Sunday, October 18, 2020

#

ސުންނަތާއި ދެކޮޅު ޙަމަލާތަކާއި މުސްލިމުން އެ ޙަމަލާތައް ދިފާޢުކުރިގޮތް

އިސްލާމްދީނުގެ ފުރަތަމަ މަޞްދަރު ކަމުގައި ކީރިތި ޤުރުއާން ވީފަދައިން، އެދީނުގެ ދެވަނަ މަޞްދަރު ކަމުގައިވެފައިވަނީ رسول الله صلى الله عليه وسلم ގެ ސުންނަތެވެ. މިއީ، ޤުރުއާނުގެ ޞަރީޙަ ޢިބާރާތުންނާއި އިތުރު އެކަލެގެފާނުގެ ބަސްފުޅުތަކުންނާއި، އަޞްޙާބުބޭކަލުންގެ ޢަމަލުފުޅުތަކުންނާއި ބުއްދީގެ ދަލީލުންވެސް ވަރަށް ރަނގަޅަށް ސާބިތުވާ ކަމެކެވެ. ޤުރުއާނުގައި، ﷲ އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިދިގެން ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަށް، އެއްތަނަށްވުރެ ގިނަ ތާނގައި ﷲ ވަނީ އަމުރުކުރައްވާފައެވެ. އިސްލާމް ދީނަށް ބޯލަނބާ ކިޔަމަންވާކަމަށް ބުނުމާއި، ސުންނަތުގެ ޙުއްޖިއްޔަތަށް އިންކާރުކުރުމާއި މިދެކަން އެކެއްގެ ހިތުގައި އެއްފަހަރާ ޖަމާނުވާނޭކަން ކަށަވަރެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުމެ ދިރިއުޅުމުގެ ހުރިހާކަމެއްގައިމެ ރަސޫލުﷲ صلى الله عليه وسلم ނަމޫނާއެއްކަމުގައި ބަލައިގަނެ، އެކަލޭގެފާނުގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާންޖެހޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا  މާނައީ: "ހަމަ ކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގާ ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ ގެ ޙަޟްރަތުން ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ."

قرآن އާއި سنة އާއި ދެމެދު ވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމަ އާ ދެމެދުވާ ގުޅުމެވެ. އެ ދެކަލިމަ އެކަތި އަނެކެއްޗާ ވަކިނުވާ ފަދައިން قرآن އާއި سنة ވެސް ވައްކެތް ނުކުރެވޭނެއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއަށް އީމާން ނުވާހާ ހިނދަކު އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާ ފަދައިން ޤުރުއާނާއި ސުންނަތް ޤަބޫލުކޮށް މިދެމަޞްދަރްގެ ޙުކުމްތަކަށް ތަބާނުވަނީސް އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

ޙަދީޘުގެ މަޤާމު
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘުގެ ޝަރުޢީ ޙައިޘިއްޔަތަކީ އިތުރު ބަޙުޘަކަށް، އިސްތިދުލާލަކަށް ބޭނުންވާ ވަރަށް ވުރެ ޞަރީޙަކަން ބޮޑު އެއްޗެކެވެ.
ކީރިތިޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމަ ދެމެދުގައިވާ ފަދަ ގުޅުމެކެވެ. އެދެކަލިމަ ވެސް އެކަތި އަނެކައްޗާ ވަކި ނުކުރެވޭ ފަދައިން ކީރިތިޤުރްއާނާއި ރަސޫލާގެ ސުންނަތް ވެސް ވައްކެއް ނުކުރެވޭނެއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި، އެއަށް އީމާން ނުވާހާ ހިނދަކު އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެއެވެ. ހަމަ އެގޮތަށް ކީރިތިޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސުންނަތް ޤަބޫލުކޮށް، އޭގެ ޙުކުމްތަކަށް ތަބަޢަ ނުވާނަމަ، އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. " يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّ‌سُولَ وَأُولِي الْأَمْرِ‌ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُ‌دُّوهُ إِلَى اللَّـهِ وَالرَّ‌سُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۚ ذَٰلِكَ خَيْرٌ‌ وَأَحْسَنُ تَأْوِيلًا " (سورة النساء: 59) މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ."

އަދި ވެސް މާތްﷲ ވަޙީ ކުރެއްވިއެވެ. " وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا " (سورة الحشر: 7) މާނައީ: " އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " أَلاَ إِنِّي أُوْتِيْتُ الْكِتَابَ وَمِثْلَهُ مَعَهُ " (رواه أبوداود وأحمد) މާނައީ: " ތިމަންކަލޭގެފާނަށް ކީރިތިޤުރްއާނާ އެކު އެއާ އެއްފަދަ ވެގެންވާ އެހެން އެއްޗެއް ދެއްވުނެވެ."

މިޙަދީޘުގެ ޝަރަޙައިގައި الإمام عبد العظيم المنذري ވިދާޅުވެފައި ވެއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ވަޙީގެ ޒަރީޢާއިން ދެއްވި ކިޔެވޭ ތަކެތި (އެބަހީ: ކީރިތިޤުރްއާން) އެކޭ އެއްފަދައިން ނުކިޔެވޭ ވަޙީއެއް ވެސް ދެއްވިއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސުންނަތާ އެކަލޭގެފާނުގެ ޙަދީޘެވެ."

ޙަދީޘަކީ ކީރިތިޤުރްއާނުގެ ޝަރަޙައެވެ. ކީރިތިޤުރްއާނުގައި އިޖުމާލީ ގޮތުން އައިސްފައިވާ ޙުކުމްތަކުގެ ތަފުޞީލު ބަޔާންކޮށް ދެއްވާފައި ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމެވެ. (އެކަލޭގެފާނުގެ ޙަދީޘްތަކުގައެވެ.) މާތްﷲ ވަޙީ ކުރެއްވިއެވެ. " وَأَنزَلْنَا إِلَيْكَ الذِّكْرَ‌ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُ‌ونَ " (سورة النحل: 44) މާނައީ: " އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ."

އަދި ވެސް މާތްﷲ ވަޙީ ކުރެއްވިއެވެ. " وَمَا يَنطِقُ عَنِ الْهَوَىٰ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ " (سورة النجم: 3-4 ) މާނައީ: " އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ."

الإمام البيهقي ރިވާ ކުރައްވާފައި ވެއެވެ. عمران بن حصين رضي الله عنه ޝަފާޢަތުގެ ވާހަކަ އައިސްފައިވާ ޙަދީޘެއް ވިދާޅުވެ ދެއްވުމުން، އަޑު އަހަން ތިބި މީހުންގެ ތެރެއިން މީހަކު ދެންނެވިއެވެ. ތިޔަ ވިދާޅުވާ ޙަދީޘްތަކަކީ ކީރިތިޤުރްއާނުގައި އޭގެ އެއްވެސް އަޞްލެއް ފެންނަށް ނެތް ޙަދީޘްތަކެކެވެ. އެހިނދު عمران بن حصين ވަރަށް ބޮޑަން ކޯފާވެ ވަޑައިގެން އެމީހާއަށް ވިދާޅުވިއެވެ. ކަލޭ ޤުރްއާން ކިޔެވިން ހެއްޔެވެ؟ އޭނާ އާދޭހެވެ. ދެންނެވުމުން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ ޤުރްއާނުގައި ޢިޝާ ނަމާދު ގައި ވަނީ ހަތަރު ރަކުޢަތް ކަމާއި، މަޣުރިބު ނަމާދުގައި ވަނީ ތިން ރަކުޢަތް ކަމަށާއި، ފަތިސްނަމާދު ގައި ދެ ރަކުޢަތް ކަމަށާއި، މެންދުރު ނަމާދުގައި ވަނީ ހަތަރު ރަކުޢަތް ކަމަށާއި އަދި ޢަޞްރު ނަމާދުގައި ވަނީ ހަތަރު ރަކުޢަތް ކަމުގައި އެބަ އޮތް ހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރަމެންގެ ފަރާތުން ނޫން ހެއްޔެވެ؟ އަހަރަމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުންނެވެ. ޤުރްއާނުގައި ކޮންމެ ސާޅީސް ބަކަރިއަކުން ބަކަރިއެއް ޒަކާތަށް ނެރޭށޭ އެބަ އޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ޖަމަލެއް ނެރޭށޭ އެބަ އޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ދިރުހަމެއް ނެރޭށޭ އެބަ އޮތް ހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރަމެންގެ ފަރާތުން ނޫން ހެއްޔެވެ؟ އަހަރަމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުންނެވެ. އަދި ވިދާޅުވިއެވެ. ޤުރްއާނުގައި وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ (އަދި ގެފުޅު ވަށައިގެން ޠަވާފު ކުރާ ހުށިކަމެވެ.)މިފަދައިން އައިސްފައިވާ ހިނދު، ހަތް ފަހަރު ޠަވާފުކޮށްފައި مقام إبراهيمގެ ފަހަތުގައި ދެ ރަކުޢަތް ނަމާދެއް ކުރާށޭ ވޭހެއްޔެވެ؟ ޤުރްއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވާ މިބަސްފުޅު ތިޔަބައިމީހުން އަޑު ނާހަނީ ހެއްޔެވެ؟ " وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا " މިހެން ވިދާޅުވެފައި عمران بن حصين ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނޭގޭ ކިތަށްމެ އެއްޗެއް އަހަރަމެން ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުން ލިބިގެންފައެވެ."

ކީރިތިޤުރްއާން ރައްކާތެރި ކުރައްވާނެކަން މާތްﷲ ވަނީ އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. " إِنَّا نَحْنُ نَزَّلْنَا الذِّكْرَ‌ وَإِنَّا لَهُ لَحَافِظُونَ " (سورة الحجر:9) މާނައީ: " ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ."

އަދި ވެސް ވަޙީ ކުރެއްވިއެވެ. " لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ " (سورة فصلت: 42) މާނައީ: " އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް باطل ކަމެއް ނާންނާނެތެވެ. (އެއީ) حمد ލިބިވޮޑިގެންވާ، حكيم ވަންތަރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ."

ހަމަ އެގޮތަށް މާތްﷲ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް އުއްމަތުގެ ޢިލްމުވެރިން މެދުވެރި ކުރައްވައި ރައްކާތެރި ކުރެއްވިއެވެ. އުއްމަތުގެ ބައެއް ޢިލްމުވެރި ބެއިކަލުން އެބެއިކަލުންގެ މުޅި ޙަޔާތްޕުޅު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް ރައްކާތެރިކޮށް، ދިފާޢު ކުރެއްވުމަށްޓަކައި ޤުރްބާން ކުރެއްވިއެވެ. މިކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަޞްޙާބުބެއިކަލުންނާއި ތާބިޢީބެއިކަލުންނާއި ތަބަޢަ ތާބިޢީ ބެއިކަލުންގެ ޒަމާނުއްސުރެ ޢިލްމުވެރިން ގެންދެވީ ކުރައްވަމުންނެވެ.

ނަބަވީ ސުންނަތާއި ބެހޭގޮތުން އިމާމުންގެ ބަސްފުޅުތައް:
الإمام البيهقي ރިވާ ކުރައްވާފައި ވެއެވެ. عمران بن حصين رضي الله عنه ޝަފާޢަތުގެ ވާހަކަ އައިސްފައިވާ ޙަދީޘެއް ވިދާޅުވެ ދެއްވުމުން، އަޑު އަހަން ތިބި މީހުންގެ ތެރެއިން މީހަކު ދެންނެވިއެވެ. ތިޔަ ވިދާޅުވާ ޙަދީޘްތަކަކީ ކީރިތިޤުރްއާނުގައި އޭގެ އެއްވެސް އަޞްލެއް ފެންނަށް ނެތް ޙަދީޘްތަކެކެވެ. އެހިނދު عمران بن حصين ވަރަށް ބޮޑަން ކޯފާވެ ވަޑައިގެން އެމީހާއަށް ވިދާޅުވިއެވެ. ކަލޭ ޤުރްއާން ކިޔެވިން ހެއްޔެވެ؟ އޭނާ އާދޭހެވެ. ދެންނެވުމުން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ ޤުރްއާނުގައި ޢިޝާ ނަމާދު ގައި ވަނީ ހަތަރު ރަކުޢަތް ކަމާއި، މަޣުރިބު ނަމާދުގައި ވަނީ ތިން ރަކުޢަތް ކަމަށާއި، ފަތިސްނަމާދު ގައި ދެ ރަކުޢަތް ކަމަށާއި، މެންދުރު ނަމާދުގައި ވަނީ ހަތަރު ރަކުޢަތް ކަމަށާއި އަދި ޢަޞްރު ނަމާދުގައި ވަނީ ހަތަރު ރަކުޢަތް ކަމުގައި އެބަ އޮތް ހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރަމެންގެ ފަރާތުން ނޫން ހެއްޔެވެ؟ އަހަރަމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުންނެވެ. ޤުރްއާނުގައި ކޮންމެ ސާޅީސް ބަކަރިއަކުން ބަކަރިއެއް ޒަކާތަށް ނެރޭށޭ އެބަ އޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ޖަމަލެއް ނެރޭށޭ އެބަ އޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ދިރުހަމެއް ނެރޭށޭ އެބަ އޮތް ހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރަމެންގެ ފަރާތުން ނޫން ހެއްޔެވެ؟ އަހަރަމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުންނެވެ. އަދި ވިދާޅުވިއެވެ. ޤުރްއާނުގައި "وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ" (އަދި ގެފުޅު ވަށައިގެން ޠަވާފު ކުރާ ހުށިކަމެވެ.)މިފަދައިން އައިސްފައިވާ ހިނދު، ހަތް ފަހަރު ޠަވާފުކޮށްފައި مقام إبراهيمގެ ފަހަތުގައި ދެ ރަކުޢަތް ނަމާދެއް ކުރާށޭ ވޭހެއްޔެވެ؟ ޤުރްއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވާ މިބަސްފުޅު ތިޔަބައިމީހުން އަޑު ނާހަނީ ހެއްޔެވެ؟ "وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا" މިހެން ވިދާޅުވެފައި عمران بن حصين ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނޭގޭ ކިތަށްމެ އެއްޗެއް އަހަރަމެން ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުން ލިބިގެންފައެވެ."

ނަބަވީ ސުންނަތަށް ބަލާލުމުގައި މުސްލިމުން ރައްކާތެރިވީ މިންވަރު:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސުންނަރް ރައްކާތެރި ކުރެއްވުމުގެ ގޮތުން ޙަދީޘް ރިވާ ކުރާ ރާވީންނަކީ ކޮން ކަހަލަ ބައެއްތޯ ބަލައި އަދި އެޙަދީޘް އައިސް ފައި ވަނީ ކިހިނެއް، ކޮންގޮތަކަށް އަދި ކާކުގެ ފަރާތުންތޯ ޢިލްމުވެރިން ސުވާލު ކުރައްވަން ފެއްޓެވިއެވެ. އެއީ ސުންނަތް ރައްކާތެރި ކުރެއްވުމުގެ ގޮތުންނެވެ. އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙު މުސްލިމުގެ "މުޤައްދިމާ" ގައި އަލްއިމާމު އިބްނު ސީރީންގެ އަރިހުން ނަކަލު ކުރައްވާފައިވެއެވެ. އަލްއިމާމު އިބްނު ސީރީން ވިދާޅުވިއެވެ. " لم يكونوا يسألون عن الإسناد فلما وقعت الفتنة قالوا: سموا لنا رجالكم، فيُنْظَرُ إلى أهل السنة فيُؤْخذ حديثُهم، ويُنْظَر إلى أهل البدعة فلا يؤخذ حديثهم " " އަޞްޙާބުބެއިކަލުންނަށް ޚަބަރެއް ލިބިވަޑައިގަތުމުން، އެޚަބަރުގެ ސަނަދަކީ ކޮބައިތޯއެއް ނާއްސަވައެވެ. ނަމަވެސް ފިތުނަވެރިކަން ފާޅުވުމުން ޚަބަރަކާއިގެން މީހަކު އަތުވެއްޖެ ނަމަ އެބޭކަލުން ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ތިޚަބަރު ދިން ބަޔަކު ތިމަންމެންނަށް ބުނެދޭށެވެ. އެސަނަދުގައި ވަނީ ސުންނަތް ޖަމާޢަތުގެ މީހުންނަަމަ، އެބޭަކަލުން އެޚަބަރެއް ޤަބޫލު ކުރައްވައެވެ. އަދި އެސަނަދުގައި ވަނީ ބިދުޢަވެރިންނަމަ، އެމީހުންގެ ޚަބަރުތައް އެބޭކަލުން ޤަބޫލެއް ނުކުރައްވައެވެ."

ސުންނަތާއި ދެކޮޅު ޙަމަލާތަކާއި މުސްލިމުން އެ ޙަމަލާތައް ދިފާޢުކުރިގޮތް:
އަލްއިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގެ މުޤައްދިމާގައި އިބުނު ސީރީނުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެބައިމީހުން، އެބަހީ އަޞްޙާބު ބޭކަލުން، އެޖީލުގެ ކުރީކޮޅުގައި، ޚަބަރު ގެންނަފަރާތްތަކާމެދު، އެބަހީ ޙަދީޘްގެ ސަނަދާ ބެހޭގޮތުން، ސުވާލެއް ނުކުރައްވައެވެ. ނަމަވެސް ފިތުނަވެރިކަން އުފެދުމުން ޙަދީޘް ރިވާކުރާ މީހުންނާ ބެހޭގޮތުން ސުވާލުކުރަން ފެށުނެވެ. އެބޭކަލުންގެ ގާތަށް ޚަބަރެއް އަތުވެއްޖެނަމަ އެބޭކަލުން ވިދާޅުވެތެވެ. ތިޔަ ޚަބަރު ގެނައީ ކޮންބައެއްގެ ފަރާތުންތޯ ތިމަން ބޭކަލުންނަށް ބުނެދޭ ހުށިކަމެވެ. ދެން އޭގެތެރެއިން ސުންނަތުގެ އަހުލުވެރިން ( ބިދުޢަތަކުން އެއްކިބާވެ ޤުރުއާނާއި ސުންނަތަށް ތަބަޢަވެ އުޅޭމީހުން) ރިވާކުރައްވާފައިވާ ޙަދީޘްތައް ޤަބޫލުކޮށް ބިދުޢައިގެ އަހުލުވެރިންގެ ޙަދީޘްތައް ރައްދުކޮށް ދޫކޮށްލައްވައެވެ.

ޙަދީޘް އޭގެ ސަނަދު ނެތިއްޖެނަމަ ގަބޫލެއް ނުކުރެވެއެވެ. އެހެނީ ޙަދީޘް ގަބޫލު ކުރެވޭނީ ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރެވެމުން އައިސްފައިވާ ސިލްސިލާއާއި އެކުގައެވެ. މިކަމުގެ ސަބަބުން الجرح والتعديل (ރާވީންނަށް ފާޑުކިއުން) ގެ ޢިލްމާއި ރާވީންގެ ޙަޤީޤަތް ތަކާއި ބެހޭގޮތުންނާއި އަދި މިނޫންވެސް ޙަދީޘާއި ގުޅުންހުރި ޢިލްމުތައް ފެށިގެން އައެވެ. އަދި ޙަދީޘްޢިލްމު، ފުޅާވެ ތަނަވަސްވެގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޢިލްމުތައް ފޮތްތަކުގައި ލިޔެވެން ފެށުނެވެ. އެހެން ނަމަވެސް އެއިރު ޙަދީޘު ޢިލްމު ލިޔެވިފައި ހުރީ އެހެނިހެން ޢިލްމުތަކުގެތެރޭގައި ހިމެނިގެންނެވެ. ވަކި މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައެއްނޫނެވެ. މިސާލަކަށް އުޞޫލުޢިލްމާއި ފިޤުހުޢިލްމުގެ ތެރޭގައެވެ. އަލްއިމާމު އައްޝާފިޢީ، އެކަލޭގެފާނުގެ الرسالة އާއި الأمّ މިދެފޮތުގައިވެސް ޙަދީޘު ޢިލްމާއި ބެހޭގޮތުން ލިއުއްވާފައި ވެއެވެ.

އިސްވެ ދިޔަގޮތަށް ކަންތައްތައް ހިނގަމުންގޮސް ޢުލޫމުލްޙަދީޘް މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައި ވަކިވެގެން ދިޔައީ ހިޖުރައިން ހަތަރުވަނަ ޤަރުނުގެ ތެރޭގައެވެ. މިގޮތުން ޢުލޫމުލް ޙަދީޘް އެންމެ ފުރަތަމަ ވަކި ޢިލްމެއްގެ ގޮތުގައި ނުވަތަ ވަކި ފަންނެއްގެ ގޮތުގައި ލިއުއްވި އެއްބޭކަލަކީ އަލްޤާޟީ އަބޫ މުޙައްމަދު އަލްޙަސަނުބުނު ޢަބުދުއްރަޙުމާނު ބުނު ޚައްލާދު އައްރާމުހުރްމުޒީ (360ހ) އެވެ. އެކަލޭގެފާނު ލިއުއްވި ފޮތަކީ المحدّث الفاصل بين الراوي و الواعي (އަލްމުޙައްދިޘުލްފާޞިލު ބައިނައްރާވީ ވަލްވާޢީ) އެވެ.

ހަމަކަށަވަރުން އަޞްޙާބުބޭކަލުން، އެކަލޭގެފާނު ބަޔާންކޮށްދެއްވި ހުރިހާކަމަކަށް ރައްކާތެރިވެވަޑައިގެން އޭގެފަހުން އައި ތާބިޢީ ބޭކަލުންނަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވިއެވެ. އަދި ހަމައެފަދައިން ތާބިޢީބޭކަލުންވެސް، އެބޭކަލުންގެ ފަހުންއައި ޖީލަށް އެކަލޭގެފާނުގެ ސުންނަތް ފޯރުކޮށްދެއްވިއެވެ. އަދި މިގޮތަށް ސުންނަތް ނަގުލުކުރެވެމުން އައިސް ޙަދީޘް ޢިލްމުގެ އިމާމުވެރިބޭކަލުން އެތަކެތިނެރެ ޖަމަޢަކޮށް ފޮތްތަކެއްގެ ސިފައިގައި އެކުލަވާލެއްވިއެވެ.

ސުންނަތާއި ދެކޮޅަށް ޙަމަލާތައް އައި ސަބަބާއި އޭގެ ތާރީޚު:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަޔާތްޕުޅުގައި ކީރިތިޤުރްއާން ލިއުއްވައި ރައްކާތެރި ކުރައްވަމުން ގެންދެވި ގޮތަށް އެކަލޭގެފާނުގެ ޙަދީޘް ލިޔެ، ތަދުވީން ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް އަޞްޙާބު ބެއިކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް ލިއުއްވަމުން ގެންދެވިއެވެ. މިގޮތުން عبد الله بن عمرو بن العاص ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘްތަކެއް ލިއުއްވިއެވެ. އެޙަދީޘްތައް މަޝްހޫރު ވެގެން ވަނީ " صحيفة الصادقة " ގެ ނަމުންނެވެ. މީގެ އިތުރުން ވެސް أسيد بن خضير الأنصاري އާއި جابر بن سمرة އާ އަދި އެނޫން ބެއިކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘްތައް ލިއުއްވިއެވެ.

خلفاء الراشدين ގެ ދުވަސްވަރުގައި ވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް ރަސްމީ ސިފައެއްގައި ތަދުވީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް عمر بن الخطاب ގެ ޚިލާފަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް ތަދުވީނު ކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވި ކަމަށް ތާރީޚުޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘް ތަދުވީނު ކުރުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ފެށުނީ އުމަވީ ޚަލީފާ عمر بن عبد العزيز ގެ ޚަލީފާ ކަމުގައެވެ. އެކަލޭގެފާނު މުސްލިމު ރަށްތަކުގެ ގަވަރނަރުންނަށް ލިއުއްވިއެވެ. " ތިޔަ ރަށްތަކުގެ ޢިލްމުވެރިންނަށް އަމުރު ކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަދީޘްތައް ހޯއްދަވައި ލިއުއްވާށެވެ. ހަމަކަށަވަރުން ޢިލްމުތައް ގެއްލި، ޢިލްމުވެރިން ނެތި ހިނގައިދާނެ ކަމުގެ ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ."

ސުންނަތަށް އިންކާރުކުރާ މީހުންނަށް ދެވޭ ރައްދު:
މިއީ މިގައުމުގައި ވަރަށްވެސް ބާރަށް ފެތުރެމުންދާ ފިކުރެކެވެ. އެފަދަ މީހުން ބުނާ ގޮތުގައި، ކީރިތި ޤުރުއާނާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި، ނަމަވެސް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ސުންނަތް، ޚާއްޞަކޮށް އެކަލޭގެފާނުގެ ބައެއް ޙަދީޘްފުޅުތަށް ޤަބޫލު ނުކުރެވޭ ކަމަށް ދަނީ ބުނަމުންނެވެ. މިފަދަ ބައެެއް މީހުން ބުނާ ގޮތުގައި ޙަދީޘް ފޮތްތަށް އެކުލަވާލެވިފައިވަނީ ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަ ސުވަރުގެ ވަޑައިގެންނެވިތާ އެތައް ޒަމާނެއް ވޭތުވެ ދިޔަފަހުން ކަމުގައެވެ. އަދި ރަސޫލަ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙާޔަތްޕުޅުގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވި ހުރިހާ ޙަދީޘްފުޅުތަކެއް އޭގެ ޙަޤީގީ މާނަ ނުގެއްލޭގޮތަށް އެއްވެސް ތަފާތެއް ނެތި ރިވާކުރެވެމުން އެހައި ދިގު ޒަމާނަށް ދެމިގެން އަންނައިރު އެ ރިވާކުރުމުގެ ރޮނގުގައި ހިމެނޭ އެންމެ އެއްގޮތަކަށް ބުނެފައިވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، އަދި އެކަން ބައެއް ޙަދީޘްފުޅުތަކަށް ބަލައިލުން ފެންނަ ކަމަށްވެސް ބުނެއެވެ. އަދި ބައެއް ޙަދީޘް ބަސްފުޅުތަކުގައި ބުއްދި ޤަބޫލު ނުކުރާ ކަންކަން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަ ކުރައްވާފައިވާ ކަމަށް ބުނާ ކަމަށްވެސް އެމީހުން ބުނެއެވެ. އަދި ބައެއް ޙަދީޘް ފޮތްތަކަކީ އެދުވަސްވަރުގެ ސިޔާސީ މާޙައުލުގައި އޮތް ފިތުނައިގެ ތެރޭގައި އެކުލަވާލެވުނު ފޮތްތައް ކަމުން، އޭގެ ގިނަ ފޮތްތަކުގައި ހުރި ޙަދީޘް ބަަސްފުޅުތައް އެކުލަވާލުމުގައި ސިޔާސީ ނުފޫޒު ފޯރައިފައިވުން އެކަށީގެންވާ ކަމަށާއި ނުވަތަ އެމީހުންނަށް ސިޔާސީގޮތުން ފައިދާތެކެއް ހޯދައިދެނި އުސޫލަކަށް އެކުލަވާލެވިފައިވާ ފޮތްތައް ކަމަށް ދޭހަވާ ގޮތަށްވެސް އެފަދަ މީހުން ވާހަކަ ދައްކާއުޅެވެ.

އަޅުގަނޑުމެން ބުއްދީގެ ހަމައިން ބެލިކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެނގޭ ރަސޫލުﷲ ޞައްލައްﷲ އަލައިހި ވަސައްލަމުގެ ސުންނަތާ ނުލައި އަޅުގަނޑުމެންނަކަށް އިސްލާމް ދީން ނޭނގޭނެކަމެވެ. އިސްލާމްދީނުގެ އެންމެ މުޙިއްމު ރުކުން ކަމުގައިވާ ނަމާދަށް ބައްލަވާށެވެ! ނަމާދުގެ އަދަދެއް ކަނޑައެޅިގެން ކީރިތި ޤުރުއާނުގައި އަންގަވާފައެއްނުވެއެވެ. ފަރުޟުވެގެންވަނީ ރެއާދުވާލު ފަސްނަމާދު ކަމެއް ޤުރުއާނުގައި ކަނޑައެޅިގެން އެނގޭކަށްނެތެވެ. ނަމާދުގެ ވަގުތުތަކަށް އިޝާރާތް ކުރައްވާފައިވީ ނަމަވެސް ނަމާދުގެ ޢަދަދު އެނގޭކަށްނެތެވެ. ހަމަ އެހެންމެ ފަތިސް ނަމާދުގައިވަނީ ދެރަކުޢަތްކަމާއި މެންދުރު ނަމާދުގައިވަނީ ހަތަރު ރަކުޢަތް ކަމާއި މިހެން ގޮސް ނަމާދުގެ އެންމެހައި ރަކުޢަތްތަކާއި ރުކުންތަކާއި ނަމާދުގައި ކިޔަވައި އެއްޗިއްސާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ޤުރުއާނަކުން އެނގޭކަށްނެތެވެ. މި ހުރިހާ ކަމެއްގެ ތަފްޞީލު ބަޔާންކޮށްދެއްވާފައިވަނީ ސުންނަތުގައެވެ. އެހެންވެ މާތް ﷲ ވަޙީ ކުރައްވަނީ : ﭽ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْﭼ النحل:44 މާނައީ: "ކަލޭގެފާނަށް މިޤުރުއާން ބާވާލައްވާފައި މިވަނީ މީގައިވާ އެއްޗެއް ކަލޭގެފާނު މީސްތަކުންނަށް ބަޔާންކޮށް ތަފުޞީލު ކޮށްދެއްވުމަށެވެ." އެގޮތުން ނަމާދުކުރަންވީގޮތް އަމަލީ ގޮތުން ދައްކަވައިދެއްވާ އެކަލޭގެފާނުވަނީ ޤުރުއާނުގައިވާ ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވާފައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "صَلُّوْا كَمَا رَأَيْتُمُونِي أُصَلِّي" "ތިމަންކަލޭގެފާނު ނަމާދު ކުރަނިކޮށް ތިޔަބައިމީހުން ދުއް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ." ހަމައެހެން ޙައްޖުގެ އަޅުކަމަށް ބެލިކަމުގައި ވިޔަސް، ޙައްޖުގެ އެންމެހައި ޢަމަލީ ކަންތައްތައް އެކަލޭގެފާނު ބަޔާންކޮށްދެއްވަމުން ޙަދީޘްކުރައްވާފައިވެއެވެ." خُذُوْا عَنِّي مَنَاسِكَكُمْ. ""ޙައްޖުގެ އަޅުކަން އަދާކުރާނެގޮތް ތިޔަބައިމީހުން ތިމަންކަލޭގފާނުގެ އަރިހުން ލިބިގަންނާށެވެ."

ނަބަވީ ސުންނަތަށް ތާއީދު ލިބިދޭ ދަލީލުތައް:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا

މާނައިގެ ތަރުޖަމާ : " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާ އަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ ކަމަކާއިމެދު ތިޔަބައިމީހުން ދެބަސް ވެއްޖެނަމަ، ﷲ އަށާއި ރަސޫލާ އަށް އެކަމެއް ރައްދު ކުރާށެވެ! ތިޔަބައިމީހުން ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (ސޫރަތުއް ނިސާ : 59)

އިޚްތިލާފްތަކާއި ދެބަސްވުން ފާޅުވުމަކީ އެއީ ނުވެނުދާނޭ ކަމެކެވެ. އެހެނެއްކަމަކު އެފަދަ އިޚްތިލާފީ ދެބަސްވުމަކަށް ނިމުން ގެނައުމަށްޓަކައި ރުޖޫޢަވުން އޮތީ ﷲ ގެ ފޮތަށާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތަށެވެ. މިކަން ޙަޤީޤަތަކަށްވެގެންދާނީ ޢިލްމުގެ އަހުލުވެރިން (ސުންނަތް ޖަމާޢަތުުގެ ޢިލްމުވެރިން) ގެ އަތްޕުޅުމަތިންނެވެ. އެއީ ﷲ ގެ ފޮތާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތް އެޢިލްމުވެރިންނަށް އެގޭތީއެވެ. އެހެންކަމުން، ޤުރުއާނާއި ސުންނަތުގެ އަލީގައި އެދެބަސްވުން ޙަައްލުކޮށް ނިމުމަކަށް ގެނައުމަށްޓަކައި އެމީހަކު ރުޖޫޢަވާންޖެހޭނީ ޢިލްމުވެރިންނަށެވެ.

إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ "ތިޔަބައިމީހުން ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާކަމުގައި ވާނަމައެވެ."

އެހެންކަމުން މުއުމިން އަޅާ ރުޖޫޢަވަނީ ﷲ ގެ ފޮތަށާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތަށެވެ. އޭނާ ވަކި ގޮތެއް ޤަބޫލުކުރާނީ ޞައްޙަ ދަލީލުތަކުގެ އަލީގައެވެ. ޙަޤީޤީ މުއުމިނަކީ މިއީ އެވެ. ފަހެ، މިގޮތަށް އީމާންވާ މީހާ ފިޔަވައި ދެންތިބި މީހުންނަށް ބަލާއިރު، އެބައިމީހުން ފޮތާއި ސުންނަތައް ރުޖޫޢައެއް ނުވެއެވެ. އެހެނެއްކަމަކު އެފަަދަމީހުން ރުޖޫޢަވަނީ އެބައިމީހުންގެ އަމިއްލަ ހަވާ ނަފްސަށެވެ. ތަބާ ވަނީ އަމިއްލަ 'ރަހަ' ތަކަށެވެ. ޢިލްމުވެރިންނަށް ރުޖޫޢަވުމުގެ ބަދަލުގައި އެބައިމީހުން ރުޖޫޢަވަނީ މަގުފުރެދުންތަކުގެ އަހުލުވެރިންނަށެވެ. އެފަދަމީހުން ރުޖޫޢަވަނީ ޕާޓީތަކާއި ޖަމާޢަތްތަކުގެ ޤާނޫނާއި ޤަވާޢިދަށެވެ. އަދި އެމީހުން ﷲ ގެ ފޮތަށާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތަށް ރުޖޫޢަ ނުވެއެވެ.

ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ އެއް އަސާސްކަމުގެ ޙުއްޖަތްތައް:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސުންނަތަކީ ކީރިތިޤުރްއާނަށް ފަހު، އިސްލާމީޝަރީޢަތުގެ އެންމެ މުހިއްމު އަސާސެވެ. ކީރިތިޤުރްއާނުގެ ޝަރަޙައެވެ. ކީރިތިޤުރްއާނުގައި އިޖުމާލީކޮށް އައިސްފައިވާ ޙުކުމްތަކުގެ ތަފުޞީލު ބަޔާންވެގެން ވަނީ ސުންނަތުންނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. "وَأَنزَلْنَا إِلَيْكَ الذِّكْرَ‌ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُ‌ونَ" (سورة النحل: 44) މާނައީ: " އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ."

ނަބަވީ ސުންނަތަކީ ޝަރުޢީ މަޞްދަރެއްގެ އިތުރުން ﷲގެ ވަޙީ ބަސްފުޅެއްކަމަށް ދަލާލަތުކޮށްދެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. "وَمَا يَنطِقُ عَنِ الْهَوَىٰ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ" (سورة النجم: 3-4 ) މާނައީ: " އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ."

އަދި ވެސް މާތްﷲ ވަޙީ ކުރެއްވިއެވެ. " وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا " (سورة الحشر: 7) މާނައީ: " އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " أَلاَ إِنِّي أُوْتِيْتُ الْكِتَابَ وَمِثْلَهُ مَعَهُ " (رواه أبوداود وأحمد) މާނައީ: " ތިމަންކަލޭގެފާނަށް ކީރިތިޤުރްއާނާ އެކު އެއާ އެއްފަދަ ވެގެންވާ އެހެން އެއްޗެއް ދެއްވުނެވެ."

މިޙަދީޘުގެ ޝަރަޙައިގައި الإمام عبد العظيم المنذري ވިދާޅުވެފައި ވެއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ވަޙީގެ ޒަރީޢާއިން ދެއްވި ކިޔެވޭ ތަކެތި (އެބަހީ: ކީރިތިޤުރްއާން) އެކޭ އެއްފަދައިން ނުކިޔެވޭ ވަޙީއެއް ވެސް ދެއްވިއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސުންނަތާ އެކަލޭގެފާނުގެ ޙަދީޘެވެ."

ސުންނަތުގެ ތާއީދުގައި ޖުމްހޫރު ޢިލްމުވެރިންގެ ޙުއްޖަތްތައް:
ރަސޫލާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވިއިރު އެކަލޭގެފާނު މައްޗަށް ބާވައިލއެވުނު ޤުރުއާނުގައިވާ ޙުކުމްތަށް މީސްތަކުންނަށް އުނގަންނަވައިދެއްވުމަށް ﷲ ވަނީ އެކަލޭގެފާނަށް އަމުރުކުރައްވާފައެވެ. وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ [النحل: 44] މާނައީ"ތިމަންއިލާހު ކަލޭގެފާނަށް ޤުރުއާން ބާވާލެއްވީ އޭގައިވާ އެއްޗެއް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައި ދެއްވައި ބަޔާންކޮއްދެއްވުމަށެވެ. އަދި އެބައިމީހުން ފިކުރުކުރުމަށެވެ." މިގޮތުން ރަސޫލާ صلى الله عليه وسلم ވަނީ ޤުރުއާނުގައިވާ އެންމެހައި ޙުކުމްތައް ޢަމަލީގޮތުން ދަސްކޮށްދެއްވައި ޤުރުއާނުގެ ޙުކުމް ބަޔާން ކޮއްދެއްވާފައެވެ.

މިސާލު: މުސްލިމުންގެ މައްޗަށް ޙައްޖު ފަރުޟުކުރެއްވިކަން ޤުރުއާނުގައި އަންގަވާފައިވެއެވެ. ނަމަވެސް ޙައްޖުގެ އަޅުކަން ފުރިހަމަކުރާނޭ ގޮތުގެ ތަފްޞީލު ޤުރުއާނުގައި އައިސްފައެއް ނުވެއެވެ. އަކަން އައިސްފައިވަނީ ސުއްނަތުގައެވެ. ރަސޫލާ صلى الله عليه وسلم ވަނީ ޙައްޖުގެ އަޅުކަން އަދާކުރަންވީ ގޮތް ޢަމަލީގޮތުން ދަސްކޮށްދެއްވާފައެވެ. އަދި "ތިމަންކަލޭގެފާނުގެ ކިބައިން ޙައްޖުގެ އަޅުކަން އަދާކުރާނޭގޮތް ތިޔަބައިމީހުން ލިބިގަންނާށޭ" ވެސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ ތެރޭގައި ޙަދީޘް ކުރައްވާފައިވެއެވެ.

زكاة ވެސް فرض ކުރެއްވިކަން ޤުރުއާނުގައި އައިސްފައިވެއެވެ. ނަމަވެސް ޒަކާތް ނެރެންވާ މިންވަރާއި نصاب އާއި، زكاة ނެރެންޖެހެނީ حول (އަހަރު) ހަމަވުމުންކަމާއި މިކަންކަންކަމުގެ އެންމެހައި ތަފްޞީލުތައް ޤުރުއާނުގައި އައިސްފައެއް ނުވެއެވެ. މިހުރިހާ ކަމެއްވެސް އައިސްފައިވަނީ ސުއްނަތުގައެވެ.

އަދި ކިއެއްތޯއެވެ. އިސްލާމް ދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި ނަމާދުގެ ރުކުންތަކާއި فرض ތަކާއި، ނަމާދުކުރަންވީ ގޮތުގެ ތަފްޞީލްވެސް ޤުރުއާނުގައި އައިސްފައެއް ނުވެއެވެ. އަދި ރެއަކާއިދުވާލު އަދާކުރުމަށް فرض ކުރެވިގެންވަނީ ކިތައް ނަމާދުކަމެއް ވެސް ޤުރުއާނުގައި ބަޔާންކުރެވިފައެއް ނެތެވެ. މިހުރިހާކަމެއްގެ ތަފްޞީލު އައިސްފައިވަނީ ސުއްނަތުގައެވެ. އެހެންކަމުން އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "صَلُّوْا كَمَا رَأيْتُمُوْنِي أُصَلّي"(رواه البخاري) މާނައީ"ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދުކުރާށެވެ."

ރަސޫލާ صلى الله عليه وسلم ގެ ސުއްނަތަކީ އެކަލޭގެފާނަށް ﷲ އިއްވަވާފައިވާ ވަޙީގެތެރެއިން ބައެކެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވެއެވެ. وَمَا يَنْطِقُ عَنِ الْهَوَى (٣)إِنْ هُوَ إِلا وَحْيٌ يُوحَى (٤) [سورة النجم] މާނައީ: "އެކަލޭގެފާނު (ރަސޫލާ) އަމިއްލަ އެދުންފުޅަށް ވާހަކަފުޅެއް ނުމެ ދައްކަވާމެވެ. އެކަލޭގެފާނުގެ ވާހަކަފުޅަކީ، އެކަލޭގެފާނަށް އިއްވެވޭ ވަޙީ ފިޔަވައި އެހެން އެއްޗެއްނޫނެވެ."

ﷲ ގެ ކަލާމުފުޅު ކަމުގައިވާ ކީތިރި ޤުރުއާން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ ރަސޫލާ صلى الله عليه وسلم ގެ ދޫފުޅު މަތިން ކަމުގައި ވީހިނދު، އެކަލޭގެފާނުގެ ސުންނަތަށް އީމާންނުވާ މީހާ ޙަޤީޤަތުގައި ޤުރުއާނަކަށް ވެސް އީމާންވާ ކަމުގައި ނުވެއެވެ.

ހަމައެހެންމެ، ﷲ އާއި އެކަލާނގެ ރަސޫލާ ޝަރުޢުކުރައްވާފައިވާ ޙުކުމަކާ ދެކޮޅުވެރިވުމުގެ ޙައްޤު އެއްވެސް މުއުމިނަކަށް ލިބިގެން ނުވެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالا مُبِينًا [الأحزاب:36] މާނައީ: "މުއުމިނު ފިރިހެނަކަސް އަދި މުއުމިނު އަންހެނަކަސް، ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކިގޮތަކަށް ނިޔާކަނޑައަޅުއްވައިފިނަމަ، އެކަމަކީ އެބައިމީހުންގެ ހިތް ނުރުހޭ ކަމެއްކަމުގައިވީނަމަވެސް، އެނޫންގޮތަކަށް ދުށުމުގެ އިޚްތިޔާރު އެބައިމީހުންނަށް ނުވެއެވެ. އަދި ﷲއާ އެކަލާނގެ ރަސޫލާއަށް ނުކިޔަމަންތެރިވެއްޖެމީހާ ދަންނާށެވެ! ފަހެ ބަޔާންވެގެންވާ މަގުފުރެދުމަކުން އޭނާ މަގުފުރެދިއްޖެކަން ކަށަވަރެވެ!"

ސުންނަތަކީ ޙުއްޖަތެއްނޫންކަން ސާބިތުކޮށްދެވޭތޯ ކުރާ މަސައްކަތާއި އެކަމުގެ މައްޗަށް އޮތް ރައްދު:
މާތް ނަބިއްޔާ ﷺ ގެ ސުންނަތް އަޅުގަނޑުމެނާ ހަމައަށް ފޯރާފައިވަނީ ޞަޙާބީންގެ ފަރާތުންނެވެ. އެބޭކަލުންގެ މަންހަޖަކީ ފުރިހަމައަށް އެކަލޭގެފާނުގެ އަމުރުފުޅުތަކާއި އިރުޝާދުތަކަށް ކިޔަމަންވުމެވެ. އެއީ ޤުރުއާނުގެ ތަޢުލީމުވެސްމެއެވެ. މިއީ އިސްލާމީ ތާރީޚީ ހެކިތަކުންވެސް ސާބިތުވާކަމެކެވެ. މިކަމަށް ދެކޮޅު ހަދާ މީހަކު، ޤުރުއާނުގެ މަންހަޖާއި އިސްލާމީ ތާރީޚުގެ ފަތްފުށްތައް އިތުރަށް މުތާލިޢާކުރުމަށް އަޅުގަނޑު ގޮވައިލަމެވެ. ސަބަބަކީ، ޣައިރު މުސްލިމް މުއައްރިޚުންވެސް މި ޙަޤީޤަތަށް އިޢުތިރާފުވެފައިވަތީއެވެ.

ވުމާއެކު، ޞަޙާބީންގެ މަންހަޖު މި ގޮތަށް ހުރެއްޖެނަމަ، ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ (އެންޓި-ޤުރުއާނިސްޓް) ފިރުޤައިގެ ނަޛަރިއްޔާ ބުނާގޮތުން، ޞަޙާބީންނަށް އެއޮތީ ޝިރުކުކުރެވިފައެވެ. ސަބަބަކީ، ސުންނަތަށް ބޯލަބައި ކިޔަމަންވުމާއި އެ ސުންނަތް ފަހުގެ ޖީލުތަކަށް ވާޞިލުކޮށްދިނީ އެބައިމީހުން ކަމުގައިވާތީއެވެ. އަދި ކިއެއް، އިސްލާމީ ފުރަތަމަ ތިން ޤަރުނުވެސް އެއޮތީ އެ ޝިރުކުކޮށްފައެވެ. ސަބަބަކީ، އެ ތިން ޖީލުގެ މުސްލިމުންގެވެސް މަންހަޖަކީ ޤުރުއާނާއި ސުންނަތް ކަމަށްވާތީއެވެ.

މިވަރުންވެސް، މިބައިމީހުންގެ ދަޢުވާގެ ބުޠުލާނުކަން ބުއްދީގެ ހަމަތަކުންވެސް ހާމަވެއްޖެއެވެ. އެއީ އިސްލާމީ އެންމެ ފުރަތަމަ ތިން ޖީލު، މާތް ނަބިއްޔާ ﷺ ގެ ޞަޙާބީން އަދި މި ދީން އަޅުގަނޑުމެނާ ހަމައަށް ގެނެސްދެއްވި ބޭފުޅުންނަކީ މުޝްރިކުންކަމުގައިވެއްޖެނަމަ، ދެން ސަލާމަތްވާނީ ކޮންބައެއްތޯއެވެ؟

ނަމަވެސް، ކިރިޔާވެސް ބުއްދީގެ ހަމަތައް ޤަބޫލުކުރާ ބައެއްނަމަ، މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ދެކޮޅެއް ނެހެދީސްކަން ކަށަވަރެވެ.

އެހެންކަމުން، އެބައިމީހުން އެދޭގޮތަށް، ޤުރުއާނުން އެބައިމީހުންގެ ދަޢުވާގެ ބާޠިލުކަން، މާތް ﷲ ގެ އިޛްނަފުޅާއެކު، ސާބިތުކޮށްދޭނަމެވެ.

ޞަޙާބީންގެ މަންހަޖަކީ ޤުރުއާނާއި ސުންނަތެވެ. އެއީ ޝިރުކުނަމަ މާތް ﷲ އެބޭކަލުންގެ ފާފަތަކެއް ނުފުއްސަވާނެއެވެ. އެހެނީ ތައުބާނުވެ މަރުވެއްޖެނަމަ، ޝިރުކުގެ ފާފައަކީ މާތް ﷲ ނުފުއްސަވާ ފާފައެކެވެ. މިއީ ޤުރުއާނުގެ ތަޢުލީމެވެ. އަދި ޝިރުކު ފަތުރާ މީހުންގެ ޢަޛާބު މާ ގަދަފަދަ ވާނެކަން ކަށަވަރެވެ.

ޝިރުކުކޮށް ކުފުރުވެގެންދާނީ ޞަޙާބީންގެ މަންހަޖުން އެއްކިބާވެއްޖެ ބައެކެވެ. ޞަޙާބީންގެ މަންހަޖަކީ ތައުޙީދުގެ މަންހަޖެވެ. އެބޭކަލުންނަށް ނުކުރެވުނު ތައުޙީދެއް އެތައް ޖީލެއް ފަހުން އުފެދިގެން އުޅޭ ފިރުޤައެއްގެ ބަޔަކަށް ކުރެވޭނެތޯއެވެ. ހައިރާންވާންޖެހޭ ކަމަކީ، މި ބައިމީހުން ތިމަންމެނަކީ ފިރުޤައެއްކަމަށްވެސް ނުދެކޭތީއެވެ. މިބައިމީހުން ދެކެނީ މިބައިމީހުންނަކީ އަސްލު ޞައްޙަ މަންހަޖުގައި ތިބި މުސްލިމުން ކަމަށެވެ. ޙަޤީޤަތަކީ މިއީ ފަހުގެ ޖީލެއްގައި ޞައްޙަ މަންހަޖުން އެއްކިބަވާ ވުމުގެ ސަބަބުން އުފެދިފައިވާ ފިރުޤައެއްކަމެވެ. އަދި އިސްލާމީ ޢިލްމުވެރިންވަނީ މި ފިރުޤައިގެ ނުވަތަ މި މަންހަޖުގެ ބާޠިލްކަން ބަޔާންކުރައްވާ، ކުފުރުގެ މަންހަޖެއްކަމަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ފަތުވާ ދެއްވާފައެވެ.

ޤުރުއާނިސްޓުންކަމަށް ދަޢުވާކުރިއެއްކަމަކު، ޤުރުއާނިސްޓަކަށް ނުވާނެއެވެ. ޙަޤީޤީ ޤުރުއާނިސްޓުންނަކީ، ޞަޙާބީންގެ މަންހަޖުގައި ފައިތިލަތައް ސާބިތުކޮށް ޤުރުއާނާއި ސުންނަތަށް ބޯލަބާ ކިޔަމަންވާ މުސްލިމުންނެވެ.

فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ މާނައީ: ” ފަހެ، ޙައްޤުގޮތަށްފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއް ހެއްޔެވެ؟” (ޔޫނުސް؛ 32)

ނިންމުން:
ރަސޫލުﷲ صلى الله عليه وسلم ގެ ސުއްނަތަކީ ކީރިތި ޤުރުއާން ފަދައިން އެއަށް ޢަމަލުކުރަންޖެހޭ އެއްޗެއްކަން އިސްވެ ދިޔަ ދަލީލުތަކަށް ނަޒަރުހިންގައި ފިކުރުކޮއްފި ކޮންމެ މީހަކަށް ރަނގަޅަށް އޮޅުން ފިލާނެއެވެ. ހަމައެފައިދިން އެއީ އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން މަޞްދަރެއް ކަންވެސް އެނގޭނެއެވެ. އެހެންކަމުން، ޝަރުޢީ ޙުކުމްތައް ޤުރުއާނުން ސާބިތު ކުރެވޭފަދައިން ސުންނަތުން އެކަނިވެސް ސާބިތު ކުރެވޭނެއެވެ. ފަހެ، ކަމަކާމެދު ޤުރުއާނުގައި ވަކިގޮތަކަށް އައިސްފައިނެތަސް، ސުއްނަތުން އެކަމުގެ ޙުކުމް ސާބިތުވެއްޖެނަމަ އެއީވެސް ޝަރުޢީ ޙުކުމެއްކަމުގައި ޤަބޫލުކުރަންޖެހޭނެއެވެ. މިގޮތް ޤަބޫލުނުކުރާ، އަދި މިޔަށް ޢަމަލުނުކުރާ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަދި ޤިޔާމަތްދުވަހު އެމީހަކީ ﷲ ގެ ޙަޟްރަތުގައި ދިންނަވާނޭ މީހެއް ކަމުގައި ނުވާނެއެވެ.

ހަމައެހެންމެ، ސުންނަތުގެ މާނަކަމުގައި ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ބެލެވިފައިވާ ދޭހައަކީ ހަމަކޮންމެ ސުންނަތެއް ނޫންކަމެވެ. އަދި ކީއްތޯއެވެ. އެއީ ޝަރުޢީ ޙުކުމްތަކުގެ ތެރޭގައި ހިމެނިގެންވާ "ސުންނަތް" ކަންތަކުގެ މާނައެވެ. އެ ޙުކުމްތަކަކީ، ވާޖިބު، މަންދޫބު ނުވަތަ ސުންނަތް، ޙަރާމް، މަކްރޫހް، މުބާޙު ނުވަތަ ހުއްދަ މިފަސް ބައެވެ. ނަމަވެސް رسول الله صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވާ އެންމެހައި ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އެކަލޭފާނު އިޤްރާރުކުރައްވާފައިވާ އެންމެހައި ކަންތައްތަކަކީ، ޝަރުޢީ ޙުކުމްތަކުގެ ތެރޭގައި ހިމެނޭ މަންދޫބު ނުވަތަ ކުރުން މުޞްތަޙައްބުވެގެންވާ ސުންނަތް ކަންތަކެއް ނޫނެވެ. އަދި ކީއްހެއްޔެވެ. މިއީ މުޅިން ދެ ބަހެކެވެ.

އެހެންކަމުން، ރަސޫލާ صلى الله عليه وسلم ގެ އަރިއަހުން ސާބިތުވެފައިވާ ހުރިހާ ޢަމަލުފުޅުގެ ޙުކުމަކީ އެއް ޙުކުމެއް ނޫނެވެ. މާނައީ، އެހުރިހާ ކަންތައްތަކަކީ ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލިއަސް ޢަޛާބުނުލިބޭ ކަންތައްތަކެއް ނޫނެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކުގެ ތެރޭގައި ކުރުން މުސްތަޙައްބުވެގެންވާ ސުންނަތްކަންތައްތަކެއް ހިމެނިގެންވާ ފަދައިން ވާޖިބު ކަންތައްތަކާއި ކުރުން ހުއްދަ ކަންތައްވެސް ހިމެނިގެންވެއެވެ. ހަމައެހެންމެ، އުއްމަތުގެ މީހުން އެކަލޭގެފާނަށް ތަބާވާން ނުޖެހޭ ހަމައެކަނި އެކަލޭގެފާނަށް ޚާއްޞަކުރެވިގެންވާ ކަންތައްތަކެއްވެސް އެކަލޭގެފާނުގެ ޢަމަލުފުޅުގެ ތެރޭގައި ހިމެނިގެންވޭމެއެވެ.

* * * * * * * * * * * * * * * * * * * * * * *

މަޢުލޫމާތު ނަގާފައިވާ މަސްދަރުތައް:
1. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ – 2007 ، ރައީސުލްޖުމުހޫރިއްޔާގެ އޮފީސް
2. ޞަޙީޙު ބުޙާރީ –
3. އަލީގެ މައްޗަށް އައްޔެއް 1 އިން 4 – 1991 ، ޑިޕާޓްމެންޓް އޮފް ރިލިޖިއެސް އެފެޔާސް
4. ދަރުމަ، 2010
5. މަޖްމޫޢުއް ރަސާއިލް – އައްޝައިޚް ޞާލިޙް އަލް-ފަޥްޒާން حفظه الله . ޞަފްހާ : 165 – 166
6.  الأحزاب 21
7. ނޫރުލް އިސްލާމް ވެބްސައިޓް

No comments:

Post a Comment