Wednesday, January 2, 2013

#

މުޖުތަމައު ބިނާކުރާނޭ އަސާސުތައް

އިޖުތިމާއީ އަދާލަތު: އަދާލަތަކީ ހަމައެކަނި ޤަޟާއީ ނިޡާމްގެ މަސްއޫލިއްޔަތެއް ނޫނެވެ.  
ހ. ކޮމިޝަން ތަކާއި އެ ތަންތަން މޮނިޓަރކުރާ ނިޡާމުތަކަކީވެސް (އެބަހީ ހިސްބާ) އަދާލަތުގެ ބައެކެވެ.
ށ. އަމިއްލަ ނަފްސަށް އަދުލުވެރިވުމަކީ ވެސް އަދާލަތުގެ ބައެކެވެ. އަމިއްލަ ނަފްސަށް އަދުލުވެރިވުމަކީ ކޮންމެ މުސްލިމަކުވެސް މާތް ﷲ އަންގަވާފައިވާގޮތަށް އުޅުމާއި ވަށައިގެންވާ މީސްތަކުންނާމެދު އަދުލުވެރިކޮށް ކަންކުރުމެވެ. ޢުމަރުގެފާނު ވިދާޅުވެފައިވާގޮތުން މުސްލިމުން އަދުލުވެރިނުވާނަމަ މުޖުތަމައު އަދުލުވެރިއެއް ނުވާނެއެވެ.
ނ. ދަރިންނާމެދު ހަމަހަމަކޮށް ކަންކުރުމަކީވެސް އަދާލަތުގެ ބައެކެވެ.

އަދުލުގެ ތިން އަސާސް:
1-  މިނިވަންކަން: މިނިވަންކަން އޮތަސް މުސްލިމަކު އުޅެންޖެހޭނީ މާތް ﷲ އަންގަވާފައިވާގޮތަށެވެ. އެއް ފަހަރަކު މިޞްރުގެ ގަވަރނަރ އަމްރޫ ބުނުލް ޢާސްގެ ދަރިކަލަކާ އެހެން މީހެއްގެ ދަރިއަކާ މައްސަލައެއް ޖެހިގެން އެމީހާ، މި މައްސަލައިގެ ޝަކުވާ ޢުމަރުގެފާނާ ހަމައަށް އުފުލިއެވެ. ޢުމަރުގެފާނު އެއްމެން ހާޒިރުކުރައްވާފައި އަމްރޫގެ ދަރިކަލުން އަނެއްކުއްޖާއާ މެދު ކަންކުރިގޮތަށް، އޭނާ އެ ދަރިކަލުންނާމެދު ކަން ކުރުމަށް އެންގެވިއެވެ. އަދި އަމރޫއަށް ވިދާޅުވިއެވެ. ކަލޭގެފާނަށް މީހުން އަޅުވެތިކުރުމުގެ އިޚުތިޔާރު ދިނީ ކާކުތޯއެވެ؟ އެކަމެއް ނުކުރެވޭނެއެވެ.
މިހާރު އަޅުވެތިކަމަކީ ޖިސްމާނީގޮތުން ކުރާކަމެއް ނޫނެވެ. އެއީ ނަފަސާނީގޮތުން އެހެން މީހުންނަށް ތިމާމެންގެ ގޮތްތައް މާމޮޅުކަމަށް ދައްކައިގެން އެމީހުންގެ ސިކުނޑިތައް ކޮންޓްރޯލް ކުރުމެވެ. ފާރިސީންގެ ޒަމާނުގައި ވެސް ކަންކުރީ އެފަދަ ގޮތަކަށެވެ.
މި ޒަމާނުގެ އިސްތިއުމާރުގައިވެސް ލަޝްކަރުތައް ގޮސް ތަންތަން ފަތަހަކޮށް އަޅުވެތިއެއް ނުކުރެއެވެ. އޭގެ ބަދަލުގައި ފައިސާއާއި މީޑިޔާގެ އެހީގައި ފަޤީރު ޤައުމުތައް ކޮންޓްރޯލް ކުރަނީއެވެ.
2-  ހަމަހަމަކަން: ޔޫރޮޕްގައިވެސް ދޮން މީހުންނާ ކަޅުމީހުންނާމެދު ތަފާތުކުރެވެއެވެ. އިސްލާމުންގެ ތެރޭގައި ވެސް އެއް މަޒުހަބާ އަނެއް މަޒުހަބާ ތަފާތުކުރެވެއެވެ. މިސާލަކަށް ބައެއް މަޒުހަބުތަކުގެ އިލްމްވެރިން ފަތުވާދޭގޮތުގައި ޝާފިއީ މަޒުހަބުގެ އަންހެނަކާ އިނުމަށް ވުރެން މުޝްރިކު އަންހެނަކާ އިނުންވެސް މާ ރަނގަޅެވެ. އިންޑިޔާގައި އޮންނަ ކާސްޓް ސިސްޓަމަކީވެސް ތަފާތުކުރުމެކެވެ.
3-  އިޖުތިމާޢީ ތަކާފުލް: އެއީ އިޖުތިމާއީ އެހީތެރިކަމެވެ. މިކަމަކީ ޒަކާތުން ލިބޭ ފައިސާއިން ކުރެވިދާނެކަމެކެވެ.

އިސްލާމީ އަޚުވަންތަކަން. الاخوة الاسلامية
ހިޖުރަކުރެއްވުމަށްފަހު ކީރިތި ރަސޫލާ ފުރަތަ މިސްކިތެއް ބިނާކުރެއްވީއެވެ. އޭގެ ފަހުގައި ކުރެއްވިކަމަކީ މުސްލިމުން އަޚުވަންތަކުރެއްވުމެވެ. އިމާމު ޣަޒާލީ ވިދާޅުވާގޮތުން އަޚުވަންތަކަން އޮންނާނީ އިސްލާމީ މަންހަޖުގެ ތެރޭގައެވެ. އެގޮތުން އެއް އަޚަކު އަނެއް އަޚަކަށް ހެޔޮ މަގު ދައްކަން ޖެހޭނެއެވެ. އަދި ނަސޭހަތްދޭން ވާނެއެވެ. ޣަޒާލީ ވިދާޅުވާގޮތުން އޭނާގެ ދުވަސްވަރުގައިވެސް ނަސޭހަތްތެރިވުމަކީ މަދު ކަމެކެވެ. ނަސޭހަތް ދިނުމުގައި އަނެކާ ފަޟީހަތް ކޮށްގެން ނުވާނެއެވެ. އެހެނީ ޤިޔާމްތްދުވަހުން ތިމާ ފަޟީހަތްވުމަކީވެސް ވެދާނެ ކަމެކެވެ.
އިމާމު މާލިކު ވިދާޅުވާގޮތުން ކީރިތި ރަސޫލާ ފިޔަވައި އެހެން ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެކަމެކެވެ. އޭނާ މިހެން ވިދާޅުވީ މަދީނާގައި ކީރިތި ރަސޫލާ ފަސްދާނުލެވިފައިވާތަނުގައި ހުންނަވައިގެންނެވެ. كلٌّ يوخذ ويترك إلّا صاحب هذ القبر

އިސްލާމީ އިޤުތިޞާދެއް ބިނާކުރުން
ބައެއް މީހުން ހީކުރާގޮތުން އިސްލާމް ދީނަކީ އިޤތިޞާދީ ނިޒާމެއްއޮތް ދީނެއް ނޫނެވެ. އަދި ދީނުގެ ސަބަބުން އިޤުތިޞާދަށް ވަނީ ގެއްލުމެވެ.
އެހެނަސް އިސްލާމް ދީނުގައި އިޤުތިޞާދީ ނިޒާމެއް އޮވެއެވެ. އޭގައި ހިމެނެނީ:
o ދައުލަތަށް ފައިސާ ހޯދުމާއި ހެޔޮގޮތުގައި ހޭދަކުރުން
o ހަރާމްގޮތްގޮތަށް ފައިސާ ހޯދުން މަނާކުރުން. މިސާލަކަށް ރިޝްވަތު، ރިބާ، ހަށިވިއްކުން
އިބުރާހިމް އަރުހަމްގެ އަމބިކަނބަލުން ވިދާޅުވިއެވެ. "ދަރިންގެ ބައްޕާއެވެ. ގެއަށް ހަރާމް އެއްޗެތި ނުވައްދާށެވެ. އަޅުގަނޑުމެންނަށް ބަނޑުހައިހޫނަށް ކެތްކުރެވިދާނެއެވެ. އާޚިރަތުގެ ހޫނަކަށް ކެތެއް ނުކުރެވޭނެއެވެ.
އިސްލާމީ އާއިލާއެއް ބިނާކުރުން
އިސްލާމީ އާއިލާއެއް ބިނާވެފައި އޮންނަނީ ޞާލިހު އަންހެނަކާއި ފިރިހެނެއްގެ މައްޗަށެވެ. އާއިލާއެއްގައި އަނބިމީހާގެ ހައްގާއި، ފިރިމީހާގެ ހައްގާއި ކުދިންގެ ހައްގު ހިމެނެއެވެ.
ދެމަފިރިންގެ ތެރެއިން ދަރިންގެ އަޤީދާ ހަރުދަނަކުރުމުގެ މަސައްކަތް އެއްމެ ރަނގަޅަށް ކުރެވޭނީ ކާކަށް ކަމާމެދު ބަހުސް ކުރެވިދާނެއެވެ.
ކީރިތި ރަސޫލާ އަންހެންނުން ސިފަކުރައްވަނީ ބިއްލޫރި ފުޅިތަކެއް ފަދައިންނެވެ. އެ ކަނބަލުންނާމެދު އަމަލުކުރަން ޖެހޭނީ ފުޅިއެއް ތެޅިދާނެތީ ފަރުވާ ބަހައްޓައިގެން އުޅޭހެންނެވެ.
އެއްފަހަރަކު މީހަކު އޭނާގެ އަނބިމީހާގެ ޝަކުވާ ކުރަން އުމަރުގެފާނު އަރިހަށް ދިޔައެވެ. ގޮސްއެތަނުގައި އެކަލޭގެފާނުގެ އިންތިޒާރުގައި ހުއްޓާ އޭނާއަށް އަޑު އިވެނީ އެކަލޭގެފަނުގެ އަނބިކަބަލުން އެކަލޭގެފާނާ ދިމާއަށް ކޯފާވާއަޑެވެ. އުމަރުގެފާނު އެއްވެސް އެއްޗެއް ވިދާޅުނުވެ އަޑުއައްސަވަން ހުންނެވީއެވެ. ދެން އުމަރުގެފާނު ނުކުމެވަޑައިގަތުމުން އޭނާ ދެންނެވިއެވެ. އަޅުގަނޑު ދެން ކަލޭގެފާނުގެ އަރިހުގައި ޝާކުވާ ކުރާކަށް ނެތީމެވެ. އަޅުގަނޑުމެން ދެމީހުން މިތިބީ އެއް އޮޑީގައެވެ. އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. އަނބިމީހާ އެއްޗެކޭ ބުނާއިރަށް ރައްދުދޭން ވެއްޖެއްޔާ އާއިލާއެއް ދެމިނޯންނާނެއެވެ.

ފަރުދުންގެ ޒިންމާ
ހަދީޘެއްގައި ވެއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެއްޔާ އަތުން އެކަން މަނާކުރާށެވެ. އެކަމަށް ނުކުޅެދެންޏާ ދުލުން މަނާކުރާށެވެ. އެކަމަށްވެސްް ނުކުޅެދެންޏާ ހިތުން މަނާކުރާށެވެ.
އެހެނަސް މިހާރުގެ މުޖުތަމައުތަކުގައި ކޮންމެ މީހަކު އަތުން ކަންތައްތައް މަނާކުރަންވެއްޖެއްޔާ މަސްލަހަތު ގެއްލިދާނެއެވެ. ވީމާ އެކަމަށް ދައުލަތުގެ މުއައްސަސާތައް ހުރެއެވެ.
އިބުނު މަސްއޫދު ވިދާޅުވާގޮތުން ދަލީލު ނޭގި ފަތުވާ ދިނުމަކީ ފިތުނަ އުފެދޭކަމެކެވެ.

މުޖުތަމައު ބިނާކުރުމުގައި ޖަމާއަތްތަކުގެ ޒިންމާ
މިޒަމާނުގައި އަރަބި ޤައުމުތަކުގައި ސަރުކާރަށްވުރެންވެސް ފުޅާދާއިރާއެއްގއި އަމިއްލަ ޖަމާއަތްތަކުން އިޖުތިމާއީ ޚިދުމަތް ދެއެވެ. މިސާލަކަށް ކުވައިތު ފަންޑު، ޤަތަރު ފައުންޑޭޝަން.
މިގޮތަށް ދީނީ ޖަމާއަތްތަކުންވެސް މަސައްކަތްކުރެއެވެ. އެ ޖަމާއަތްތައް އުފެދުނީ 1924 ގައި ތުރުކީގައި އޮތް ޚިލާފަތު އުވުނުފަހުންނެވެ.

ޑރ ޒިޔާދު ބާގިރު /ވިލާކޮލެޖް

No comments:

Post a Comment