Monday, September 14, 2026

އެކަކު އަނެކެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރުން

عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ:

«لَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ»

މާނައީ: "ތިޔަބައިމީހުންގެ އެކަކު އަނެކެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރާހުށިކަމެވެ."

1. މުޤައްދިމާ

އިސްލާމް ދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާކަމެއް ފުރިހަމަ ގޮތެއްގައި އިންތިޒާމުކޮށްދޭ ޝާމިލު ނިޒާމެކެވެ. މީގެ ތެރޭގައި، އިޤްތިޞާދާއި ވިޔަފާރީގެ މުޢާމަލާތްތަކަކީ، ޢަޤީދާއާއި އަޅުކަމާ އެއްވަރަށް، ޝަރީޢަތުގެ ހަމަތަކާއި ހުދޫދުތަކުގެ ދަށަށް ފައްތާފައިވާ ދާއިރާއެކެވެ. އިސްލާމީ އިޤްތިޞާދު އެހެން އިޤްތިޞާދީ ނިޒާމުތަކާ ތަފާތުކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ، މީގައި އަޚްލާޤާއި އިޤްތިޞާދު ވަކިނުކުރެވޭ ދެ ބައި ކަމުގައި ލެއްވުމެވެ. ފައިދާ ހޯދުމުގެ މަގުތައް ހުޅުވާލެވިފައި އޮތް ނަމަވެސް، އެ ފައިދާ ހޯދޭނީ ޢަދުލުވެރި، ސާފު އަދި އަނެކާއަށް ގެއްލުން ނުދޭ ފަދައަކުންކަން ޝަރީޢަތުގައި ޝަރުޠުކޮށްފައިވެއެވެ.

މިދިރާސާގައި އަލިއަޅުވާލާނީ، ބާޒާރުގެ އަޚްލާޤިއްޔާތުގެ އެންމެ މުހިންމު އެއް އަސާސް ބަޔާންކޮށްދޭ ޙަދީޘްފުޅެއް ކަމުގައިވާ "އެކަކު އަނެކެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރުމުގެ" ޙަދީޘްފުޅުގެ މައްޗަށެވެ. މިދިރާސާގެ މަޤްޞަދަކީ، ޙަދީޘްފުޅު ރިވާވެފައިވާ ގޮތާއި މާނަ ބަޔާންކުރުމާއި، މިމައްސަލައިގައި ފިޤުހީ ޢިލްމުވެރިންގެ ބަސްފުޅުތައް ދިރާސާކުރުމާއި، މިމަނާކުރެއްވުމުގެ ފަހަތުގައިވާ ޙިކުމަތާއި ޢިއްލަތު ބަޔާންކުރުމާއި، އަދި މިއުޞޫލު ޒަމާނީ އިސްލާމީ އިޤްތިޞާދާއި ފައިނޭންސްގެ ދާއިރާއާ ގުޅުވައި ދިރާސާކުރުމެވެ. މިދިރާސާ ބިނާވެފައި އޮންނާނެ މައިގަނޑު ފިކުރަކީ، މިޙަދީޘްފުޅަކީ ހަމައެކަނި ވަކި ޙާލަތެއް މަނާކުރައްވާ އިރުޝާދެއް ނޫން ކަމާއި، މީގައި އިސްލާމީ އިޤްތިޞާދުގެ ބިންގާ ކަމުގައިވާ ޢަދުލުވެރި ވާދަވެރިކަމުގެ ފުން ފަލްސަފާއެއް އެކުލެވިގެންވާ ކަމެވެ.

2. ޙަދީޘްފުޅު ރިވާވެފައިވާ ގޮތާއި ތަޚްރީޖު

މިޙަދީޘްފުޅަކީ، ޢަބްދުﷲ ބުނު ޢުމަރު رضي الله عنهما އަދި އަބޫ ހުރައިރާ رضي الله عنه ފަދަ ޞަޙާބީ ބޭކަލުންގެ ކިބައިން، އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ (متفق عليه) ޙަދީޘްފުޅެކެވެ"2". މި ޙަދީޘްފުޅު އައިސްފައިވަނީ، ބާޒާރުގައި އޭރު ހިނގަމުންދިޔަ ބައެއް ނުޢާދިލު މުޢާމަލާތުތައް މަނާކުރައްވައި ރަސޫލުﷲ ﷺ ބަޔާންކުރެއްވި ދިގު އިރުޝާދެއްގެ ބައެއްގެ ގޮތުގައެވެ. އެ އިރުޝާދުގައި، ނަޖަޝް (ގަންނަން ނޫޅޭ މީހަކު އަގު ބޮޑުކުރުމަށްޓަކައި ފޯރި އަރުވައި ބިޑްކުރުން)، ތަލައްޤިއްރުކްބާން (ބާޒާރަށް މުދާ ފޯރުމުގެ ކުރިން ބޭރުން ދޮގު މަޢުލޫމާތު ދީގެން ގަތުން)، އަދި މިދިރާސާގައި ބަޔާންވެފައިވާ ވިޔަފާރީގެ މައްޗަށް ވިޔަފާރި ކުރުން ފަދަ ކަންކަން މަނާކުރައްވާފައިވެއެވެ"3".

ބައެއް ރިވާޔަތްތަކުގައި، ވިޔަފާރީގެ މުޢާމަލާތާ އެއްވަރަށް، ކާވެންޏަށް ދެންނެވުމުގައިވެސް މިއުޞޫލު ބަޔާންކުރައްވާފައިވެއެވެ. މިއިން އެނގިގެންދަނީ، މި އުޞޫލަކީ ހަމައެކަނި ވިޔަފާރީގައި ޚާއްޞަ ކަމެއް ނޫން ކަމާއި، މުސްލިމުންގެ ދެމެދުގައި ޙައްޤުތައް ރައްކާތެރިކުރުމުގެ ޢާންމު ބޮޑު އުޞޫލެއްގެ ބައެއް ކަމެވެ.

3. ޙަދީޘްފުޅުގެ މާނައާއި ފިޤުހީ ސޫރަ

ޙަދީޘްފުޅުގެ މާނައަކީ، ދެފަރާތެއް ދެމެދު ވިޔަފާރީގެ މުޢާމަލާތެއް އެއްބަސްވުމެއްގައި ސޮއިކުރެވި ނުވަތަ ސޮއިކުރުމުގެ (ޚިޔާރުގެ) މަރުޙަލާގައި އޮއްވައި، ތިންވަނަ މީހަކު އެމުޢާމަލާތުގެ ތެރެއަށް ވަދެ، އެއިން އެއް ފަރާތް ބާކީކޮށް، ކުރީގެ އެއްބަސްވުން ރޫޅާލައި، ތިމާއާއެކު އައު މުޢާމަލާތެއް ކުރުވަން މަސައްކަތްކުރުމެވެ. ފިޤުހީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މިމަނާކުރެއްވުމުގެ ދަށަށް ދެކަމެއް ފެތެއެވެ:

(ހ) ވިއްކުމުގެ މައްޗަށް ވިއްކުން (البيع على البيع): މީހަކު މުދަލެއް ސަތޭކަ ރުފިޔާއަށް ގަނެ، އަދި އެމުޢާމަލާތް ހިގަހިގާ ހުއްޓާ، ތިންވަނަ މީހަކު އައިސް ގަންނަ މީހާ ގާތު: "ތިޔަ މުޢާމަލާތު ބާޠިލްކުރާށެވެ. ހަމަ އެފަދަ، ނުވަތަ އެއަށްވުރެ ފެންވަރު ރަނގަޅު މުދަލެއް ތިމަން ނުވަދިހަ ރުފިޔާއަށް ވިއްކާނަމޭ" ބުނުމެވެ. ނުވަތަ އާންމު ދިވެހި ބަހުން ބުނާނަމަ "އެމީހުން މާ އަގުބޮޑުކޮށް ބިލެއް ބޮނޑިއެއް އެކިޔަނީ، މަދީފާނަން މާތާޒާ ބިލެއް ދިހަރުފިޔާ ހެޔޮކޮށް".

(ށ) ގަތުމުގެ މައްޗަށް ގަތުން (الشراء على الشراء): މީހަކު މުދަލެއް ސަތޭކަ ރުފިޔާއަށް ވިއްކައި، ޚިޔާރު މުއްދަތުގައި އޮއްވައި، ތިންވަނަ މީހަކު އައިސް ވިއްކި މީހާ ގާތު: “ތިޔަ މުޢާމަލާތު ބާޠިލްކުރާށެވެ. ތިޔަ މުދާ ތިމަން ސަތޭކަ ދިހަ ރުފިޔާއަށް ގަންނާނަމޭ” ބުނުމެވެ[4].

މުހިންމު ނުކުތާއަކީ، މި މަނާކުރެއްވުން ފެށެނީ މުޢާމަލާތު ސާބިތުވެ، އަގު އެއްބަސްވެވުމަށްފަހު ކަމެވެ. އޭގެ ކުރިން، އެއް މުދަލަކަށް އެތައް ބަޔަކު އަގު ހުށަހަޅައި ވާދަކުރުމަކީ (المساومة) އެއްވެސް މައްސަލައެއް ނެތް، ހުއްދަ ކަމެކެވެ. ފުށުއެރުން އުފެދެނީ، އެއްބަސްވުމަކާ ހަމައަށް އާދެވި، ދެ ފަރާތުގެ ދެމެދުގައި ޙައްޤެއް ޤާއިމުވުމަށްފަހު، އެ ޙައްޤު ބޭރު ފަރާތަކުން ފޭރިގަންނަން މަސައްކަތްކުރުމުންނެވެ.

4. ފިޤުހީ ޢިލްމުވެރިންގެ ބަސްފުޅުތައް

މި މައްސަލައިގައި ފިޤުހީ ޢިލްމުވެރިންގެ މެދުގައި ދެ ނުކުތާއެއް ބަޙުޘްކުރެވިފައިވެއެވެ. ފުރަތަމައީ، ޙުކުމެވެ: ޖުމްހޫރު ޢިލްމުވެރިން އިއްތިފާޤުވެލައްވަނީ، މުޢާމަލާތު ސާބިތުވުމަށްފަހު އެ ފަދައިން ފުށުއެރުމަކީ ޙަރާމް ކަމެއް ކަމުގައެވެ. މީގައި ޚިލާފެއް ނެތެވެ. ސަބަބަކީ، މީގައި މުސްލިމް އަޚާއަށް ސީދާ ގެއްލުމެއް ދިނުމާއި، ފުށުއެރުމާއި ޢަދާވާތްތެރިކަން އުފެއްދުން ހިމެނޭތީއެވެ.

ދެވަނައީ، މުޢާމަލާތުގެ ޞައްޙަކަމެވެ: ފުށުއަރައި ކުރެވުނު ދެވަނަ މުޢާމަލާތު ޞައްޙަވާނެތޯ، ނުވަތަ ބާޠިލްވާނެތޯ މި މައްސަލައިގައި ޢިލްމުވެރިން ޚިލާފުވެލައްވައެވެ. ޖުމްހޫރު (ޙަނަފީ، ޝާފިޢީ، އަދި ޙަންބަލީ މަޛްހަބުގެ ގިނަ ޢިލްމުވެރިން) ދެކެލައްވާ ގޮތުގައި، ފާފަވެރިވި ނަމަވެސް މުޢާމަލާތު ޞައްޙައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން (އަދި ޡާހިރީ މަޛްހަބުގައި) ދެކެލައްވަނީ، މަނާ ކުރެއްވި ގޮތެއްގައި ކުރެވުނު މުޢާމަލާތު ބާޠިލްވާނެ ކަމުގައެވެ[5]. މި ޚިލާފުން އެނގިގެންދާ މުހިންމު ކަމަކީ، ޢިލްމުވެރިން މި މައްސަލައާ ދޭތެރޭ ދެއްވި އަހަންމިއްޔަތެވެ.

5. މަނާކުރެއްވުމުގެ ޙިކުމަތާއި ޢިއްލަތު

މި ޙަދީޘްފުޅުގެ ފަހަތުގައި ފުން ޙިކުމަތްތަކެއް ވެއެވެ. އަޚުވަންތަކަން ރައްކާތެރިކުރުމަކީ އެންމެ ބޮޑު އެއް ޙިކުމަތެވެ؛ މުސްލިމުންގެ ދެމެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދޭ ދޮރުތައް ބަންދުކުރެއެވެ. މީހެއްގެ ސާބިތުވެފައިވާ މުޢާމަލާތެއް ބޭރު މީހަކު ފޭރިގަތުމަކީ ހިތްހަމަނުޖެހުމާއި ބައިބައިވުމުގެ އަޞްލެކެވެ.

ދެވަނައީ، ގެއްލުން މަނާކުރުމެވެ. އިސްލާމީ ޝަރީޢަތުގެ ބޮޑު ޤަވާޢިދެއް ކަމުގައިވާ «لَا ضَرَرَ وَلَا ضِرَارَ» (ގެއްލުމެއް ނުދޭ، އަދި ގެއްލުމަކަށް ބަދަލެއްވެސް ނުދޭ) ގެ އުޞޫލު މި ޙަދީޘްފުޅުން ޙިމާޔަތްކުރެއެވެ[6].

ތިންވަނައީ، ޢަޤުދުތަކުގެ ޙުރުމަތެވެ. އެއްބަސްވުންތަކާއި ޢަޤުދުތަކުގެ ސާބިތުކަމާއި ޙުރުމަތް ދެމެހެއްޓުމަކީ، «أَوْفُوا بِالْعُقُودِ» (ޢަޤުދުތައް ފުއްދާށެވެ) ގެ އިލާހީ އަމުރާ ސީދާ ގުޅިފައިވާ ކަމެކެވެ[7]. ހަތަރުވަނައީ، ބާޒާރުގެ އިތުބާރު ދެމެހެއްޓުމެވެ. މުޢާމަލާތުކުރާ ފަރާތްތަކަށް، ތިމާ އެއްބަސްވި ވިޔަފާރި ބޭރު މީހަކު ފޭރި ނުގަންނާނެ ކަމުގެ ޔަޤީންކަން ދިނުމުން، ބާޒާރުގައި ހަމަޖެހުމާއި އިތުބާރު ޤާއިމުވެއެވެ.

6. އިސްލާމީ އިޤްތިޞާދުގެ އޮނިގަނޑުގައި މި ޙަދީޘްފުޅުގެ މަޤާމު

ޢަދުލުވެރި ވާދަވެރިކަން: އިސްލާމީ އިޤްތިޞާދު ބިނާވެފައި އޮންނަނީ މިނިވަން ބާޒާރެއްގެ މައްޗަށެވެ. ވިޔަފާރިވެރިން ދެމެދު ވާދަކުރުމަކީ މަނާ ކަމެއް ނޫނެވެ. ބައެއް ފަހަރު އެއީ ބާޒާރު ދުޅަހެޔޮވެ، އަގު ޢާދިލުވުމަށް ބޭނުންވެސް ކަމެކެވެ. ނަމަވެސް މި ޙަދީޘްފުޅުން އެނގިގެންދަނީ، ވާދަވެރިކަމުގައި އަޚްލާޤީ ޙައްދެއް ވާ ކަމެވެ. ކަސްޓަމަރެއް ހޯދުމަށްޓަކައި، މުޢާމަލާތެއް ފުރިހަމަވުމުގެ ކުރިން ރަނގަޅު އަގު ހުށަހެޅުމާއި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަކީ ހުއްދަ ވާދަވެރިކަމެވެ. ނަމަވެސް، މުޢާމަލާތެއް ސާބިތުވުމަށްފަހު އެ ފޭރިގަތުމަކީ ޙަރާމް ވާދަވެރިކަމެކެވެ. މިއީ ޢަދުލުވެރި ވާދައާއި، ގެއްލުންދެނިވި ވާދައާ ދެމެދު އިސްލާމް ދީން ކުރަހާ ސާފު ރޮނގެކެވެ[8].

ރުހުމުގެ އަސާސް: ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ، ވިޔަފާރި ޙަލާލުވަނީ «تِجَارَةً عَنْ تَرَاضٍ مِنْكُمْ» (ތިޔަބައިމީހުންގެ ދެމެދުގައި ރުހުމުގައި ހިނގާ ވިޔަފާރިއެއް) ކަމުގައި ވެގެން ކަމަށެވެ. ބިރުދައްކައި ނުވަތަ ހެއްލައިގެން، ސާބިތުވެފައި އޮތް މުޢާމަލާތެއް ފޭރިގަތުމަކީ، މި ރުހުމުގެ އަޞްލާ ފުށުއަރާ ކަމެކެވެ[9].

އަޚްލާޤާއި އިޤްތިޞާދު: އިސްލާމީ އިޤްތިޞާދު ރައުސްމާލީ (Capitalist) އަދި އިޝްތިރާކީ (Socialist) ނިޒާމުތަކާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ، މީގައި އަޚްލާޤާއި އިޤްތިޞާދު ވަކިނުކުރެވުމެވެ. ފައިދާ ހޯދުމުގެ އެދުން، އަނެކާއަށް ގެއްލުންދިނުމުގެ ފުރުޞަތަކަށް ބަދަލުވެގެން ނުވާނެއެވެ[10]. މި ޙަދީޘްފުޅަކީ، ރިބާ (ފައިދާ)، ޣަރަރު (ނުޔަޤީންކަން)، ނަޖަޝް، އަދި އިޙްތިކާރު (މުދާ ފޮރުވައި ބާޒާރު ކޮންޓްރޯލްކުރުން) ފަދަ ކަންކަން މަނާކުރައްވާފައިވާ އުޞޫލުތަކުގެ ސިލްސިލާގެ ބައެކެވެ[11]. މި ހުރިހާ އުޞޫލެއްގެ މަޤްޞަދަކީ، ބާޒާރު ޢަދުލުވެރި، ސާފު، އަދި ފުށުއެރުމުން ސަލާމަތްވެފައި ބޭއްވުމެވެ.

7. ޒަމާނީ ފައިނޭންސާއި ވިޔަފާރީގައި ޢަމަލީ ސޫރަ

ވިޔަފާރީގެ އަޚްލާޤިއްޔާތު (Business Ethics): ދެ ކުންފުންޏެއް ދެމެދު އެއްބަސްވުމަކާ ހަމައަށް އާދެވިފައި އޮއްވައި، ތިންވަނަ ފަރާތަކުން ނުޢާދިލު ގޮތުގައި އެ ޑީލް ފޭރިގަތުމަކީ (unethical deal poaching)، މި އުޞޫލާ ސީދާ ފުށުއަރާ ކަމެކެވެ.

ބިޑް ކުރުމާއި ޓެންޑަރ (Tenders & Bids): ޓެންޑަރެއް އެއް ފަރާތަކަށް ދިނުމަށް ނިންމައި، ޢަޤުދު ފުރިހަމަވުމުގެ މަގުމަތީގައި އޮއްވައި، އެ ރޫޅާލުމަށްޓަކައި ބޭރުން ނުޢާދިލު ފިއްތުންތައް ކުރިމަތިކުރުމަކީ، މި ޙަދީޘްފުޅުގެ ރޫޙާ ފުށުއަރާ ކަމެކެވެ. މީގައި، ޓެންޑަރު ހުޅުވިފައި ސާބިތުވުމުގެ ކުރިން، ފެންވަރު ރަނގަޅު، އަގު ހެޔޮ ބިޑެއް ހުށަހެޅުމާ ދެމެދު ފަރަޤު ފާހަގަކުރެވެއެވެ.

ޢަޤުދުތަކުގެ ޙުރުމަތް (Sanctity of Contracts): އިސްލާމީ ފައިނޭންސްގެ އެންމެ ބޮޑު އެއް ބިންގަލަކީ ޢަޤުދުތައް ފުރިހަމައަށް ފުއްދުމެވެ. މުރާބަޙާ، އިޖާރާ، މުޝާރަކާ، އަދި މުޟާރަބާ ފަދަ އިސްލާމީ ފައިނޭންސްގެ ޢަޤުދުތަކުގައި، މި ޙަދީޘްފުޅުގެ ރޫޙު — އެއްބަސްވުމުގެ ޙުރުމަތާއި ފަރާތްތަކުގެ ޙައްޤު ރައްކާތެރިކުރުން — ފުން ގޮތެއްގައި ހިމެނިފައިވެއެވެ.

މަޤާޞިދުއްޝަރީޢާ: މި ޙަދީޘްފުޅު ސީދާ ގުޅެނީ، ޝަރީޢަތުގެ ފަސް ބޮޑު މަޤްޞަދުގެ ތެރެއިން މުދާ ރައްކާތެރިކުރުމުގެ (حفظ المال) މަޤްޞަދާއެވެ. މީހެއްގެ ޙައްޤު ފޭރިގަނެ، ބާޒާރުގައި ބައިބައިވުމާއި ފުށުއެރުން އުފެއްދުމަކީ، މި މަޤްޞަދާ ފުށުއަރާ ކަމެކެވެ[12].

އިޤްތިޞާދީ ސާބިތުކަމާއި މުޢާމަލާތުގެ ޚަރަދު: ޒަމާނީ އިޤްތިޞާދީ ނަޒަރިއްޔާތުތަކުންވެސް (institutional economics) ސާބިތުވާ ގޮތުގައި، ބާޒާރެއްގައި އިތުބާރު (trust) ދަށްވުމަކީ މުޢާމަލާތުގެ ޚަރަދު (transaction costs) މަތިވެ، އިޤްތިޞާދު ދޯދިޔާވާ ކަމެކެވެ. މި ޙަދީޘްފުޅުން، ބާޒާރުގައި އިތުބާރު ދެމެހެއްޓުމުގެ އަޚްލާޤީ ބިންގާ އަޅުއްވައިދެއްވައި، އިޤްތިޞާދު ދުޅަހެޔޮ ކުރައްވައެވެ.

8. ތަޙްލީލީ ނަޒަރެއް

މި ޙަދީޘްފުޅު ފުން ގޮތެއްގައި ބެލުމުން އެނގޭ އެއް ކަމަކީ، އިސްލާމް ދީނަކީ ވާދަވެރިކަން މަނާކުރާ ދީނެއް ނޫން ކަމެވެ. ބަދަލުގައި، އިސްލާމް ދީން ކުރާ ކަމަކީ، ވާދަވެރިކަން އަޚްލާޤީ ހަމަތަކުގެ ތެރެއަށް ފެއްތުމެވެ. ޒަމާނީ ރައުސްމާލީ ފިކުރުގައި، ފައިދާ ބޮޑުކުރުމަކީ އެންމެ އިސް މަޤްޞަދު ކަމުގައި ބައެއް ފަހަރު ބެލެވޭއިރު، އިސްލާމީ ފިކުރުގައި، ފައިދާ ހޯދުމަކީ ޢަދުލުވެރިކަމާއި އަޚުވަންތަކަމުގެ ޙައްދުތަކުގެ ދަށަށް ފައްތާފައި އޮތް ކަމެކެވެ. މި ފަރަޤު، މި ފަދަ ކުޑަ ޙަދީޘްފުޅެއްގައި ފުން ގޮތެއްގައި ބަޔާންވެފައި އޮތުމީ، ނަބަވީ އިރުޝާދުގެ ފުރިހަމަކަން ދައްކުވައިދޭ ހެއްކެކެވެ. ހަމައެއާއެކު، މި އުޞޫލުތަކަކީ ހަމައެކަނި މުސްލިމުންނަށް ފައިދާހުރި އުޞޫލުތަކެއް ނޫން ކަމާއި، ކޮންމެ ބާޒާރެއްގައިވެސް އިތުބާރާއި ސާބިތުކަން ދެމެހެއްޓުމަށް ބޭނުންވާ ޢާލަމީ ހަމަތަކެއް ކަން ފާހަގަކުރެވެއެވެ.

9. ނިންމުން

“އެކަކު އަނެކެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރުމުގެ” ޙަދީޘްފުޅަކީ، މާ ކުރު ޢިބާރާތެއްގައި ފުން މާނަތަކެއް ބަޔާންކޮށްދޭ ޙަދީޘްފުޅެކެވެ. މި ދިރާސާއިން ސާބިތުވި ގޮތުގައި، މި ޙަދީޘްފުޅަކީ ހަމައެކަނި ވަކި ޙާލަތެއް މަނާކުރައްވާ އިރުޝާދެއް ނޫނެވެ. މީގައި، އިސްލާމީ އިޤްތިޞާދު ބިނާވެފައި އޮންނަނީ ހަމައެކަނި ފައިދާ ހޯދުމުގެ ބޭނުމުގެ މައްޗަށް ނޫން ކަމާއި، އޭގެ އަޞްލު ބިންގަލަކީ ޢަދުލުވެރިކަމާއި، އަޚްލާޤާއި، އަނެކާގެ ޙައްޤު ރައްކާތެރިކުރުން ކަން އެނގިގެންދެއެވެ. މި ޒަމާނުގައި ބާޒާރުތައް ބޮޑުވެ، މުޢާމަލާތުތައް ފުޅާވެފައިވީ ނަމަވެސް، މި އަޚްލާޤީ އުޞޫލުތަކުގެ މުހިންމުކަން އެއްވެސް ވަރަކަށް ކުޑައެއް ނުވެއެވެ. ބަދަލުގައި، ދުނިޔޭގެ އިޤްތިޞާދު ދިމާވެފައިވާ އެތައް މައްސަލައެއްގެ — ފުށުއެރުމާއި، ނުޢާދިލު ވާދަވެރިކަމާއި، އިތުބާރު ގެއްލުމުގެ — ޙައްލަކީ، މި ފަދަ ނަބަވީ އަޚްލާޤީ އުޞޫލުތަކަށް އަނބުރައި ރުޖޫޢަވުން ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

 

ހަވާލާދިން މަޞްދަރުތައް

  • القرآن الكريم
  • البخاري، محمد بن إسماعيل. صحيح البخاري. كتاب البيوع
  • مسلم بن الحجاج. صحيح مسلم. كتاب البيوع
  • ابن ماجه، محمد بن يزيد. سنن ابن ماجه
  • النووي، يحيى بن شرف. المنهاج شرح صحيح مسلم بن الحجاج
  • ابن حجر العسقلاني، أحمد بن علي. فتح الباري بشرح صحيح البخاري.
  • ابن قدامة، موفق الدين. المغني
  • الشاطبي، إبراهيم بن موسى. الموافقات في أصول الشريعة
  • ابن عاشور، محمد الطاهر. مقاصد الشريعة الإسلامية
  • القرضاوي، يوسف. دور القيم والأخلاق في الاقتصاد الإسلامي. القاهرة: مكتبة وهبة
  • Chapra, M. Umer. Islam and the Economic Challenge. Leicester: The Islamic Foundation, 1992


"1"البخاري، صحيح البخاري، كتاب البيوع، باب «لا يبيع على بيع أخيه»، رقم ٢١٣٩ (عن ابن عمر رضي الله عنهما).

"2"مسلم، صحيح مسلم، كتاب البيوع، باب تحريم بيع الرجل على بيع أخيه وسومه على سومه، رقم ١٤١٢ و ١٥١٥ (عن ابن عمر وأبي هريرة رضي الله عنهم).

[3]النووي، المنهاج شرح صحيح مسلم بن الحجاج، كتاب البيوع.

[4]ابن حجر العسقلاني، فتح الباري بشرح صحيح البخاري، كتاب البيوع.

[5]ابن قدامة، المغني، كتاب البيوع.

[6]ابن ماجه، السنن، رقم ٢٣٤١؛ ومالك، الموطأ؛ وهو الحديث الثاني والثلاثون من الأربعين النووية.

[7]القرآن الكريم، سورة المائدة، الآية ١.

[8]القرضاوي، يوسف، دور القيم والأخلاق في الاقتصاد الإسلامي، القاهرة: مكتبة وهبة.

[9]القرآن الكريم، سورة النساء، الآية ٢٩.

[10]Chapra, M. Umer, Islam and the Economic Challenge, Leicester: The Islamic Foundation, 1992.

[11]مسلم، صحيح مسلم، كتاب البيوع، باب تحريم الاحتكار، رقم ١٦٠٥ («لا يحتكر إلا خاطئ»).

[12]الشاطبي، الموافقات في أصول الشريعة؛ وابن عاشور، محمد الطاهر، مقاصد الشريعة الإسلامية. 

No comments:

Post a Comment