Thursday, January 19, 2012

#

ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ނިޒާމާ ދެމެދުގައިވާ ތަފާތުތައް

މިއަދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހުޅަނގުގެ ޑިމޮކްރަސީ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފު ކުރުމަށް މަސައްކަތްކުރަމުން އެބަދެއެވެ. މިހެކަމުން މިފުރުޞަތުގައި އެއީ އަޅުގަނޑުމެން ފަދަ އިސްލާމީ މާޙައުލަކަށް ފެތޭ އެއްޗެއްތޯ ބަލާލުމަކީ މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ނިޒާމާ ދެމެދު ވަރަށް ގިނަ ފަރަޤުތަކެއްވެއެވެ. އޭގެ ބައެއް ކަންތައްތައް ކުރުގޮތަކަށް ދަންނަވާލާނަމެވެ.

ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ވެރިކަން ހިންގުމުގެ ނިޒާމާ ހުރި ތަފާތުތައް: 
1-  ވެރިކަން ހިންގުމުގެ އިސްލާމީ ނިޒާމުގެ އުޞޫލުތައް ފެށިގެން އަންނަ މަޞްދަރަކީ ﷲ އެވެ. މަޝްވަރާއަކީ ވެރިކަން ހިންގުމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. ޑިމޮކްރަސީގެ ހުރިހާ ކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެއީ ވަޟްޢީ ފަލްސަފާއެކެވެ.
2-  ހުޅަނގުގެ ޑިމޮކްރަސީގައި ދީން ވަނީ ވަރަށް ބޮޑަށް އެކަހެރި ކުރެވިފައެވެ. ދީނާމެދު މުހިއްމުކަން ދިނުމެއްނުވެއެވެ. ސަބަބަކަށް ވަނީ އެއީ ދައުލަތް ހިނގުމުގެ ނިޒާމުން ދީން ވަކި ކޮށްލާ ނިޒާމަކަށް ވުމެވެ. އެނިޒާމު އުފެދުނީވެސް އެސަބަބަށްޓަކައެވެ. އޭގެ އަޞްލަކީވެސް ދައުލަތުން ދީން ވަކިކޮށްލުމެވެ. މިހެން މިކަންވާންޖެހުނީ ފައްޅިތަކުގެ އަނިޔާވެރިކަމުންނާއި، ނަޞާރާއިންގެ ޝަރީއަތުގައި ދައުލަތެއް ހިނގުމުގެ ނިޒާމެއް ނެތުމުންނެވެ.  އިސްލާމީ ނިޒާމުގައި ދީނަކީ އަޞްލެވެ. އޭގެ ދަށުން ހުރިހާ ބާރުތަކެއް ކަނޑައެޅިގެން އާދެއެވެ. އިސްލާމީ ޝަރީޢަތުގައި ދައުލަތް ހިންގުމުގެ ނިޒާމެއް އެބައޮތެވެ. އެނިޒާމުގެ އެންމެ ފުރަތަމަ ރުކުނަކީ އިސްލާމް ދީނެވެ.
3-  އިސްލާމީ ޝަރީޢަތުގައި ވާފަދަ، އަޚްލާޤީ، އިޖުތިމާޢީ، އިޤުތިޞާދީ، ސިޔާސީ އުޞޫލުތަކެއް ހުޅަނގުގެ ޑިމޮކްރަސީއަކަށް ލިބިގެން ނުވެއެވެ.
4-  [ ރައްޔިތުން ] ނުވަތަ [ އުއްމަތް ] މިއީ ހުޅަނގުގެ ޑިމޮކްރަސީގައިނަމަ، ވަކި ސަރަޙައްދެއްގައި، ދިރިއުޅޭ ހުރިހާ ޢަޤީދާތަކެއް ޝާމިލުވާ މާނަ ދޭހަވާ ބަހެކެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި، [ އުއްމަތް ] ނުވަތަ [ރައްޔިތުން] މާނަކުރެވެނީ ދީނަށް ނިސްބަތްވި ކޮންމެ މީހަކަށެވެ. އެއީ ކޮންމެ ތަނެއްގައި އެމީހަކު ވީނަމަވެސް އެމީހަކީ އުއްމަތުގެ މީހެކެވެ. ހުރިހާވެސް އެއްޗަކީ ޢަޤީދާއެވެ. ޣައިރު މުސްލިމުން އޭގެ ތެރެއަށް ނުވަދެއެވެ. ނަމަވެސް އިސްލާމީ ނިޒާމުގެ ޙިމާޔަތުގެ ދަށުގައި އުޅޭ ޣައިރު މުސްލިމުންގެ ޙައްޤުތައް އިސްލާމްދީން ރައްކާތެރިކުރެއެވެ. އިސްލާމީ ދައުލަތް ހިނގުމުގައި އެބައިމީހުންގެ ދައުރެއްނެތެވެ. އެކަމަކު ހަނި ދާއިރާއަކުން ބައެއްކަލަ، މަދަނީ އިޖުތިމާޢީ ކަންކަމުގައި އެބައިމީހުންގެ މަޝްވަރާއާއި، އެހީތެރިކަން ހޯދުމަކީ ދީން މަނާކުރާ ކަމެއްނޫނެވެ.
5-  ހުޅަނގުގެ ޑިމޮކްރަސީ އަކީ މުޅިންމެ މާއްދިއްޔަތުގެ މައްޗަށް ބިނާވެގެންވާ ނިޒާމެކެވެ. ދުންޔަވީގޮތުން ރައްޔިތުންނަށް ބާއްޖަވެރި، ހަމެޖެހޭ ދިރިއުޅުމެއް ހޯދުމަށް މި ނިޒާމު މަސައްކަތްކުރެއެވެ. އެއީ އިޤްތިޞާދީގޮތުންކަމުގައި ވިޔަސް، ސިޔާސީގޮތުން ކަމުގައި ވިޔަސް، އަދި ހަމަ އެހެންމެ އިޖުތިމާޢީ ގޮތުން ކަމުގައި ވިޔަސް މެއެވެ. ދީނަކީ މީގައި މުހިމު ކަންދޭ އަސާސެއްނޫނެވެ. ނަމަވެސް އިސްލާމީ ނިޒާމު ބާރު އަޅަނީ އެންމެހައި އިންސާނުންނަށް ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކޮށްދިނުމަށެވެ. މިހެންކަމުން ކަނޑައެޅިގެން ވަޙީ ބަސްފުޅު އައިސްފައި ނުވާ ކަންކަމުގައި އުއްމަތުގެ މަޝްވަރާ ހޯދައި ކަންތައްތައް ނިއްމުމަށް ބާރު އަޅުއްވާފައިވެއެވެ. އިސްލާމީ ވެރިކަމުން ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ.
6-  އިސްލާމީ ޝަރުޢުގައިވާ ޢާއްމު ޙައްޤުތަކާއި މިނިވަންކަން ޑިމޮކްރަސީއާ ދެގޮތަކުން ތަފާތެވެ.                              (ހ) އެ ޙައްޤުތަކަކީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އަދި ފަރުދާއި، ޖަމާޢަތުގެ މަޞްލަޙަތަށްޓަކައި ކަނޑައެޅިފައިވާ ޙައްޤުތަކެކެވެ. ޑިމޮކްރަސީގައި މިޙައްޤުތަކާއި މިނިވަންކަން ފަރުދާއިވީ ކޮޅަށް ބުރަވެފައިވާކަމަށް ބެލެވެއެވެ. މިހެންކަމުން އެނިޒާމުވަނީ ޢަދުލުވެރިކަމުގެ ތަރަހައިން ބޭރުވެފައެވެ.  
      (ށ) އިސްލާމީ ނިޒާމުގައި މިޙައްޤުތަކާއި، މިނިވަންކަން ވަނީ ޝަރީޢަތުގެ ހަމަތަކުގެ ތެރޭގައި ޤައިދުކުރެވިގެންނެއެވެ. ޑިމޮކްރަސީގައި މިއީ މުޅިން ހުޅުވާލެވިފައިވާ ޙައްޤުތަކެކެވެ. މިނިވަންކަމެކެވެ. ހުރިހާވެސް އަސާސަކީ އަނެކުންނަށް ގެއްލުމެއްނުވެއެވެ. އެމީހާގެ ފުށުން އަނެކާއަށް ދުއްތުރާ މެދުވެރި ނުވުމެވެ. މިހެންކަމުން މީގެ ދަށުން ﷲ ރުހިވޮޑިގެން ނުވާކަމެއްވެސް ކުރެވިދާނެއެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައިވަނީ އާއްމު ޙައްޤުތަކާއި މިނިވަންކަން ޝަރުޢީ ހަމަތަކުގެ ތެރޭގައި ޤައިދުކުރެވިފައެވެ. އިސްލާމީ ނިޒާމުގައި މިނިވަންކަމުގެ މުރާދަކީ ތިމާގެ އަމިއްލަ ނަފުސާއި އަނެކުންނަށް ގެއްލުމެއް ލިބިގެން ނުވާކަމެއް ކުރުމެވެ.
4- ޑިމޮކްރަސީގައި ވެރިކަން ހިނގުމުގެ ބާރަކީ، މިނިވަން މުސްތަޤިއްލު އަމިއްލަ ވަންތަ ބާރު ތަކެކެވެ. އެބައިމީހުންގެ ޤަރާރުތަކަކީ ތަންފީޒު ކުރެވޭނެ ޤަރާރުތަކެކެވެ. އެއީ އިންސާނީ އަޚްލާޤާ ގުޅުމެއްނުވާ ޤަރާރުތަކެއްކަމުގައިވިޔަސް އެއަށް އަޣްލަބިއްޔަތު ލިބިއްޖެނަމަ ފާސްވެގެން އެއަށް ޢަމަލު ކުރެވޭނެއެވެ. މިސާލަކަށް އެއްޖިންސުގެ ކައިވެނި ކުރުން ހުއްދަ ކުރާ ޤާނޫނަކަށް އަޣްލަބިއްޔަތު ލިބުމުން އެކަން ހުއްދަވާނެއެވެ. މިކަން މިގޮތަށް ހުއްދަކޮށްފައިވާ ޤައުމުތައް ހުޅަނގުގައިވެއެވެ. މިފަދަ ކަންކަމަކީ އިންސާނީ ފިޠުރަތު މުގުރާލާ ކަންކަމެވެ. ނަމަވެސް އިސްލާމީ ނިޒާމަކީ، ނުވަތަ އިސްލާމީ މަޝްވަރާގެ ނިޒާމަކީ ﷲ ގެ ޝަރީޢަތުގެ ދަށުގައިވާ ނިޒާމެކެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ﷲ ގެ ޝަރީޢަތުންނެވެ. އޭގެ އުޞޫލުތަކުންނެވެ. އޭގެ އަޚްލާޤީ ހަމަތަކުންނެވެ. ކިތައްމެ ގިނަ މީހުންގެ ރުހުންލިބުނަސް ޝަރުޢީ ދާއިރާއިން ބޭރުގައި ކަމެއް ނުކުރެވޭނެއެވެ. ކުރުމެއްނެތެވެ. އެއްވެސް ނައްޞަކާ ޚިލާފަށް މަޝްވަރާއެއް ނުކުރެވޭނެއެވެ. މީގެ ދަށުން އުޞޫލުތަކާ ތަޢާރުޟްނުވާގޮތަށް ޤާނޫނާއި، ޤަވާޢިދުތައް އެކުލަވާލުމުގެ ބާރު ލިބިގެންވެއެވެ.
މިއީ މުހިންމު ބައެއް ކަންކަމެވެ. އަދިވެސް ވަރަށް ގިނަ ތަފާތުތަކެއްވެއެވެ. އޭގެތެރޭގައި އަންހެނުން ވެރިކަމަށް ގެނައުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ޙައްދެއްނެތުމާއި، އަޚުލާޤީ މައްސަލަތައް ހުޅަނގުގެ ޑިމޮކްރަސީގައި ވެއެވެ. މިހެންކަމުން ކެރިހުރެގެން ސާބިތުކަމާއެކު ދެންނެވޭނީ ހުޅަނގުގެ ޑިމޮކްރަސީއަކީ ދިވެހިރާއްޖޭގެ މާޙައުލަށް ފެތޭއެއްޗެއް ނޫންކަމެވެ. އަޅުގަނޑުމެންގެ ޤައުމުގެ ނިޒާމު ބައްޓަން ކުރަންވާނީ ޤައުމުގެ ދީނާއި ސަޤާފަތާއި އަޚުލާޤަށް ފެތޭނޭ ގޮތެއްގެ މަތީންނެވެ. ނޫންނަމަ ޤައުމުގެ ޢިއްޒަތާއި މަޖުދު ގެއްލި ހިނގައިދާނެއެވެ.

މިލިޔުމަކީ އައްޝައިޙް އަހުމަދު ޝަހީމް އަލީ ސައީދު އަޅުގަނޑަށް ހަދިޔާކުރެއްވި "ދީނީ ހުކުމްތަކާއި ދައުލަތް" މި ފޮތުން ނަގާފައިވާ ލިޔުމެކެވެ. މިފޮތަކީ އަދި ޝާއިއު ނުކުރެވޭ ފޮތެކެވެ. އަޅުގަނޑު މިލިޔުން އާންމު ކުރުމުގެ ކުރީން މިގޮތަށް މިލިޔުން އާންމު ކުރުމުގެ އިޒްނަ ޝައިޙް ޝަހީމުގެ އަރިހުން އެދުނީމެވެ. އަދި އަޅުގަނޑަށް ވަނީ ހުއްދަލިބިފައެވެ.

1 comment:

  1. ehenvetha hulhangu ge democracy genna ulhey nasheedu ah thiya thaaeedhu kuranee!!

    ReplyDelete