Tuesday, September 17, 2013

#

އިސްލާމީ ޝަރީއަތުގައި ޙައްދު ކަނޑައެޅިފައިވާ ޖަރީމާތަށް

ތައުރީފް:
އިސްލާމީ ޝަރީއަތަކީ މާތްﷲ އެންމެ ފަހުގެ ނަބިއްޔާ محمد صلى الله عليه وسلم މެދުވެރިކުރައްވައި، އިންސާނުން ދުނިޔެއާއި އާޚިރަތުގެ އުފަލާއި ހަމަޖެހުން އަދި އަމަން އަމާންކަމަށްޓަކައި ބާވައިލައްވާފައިވާ ފުރިހަމަ ނިޒާމެކެވެ. ހައްދުތަކަކީ ފަރުދުންނާއި ޖަމާއަތުގެ ހައްޤުތައް ބަރާބަރަށް ދޭތި ތަފާތުކުރުމެއް ނެތި ރައްކައުތެރި ކުރާ އެއްޗެކެވެ. ފަރުދުންގެ މުދަލާއި ފުރާނައާއި ފިކުރާއި ދީން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އެއީ ޖަމާޢަތުގެ ވާޖިބެކެވެ. ހަމަ އެހެންމެ މުޖްތަމައުގެ އަމަންއަމާންކަމާއި އާއްމު އަދަބުތަކާއި އަޙްލާޤަށް ގެއްލުން ލިބޭފަދަ ކަމެއް ފަރުދުންވެސް ކޮށްގެންނުވާނެއެވެ.

ޙައްދު:
ހައްދުގެ ލުޣަވީ މާނައަކީ ކަމެއް މަނާކުރުމެވެ. އުޤޫބާތްތަކަށް ހައްދޭކިޔުނީ ކުށްތަކަށް އަރައިގަތުމުން މަނާވާތީއެވެ. ޝަރީޢަތުގައި ޙައްދަކީ ވަކިކުށެއް ކޮށްފިމީހަކަށް الله تعالى ގެ ޙައްޤައްޓަކައި ޝަރީޢަތުގައި ވަކިމިންވަރު ކަނޑައަޅުއްވާފައިވާ އުޤޫބާތްތަކެވެ. ޙައްދު މިލަފުޠު ބޭނުންކުރެވެނީ ކުށްކުރުމުންދޭ އުޤޫބާތްތަކަށެވެ. މިސާލަކަށް ޒިނޭގެ ހައްދު ޤާއިމުކުރުމޭ ކިޔައެވެ.
ބައެއްއިލްމުވެރިން ވިދާޅުވަނީ ޙައްދަކީ ޝަރުޢުގައި މިންވަރު ކަނޑައެޅިފައިވާ އުޤޫބާތްތަކެކެވެ. މީގެތެރޭގައި ޙައްދާއި ޤިޞަޞްއާއި ދިޔަ ހިމެނެއެވެ. މިތިން އުޤޫބާތަކީވެސް ޝަރުޢުގައި ކަނޑައެޅިގެންވާ ކަންތަކެވެ. މިންވަރު ކަނޑައެޅިފައިވާ އުޤޫބާތެކޭ ބުނެވެނީ އެޙައްދުގެ ވައްތަރާއި މިންވަރު ޝަރުޢުގައި ކަނޑައަޅުއްވާފައިވާތީއެވެ. އަދި ޤާޟީންނާއި ވެރިންގެ މައްޗައް އޭގެ ވައްތަރާއި މިންވަރު ކަނޑައެޅުމުގެ އިޙްތިޔާރު ދެވިފައިނުވާތީއެވެ. [1]

ޙައްދު ކަނޑައަޅުއްވާފައިވާ ފާފަތައް:

1- ޒިނޭކުރުން
ޒިނޭއަކީ ކޮބައިތޯއެވެ؟ އެއީ ދެޖިންސުގެ ދެމީހަކު حلال ނޫންގޮތުގެ މަތިން ޖިންސީ ގުޅުންތައް ހިންގަމުންގޮސް އެގުޅުމުގެ އެންމެ މަތީ ހަރުފަތަށް އެރުވުމެވެ. صريح ބަހުންނަމަ خماع ވުމެވެ. ގިނަފަހަރަށް ޖިންސީގުޅުން، ހުއްދަ މަގުނުހޯދައި ވަރަށް ވިސްނައިގެން ކަމަށް ތިބެގެންވެސް ހިންގަމުން ދާނަމަ ގޮސްނިމޭނީ ޒިނޭއަކަށެވެ. ދެޖިންސުގެ މެދުގައި ހުންނަ ދަގަތްފާނުގެ ބާރަކީ ﷲ ހަމަޖައްސަވާފައިވާ قدرتى قانون މެދުވެރިކޮށްދޭ ބާރުތަކުގެ ތެރެއިން އެންމެމަތީ އެއްބާރެކެވެ. އެބާރު ދެ ޖިންސުގެ شعورއާއި މިޒާޖަށް ﷲ ލައްވާފައިވަނީ، މަތިވެރި ޙިކުމަތްތަކެއް އެއާއި ގުޅޭގޮތުން އޮވެގެންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ "[2] މާނައީ " ޒިނޭކުރާ އަންހެންމީހާއާއި އަދި ފިރިހެންމީހާއާއި ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދުޖަހާށެވެ.[3]
ހައްދުޖެހުމުގައި އޭނާގެ މޫނާއި މޭމަތި ފަދަ އޭނާގެ ރީތިކަމަށް ހުތުރުކަމެއް އަތުވެދާނެ ތަނެއްގައި ތަޅައިގެން ނުވާނެއެވެ. ޒިނޭކުރި އަންހެންމީހާ ބަލިވެއިން ކަމަށްވާނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމް ކުރާނީ ވިހާގަދަވުމަށްފަހުގައެވެ.

1. ޒިނޭއަކީ އިސްލާމްދީން ދެކޭ ގޮތުގައި ވަރަށް ނުބައި ފާޙިޝް ޢަމަލެކެވެ. މާތްﷲ ވަޙީކުރައްވަނީ " وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً "[4] އަދި ތިޔަބައިމީހުން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހައުދަހައި ނުބައި ވެގެންވެއެވެ.[5]

ޒިނޭކުރާމީހުން ބެހޭބައިތައް:
ޒިނޭކުރާމީހުން ބެހެނީ 2 ބަޔަކަށެވެ.
(ހ) މުޙްޞަނުން؛ (އެއީ ޒިނޭކުރުމުގެ ކުރިން ރަނގަޅު ކައިވެންޏެއްކޮށްފައިވާ މީހާއެވެ.)
މުޙްޞަނުންމީހާގެ ޙައްދަކީ ރަޖަމުކުރުމެވެ. އެއީ މެދުމިންވަރުގެ ހިލައިން ނުވަތަ ގަލުން އޭނާގެ ގައިގައި ތަޅާ މެރުމެވެ. މިގޮތުން ތަޅާއިރު އޭނާގެ މޫނުގައި ޖަހައިގެން ނުވާނެއެވެ. މިކަމުގެ ހެއްކަކީ މާޢިޒުއާއި ޣާމިދިއްޔާ ޒިނޭކުރި ކަމަށް އިޢުތިރާފްވުމުން ރަޖަމްކުރެއްވިއެވެ. ރަޖަމު ކުރާއިރު ފިރިހެންމީހާ ބަނދެފާ ނުވަތަ ވަޅުލާފައި ބެހެއްޓުން ހުއްދައެއް ނޫނެވެ. އަންހެންމީހާގެ އުނަގނޑުން ތިރި ވަޅުލެވިދާނެއެވެ. ރަޖަމު ކުރުމަށްފަހު އެމީހުންނާ މެދު ކަންތައް ކުރާނީ މުސްލިމުންނާމެދު ކަންތައް ކުރަން އަންގަވާފައިވާ ގޮތަށެވެ.

(ށ) ޣައިރު މުޙްޞަނުން (އެއީ ޒިނޭކުރުމުގެ ކުރިން ކައިވެންޏެއް ކޮށްފައި ނުވާ މީހާއެވެ.)
ޣައިރު މުޙްޞިނުމީހާގެ ޙައްދަކީ 100 ފަހަރުން ތަޢްޒީރުކޮށް އެއް އަހަރުގެ މުއްދަތަށް އަރުވާލުމެވެ. ނުވަތަ ބަންދުކުރުމެވެ.

2- ޤަޛްފުކުރުން
ޤަޛްފަކީ މީހެއްގެ ބޮލުގައި ސާފުބަހުން ޒިނޭގެ ކުށް އެޅުވުމެވެ. ނުވަތަ ޒިނޭއާއި ތުހުމަތު ކުރުމެވެ. ނުވަތަ އޭނާގެ ބައްޕަނޫން އެހެން މީހަކު ނިސްބަތް ކުރުމެވެ.
އިސްލާމް ދީނުގައި ޤަޛްފް މަނާ ކުރައްވާފައިވަނީ އަބުރާއި ޝަރަފު ރައްކާތެރިކޮށް ޙިމާޔަތް ކުރެއްވުމަށްޓަކައެވެ. މާތްﷲ ކީރިތި ޤުރުޢާނުގައި ވަޙީ ކުރައްވާފައިވަނީ [ وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُوْلَئِكَ هُمُ الْفَاسِقُونَ "[6] މާނައީ "އިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރާ މީހުން (އެކަމުގެ މައްޗަށް ހަތަރު ހެކީން ނުގެނައިނަމަ، ފަހެ އެބައިމީހުން އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ.

ޤަޛްފު ސާބިތުވުން:
ޤަޛްފު ޞާބިތުވާނީ 2 ފިރުހެނުންގެ ހެކިބަހުން ނުވަތަ ޤާޛިފް (ޤަޛްފުކުރި މީހާ) އެކަމަށް އިޢްތިރާފް ވުމުންނެވެ. ޤާޛިފްގެ މައްޗަށް ޙައްދު ޤާއިމް ކުރެވިއްޖެނަމަ އޭނާގެ ހެކިބަސް އޭގެ ފަހުން ޤަބޫލެއް ނުކުރެވޭނެއެވެ. މިހެކިބަސް ދެން ޤަބޫލު ކުރެވޭނީ ތަވްބާ ވުމުންނެވެ. [7]

3- ރާބުއިން
ރާބުއިމާއި މަސްތުވާ ތަކެތީގެ ބޭނުންކުރުން ޙަރާމް ކުރައްވާފައިވަނީ ބުއްދީއާއި ފުރާނައާއި އަބުރާއި މުދާ ރައްކާތެރިކުރެއްވުމަށްޓަކައެވެ.
މާތްﷲ ކީރިތި ޤުރުޢާންގައި ވަޙީކުރައްވަނީ: " يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ" [8] މާނައީ " އޭއީމާންވީ މީހުންނޭވެ! ހަމަކަށަވަރުން ރާއާއި ޖުވާކުޅުމާއި އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބުހުރި ގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރުކަންތަކެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާއި ދުރުވެ ގަންނާށެވެ. އެއީ ތިޔަބައިމީހުން ދިންނަވާ ނަސީބު ލިބުމަށްޓަކައެވެ." އަދި ކީރިތި ރަސޫލާގެ ޙަދީޘް ކުރައްވަނީ " مد من ا لخمر كعا بد و ثن" " ރާބުއިން އާދަކޮށްފައިވާ މީހަކީ ބުދަށް އަޅުކަން ކުރާފަދަ މީހެކެވެ."
ރާ ބުއިމީހާގެ މައްޗަށް ޙައްދު ޤާއިމް ކުރުމާ މެދު ދަންނަ ބޭކަލުންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. އެބޭކަލުންގެ ޚިޔާލުތަފާތުވެފައިވަނީ ޙައްދުގެ މިންވަރާމެދުގައެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ޙައްދުގެ މިންވަރަކީ 40 އެތިފަހަރު ޖެހުމެވެ. ނަމަވެސް ގިނަ ބޭކަލުން ވިދާޅުވަނީ 80 ފަހަރު ޖެހުމެވެ.

ރާބުއިކަން ސާބިތުވުން:
ރާބުއިމީހާގެ މައްޗަށް ޙައްދު ވާޖިބުވަނީ އެކަންކުރި މީހާ އެކަމަށް އިޢުތިރާފް ވިނަމައެވެ. ނުވަތަ ދެފިރިހެނުންގެ ހެކިބަހުން އެކަން ސާބިތުވި ނަމައެވެ. އަދި އެމީހަކީ ބާލިޣުވެފައިހުރި، ބުއްދި ސަލާމަތުންހުރި، ރާބުއިމަކީ ޙަރާމްކަމެއްކަން ދަންނަ ފުރިހަމަ އިޚުތިޔާރުގައި އެކަން ކުރި މީހަކަށް ވާނަމައެވެ.[9]

4- ވައްކަންކުރުން
ވައްކަންކުރުމަކީ އެއްޗެއް ހުންނަންވީ ތަނެއްގައި ރައްކައުތެރި ގޮތުގައި ހުއްޓާ ސިއްރުން އެހެން މީހެއްގެ މުދަލެއް ނެގުމެވެ. ވައްކަންކުރާ މީހާގެ އަތްކަނޑަން ޖެހެނީ ޝަރުތުތަކަކާއި ލައިގެންނެވެ. ވައްކަންކުރުމަކީ ﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެކެވެ. އެކަންކުރާ މީހުންނަށް ދީނުގައި ނުހަނު ބޮޑު ޢުޤޫބާތް ކަނޑައަޅުއްވާފައި ވެއެވެ. މާތްﷲ ވަހީކުރައްވަނީ " وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ وَاللّهُ عَزِيزٌ حَكِيمٌ "[10] މާނައީ "ވައްކަންކުރާ ފިރިހެނާ އާއި ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ ތިޔަބައިމީހުން އެދެމީހުންގެ އަތްތައްބުރިކުރާށެވެ. އެއީ އެދެމީހުން ކުޅަކަންތަކުގެ ޖަޒާ އަކަށް ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ."

ވައްކަންކުރުމަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގެއްލުންބޮޑު ކަމެކެވެ. ވައްކަންކުރާމީހާ މިނުބައި ޢަމަލުކުރާއިރު އޭނާއަކީ މުއުމިނެއް ކަމުގައި ނުވެއެވެ. ކީރިތި ރަސޫލާ محمد صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. لايزنى الز انى حين يزنى وهو مو من ولايسرق السارق حين يسرق وهو مومن (متفق عليه) މާނައީ: "ޒިނޭކުރާމީހާ ޒިނޭކުރާ ހިނދު އޭނާ މުއުމިނަކު ކަމުގައި ވެހުރެ ޒިނޭއެއް ނުކުރެއެވެ. އަދި ވައްކަންކުރާމީހާ ވައްކަންކުރާ ހިނދު އޭނާ މުއުމިނަކު ކަމުގައިވެހުރެ ވައްކަމެއް ނުކުރެއެވެ." މިބަސްފުޅުންވެސް އެނގޭ ގޮތުގައި ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ޒިނޭކުރުމާއި ވައްކަންކުރުމުގެ ނުބައިކަން ބޮޑުކަން ހާމަވެއެވެ. އެހެނީ މުއުމިނަކު ކަމުގައިވާ ޙާލު މީހަކު ޒިނޭއެއް ނުކުރާނެއެވެ. އަދި ވައްކަމެއްވެސް ނުކުރާނެއެވެ. ވީމާ މިނުބައި އަމަލުކުރާއިރު އެކަންކުރާ މީހެއްގެ ކިބައިން އީމާންކަން ނެތިގެން ދާނެއެވެ. ހަމަ އެހެންމެ ވައްކަންކުރުމުގައި އިޖްތިމާޢީ ގެއްލުންތައްވެސް ގިނަގުނައެވެ.[11]

ވައްކަންކުރިކަން ސާބިތުވުން:
ވައްކަންކުރިިކަން ސާބިތުވާނީ އެކަންކުރި މީހާ އެކަމަށް އިޢުތިރާފް ވިނަމައެވެ. ނުވަތަ އަދުލުވެރި އިންޞާފުވެރި ދެހެކިވެރިންގެ ހެކިބަހުން އެކަން ސާބިތުވި ނަމައެވެ.

ވައްކަންކުރުމުން އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އުޤޫބާތްތައް:
ވައްކަންކުރުން ހުއްޓުވުމަށް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އުޤޫބާތްތަކަކީ އެކަމާމެދު ބިރުވެތިވެ ޖެހިލުންވާންޖެހޭ ފަދަ ކަމެކެވެ. އިންސާނެއް އަތުގެ އަގަކީ 500 ދީނާރުކަމުގައި އިސްލާމީ ޝަރީއަތުގައި ލައްވާފައިވާއިރު މިމަތިވެރި ބޭނުންބޮޑު ގުނަވަނުގެ އަގުވަޒަން ނުކޮށް އެއަތުން ކުރުމަށް ﷲ ނަޙީކުރައްވާފައިވާ ފާފައެއް ކަމުގައިވާ ވައްކަންކުރުމުގެ ސަބަބުން އަތްކަނޑާލެވެނީ ގާތްގަނޑަކަށް 100 ވަރަކަށް ރުފިޔާގެ ބަދަލުގައެވެ. މިއިން ދޭހަވަނީ ﷲ ދެއްވި މިއަގުބޮޑު ނިޢުމަތަށް ކުފުރުވެރިވުމުގެ ގެއްލުން ބޮޑުކަމެވެ. އަދި ކޮބައިތޯއެވެ؟ ވައްކަންކުރާމީ އެއްމެ 4/1 ދީނާރުގެ އަގުހުރި އެއްޗެއް ވަގަށް ނެގުމުގެ ސަބަބުން އޭނަގެ މުޅިހަޔާތަށް އޭގެ އަސަރު ކުރުވަނިވި ގޮތުގައި އޭނާގެ އަތާ ވަކިވާން ޖެހުމަކީ ﷲގެ ކޯފާއާއި ލަޢުނަތް ރައްދުވާ ކަމެކެވެ. ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައި ވެއެވެ. "ވައްކަންކުރާމީހާގެ މައްޗަށް ﷲ ގެ ލައުނަތްހުއްޓެވެ. އޭނާ ދަގަނޑު އުނޑައެއް ވަގަށް ނެގުމުން އޭނާގެ އަތްކެނޑެއެވެ. އަދި އޭނާ ވާބުރިއެއް ވަގަށް ނެގުމުން އޭނާގެ އަތްކެނޑެއެވެ."[12]

މީހަކު ވައްކަމެއް ކޮށްފިނަމަ އޭނާގެ އަތްކެނޑޭނެއެވެ. ފުރަތަމަ ކަނޑާނީ ކަނާއަތެވެ. އަތްކަނޑާނީ ކުޑަހުޅުންނެވެ. އަތްކެނޑުމަށްފަހު ބޭސްފަރުވާކޮށްގެން އަތުގެ ބާކީބައި ސަލާމަތްކުރަންވާނެއެވެ. ދެވަނަ ފަހަރަށް ވައްކަންކޮށްފިނަމަ ކަނޑާނީ އޭނާގެ ވާތުފައެވެ. ކަނޑާނީ ތަނބިކަށީގެ ހުޅުންނެވެ. އެއަށްފަހު އަނެއްބަޔަށް ފަރުވާކޮށް ލޭމަނާކުރަންވާނެއެވެ.[13]

އިސްލާމްދީނުގައި ވައްކަންކުރާ މީހުންގެ މައްޗަށް މިހާބޮޑު އުޤޫބާތެއް ކަނޑައަޅުއްވާފައި މިވަނީ ވަރަށް މަތިވެރި މަޤުޞަދެއްގައެވެ. މިފަދަ އުޤޫބާތެއް ނެތްނަމަ އިންސާނުންއޭގެ ކުރިމަތީ ތަސްލީމްކުރާނޭ ޙައްދެއް ނެތުނީހެވެ.[14]

ޔައުޤޫބުގެފާނާއި އެކަލޭގެފާނުގެ ބޭފުޅުންގެ ޒަމާނުގައި ވައްކަންކުރި މީހާ އަޅަކަށް ހެދެއެވެ. މޫސާގެފާނުގެ ޝަރީޢަތުގައި ވައްކަން ކުރާ މީހާގެ އަދަބަކީ އަތް ކެނޑުމެވެ.[15]

5- އަލްޙަރާބާ (މަގުފޭރުން)
މަގުފޭރުމަކީ މީހުން އުޅޭ ހިސާބާ ދުރުތަނެއްގައި، މީހަކު ނުވަތަ ބަޔަކު ހަތިޔާރު ހިފައިގެންތިބެ، އެހިސާބުން ދާބަޔަކަށް ބިރުދެއްކުން ނުވަތަ ބިރުދައްކައިގެން މުދާފޭރުން ނުވަތަ މީހުން މެރުން، ނުވަތަ މީހުން މެރުމާއިއެކު މުދާ ފޭރިގަތުމެވެ.
މިއީ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ޙަރާމްކަމެކެވެ. " إِنَّمَا جَزَاء الَّذِينَ يُحَارِبُونَ اللّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَادًا أَن يُقَتَّلُواْ أَوْ يُصَلَّبُواْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ " [16] މާނައީ " ﷲ އާއި އެކަލާނގެ ރަސޫލާއާއި ހަނގުރާމަކޮށް އުޅޭމީހުންނާއި އަދި ބިމުގައި ފަސާދަކުރުމަށް މަސައްކަތްކޮށް އުޅޭ މީހުންގެ ޖަޒާއަކީ، އެބައިމީހުން މެރުމާއި ޞަލީބުކުރުމާއި ނުވަތަ ތަފާތުކޮށް އެބައިމީހުންގެ އަތާއިފައިބުރިކުރުމާއި ދުރުރަށަކަށް ފޮނުވާލުންކަން ކަށަވަރެވެ. އެއީ އެބައިމީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އެބައިމީހުންނަށް އާޚިރަތުގައި ބޮޑުވެގެންވާ ޢަޒާބު ޙުއްޓެވެ.

މަގުފޭރޭ މީހުންނަށް އޮތް އުޤޫބާތް:

ޞަލީބަށް އެރުވުން؛ (އެއީ މީހުން މަރައި، އެމީހުންގެ މުދާ ފޭރޭމީހުންގެ ޙައްދަކީ، ގަތުލުކުރުމަށްފަހު، ހިނަވައި ކަފުންކޮށް ކަށުނަމާދު ކުރުމަށްފަހު، ތިންދުވަސްވަންދެން ޞަލީބަށް އެރުވާފައި ބެއިތިއްބުމެވެ.
ޤަތުލުކުރުން؛ (ހަމައެކަނި މީހުންމަރާ މީހުންގެ ހައްދަކީ، އެމީހުން ޤަތުލްކުރުމެވެ.)
އަތްފައި ހުރަސްކޮށް ކެނޑުން؛ (މީހުން ނުމަރައި މުދާ ފޭރޭ މީހުންގެ ހައްދަކީ އަތްފައި ހުރަސްވާ ގޮތަށް (ކަނާތާއި، ވާތުފައި) ކެނޑުމެވެ. " ފޭރިގަތް މުދަލުގައި ވައްކަމުގެ ނިޞާބު ހަމަވުމަކީ ޝަރުތެކެވެ.")
އަރުވާލުން (ތައުޒީރު)؛ (ހަމައެކަނި ބިރުދައްކާ މީހުންގެ ހައްދަކީ حكم އަށް ފެންނަ ތައުޒީރީ އަދަބެކެވެ. އެއީ އަރުވާލުން، ނުވަތަ ޖަލަށްލުން، ނުވަތަ ގޭގައި ބަންދުކުރުންފަދަ އަދަބެކެވެ.) [17]

6- މުރުތައްދުވުން
މުރުތައްދުވުމަކީ ކުފުރުގެ ނިޔަތަކުން ނުވަތަ ބަހަކުން ނުވަތަ ޢަމަލަކުން ވިޔަސް އިސްލާމްދީނުން ބޭރުވުމެވެ. މިސާލަކަށް ﷲ ވޮޑިގެންނުވާކަމަށް އިޢްތިޤާދްކުރުން ނުވަތަ ﷲއާއި ރަސޫލާއަށް އެއްޗެހި ގޮވުން ނުވަތަ ދީނުގައި ކަނޑައެޅި އެންމެންނަށް އެނގިފައިވާ ބޮޑެތި މައިގަނޑު ކަންތައްތަކުގެތެރެއިން ކަމަކާ ދެކޮޅު ހެދުން ނުވަތަ ބުދަށް ސަޖިދަކުރުން ފަދަ ކަމެއް ހިނގުމެވެ.
މުރުތައްދުވީ މީހާގެ ހުކުމް:
މުރުތައްދުވީ މީހާ ތިންފަހަރުމަތިން ވަކިވަކިން ތަވްބާވޭތޯ ނަޞޭހަތް ދިނުމަށްފަހު ތައުބާ ނުވެއްޖެނަމަ މަރާނީއެވެ. މުރުތައްދުވީ މީހާގެ ހައްދަކީ މެރުންކަން އެނގެނީ ރަސޫލުﷲ ގެފާނުގެ ޒަމާނުގައި އުއްމު މަރްވާން ނަމަކަށް ކިޔާ އަންހެނަކު މުރުތައްދުވުމުން އޭނާ ތަވްބާވޭތޯ ބަލައި ތަވްބާ ނުވުމުން މެރުމަށް އަމުރުކުރައްވާފައި ވާތީއެވެ. މިއަންހެން ކަނބުލޭގެ އިސްލާމް ނުވުމުން މެރިކަމަށް ތާރީޚުން އެނގެއެވެ. މީގެ އިތުރަށް ރަސޫލާގެ ބަސްފުޅަކީ "من يد ل د ينه فا قتلوه" އެމީހެއްގެ ދީން ބަދަލުކޮށްފި މީހާ ތިޔަބައިމީހުން ފަހެ އެމީހާ މަރާހުށިކަމެވެ! [18]
މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ"[19] މާނައީ " އަދި އެމީހެއްގެ ދީނެއްކަމުގައި އިސްލާމްދީންނޫން އެހެންދީނެއް އިޚްތިޔާރު ކޮށްފިމީހާގެ ކިބައިން އެކަން ޤަބޫލުނުކުރެވޭނެއެވެ. އަދި އެމީހާ ޤިޔާމަތްދުވަހުން ވާހުށީ ބޮޑުވެގެންވާ ގެއްލުމެއްގެ ތެރޭގައެވެ."

7- ބަޣާވާތްކުރުން

ބަހުގެ ގޮތުން ބަޣާވާތަކީ އަނިޔާވެރިން، ޙައްޤުންއެއްކިބާވުން މިއެވެ. ޝަރީއަތުގައި ބަޣަވާތަކީ ޢަދުލުވެރިއެއްގެ ކިޔަމަންތެރިކަމުގެ ދަށުން ނުކުތުމެވެ.

1. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ فَإِن فَاءتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ "[20] މާނައީ " މުއުމިނިނުންގެ ދެބައިގަނޑެއް ތަޅައިގެންފިނަމަ އެދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ސުލްޙަކުރާށެވެ. އޭގެ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް މަޣާވާތްކޮށްފިނަމަ، އެބަޣާވާތްތެރިވީ ބަޔަކު ކީރިތިﷲ ގެ އަމުރުފުޅަށް ރުޖޫޢަވެއްޖައުމަށްދާންދެން ތިޔަބައިމީހުން އެމީހުންނާއި ހަނގުރާމަކުރާށެވެ. އެބައިމީހުން (ޙައްޤަށް) ރުޖޫޢުވެއްޖެނަމަ އެދެބައިމީހުންގެ ދެމެދު އިންޞާފުގެ ގޮތުން ޞުލްޙަކުރާށެވެ. އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން ޢަދުލުވެރީންނަށް މާތްﷲ ލޯބިވެ ވޮޑިގެންވެއެވެ." މިއާޔަތުން ދަލީލުކޮށްދެނީ މުސްލިމުންގެ ތެރެއިން ބަޔަކު އިމާމާއި ވެރިންނާއި ނުވަތަ މުސްލިމުންނާ ދެކޮޅަށް ބަޣާވާތްކުރިނަމަ އެމީހުންނާ ހަނގުރާމަ ކުރުމަކީ ވާޖިބެކެވެ.

މުސްލިމުން އެބައިމީހުން ބޭނުންވެގެން ވެރިއަކު އައްޔަންކޮށްފި ކަމުގައިވާނަމަ އެވެރިއަކަށް މިއަމަންވެ ބޯލެނބުމަކީ ވާޖިބެކެވެ. އަދި އެއަށްފަހު އޭނާއަށް އުނދަޤޫވާނޭ އެއްވެސްކަމެއްކޮށް ނުކިޔަމަންތެރިވެގެން ނުވާނެއެވެ. މާތްﷲ ގެ ފޮތަށާއި ކީރިތި ރަސުލާގެ ސުންނަތަށާއި އެއްގޮތަށް ކަންތައްެތައް ގެންދާހާ ހިނދަކު އެފަދަވެރިއެއްގެ ކިޔަމަންތެރިކަމުން ނިކުމެގެން ނުވާނެއެވެ. އެހެންކަމުން ޙާކިމާއަށް ކިޔަމަންތެރިވެ ބޯލަނބާ އެތަނެއްގެ ނިޒާމަށް ޢަމަލުކުރުމަކީ ވާޖިބެކެވެ. އަދި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް އުފައްދައިގެން ނުވާނެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " يَا أَيُّهَا الَّذِينَ آمَنُواْ أَطِيعُواْ اللّهَ وَأَطِيعُواْ الرَّسُولَ وَأُوْلِي الأَمْرِ مِنكُمْ "[21] މާނައީ " މާތްﷲ އަށް ކިޔަމަންތެރިވާށެވެ. އަދި ރަސޫލާއަށައި ތިޔަބައިމީހުންގެ ވެރިންނަށް ކިޔަމަންތެރިވާށެވެ."
ކީރިތި ރަސޫލާގެ ޙަދީޘްކުރައްވާފައިވެއެވެ. " މުސްލިމުންނަށް އޮތީ އޭނާ ރުހޭ ކަންކަމުގައާއި ނުރުހޭކަންކަމުގައިވެސް އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު ވެރިންގެ އަޑުއަހައި ކިޔަމަންތެރިވުމެވެ. (އުރެދުމަކަށް އަމުރުކޮށްފިނަމަ) އަޑުއެހުމެއް އަދި ކިޔަމަންވުމެއްނެތެވެ."[22]

ރިފަރެންސް
  1. ޙުދޫދު ސާމިޔާ ޒަކަރިއްޔާ [1]
  2. سورة لنور 2 [2]
  3. ދަރުމަ ޖުލައި 2008 ޢަދަދު 3 ޞަފްހާ 32 ،ޢުމަރު ޢީސާ [3]
  4. سورة الاعسراء 32[4]
  5. އިސްލާމިކް ސްޓަޑީޒް ގްރޭޑް 10 ޞަފްހާ 45 ، އިބްރާހީމް ރަޝީދު މޫސާ[5]
  6. سورة لنور 4[6]
  7. އިސްލާމިކް ސްޓަޑީޒް ގްރޭޑް 10 ޞަފްހާ 49،50 އިބްރާހީމް ރަޝީދު މޫސާ[7]
  8. سورة لمائدة 90[8]
  9. އިސްލާމިކް ސްޓަޑީޒް ގްރޭޑް 10 ޞަފްހާ 44،45 އިބްރާހީމް ރަޝީދު މޫސާ[9]
  10. سورة لمائدة 38[10]
  11. އަލްމިންބަރު ނަންބަރު 12 ޞަފްޙާ 4، 5 އަޙުމަދު ފާރޫޤު މުޙައްމަދު [11]
  12. އަލްމިންބަރު ނަންބަރު 12 ޞަފްޙާ 4، 5 އަޙުމަދު ފާރޫޤު މުޙައްމަދު [12]
  13. އިސްލާމިކް ސްޓަޑީޒް ގްރޭޑް 10 ޞަފްހާ 47،48 އިބްރާހީމް ރަޝީދު މޫސާ[13]
  14. އަލްމިންބަރު ނަންބަރު 12 ޞަފްޙާ 4، 5 އަޙުމަދު ފާރޫޤު މުޙައްމަދު [14]
  15. ޙޫދޫދު ސާމިޔާ ޒަކަރިއްޔާ[15]
  16. سورة لمائدة 33[16]
  17. ޙުދޫދު ސާމިޔާ ޒަކަރިއްޔާ [17]
  18. އިސްލާމިކް ސްޓަޑީޒް ގްރޭޑް 10 ޞަފްހާ 43، އިބްރާހީމް ރަޝީދު މޫސާ[18]
  19. سورة ال عمران 85[19]
  20. سورة الحخرات 9 [20]
  21. سورة النساء 59 [21]
  22. ސާމިޔާ ޒަކަރިއްޔާ ޙުދޫދު [22]

No comments:

Post a Comment