް ތިމަން ސުވާލުދެންނެވީމެވެ. ފަހެ އިތުރުއެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ." ތިބާކޮޅަށް ހުރެގެން ނަމާދުކުރާށެވެ. ފަހެ ތިބާޔަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެން ނުވާނަމަ އިށީނދެ އިދެގެން ނަމާދުކުރާށެވެ. އަދި އިށީނދެއިނުމަށް ކުޅަދާނަވެގެން ނުވާނަމަ އަރިކަށިމައްޗަށް އޮވެގެން ނަމާދުކުރާށެވެ.
ސުންނަތް ނަމާދުގައިވެސް ކުޅަދާނަވެގެންވާ މީހާއަށް ރަނގަޅީ ކޮޅަށް ހުރެ ކުރުމެވެ. އެހެނީ ސުންނަތުން ޘާބިތުވާ ގޮތުގައި އިށީނދެ އިނދެ ނަމާދު ކުރާމީހާއަށް ލިބޭ ޘަވާބުގެ ދެގުނަ ކޮޅަށްހުރެ ނަމާދު ކުރާމީހާއަށް ލިބޭނެއެވެ. عَبْدُ الله بْنُ عُمَرُ رَضِيَ الله عَنْهُمَا ގެކިބައިން بُخَارِي އާއި مُسْلِم ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު (عَبْدُ الله بْنُ عُمَرُ) ވިދާޅުވިއެވެ. ތިމަންނަޔަށް ބަޔާން ކޮށް ދެވުނެވެ. ހަމަކަށަވަރުން رسول الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘުކުރެއްވިއެވެ." އިށީނދެ އިދެ ނަމަދުކުރާ މީހާއަށްވަނީ ނަމާދުގެ ދެބައިކުޅައެއްބައެވެ."

ކޮޅަށް ހުރެ ފަރުޟު ނަމާދު ކުރަން ކުޅަދާނަވެގެން ނުވާމީހާ ނަމާދު ކުރާނީ އިށީނދެ އިނދެއެވެ. އިށީނދެ އިނދެ ކުރަން ކުޅަދާނަވެގެންނުވާމީހާ އޮށޯވެ އޮވެގެންނެވެ. ސުންނަތް ނަމާދުވެސް ހަމައެފަދައެވެ. ކޮޅަށް ހުރުމަށް ކުޅަދާނަ ނުވެގެން އެ ނޫންގޮތަކަށް ނަމާދު ކުރި ނަމަވެސް ހަމަ ފުރިހަމަ ޘަވާބު ލިބޭނެއެވެ. ނަމަވެސް ކުޅަދާނަކަމާއި އެކުގައި އިށީނދެ އިނދެ ސުންތަތް ނަމާދު ކުރުމުން ލިބޭ ދަރުމަ އުނިވާނެއެވެ. ކުޅަދާނަކަމާއި އެކުގައި އިށީނދެ އިނދެ ނުވަތަ އޮށޯވެ އޮވެ ނަމާދު ކުރުން ހުއްދައެއް ނުވާނެއެވެ. ނަމަވެސް ކުޅަދާނަ ނުވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ. أَبُوْمُوْسَى ގެކިބައިން ރިވާވެގެންވިއެވެ. ނަބިއްޔާ ޙަދީޘުކުރެއްވިއެވެ. "އަޅާބަލިވެއްޖެއްޔާއި ނުވަތަ އޭނާބަލިން ރަނގަޅުވެ ދިޔަނަމަ އޭނާރަނގަޅަށް ރަށުގައި ހުރިއިރު އޭނާ ޢަމަލުކޮށް އުޅޭވަރަށް އޭނާޔަށް ކީރިތިﷲ (ޘަވާބު) ލިއުއްވަވައެވެ."

4-    ފަރުޟުނަމާދާއި ސުންނަތް ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ސޫރަތުލްފާތިޙާ ކިޔެވުން:
ފަރުޟުނަމާދުތަކުގައްޔާއި، ސުންނަތްނަމާދު ތަކުގެ ކޮންމެ ރަކުޢަތެއްގައި ސޫރަތުލް ފާތިޙާ (އަލް ޙަމްދު ) ކިޔުމަކީ މުތަވާޠިރު ޙަދީޘްތަކުން ޘާބިތުވާ ކަމެކެވެ. އެންމެ ރަކުޢަތެއްގައިވެސް ސޫރަތުލް ފާތިޙާ ނުކިޔައި ދޫކޮށްލައިފިނަމަ އެ މީހެއްގެ އެ ނަމާދު ބާޠިލުވާނެއެވެ. މިކަމަކީ ޢިލްމުވެރިން އެއްބަސްވެލައްވާ ކަމެކެވެ. ސޫރަތުލް ފާތިޙާ ނުކިޔާ މީހަކަށް ނަމާދުގެ ސަވާބު ނުލިބޭނެ ކަމަށް ދަލީލުދޭ ބައެއް ޙަދީޘްފުޅުތައް ބަޔާން ކޮށްލާނަމަވެ.

1-                عُبَادَةُ بْنُ الصَّامِتِ رَضِيَ الله عَنه ގެ ކިބައިން ރިވާވެގެންވި އެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ސޫރަތުލްފާތިޙާ ނުކިޔަވާމީހަކަށް ނަމާދެއްނުވެއެވެ." ޖަމާޢާ ރިވާކުރެއްވިއެވެ.

2-                أَبُوْهُرَيْرَة ގެކިބައިން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އުއްމުލްޤުރްއާނު ނުކިޔަވާ ނަމާދެއްކޮށްފި މީހާއެވެ. އަދި އެއްރިވާޔަތެއްގައި: ފާތިޙަތުލްކިތާބު ނުކިޔަވައެވެ. ފަހެ އެނަމާދަކީ އުނިބާޠިލް ނަމާދެކެވެ. އެއީ ފުރިހަމަ ނޫން ބާޠިލް ނަމާދެކެވެ. '' އަޙްމަދު އާއި އަދި ދެޝައިޚުން ރިވާކުރެއްވިއެވެ.

3-                ދެން ފަރުޟުރަކުޢަތްތަކުގެ ތެރެއިން ކޮންމެ ރަކުޢަތެއްގައްޔާއި ސުންނަތް ކޮންމެރަކުޢަތެއްގައި ސޫރަތުލްފާތިޙާ ނަބިއްޔާ ވިދާޅުވުން ޘާބިތުވެގެންވިއެވެ. މިއާއި ޚިލާފަށް އިތުރުއެކަލޭގެފާނު ސޫރަތުލް ފާތިޙާ ވިދާޅުނުވެ ނަމާދެއް ކުރެއްވިކަމެއް ޘާބިތުވެގެނެއް ނުވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ނަމާދުކުރާތީ ތިއަބައި މީހުން ދުށްފަދައިން ތިއަބައިމީހުން ނަމާދު ކުރާށެވެ!" بخارى ރިވާކުރެއްވިއެވެ.

4-                أبوسعيد ގެކިބައިން ރިވާވެގެންވި އެވެ. "فاتحة الكتاب ކިޔެވުމަށް ތިމަންމެންނަށް އަމުރުވެވުނެވެ. އަދި އެއަށްފަހު ފަސޭހަ މިންވަރެއް ކިޔެވުމަށެވެ." أبوداود ރިވާކުރެއްވިއެވެ. حافظ އާއި ابن سيد الناس ރަގަޅުޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ.

މި ޙަދީޘްތަކުން އެނގި ހާމަވާ ގޮތުގައި ކޮންމެހެންވެސް ސޫރަތުލް ފާތިޙާ ކިޔަވަން އެބަޖެހެއެވެ. ނަމަވެސް ދިމާވެފައިވާ ޢުޒުރެއްގެ ސަބަބުން ސޫރަތުލް ފާތިޙާ ދަސްކުރުމަށް ނުކުޅެދިފައިވާ މީހާ ހަދާނީ ކިހިނެއއް ބާވައެވެ؟ މިއީ އުފެދޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބުގައި خَطَّابِى ވިދާޅުވެފައިވެއެވެ. ސޫރަތުލްފާތިޙާ ކިޔަވައިގެން މެނުވީ ނަމާދަށް ޘަވާބު ލިބުމެއް ނުވެއެވެ. ސޫރަތުލް ފާތިޙާ ކިޔަވަން ދަންނަ ހަމަ ކޮންމެ މީހަކުވެއސް ސޫރަތުލް ފާތިޙާ ކޮންމެ ރަކުއަތެއްގައިވެސް ކިޔަވަން ޖެހޭނެއެވެ. ނަމަވެސް ސޫރަތުލް ފާތިޙާ ރަނގަޅަށް ނުދަންނަ މީހާ އޭނާ ރަނގަޅަށްދަންނަ އެހެން ތަނަކުން ހަތް އާޔތް ކިޔެވުމުން ފުދޭނެއެވެ. ކީރިތި ޤުރުއާނުން އެއްވެސް މިންވަރެއް ދަސްކުރުމަށް ނުކުޅެދިގެންވާ މީހާއަށް ދެން އެންމެ ރަނގަޅީ ތަޙުލީލާއި، ތަޙުމީދާއި، ތަސްބީޙައިގެ ގެތެރެއިން މާތްﷲގެ ނަބިއްޔާ މުޙައްމަދުއް ޞައްލައްﷲ ޢަލައިހި ވަސައްލަމައިގެ އުނގައްނަވައި ދެއްވާފައިވާ ޛިކުރުތައް ކުރުމެވެ. خَطَّابِي ގެ މި ބަސްފުޅަށް رِفََاعَةُُ بنُ رَافِعގެ މި ޙަދީޘުން ތާއީދު ލިބެއެވެ. ނަބިއްޔާ ބޭކަލަކަށް ނަމާދު އުނގައްނަވައި ދެއްވިއެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިބާއަށް ޤުރްއާނުން މިންވަރެއް ދަސްވެފައިވާނަމަ ފަހެ ޤުރްއާން ކިޔަވާށެވެ! ނޫނަމަ އެކަލާނގެއަށް ޙަމްދު ކުރާށެވެ! އެބަހީ: سُبْحَانَ الله ކިޔާށެވެ! އަދި އެކަލާނގެ މަތިވެރިކަން ބަޔާންކުރާށެވެ! އެބަހީ: الله ُأَكبر ކިޔާށެވެ! އަދި އެކަލާނގެ އަށް ތަހްލީލު ކިޔާށެވެ! އެބަހީ: لاَإِلَهَ إِلاَّ الله ، وَالله أَكْبَرُ ކިޔާށެވެ! ދެން ރުކޫޢަށް ދާށެވެ!" أَبُوْدَاوُد އާއި ترمذي ރިވާކުރެއްވިއެވެ.

            މިހާރުގެ މިޒަމާނުގައި އެންމެ ބޮޑަށް ދެބަސްވާ މައުޟޫޢުތަކުގެތެރޭގައި ސޫރަތުލްފާތިޙާގެ ކުރީގައި އަޑުހަރުކޮށް ބިސްމި ކިޔުމުގެ ވާހަކަ ހިމެނެއެވެ. އެހެންކަމުން މިކަން އޮތްނެތްގޮތް ބަޔާން ކޮށްލާނަމެވެ. މި މައުޟޫޢުގައި ޢިލްމުވެރިންވަނީ ދެބަސްވެ ވަޑައިގަންނަވާފައެވެ. ނަމަވެސް ޢިލްމުވެރިން އެއްބަސްވާ ކަމެއް އޮވެއެވެ. އެއީ ބިސްމިއަކީ ސޫރަތުލް ނަމްލުގެ އާޔަތެއްކަމެވެ. ސޫރަތުލް ފާތިޙާގެ ކުރީގައި ބިސްމި ކިޔުމާއި މެދުގައި ޢިލްމުވެރިންގެ ރައުޔު ތިންބަޔަށް ބެހިފައިއެވެ.

ފުރަތަމަ ރައުޔު:
ބިސްމި އަކީ ސޫރަތުލްފާތިޙާގެ އާޔަތެކެވެ. އަދި ކޮންމެސޫރަތެއްގެ ވެސް އާޔަތެކެވެ. މިރައުޔުގެ ބޭކަލުންގެ އަރިއަހުގައި ސޫރަތުލްފާތިޙާގައި ބިސްމި ކިއުންވާޖިބެވެ. ބާރަށްކިއުމުގައްޔާއި ސިއްރުން ކިއުމުގައި ބިސްމީގެ ޙުކުމަކީ ސޫރަތުލްފާތިޙާގެ ޙުކުމެވެ. އެބަހީ: ބާރަށް ކިޔަވާނަމާދުގައި ބިސްމި  ބާރަށްކިއުމެވެ. ސިއްރުން ކިޔަވާނަމާދުގައި ސިއްރުންނެވެ. މިމަޛްހަބަށްވާ އެންމެ ވަރުގަދަ ދަލީލަކީ أَبُونَعِيْمُ الْمُجْمَر ގެ ޙަދީޘެވެ. އޭނާވިދާޅުވިއެވެ. أبوهريرة ގެފާނުގެ ފަހަތްޕުޅުގައި ތިމަން ނަމާދު ކުރީމެވެ. ފަހެ އެކަލޭގެފާނު بِسْمِ اللهِ الرَّحْمنِ الرَّحِيْم ބާރަށް ކިޔަވާވިދާޅުވިއެވެ. ދެން أم القرآن ވިދާޅުވިއެވެ." އަދި އެކަލޭގެފާނު ނަމާދުކޮށް ނިންމަވާލައްވާފައި ވިދާޅުވިއެވެ. އެޒާތުފުޅެއްގެ ޔަދުގުދުރަތުގައި ތިމަންގެ ފުރާނަވާ ޒާތުގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިޔަބަމީހުންކުރެ رسول ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެނަމާދާއި އެންމެ އެއްގޮތަށް ނަމާދު ކުރީ ތިމަންނައެވެ." نَسَائِي އާއި اِبْنُ خُزَيْمَة އާއި اِبْنُ حِبَّانُ ރިވާކުރެއްވިއެވެ. ފަތުޙުލްބާރީގައި اِبْنُ حَجَر ވިދާޅުވިއެވެ. ބިސްމި ބާރަށް ކިއުމަށް ވާރިދުވެގެންވާ އެންމެ ޞައްޙަ ޙަދީޘަކީ މިއެވެ.

ދެވަނަ ރައުޔު:
 މިމަޛުހަބުގެ ރައުޔަކީ ބިސްމިއަކީ މުސްތަގިއްލު އާޔަތެކެވެ. އެއްސޫރަތާއި އަނެއްސޫރަތް ވަކިކުރުމަށާއި ބަރަކާތަށް ބާވައި ލެއްވިގެންވާ އާޔަތެކެވެ. މިބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ސޫރަތުލް ފާތިޙާގައި ބިސްމި ކިޔުމަކީ މުސްތަޙައްބު ކަމެކެވެ. ނަމަވެސް ބިސްމި ބާރަށް ކިއުން ސުންނަތެއް ކަމުގައި މިބޭފުޅުން ދެކި ވަޑައްއެއް ނުގަންނަވައެވެ. މިބޭފުޅުންގެ ދަލީލަކީ أنسގެފާނުގެ މި ބަސްފުޅެވެ. أنسގެފާނު ވިދާޅުވިއެވެ. " رسولﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުގައްޔާއި أبوبكرގެފާނާއި عمر ގެފާނާއި އަދި عثمان ގެފާނު ގެ ފަހަތްޕުޅުގައި ތިމަން ނަމާދު ކުރީމެވެ. އެބޭކަލުން بِسْمِ اللهِ الرَّحْمنِ الرَّحِيْم ބާރަށް ވިދާޅުވެއެއް ނޫޅުއްވައެވެ. " نَسَائِي އާއި اِبْنُ حِبَّانُ ރިވާކުރެއްވިއެވެ. އަދި صحيحين ގެ ޝަރުޠުގެ މައްޗަށްވާ ސަނަދަކުން طَحَاوِيْ ވެސް ރިވާކުރެއްވިއެވެ.

ތިންވަނަ ރައުޔު:
 މިމަޛުހަބުގެ ރައުޔަކީ ބިސްމިއަކީ ސޫރަތުލްފާތިޙާގެ އާޔަތެއްނޫނެވެ. އަދި އެނޫންސޫރަތެއްގެ އާޔަތެއްވެސް ނޫނެވެ. މިބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ސިއްރުން ވިއަސް އަދި ބާރަށް ވިއަސް ފަރުޟުނަމާދުގައި  ބިސްމި ކިއުމަކީ މަކުރޫހަ ކަމެކެވެ. ނަމަވެސް ސުންނަތް ނަމާދުތަކުގައި ބިސްމި ކިޔުން ހުއްދައެވެ. މިމަޛްހަބަކީ ގަދަމަޛުހަބެއްކަމުގައި ނުވެއެވެ.

            اِبْنُ الْقَيِّم ފުރަތަމަ މަޛްހަބާއި ދެވަނަ މަޛްހަބުގެ ރައުޔު އެއްކޮށްލެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ بِسْمِ اللهِ الرَّحْمنِ الرَّحِيْم ބާރަށް ވެސް ވިދާޅުވެފާވާކަމުގައި ވިއެވެ. ބާރަށް ވިދާޅުވެ އުޅުއްވުމަށް ވުރެ ގިނައިން ވިދާލުވެ އުޅުއްވަނީ ސިއްރުންނެވެ. އިތުރު އެކަލޭގެފާނު ދަތުރުގައްޔާއި ރަށުގައި ފަސްނަމާދުގެތެރެއިން ބާރަށް ކިޔަވާ ނަމާދުތަކުގައި ބިސްމި ބާރަށް ވިދާޅު ނުވާކަމާއި މެދުގައި އެއްވެސް ޝައްކެއްނެތެވެ. ވިދާޅުވާނަމަ  އެކަން ތެދުމަގު ލިބިވަޑައިގެންވާ ޚަލީފާވެރިންނަށް ވަންހަނާވެގެން ނުވާނެއެވެ. އަދި އަޞްޙާބު ބޭކަލުންގެ ޖުމުހޫރުންނަށާއި މަދީނާގެ އަހުލުވެރިންނަށްވެސް ވަންހަނާވެގެން ނުވީހެވެ.

5-               ރުކޫޢު ކުރުން:
ނަމާދުގައި ރުކޫޢު ކުރަންޖެހޭނެކަމާއި މެދުގައި މުސްލިމު ޢިލްމުވެރިން އިއްތިފާގުވެފައިވެއެވެ. ނަމާދުގައި ރުކޫޢު ކުރަންޖެހޭނެކަން އަންގަވައި މާތްﷲ ވަޙީކުރައްވަނީ (يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ ) (سورة الحج 77) މާނައީ: "އޭއީމާންވެއްޖެ މީސްތަކުމުންނޭވެ! ތިއަބައިމީހުން ރުކޫކުރާށެވެ! އަދި ތިއަބައިމީހުން ސަޖިދަކުރާށެވެ! އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިއަބައިމީހުން އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައް ކުރާށެވެ! އެއީ ތިއަބައިމީހުން ކާމިޔާބު ވުމަށްޓައެވެ."

ރުކޫޢުކުރުމަކީ ދެކަކުލުގައި އަތްއަޅާފައި ބުރަކަށި ތެދުވާވަރަށް ގުދުވެލުމެވެ. ރުކޫޢުގައި ކުޑައިރުކޮޅަކު މަޑުވެލަންޖެހޭނެއެވެ. މިވާހަކަ ނުބައިކޮށް ނަމާދުކުރި މީހާގެ ޙަދީޘުގައި ވެއެވެ. މާތް ރަސޫލާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅުގެމާނާގައިވަނީ "ދެންރުކޫޢުގައި މަޑުވެލެވިއްޖައުމަށް ދާނދެން ރުކޫޢު ކުރާށެވެ! " أَبُو قَتاَدَة ގެކިބައިން ރިވާވެގެން ވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "މީސްތަކުންކުރެ އެންމެނުބައި މީހަކީ ނަމާދުން ވައްކަން ކުރާމީހާއެވެ." އެބޭކަލުން ދެންނެވިއެވެ. رسول الله ގެފާނެވެ! އޭނާގެ ނަމާދުން އޭނާވައްކަން ކުރަނީ ކިހިނެއްތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ." ނަމާދުގެ ރުކޫއާއި، އެނަމާދުގެ ސުޖޫދު އޭނާފުރިހަމަ ނުކުރުމެވެ." ނުވަތަ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވީ "ސަޖިދާގައްޔާއި ރުކޫޢުގައި އޭނާގެ ބުރަކަށި ސީދާނުކުރެއެވެ." أحمد އާއި طَبَرَانِي އާއި ابنُ خزيمة ރިވާކުރެއްވިއެވެ.

ރުކޫޢުން ތެދުވެ އިޢުތިދާލުގައި މަޑުވެލަންޖެހެއެވެ. އެހެނީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރައްވާއިރުގައި އެކަލޭގެފާނުން އިޢުތިދާލުގައި މަޑުވެލައްވައެވެ. މާތް ނަބިއްޔާގެ ނަމާދު ސިފަކުރައްވަމުން أبوحُمَيد ވިދާޅުވަނީ "އިތުރުއެކަލޭގެފާނުގެ އިސްތަށިފުޅު ރުކޫޢުން އުފުއްލަވައި އެކަލޭގެފާނުގެ ބުރަކަށީގެ ކޮންމެ ހުޅެއް އޭގެމަގާމަށް އެނބުރިގޮސް ހަމަޖެހިއްޖައުމަށް ދާނދެން އިޢުތިދާލުގައި މަޑުކޮށްލައްވައެވެ." އަދި ޢާއިޝަތުގެފާނުން މާތް ނަބިއްޔާގެ ނަމާދު ސިފަކުރައްވަމުން ވިދާޅުވަނީ "އިތުރު އެކަލޭގެފާނު ރުކޫޢުން ތެދުވެވަޑައިގެން ސީދާވެ ހަމަޖެހިވަޑައިގެންފުމަށްދާންދެން ސަޖިދައަށް ވަޑައެއް ނުގަންނަވައެވެ."

6-               ސަޖިދަކުރުން:
ސަޖިދަ ކުރުމަކީވެސް ކީރިތި ޤުރުއާނުން ޘާބިތުވެގެންވާ ކަމެކެވެ. މި ވާހަކަ އަންގަވައި މާތް ﷲ ވަޙީ ކުރައްވަނީ (يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ) (سورة الحج 77) މާނައީ: "އޭއީމާންވެއްޖެ މީސްތަކުމުންނޭވެ! ތިއަބައިމީހުން ރުކޫކުރާށެވެ! އަދި ތިއަބައިމީހުން ސަޖިދަކުރާށެވެ! އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިއަބައިމީހުން އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައް ކުރާށެވެ! އެއީ ތިއަބައިމީހުން ކާމިޔާބު ވުމަށްޓައެވެ." ކީރިތި މާތް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "ދެންތިބާ ސަޖިދަކުރާށެވެ! ސަޖިދާގައި ތިބާ ހަމަޖެހިއްޖައުމަށް ދާނދެނެވެ. ދެންތިބާ ސަޖިދައިން ތެދުވާށެވެ! ސަޖިދައިން ތެދުވެ އިށީނދެ ހަމަޖެހިއްޖައުމަށް ދާނދެނެވެ. ދެން ސަޖިދައަށް ދާށެވެ! ސަޖިދާގައި ހަމަޖެހިއްޖައުމަށް ދާނދެނެވެ!" (މިއީ ވަރަށް ދިގު ޙަދީޘެއްގެ ތަންކޮޅެކެވެ.) ފަރުޟު ހުރިހާ ނަމާދަކާއި ސުންނަތް ހުރިހާ ނަމާދެއްގައިވެސް ފުރަތަމަ ސަޖިދަ ކުރުމާއި ދެސަޖިދަ ދެމެދުގައި އިނުމާއި ދެވަނަ ސަޖިދަ ކުރުމާއި، މިއިން ކޮންމެ ތަނެއްގައި މަޑުވެލުމަކީ ފަރުޟުވެގެންވާ ކަމެކެވެ.

ރުކޫޢާއި، އިޢުތިދާލާއި، ސަޖިދައިގައި މަޑުވެލުން ފަރުޟުކަމަކަށް ވެފައިވާއިރުގައި މަޑުވެލަންވީ މިންވަރަކީ ކޮބައިކަން އެނގިފައި އޮތުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. ރުކޫޢާއި، އިޢުތިދާލާއި، ސަޖިދައިގައި މަޑުވެލަންޖެހޭ މިންވަރާއިމެދުގައި އިލްމުވެރިން ވިދާޅުވަނީ " ރުކޫޢުގައްޔާއި، އިޢްތިދާލުގައްޔާއި ސަޖިދާގައްޔާއި، ދެސަޖިދަ ދެމެދުގައި މަޑުވެލުމުގެ އެންމެ ކުޑަމިންވަރަކީ ގުނަވަންތައް އައިސް ހަމަޖެހި ތަސްބީޙަ އެއްފަހަރު ކިޔާލެވޭހާ މިންވަރެވެ."

ސަޖިދަކުރާއިރުގައި ވަކި ޚާއްޞަ ގުނަވަންތަކެއް ބިންމަތީގައި ޖެހެން ޖެހޭނެއެވެ. އެ ގުނަވަންތަކަކީ ބޯ، ދެ އަތްތިލަ، ދެ ކަކޫ، ދެ ފައިތިލަ މިހަތް ގުނަވަނެވެ. މާތްﷲގެ ރަސޫލާ ޙަދީޘް ކުރައްވަނީ "أُمِرْتُ أَنْ أَسْجُدَ سَبْعَةِ أَعْظُمٍ: عَلَى الْجَبْهَةِوَأشَارَبِيَدِهِ عَلَى أَنْفِهِ - وِالْيَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ الْقَدَمَيْنِ" متفق عليه. މާނައީ:" ހަތްކައްޓެއްގެ މަތީގައި ސަޖިދަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވުނެވެ. ނިތްކުރިއެވެ. (މިގޮތަށް ޙަދީޘް ކުރައްވަމުން އިތުރުއެކަލޭގެފާނުގެ އަތްޕުޅުން ނޭފަތްޕުޅަށް އިޝާރަތް ކޮށްލެއްވިއެވެ. އެބަހީ: ނޭފަތްވެސް ނިއްކުރިއާއެކު ޖައްސަންޖެހޭކަމެވެ.) އަދި ދެއަތާއި،  ދެކަކުލާއި، ދެފައިތިލައިގެ އިގިލިތަކެވެ." متفق عليه. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ބޯ ޖައްސަންވާނެޔޭ މި ބުނެވުނު ބަހުގެ މާނައަކީ ނިތްކުރިއާއި ނޭފަތް އެކުގައި ޖެއްސުމެވެ. މިބޭކަލުންގެ އަރިހުގައި ނޭފަތް ނުޖައްސާނަމަ ސަޖިދަ ފުރިހަމައެއް ނުވާނެއެވެ. އަނެއް ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ބޯ ޖައްސާއިރުގައި ނޭފްތް ނުޖެއްސިޔަސް ސަޖިދަ ފުރިހަމަ ވާނެއެވެ. ނަމަވެސް މި ދެގޮތުން މޮޅުގެތަކީ ނޭފަތް ޖެއްސުމެވެ.

8 : ފަހު އައްތަޙިއްޔާތަށް އިށީނުމާއި އައްތަޙިއްޔާތު ކިއުން:
އަޅުގަނޑުމެންނަށް ސުންނަތުން އެނގި ޔަގީންވަނީ މާތް ނަބިއްޔާ ޞައްލައްﷲޢަލައިހި ވަސައްލަމަ ނަމާދުގެ ފަހުރަކުޢަތުގެ ފަހު ސަޖިދައިން ބޯ އުފުއްލަވައި ލައްވާފިއްޔާ އެކަލޭގެފާނު ނަމާދުގެ ނިމުންކަމުގައިވާ ފަހުއައްތަހިއްޔާތު ކިޔުއްވަން އިންނެވިކަމެވެ. ابنُ قدامة ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ މައްޗަށް އައްތަޙިއްޔާތު ފަރުޟު ކުރެއްވުމުގެ ކުރިން ތިމަންމެން ކިޔަވާ އުޅެމުއެވެ. اَلسَّلاَمُ عَلَى اللهِ قَبْلَ عِبَادِهِ ، السَّلاَمُ عَلَى جِبْرِيْلَ ، السَّلاَمُ عَلَى مِيْكَائِيْلَ. ދެންފަހެ ނަބިއްޔާ ޙަދީޘްކުރެއްވި އެވެ. "السَّلاَمُ علىَ الله: ތިޔަބައިމީހުން ނުކިޔާށެވެ! އަދި އެހެނަސް ތިޔަބައިމީހުން التَحِيَّاتُ للهِ ކިޔާށެވެ!" އައްތަޙިއްޔާތު ކިއުން ފަރުޟުވެފައި ނުވުމަށް ފަހު ފަރުޟުކުރެއް ވުމުގެ މައްޗަށް މިބަސްފުޅުން ދަލީލުކުރެއެވެ.

9-ސަލާމްދިނުން:       
ސަލާމްދިނުމަކީ މާތް ނަބިއްޔާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ ޢަމަލުފުޅުންނާއި ބަސްފުޅުތަކުން ޘާބިތުވާކަމެކެވެ. ނަމާދު ނިމިގެންދަނީ ސަލާމްދިނުމުންކަން އަންގަވައި މާތް ނަބިއްޔާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ " مِفْتَاحُ الصَّلاَةِ الطَّهُوْرُ وَتَحْرِيْمُهَا التَّكْبِيْرِ، وَتَحْلِيْلُهَا التَّسْلِيْمُ " މާނައީ "ނަމާދުގެ ތަޅުދަނޑިއަކީ ޠަހާރަތެވެ. އަދި އޭގެތަޙްރީމަކީ التكبيرއެވެ. އެބަހީ: ﷲأكبر ކިޔާ ޙަރަމްބަނުމެވެ. އަދި އޭގެތަޙްލީލަކީ التَّسْلِيْم އެވެ." އެބަހީ: ނަމާދު ނިމިގެންދާނީ ސަލާމްދިނުމުންނެވެ. حَافِظُ ابْنُ حَجَرُ  بُلُوْغِ الْمَرَامِ ގައި وَائِلُ بْنِ حِجْرِ ވިދާޅުވިކަމަށް ބަޔާން ކުރައްވާފައިވެއެވެ. وَائِلُ بْنِ حِجْرِ ވިދާޅުވިއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއެކު ތިމަން ނަމާދު ކުރީމެވެ. ފަހެ އިތުރުއެކަލޭގެފާނުގެ ކަނާތްޕުޅު ފަރާތަށް السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُهُ ވިދާޅުވެ ސަލާމް ދެއްވައެވެ. އަދި އިތުރު އެކަލޭގެފާނުގެ ވާތްޕުޅު ފަރާތަށް السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُه ވިދާޅުވެ ސަލާމް ދެއްވައެވެ."

ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި ފުރަތަމަ ސަލާމް ދިނުމަކީ ފަރުޟެކެވެ. ދެވަނަ ސަލާމްދިނުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ދެސަލާމްދިނުމަކީ ވާޖިބު ކަމެއްނޫނެވެ. ނަމަވެސް އެއީ މުސްތަޙައްބު ކަމެކެވެ. އެހެންކަމުން ރަނގަޅީ ދެސަލާމްދިނުންކަމުގައި ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ. ފުރަތަމަ ސަލާމްދޭނީ ކަނާތްފަރާތަށެވެ. ދެވަނަ ސަލާމްދޭނީ ވާތް ފަރާތަށެވެ. ކޮންމެ ފަރާތަކަށް ސަލާމްދެމުންވެސް އެ ފަރާތެއްގައި ތިބޭ ބަޔަކަށް އިމާމުމީހާގެ މޫނުފެންނަ ވަރަށް އެނބުރިލަން ޖެހޭނެއެވެ.
                                                 
މި ބަޔާންވެ ދިޔަ ނުވަ ކަންތަކަކީ ނަމާދުގެ ނުވަ ފަރުޟެވެ. މިއިންކަމެއް އަޅައިފައި ކުރާ ނަމާދު ބާޠިލްވާނެއެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ނަމާދު ކުރެއްވުމުގައި ނަމާދުގެ ފަރުޟުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިއްމުކަމެކެވެ.    
މިމައުލޫމާތަކީ އިސްލާމިކް މިނިސްޓްރީގެ ދީނީ ހޭލުންތެރިކުރުމާބެހޭ ބައި އިން ތައްޔާރުކޮއްފައިވާ ލިޔުމެކެވެ.

No comments:

Post a Comment