Friday, May 4, 2012

#

ޝަހާދަތުގެ މާނަ އަދި އެކަލިމައިގެ ޝަރުތުތައް

لاإله إّلا الله ގެ މާނަ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް ފަރާތެއް ނުވެއެވެ.
لاإله إّلا الله މި ކަލިމައިގެ ރުކުންތަކަކީ:
  1. ނަފީކުރުން – لاإله : "ޙައްގުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ."
  1. ޤަބޫލުކުރުން – إّلا الله : " ﷲ މެނުވީ އެވެ."
لاإله މިކަލިމައިން ބާޠިލް ގޮތުގައި އަޅުކަންވެވޭ ފަރާތްތަކަށް އިންކާރު ކުރެވެއެވެ. އަދި إّلا الله މި ކަލިމައިން ﷲ އެއްކައުވަންތަ ކަމަށް ދަލީލުކޮށް ދެއެވެ.
لاإله إلّا الله ގެ ޝަރުތުތަށް 8 އެވެ. އެއީ:
  1. العلم : މިކަލިމައިގެ މާނަ ދެނެގަތުމެވެ. އެބަހީ މިކަލިމައިގައި ނަފީކޮށް އަދި ސާބިތުކޮށްފައިވާ ކަންތައްތައް ދެނެގަތުމެވެ. ކުރިން ބަޔާންކުރެވިފަިވާ ފަދައިން " ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް ފަރާތެއް ނުވެއެވެ." ބުނެވޭ ބަހުގެ މާނައަކީ އެއިލާހު ފިޔަވައި މީސްތަކުން އަޅުކަންކުރާ އެންމެހާ ތަކެއްޗަކީ ބާޠިލު ތަކެތި ކަން ދެނެގަތުމެވެ.
  1. اليقين : އެބަހީ ޝައްކުތަކާއި  ވަހުމްތަކުން ދުރުވެގެންވާ ޙާލު އެކަލިމައިގެ މާނަ ޔަޤީންކުރުމެވެ. އެބަހީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ ހަމައެއްވެސް ފަރާތެއް ނުވާކަމަށް ޔަޤީންކުރަންޖެހޭނެއެވެ.
  1. الإخلاص : އެއީ އަޅާ އޭނާގެ ވެރި އިލާހަށް ކުރާ އަޅުކަންތަކުގައި ހަމައެކަނި އެއިލާހަށްޓަކައި އޭނާގެ ހިތުގައި އޮންނަ އިޚުލާޞްތެރިކަމެވެ. މިސާލަކަށް ﷲ އައް އިޚްލާޞްތެރިވުމުގެ ބަދަލުގައި ނަބިއްޔުންނާ، ވަލީވެރީންނާ، ބުދުތަކާ، ރަސްކަލުންނާ، ޖިންނީންނާ މިނޫންވެސް ޙައްގުނޫން ފަރާތްތަކަށް އިޚްލާޞްތެރިކަން ޚާއްޞަކޮށްފިނަމަ ހަމަކަށަވަރުން އޭނާ ޝިރުކު ކޮށްފިއެވެ. އަދި ޝަހާދަތުގެ މި ރުކުން ކަމުގައިވާ އިޚްލާޞްތެރިކަމާއި މުޅިން ފުށޫއަރައިފިއެވެ.
  1. الصّدق : ތެދުވރިކަމެވެ. އެއީ، ހިތުން ނިފާޤުކަމުގެ އަސަރުތައް ނައްތާލުމަށްޓަކައި ދުލުން ޙައްޤުބަސް ބުނެމެވެ. 'އައްޞިދްޤު' ގެ މާނައަކީ މިއީއެވެ. އަދި ހަމައެފަދައިން އޭގެ މާނައަކީ ދުލުންނާއި ހިތުން އެކަލިމައަށް ތެދުވެރިވުމެވެ.  ދުލުން ބުނުމާ އެކު ހިތުން ޤަބޫލު ނުކުރާހާ ހިނދަކު މިޝަރުތު ފުރިހަމަ ވެގެން ނުވެއެވެ.
  1. المحبّة : އެބަހީ ތިބާ ﷲ އަށް ލޯބިވުމެވެ. ފަހެ މި ޝަހާދަތުގެ ސަބަބުން އަޅާ ﷲ އަށް ލޯބިވުން ލާޒިމު ކުރުވައެވެ. އެހެނީ މީހަކު އޭނާގެ އީމާންކަން އިޢިލާންކުރުމަށްފަހު ﷲ ދެކެ ލޯބި ނުވާނަމަ ފަހެ އޭނާ އެވަނީ ކުުފުރުގެ މަރުޙަލާއެއްގައެވެ. އޭނާ އިސްލާމްދީނުގެ ތެރެއަށް ވަދެގެން ނުދެއެވެ. މުނާފިގުން ފަދައިންނެވެ. މިކަމުގެ ދަލީލަކީ ﷲ ގެ ވަޙީ ބަސްފުޅެވެ. قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١﴾ މާނަ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. الله   އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ އިލާހެވެ." (ސޫރަތުލް އާލު ޢިމްރާމް: 31)
  1. الإنقياد : ޝަހާދަތުގެ ސަބަބުން ވާޖިބުވެގެންދާ ކަންތައްތަކަށް ޢަމަލު ކުުރުމެވެ. އެބަހީ ތިބާގެ މައްޗަށް ދީނުގައި ވާޖިބުވެގެންވާ އަޅުކަންތަކަކީ ތިބާގެ ވެރި ރައްބަށް ތިބާ އީމާންތެރިކަމާއި އިޚަލާޞްތެރިކަމާއެކު އަދާ ކުރަންޖެހޭ ޙައްޤުތަކެއްކަމަށް ދެކިގެން އެޙައްޤުތައް އަދާކުރުމެވެ. ނަމަވެސް މީހަކު ﷲ އަށް އަޅުކަން ކުރުމަށް ދެކޮޅުހަދައި އެއިލާހުގެ ޝަރީޢަތާއި ނުރުހިއްޖެނަމަ އޭނާ މުއުމިނުންގެތެރެއިން ވެގެނެއް ނުދާނެއެވެ. އެމީހަކު ވެގެންދާނީ ޝައިޠާނާއާއި ޝައިޠާނާގެ ގޮތުގައި ވެގެންދިޔަ މީހުންގެތެރެއިންނެވެ.
  1. القبول : މި ޝަހާދަތާއި އޭގައި އެކުލެވިގެންވާ މާނަ ހިތުގެއަޑިން ޤަބޫލުކުރަން ޖެހޭނެއެވެ. އެބަހީ މިޝަހާދަތުގެ ހުރިހާ ޝަރުތުތައް ޤަބޫލުކުރާ ޙާލު އިޚްލާޞްތެރިކަމާއެކު ﷲ އާ އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކޮށް އަޅުކަން ކުރުމެވެ. ހަމައެހެންމެ ﷲ ފިޔަވައި އަޅުކަންވެވޭ ހުރިހާ ފަރާތްތަކެއް އެއްކިބާކުރުމެވެ. އަދި މިކަންތައްތަކަށް ރުހޭ ޙާލު ޘާބިތުވެ ހުރުމެވެ.
  1. الكفر بما يعبد من دون الله : ﷲ ފިޔަވައި އަޅުކަންވެވޭ އެހެން ބާޠިލް ފަރާތްތަކަށް ކާފަރުވުމެވެ. މި ޝަރުތުގެ މާނައީ، ﷲ ނޫން އެހެން ފަރާތަކަށް އަޅުކަން ކުރުމުން ދުރުވެ އެކަމުން ބަރީއަވެ ސަލާމަތްވެގަތުމެވެ. އަދި ޔަޤީންކަމާއެކު ދެނެގަންނަންވީ އިޚްލާޞްތެރިކަމާއެކު ﷲ އަށް އަދާނުކުރާ ކޮންމެ އަޅުކަމަކީ ބާޠިލްވެ ގެއްލެނިވެގެންވާ އަމަލެެކެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ : لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴿٢٥٦﴾ މާނަ: "دين އަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطان އާޔަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."

އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް
މަޖްމޫޢުލް ފަތާވާ ، މުޖައްލަދު 1 ، ޞަފްހާ : 231

No comments:

Post a Comment