Friday, June 6, 2014

#

ދިވެހިރާއްޖޭގެ ކޯޓުތަކުން އިސްލާމީ ޝަރީއަތަށް ޢަމަލުކުރަނީ ކިހާވަރަކަށް؟

ޤާނޫނުއަސާސިގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އަދި އިސްލާމްދީނަކީ
ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރެވެ. 142 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައަޅާފައި ނުވާކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށެވެ. ހަމައެއާއެކު 10 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ. އަދި 70 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނުވާނެކަމަށެވެ. އަދި ހަމައެއާއެކު ޤާނޫނުލްއުޤޫބާތުގެ 2 ވަނަ މާއްދާގައި ވާގޮތުން ދިވެހިރާއްޖޭގެ ޝަރަހައްދުގައި ތަންފީޒުކުރެވޭނީ އިސްލާމީ ޝަރީޢަތާއި ޤާނޫނުލްއުޤޫބާތުގައި ކަނޑައަޅާފައިވާ އަދަބުތަކެވެ. އަދި 15 ވަނަ މާއްދާގައި ވަނީ އަދަބުދޭންވާނީ ޤާނޫނުލްއުޤޫބާތުގައިވާގޮތަށެވެ. އޭގައި ކަމެއް ކަނޑައަޅާފައިނުވާނަމަ އިސްލާމީ ޝަރީޢަތަށެވެ.

އެހެންކަމުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ޙުކުމްކުރުމާއި އަދަބުކަނޑައެޅުމަށް ދިފައިވާ މައިގަނޑު އަސާސަކީ އިސްލާމް ދީނުގެ އަސްލުތަކާއި އިސްލާމީ ޝަރީއަތެވެ. އެކަން އިތުރަށް ސާފުވެގެންދަނީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ގޮތުންނެވެ.

"އިސްލާމްދީނުގެ އަޞްލު" ކަމުގައި ބުނެފައި އެވަނީ، ކިރިތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ޞައްކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުސޫލްތަކާއި މިދެ އަސްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ.

"އިސްލާމީ ޝަރީޢާ" ކަމަށް ބުނެފައި އެވަނީ، ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލް އަޚްވާލުއްޝަޙުޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަޙްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.

މިހެން މިކަން އޮތްނަމަވެސް ޤާނޫނުއަސާސިގެ 61 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާއިދެއްގެ ދަށުން ވިއަސް އެއްވެސް މީހަކަށް އަދަބެއްދާންވާނީ، އެ ޤާނޫނެއް ނުވަތަ އެ ޤަވާއިދަކީ އާންމުކޮށް ޝާއިރުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި 19 ވަނަ މާއްދާގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ޤާނޫނުގައި މަނާކޮށްފައި ނުވާކަމަކަށް އަދަބެއް ނުދެވޭނެއެވެ.

ހައިކޯޓުގެ ނަންބަރު 2009/HC-A/113 ޤަޟިއްޔާ ގައި (ޕްރޮސިކިއުޓަރޖެނެރަލްގެ ފަރާތުން ދަޢުވާ އުފުލާފައިވަނީ އަޙްމަދު ނަސީމްގެ މައްޗަށް ކުޑަކަމު ދިއުމުގެ ތަކެތި ފުލުހުންނަށް ނުދިނުމުން ކްރިމިނަލް ކޯޓުން މިމައްސަލައިގައި ޙުކުމްކޮށްފައިވަނީ ޤާނޫނުގައި އަދަބެއް ކަނޑައެޅިފައި ނެތުމުން އަދަބެއް ނުދެވޭނެކަމަށެވެ. އެހެންނަމަވެސް މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ޙުކުމްކޮށްފައިވަނީ ޤާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ށ) ގައި ޙައްގުތަކާއި މިނިވަންކަން ލިބިދިނުމަށް ހުރަސް ނައަޅާނެކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އިން މީހެއްގެ މައްޗަށް އަދަބެއް ކަނޑައެޅުމުގައި ހުރަހެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލްކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް 01 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކުރިއެވެ. މި ޙުކުމް ކުރުމުގައި ހައިކޯޓުގެ ނަންބަރު 2009/HC-A/310 ޤަޟިއްޔާ (ޕްރޮސިކިއުޓަރޖެނެރަލްގެ ފަރާތުން ދަޢުވާކުރި ސުލްހަތު ޢަބްދުﷲ) ގެ މައްސަލާގައި ކޮށްފައިވާ ޙުކުމުގައި ކަނޑައަޅާފައިވާ އުސޫލް ހިފެހެއްޓެވިއެވެ. އެޙުކުމުގައިވަނީ އިސްލާމްދީނުގައި ކަމެއް ކުރުމަށް ނުވަތަ ނުކުރުމުން އީޖާބީ ގޮތުން ނުވަތަ ފަރުދީގޮތުން ކަނޑައަޅާފައިވާ ކަންކަން ކުރުމަކީ ކުށެއްކަމަށެވެ.

No comments:

Post a Comment