Tuesday, May 13, 2014

#

މަރަން ހުކުމް ކޮށްފައިވާ މީހާއަށް ހުކުމްތަންފީޒު ކުރުމުގެ ކުރިން ގުނަވަންތަށް ވިއްކިދާނެބާ؟


މިރާއްޖޭގައި މަރަށް މަރު ހިފުމަށް "މަރުގެ ހުކުމް ތަންފީޒުކުރާނޭ ގޮތުގެ ޤަވާއިދު" އެކުލަވާލައި އެޤަވާއިދު ވަނީ ގެޒެޓް ކުރެވިފައެވެ. ހަމައެއާއެކު ދުވަހެއް ދުވަހަކަށް ކިޑްނީ ފެއިލްވާ މީހުންގެ އަދަދުވެސް މިދަނީ ގިނަވަމުންނެވެ. އެހެން ކަމުން މަރަން ހުކުމް ކޮށްފައިވާ މީހާ މަރުވެގެން ދިއުމުގެ ކުރީން އޭނާގެ އާއިލާއަށް އާމްދަނީއެއް ހޯދައި ދިނުމުގެ ގޮތުން ކިޑްނީ އާއި ހިތާއި ލޮލާއި އަތްފައި ފަދަ އިންޕްލާންޓް ކުރެވޭ ގުނަވަންތަށް ވިއްކާލުން ހުއްދަވާނެތޯއެވެ؟

އާއިލާއަަށް ހިތާމައެއްދީފައި ހިލޭ މަރުވެގެން ދިއުމުގެ ބަދަލުގައި ކުދިންތިބިނަމަ އެކުދީން މުއްސަދިކޮށްފައި ދިއުން މާހެޔޮކަންބޮޑެވެ. ރަސޫލާގެ ހަދީޘް ކުރައްވާފައިވޭ "ތިޔަބައިމީހުންގެ ދަރިން މީސްތަކުންނަށް ތަކުލީފަކަށްހަދައި މީހުންނަށް ސަލާންޖެހުމަށް ދޫކޮށްފައި ދިއުމަށްވުރެން، އެކުދީން މުއްސަދިކޮށްފައި ދިއުން މާހެޔޮކަން ބޮޑެވެ." މިހަދީޘްއަށް ބަލާލުމުން އެގެނީ ކުދިން މުއްސަދިކޮށްފައި ދިއުމަކީ އެންމެ ހެޔޮކަން ބޮޑު ގޮތްކަމެވެ. އެހެންކަމުން މީހަކު މަރަން ހުކުމް ކޮއްފައިވާ ހާލަތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރީން ކުދިން ޔަތީމުވެ، ބިކަވިޔަ ނުދިނުމުގެ މަޤުސަދުގައި ހުރިހާ ގުނަވަންތަކެއް ވިއްކާލުމަކީ އެންމެ ރަގަޅު ކަމެއް ކަމަށް ވެދާނެއެވެ.

އަޅުގަނޑުގެ ނަޒަރުގައި މިކަން ކުރުމަކަށް ޤާނޫނު މަނައެއްނުކުރެއެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައިވަނީ "އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަލިބިގެންމެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ." ގުނަވަންތަށް ވިއްކުމަކީ ދިވެހިރާއްޖޭގެ ޤާނޫނު މަނާކުރާކަމެއްނޫނެވެ. ކޮންމެ މީހަކަށްވެސް ގުނަވަންތަށް ވިއްކުމުގެ މިނިވަންކަން ދިވެހިރާއްޖޭގެ ޤާނޫނުން ލިބިގެންވެއެވެ. ދެންއޮތީ މިކަމަކީ  އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއްތޯ ނުވަތަ ނޫންތޯ ގެ ބަހުޘް އެވެ. މިމައްސަލައަކީ އައުމައްސަލެއް ކަމަށްވެފައި އިލްމުވެރީންގެ މެދުގައި ވަރަށް ގަދަޔަށް ބަހުޘް ކުރެވެމުންދާ މައްސަލަަކަށްވާތީ މިކަމުގައި ގިނައިލްމުވެރީން ބުރަވެވޭ ގޮތްނޭގޭ ކަމަށް އިޢުތިރާފުވަމުން މިވާހަކަ ކުރުކޮއްލަމެވެ.

އާއެކެވެ. ދަންޖައްސަން ހުކުމް ކޮށްފައިމީހާގެ ގުނަވަންތަށް ވިއްކާލެވޭގޮތް ވުމުން ލޯނެތިގެން ޤުރުއާން ނުކިޔެވިގެން އުޅުމީހާއަށް ލޮލެއް ލިބުމުން އޭނާއަށް ޤުރުއާންވެސް ކިޔެވެން ފެށުނީއެވެ. ފައިނެތިގެން ހައްޖަށް ގޮސްއަމިއްލައަށް ތަވާފު ނުކުރެވުނުމީހާއަށް ފަޔެއް ލިބުމުން އޭނާއަށް ތަވާފުވެސް ކުރެވުނީއެވެ. ރުކުންވެއްޓި އަތްވިންދާގެންދިޔަ ރާބެއަށް އަތެއްލިބުމުން އަނެއްކާވެސް އޭނާ ރުކުރާ އަރަންފެށުމުން މީހުންނަށް ރުކުރަލާ ދިޔާހަކުރުވެސް ލިބެންފެށީއެވެ. ކިޑްނީ ފެއިލްވެފައިވާ މީހާއަށް ކިޑުނީއެއް ލިބުމުން އޭނާގެ ބަލިފަސޭހަވެ އޭނާގެ ފައިދާ މުޖުތަމައުއަށް ކުރަންފަށާނެއެވެ. ޑޮކްޓަރ އަބުދުﷲ އަފީފުއަކީ މީގެ ވަރަށް ރަގަޅު މިސާލެކެވެ.

2 comments:

  1. ތިޔައީ ކުރަން ވަރަށް ރަގަޅު ކަމެއް، ތިޔަކަމަށް މަޖިލީހަށް ބިލެއް ލާން ފެނޭ

    ReplyDelete
  2. miee mulhin brad new vaahaka eh for me, but u think this is quit good idea.

    ReplyDelete