Tuesday, April 20, 2021

#

ތިބާއީ މޫސުމީ މުސްލިމެއްތަ؟


"ޢަމަލުތައް ޤަބޫލު ކުރެއްވުމާއި ނުކުރެއްވުން ބިނާ ވެގެންވާކަން ކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޢަމަލުގެ ސަބަބުން ލިބޭހުށީ އެ މީހަކު ނިޔަތް ގަތް ކަމެކެވެ." މިމާތް ޙަދީޘުން ހާމަވެ ފާޅުވާ ޙަޤީޤަތަކީ ހެޔޮ ނިޔަތާ ނުލައި ކުރެވޭ އެއްވެސް ހެޔޮ ޢަމަލަކުން އުޚްރަވީ ފައިދާއެއް އެއްވެސް މީހަކަށް ޙާޞިލު ނުވާނޭކަމެވެ.


ރަމަޟާން މަސް ފެށުމާއެކު މިސްކިތްތަކަށް އަރާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރަމެވެ. މިއީ ނުހަނު އުފާކުރުން ޙައްޤު ކަމެކެވެ. އެހެނަސް، މިކަމުގައި ވިސްނާލަން ޖެހޭކަމަކީ، ނަމާދު އަދާކުރަންޖެހޭ ވަގުތައް ބަލާއިރު ރޯދަމަހާ އެއްވެސް ގުޅުމެއް ނުވާކަމެވެ. ރޯދައަކީ އަހަރުތެރޭގައި އަންނަ ވަކި މަހެއްގައި އަދާކުރެވޭ އަޅުކަމެކެވެ. އެއާޙިލާފަށް ނަމާދަކީ މުޅިއަހަރުގެ ހުރިހާ ދުވަހެއްގައި، ދުވާލަކު ފަސްފަހަރު އަދާކުރަންޖެހޭ އަޅުކަމެކެވެ. އެއްވެސް ޙާލެއްގައި އެއީ ރޯދަމަހާ ގުޅިފައިވާ އަޅުކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ‎﴿سورة النساء ١٠٣﴾ މާނައީ "ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑަ އެޅިގެން އޮތް فرض އެއްކަމުގައި ވެއެވެ." މިވަގުތުތަށް ރަސޫލުﷲ (صلّى الله عليه و سلّم) ވަނީ އަންގަވާ ދެއްވާފައެވެ. އެއީ ރެއާއި ދުވާލު އަންނަ ފަސް ވަގުތެވެ. އެހެންކަމުން ރޯދަ މަހަކަސް އެހެން މަހަކަސް ނަމާދު ކުރުމުގައި ވަކި ތަފާތެއް އޮވެގެން ނުވާނެކަން އެނގެއެވެ. އެއްވެސް ސަބަބަކާ ނުލައި ޝަރްޢީ ޢުޛުރެއްނެތި އެންމެ ނަމާދެއްވިޔަސް، ނުކޮށް ދޫކޮށްލުން އެއްވެސް ޙާލެއްގައި ހުއްދަވެގެން ނުވެއެވެ. މިކަމަކީ މުސްލިމް އަޅާގެ ދީނަށްވެސް ނުރައްކާހުރި ކަމެކެވެ. 


ﷲ އަށް އީމާންވުމާއިއެކު ފުރަތަމަ ކަމަކަށް ނަމާދު އަދާކުރުމަށާއި ޒަކާތް ދިނުމަށް މުސްލިމުންނަށް ވަނީ އަމުރު ކުރައްވާފައެވެ. މިކަން އަންގަވަމުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ ‎﴿سورة البينة ٥﴾ މާނައީ "باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دين އަކީ އެއީއެވެ." 


އިސްލާމް ދީނުގައި ނަމާދަށް ދެވިފައިވާ އަހައްމިއްޔަތު އަންގަވައި ދެއްވުމަށް، ރަސޫލުﷲ (صلّى الله عليه و سلّم) ޙަދީޘް ކުރައްވާފައިވެއެވެ. "ޤިޔާމަތް ދުވަހު އަޅާއާ އެންމެ ފުރަތަމަ ސުވާލު ކުރެވޭހުށީ ނަމާދާ މެދުގައެވެ. ފަހެ، ނަމާދު ފުރިހަމައަށް އަދާކޮށްފައި ވާނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ރަނގަޅުވެދާނެއެވެ. އެހެނަސް، ނަމާދާއިމެދު ފަރުވާކުޑަކޮށްފައިވާނަމަ، އޭނާގެ އެހެން ހުރިހާ ޢަމަލެއް ދާނީ ބޭކާރު ވެގެންނެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. "ހުރިހާ ހެޔޮކަމެއް ބިނާވެފައިވަނީ ނަމާދުގެ މައްޗަށެވެ. އަދި މިއިސްލާމްކަން ބިނާވެފައިވަނީ ނަމާދުގެ މައްޗަށެވެ." މީގެއިތުރުން  ރަސޫލުﷲ (صلّى الله عليه و سلّم) ގެ އެންމެ ފަހުގެ ވަޞިއްޔަތުގެ ތެރޭގައި ނަމާދަށް ރައްކާތެރިވުމަށާއި އަންހެނުންނަށް އޯގާތެރިވުމަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ." 


ރޯދަހިފުމަކީ، އިންސާނާއާއި އޭނާ ހެއްދެވި ފަރާތާއި ދެމެދު ކުރެވޭ ޚާއްޞަ އަޅުކަމެކެވެ. އެހެނީ އަޞްލުގައިވެސް އޭނާ ހުރީ ރޯދައަށްކަން އެނގޭނެ، އެކަލާނގެ ފިޔަވައި ދެވަނަ ފަރާތެއް ނުވެއެވެ. ޤުދުސީ ޙަދީޘެއްގައި އެކަލާނގެ ވަޙީކުރައްވައެވެ. "ރޯދަހިފުންވަނީ ތިމަންކަލާނގެ ޙަޟްރަތަށެވެ. އަދި އެކަމަށް ދަރުމަ ދެއްވާނީވެސް ތިމަންކަލާނގެއެވެ." އެހެން ޙަދީޘެއްގައި ރަސޫލުﷲ (صلّى الله عليه و سلّم) ޙަދީޘްކުރައްވާފައި ވެއެވެ. ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރާމީހާ އޭނާ ކެއުން ބުއިމުން މަނާވެގެން ހުރިނަމަވެސް އޭނާއަކަށް އޭނާގެ ރޯދައަކުން ކުރާނެ ފައިދާއެއް ނެތެވެ. މާތްﷲ އޭނާގެ ރޯދައަކަށް ޘަވާބެއް ނުދެއްވާނެއެވެ.


ރަމަޟާން މަހަކީ ނަފްސު ބައްޓަންކޮށް، ނަފްސު ތަމްރީނުކުރާ މައްސަރެވެ. މިތަމްރީނުގެ ފައިދާ ބޮޑުވަނީ އެމަސް ނިމުމުންވެސް އެމަހުގައި ކަންތައްކުރި ފަދައިން ކަންތައް ކުރެވިގެންނެވެ. ރަމަޟާންމަހު ޙާޞިލުކުރި ފިލާވަޅުތައް، އެއީ ހެޔޮ ޢަމަލު ކުރުމުގައި ވިޔަސް ނުވަތަ ކެއިން ބުއިމުގެ އާދަތައް ގެންގުޅުމުގެ ތެރެއިން ކަމުގައި ވިޔަސް، ދާއިމީ ފިލާވަޅުތަކަކަށް ވެއްޖެނަމަ، އޭގެ ފައިދާ ބޮޑުވާނެއެވެ. ތިބާއީ ހަމައެކަނި ރަމަޟާން މަހުގައި އަޅުކަންތަށް އަދާކުރުމުގައި ދެމިހުރެފައި އެހެން މަސްތަކުގައި އަޅުކަންތަކާއި ދުރުވާ މީހަކަށް ނުވާށެވެ. މޫސުމީ މުސްލިމަކަށް ނުވާށެވެ.


ރިފަރެންސް:

ދަރުމަ- އޮކްޓޯބަރ 2005 މަޖައްލާ

ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީގެ ފަތްފުށްތަށް

No comments:

Post a Comment