ހަމައެއާއެކު ސާބިތު ހެއްކެއް ނެތި މުސްލިމުންނާމެދު ކުށްހީތައް ކުރުމާއި ދޮގު ތުހުމަތުތައް އެޅުވުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ކީރިތި ޤުރްއާނުގައި ކުށްހީތަކުން ދުރުހެލިވުމަށް އަމުރުކުރައްވާފައިވާއިރު، ކީރިތި ރަސޫލާ ﷺ ވަނީ ކުށްހީއަކީ ދޮގު ވާހަކަ ކަމުގައި ޙަދީޘްކުރައްވާފައެވެ. މުސްލިމަކު ޣައިރު މުސްލިމުންނާ އެއްވަރުކޮށް އެއްވެސް ހެއްކެއް ނެތި އޭނާއަކީ ދީނުގެ ދުޝްމަނުންނަށް މަދަދުދޭ މީހެއް ކަމުގައި ބުނެ އަޑުފެތުރުމަކީ ވަރަށް ބޭއިންސާފު ވިޔާނުދާ އަމަލެކެވެ. އަދި ބޮޑުވެގެންވާ ފާފައެކެވެ. އިސްލާމީ ޝަރީޢަތުގައި މީހެއްގެ މައްޗަށް ޙުކުމެއް ކުރެވޭނީ އެއްވެސް ޝައްކެތް މިންވަރަށް ހެއްކާއި ޤަރީނާ ހުރެގެންނެވެ.
ދީނީ ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިން ކަމަށްވުމާއެކު އެބޭކަލުންގެ އަސާސީ މަސްއޫލިއްޔަތަކީ ޙައްޤު ބަޔާންކޮށްދިނުމާއި އުއްމަތުގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމެވެ. މީހުން މެރުމަށްވުރެވެސް ފިތުނަވެރިކަން ބޮޑުވެގެންވާ ކަމަށް ޤުރްއާނުގައި އަންގަވާފައިވާއިރު، ދީން އުނގަންނައިދޭ ފަރާތްތަށް ވާންޖެހޭނީ ކަންކަމުގެ ޙަޤީޤަތް ރަނގަޅަށް ބަލައި ހޯދުމަށްފަހު ޙިކުމަތްތެރިކަމާއެކު މީސްތަކުންނަށް މަގުދައްކައިދޭ ބަޔަކަށެވެ. ވަކި ފަރުދަކާމެދު ސިޔާސީ ނުވަތަ ޖަޒުބާތީ ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށް އާންމުންގެ މެދުގައި ނަފްރަތާއި ބިރުވެރިކަން ފެތުރުމަކީ ޢިލްމުވެރިއެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫނެވެ.
ޤައުމުގެ މިނިވަންކަމާއި ދީނީ ޙިމާޔަތާއި ބިމުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ދައުލަތުގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ބޭރުގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް ދައުލަތުގެ ޤާނޫނުތަކާއި ޤައުމީ މަޞްލަޙަތާއި އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރޭގައި ހިނގާތޯ ބެލުމަކީ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެކެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ޙައްލު ހޯދަންވާނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކުގެ ތެރެއިންނެވެ. ހަވަރުގައި މަޝްހޫރު މީހަކަށް ވުމުގެ ނުބައި ނިޔަތުގައި މީހުންގެ އަބުރަށް އަރައިގަނެ ވަކި މުސްލިމަކީ ދީނުގެ ދުޝްމަނެއް ކަމުގައި ލޭބަލްކުރުމަކީ އޭގެ ސަބަބުން މުޖުތަމަޢުގައި ބައިބައިވުމާއި ފަސާދަ އުފެދޭނެ ކަމެކެވެ. އިސްލާމީ މުޖުތަމަޢެއްގެ ބަދަހިކަން ދެމިއޮންނާނީ ޢަދުލުވެރިކަމާއި ކުށްހީތަކުން ދުރުހެލިވެ މުސްލިމު އަޚާގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކާތެރިވެގެންނެވެ.

No comments:
Post a Comment