Tuesday, May 7, 2019

#

ރޯދައިގެ ފޮނިމީރުކަން ހެޔޮގޮތުގައި ލިބިގަނޭ

ރޯދަވެރިންގެ ތެރެއިން އާޚިރަތުގެ ބާއްޖަވެރިކަން އެދޭ މުއުމިނުންނަށް ރޯދަހިފުމުގެ ސަބަބުން މިދުނިޔޭގައިވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދެއެވެ. އެހެންކަމުން އާޚިރަތުގެ ބާއްޖަވެރިކަން އެދޭ މުއުމިނުން ބަރަކާތްތެރި ރަމަޟާންމަހާ ކުރިމަތިލަނީ ވަރަށް ވަރުގަދަ ޖޯޝަކާއި ވަރުގަދަ އަޒުމަކާއި އެކީގައެވެ. ވަރަށްފޮނި އުއްމީދުތަކަކާއި ވަރަށްބޮޑު ހިތްހަމަޖެހުމަކާ އެކުގައެވެ. ރޯދަ ހިފުމުން އެމީހުންގެ ނަފްސުތަކަށް ހިތްހަމަ ޖެހުން ލިބިދޭ ޙާލުގައެވެ.
ކުރިން ބުނެވުނު ގޮތާއި ހިލާފަށް ރޯދަހިފުމުގެ ސަބަބުން އެމީހަކު ކުރިން ކައިބޮއި އުޅުނު މީރު ކާތަކެތި ނުކެވިދާނެތީ އެކަމާ ކަންބޮޑުވާ މީހާއާއި ރޯދަ ހިފުމުގެ ސަބަބުން އެމީހަކަށް ބޯން ބޭނުންވާ ވަރަށް ސިނގެރޭޓް ނުބޮވޭނެކަމަށް ބިރުގަންނަ މީހާ އާއި، ރޯދަ ހިފުމުގެ ސަބަބުން އެމީހަކު ކުރިން ކުޅެމުންއައި ކުޅިވަރާއި މަޖަލުގެ ތެރޭގައި ނުއުޅެވި އަދި ފާޙިޟް ޢަމަލްތައް ކުރުން ހުއްޓާލަން ޖެހިދާނެތީ ހިތާމަ ކުރާމީހާއަށް ރޯދަ ހިފުމުގެ ސަބަބުން އެއްވެސް ފައިދާއެއް ނެތެވެ. 
އެފަދަ މީހުންނަކީ މާތްﷲ ފަރުޟު ކުރައްވާފައިވާ އަޅުކަންތައް އަދާކުރެވުމުން މުއުމިނުންނަށް ލިބޭފަދަ ހިތްހަމަޖެހުމާއި، އުފާވެރިކަން ލިބޭނެ ބައެއްނޫނެވެ. އެފަދަ މީހުން އަބަދުވެސް ބަލަބަލާ ތިބޭނީ ބަރަކާތްތެރި ރަމަޟާން މަސް ނުނިމިގެން ބަރަކާތްތެރި ރަމަޟާން މަސް ނިމޭނެ ދުވަހަކަށެވެ. 
އެމެރިކާގައި ވަރަށް ފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި "މުސްލިމުން އަހަރުގެ އެކިދުވަސްތަކުގައި ރޯދަ ހިފާގޮތަށް ރޯދަހިފުމަކީ ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކާއި ގޮހޮރުގެ ބަލިތަކާއި ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ ބަލިތަކާއި ހަކުރުބަލި ފަދަ ބަލިތަކުން ސަލާމަތް ވުމަށް އޮތް ރަގަނޅު ފަރުވާއެކެވެ. ހަމައެއާއި އެކު ގިނައިން ރޯދަހިފުމަކީ މުސްކުޅިވުން ލަސްކޮށްދޭ ކަމެއްވެސްމެއެވެ. މުސްކުޅިވުން ލަސްކޮށްދޭ ސަބަބަކީ ރޯދަ ހިފުމުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ބާރުކުޑަވެ އަސަރު ކުރާވަރު ކުޑަވާތީއެވެ." ދުނިޔޭގެ ކުރިއަރާފައިވާ ތަފާތު އެކި ޤައުމުތަކުގައި ރޯދަހިފުމުން ލިބ ފައިދާއަކީ ކޮބައިކަން ދެނެގަތުމަށް މިފަދަ އެތަކެއް ދިރާސާތައް ޢިލްމުވެރިން ކުރަމުންދެއެވެ. އެހުރިހާ އިލްމުވެރިންގެ ދިރާސާތަކުންވެސް ރޯދަހިފުމަކީ ވަރަށް ގިނަ ބަލިތަކުން އިންސާނުން ސަލާމަތްވާ ކަމެއްކަމަށް ސާބިތުވެއެވެ. މިހެން މިކަން ނުވާންވީ ސަބަބެއްވެސް ނެތެވެ. އިންސާނުން ހެއްދެވި ޙަކީމުވަންތަ، ކުޅަދުންވަންތަ ﷲ سُبْحَانَهُ وَ تَعَالَى ވަނީ ރޯދަ ހިފުމަކީ އިންސާނުންނަށް ފައިދާ ހުރިކަމެއްކަން އަންގަވާފައެވެ. 
ޙަޤީޤަތުގައި ޢިލްމުވެރިންގެ އިތުރު ދިރާސާތަކެއް މިކަމަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ހިތުގައި ބަލިމަޑު ކަމެއްވާ މީހަކަށް އެފަދަ ދިރާސާތަކުން އިތުރަށް ހެކިލިބިގެންދާނެއެވެ. މާތްﷲ ބަޤަރާ ސޫރަތުގެ 184 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ﴿ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴾ "އަދި ތިޔަބައިމީހުން ރޯދަހިފުމުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ." މިއާޔަތުން އެނގޭ ގޮތުގައި ރޯދަހިފުމުން ރޯދަ ހިފިމީހާއަށް ލިބިގެންދަނީ ހަމަ އެކަނި ޘަވާބެއް ނޫންކަމެވެ. ޘަވާތުގެ އިތުރުން ދުނިޔަވީ ގޮތުންނާއި އުޚުރަވީގޮތުން އެތައް ހެޔޮކަމެއްވެސް ރަގަނޅުގޮތުގައި ރޯދަހިފާމީހާއަށް ލިބިގެންދާނެއެވެ. 
މާތް ނަބިއްޔާ މުޙައްމަދު   ވަނީ ރަމަޟާން މަހުގެ އިތުރުން ޝައްވާލުމަހުގެ ހަރޯދަ އާއި ކޮންމެ މަހެއްގެ 13، 14، 15 މިތިން ދުވަހުގެ ރޯދައާއި ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދެ ދުވަހުގައިވެސް ރޯދަހިއްޕަވާފައެވެ. އަދި އެދުވަސްތަކުގައި ރޯދަ ހިފުމަށް އިސްލާމީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. ރޯދަހިފުމަކީ އެއްވެސްކަހަލަ ގެއްލުމެއް ލިބޭކަމެއްނަމަ އެކަލޭގެފާނު ރޯދަ ނުހިއްޕެވީސްކަން ކަށަވަރެވެ. نعوذ بالله 
ރޯދައިގެ ވަގުތަކީ ފަޖުރުއްޞާދުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއުމަށްދާންދެންކަމަށްވާތީ އެވަގުތުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެއެވެ. އެހެންކަމުން ރޯދަހިފުމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދެއެވެ. އެހެންކަމުން ސިގިރޭޓާއި ދުރުވުމަށް އަޒުމްކަނޑައަޅައި ރޭގަނޑުގެ ވަގުތު ތަކުގައިވެސް ސިގިރޭޓާއި ދުރުވެއްޖެނަމަ، މުޅިހަޔާތުގައި ބާކީއޮތްބައި ސިގިރޭޓާއި ނުލައި އުޅެވިދާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.

މަސްދަރު: ހިދާޔަތުގެ އަލި 2009

1 comment:

  1. އަހަރެންގެ ފިރިމީހާއަށް މިލިޔުން ދައްކާގެން، މީގައިވާ ގޮތަށް އޭނާވަނީ ސެގެރޭޓާއި ދުރުވުމަށް މަސައްކަތް ފަށާފައި. މާޝާﷲ

    ReplyDelete