Monday, August 26, 2019
ބަހަވީ މާނަ
1- ޢަރަބިބަހުގައި ދަޢުވާގެ މާނައަކީ ކަމަކަށް އެދުމެވެ. މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ " وَلَهُم مَّا يَدَّعُونَ [1]- އަދި އެއުރެން އެދޭ ކަމެއް އެއުރެންނަށް (އެތާނގައި) ވެއެވެ. "
2- ގޮވުން : މާތްﷲ ވަޙީކުރައްވާފައި ވެއެވެ." أَن دَعَوْا لِلرَّحْمَـٰنِ وَلَدًا [2]- އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ."
ޝަރްޢީ މާނަ
އެހެންމީހެއްގެ މައްޗަށް ސާބިތުވެފައި އޮތް ޙައްޤެއްގެ ވާހަކަ، ވެރިއެއްގެ ނުވަތަ ބާރުގަދަ ފަރާތެއްގެ ގާތުގައި ބުނުމެވެ.
ދަޢުވާކުރުމުގައި ވަކީލުކުރުމަކީ ހުއްދަކަމެކެވެ. ދަޢުވާކުރާމީހާގެ ޙައްޤާ މެދު އަނެއް ފަރާތުން އިންކާރު ކުރަންޖެހޭނެއެވެ. އިންކާރު ނުކުރާ ނަމަ ދަޢުވާކުރުމުގެ ބޭނުމެއް ނެތެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ، ދަޢުވާ އަކީ " އިންކާރުކުރާ މީހެއްގެ މައްޗަށް ނުވަތަ އިޤްރާރުވުމާ ދެކޮޅުހަދާމީހެއްގެ މައްޗަށް އޮތް ލާޒިމުޙައްޤެއް ހޯދުމަށްޓަކައި ޤާޟީގެ ގާތުގައި އެދުމެވެ." މި ޒަމާނުގައި ދަޢުވާ ހުށަހަޅަންޖެހެނީ މައްސަލަތައް ނިންމުމުގެ ބާރުލިބިފައިވާ ޝަރްޢީ ކޯޓޫތަކުގެ ތެރެއިން ކޯޓަކަށެވެ. އެހެނީ، މައްސަލަ ބަލައި ޙުކުން ކުރުމުގެ ބާރުލިބިފައިވަނީ އެފަރާތަށެވެ. މުފްތީއަކަށް ދަޢުވާ ހުށއެޅުމަކުން ދަޢުވާކުރާމީހާގެ ބޭނުން އެމުފްތީ އަށް ފުއްދައެއް ނުދެވޭނެއެވެ. މި ކަމަށް ދަޢުވާ އޭ ކިޔުނީ ދަޢުވާކުރާމީހާ ( މުއްދަޢީ ) އޭނާގެ ޚަޞްމަށް ޝަރީޢަތުގެ މަޖިލީހަށް އައުމަށް ދަޢުވަތުދޭތީ ( ނުވަތަ ގޮވައިލާތީ ) އެވެ. [3]
ދަޢުވާކުރުމާއި އިޤްރާރުވުމާއި ހެކިބަސް ދިނުމުގެ ތަފާތު
ދަޢުވާކުރުމަކީ މީހަކަށް ، އެހެންމީހެއްގެ އަތުން ލިބެންޖެހޭ ޙައްޤެއްގެ ވާހަކަ ބުނުމެވެ. އިޤްރާރު ( އިޢުތުރާފު) ވުމަކީ މީހެއްގެ މައްޗަށް އޮތް ،އެހެންމީހެއްގެ ޙައްޤެއްގެ ވާހަކަ ބުނުމެވެ. ހެކިބަހަކީ އެހެންމީހެއްގެ ކިބައިން އެހެންމީހަކަށް ލިބެންޖެހޭ ޙައްޤެއްގެ ވާހަކަ ބުނުމެވެ.
ދަޢުވާގެ ރުކުންތައް
1- ދަޢުވާކުރާމީހާ : އެއީ ޙައްޤު ހޯދުމަށް އެދޭމީހާ އެވެ.
2- ދަޢުވާލިބޭ ފަރާތް ( المدعى عليه ) :އެއީ އެ ފަރާތުން ޙައްޤު ލިބުމަށް އެދޭ ފަރާތެވެ.
3- ހޯދަން އެދޭ އެތި : އެއީ ހޯދަން އެދޭ ޙައްޤެވެ.
އިސްލާމްދީނުގައި ދަޢްވާ ކުރުމުގެ ޙުކުން
ދަޢްވާއަކީ އިސްލާމްދީނުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ކަމެކެވެ. " إنَّ رَجُلا مِنْ كِنْدَةَ وَرَجُلا مِنْ حَضْرَمَوْتَ اخْتَصَمَا فِي أَرْضٍ مِنَ الْيَمَنِ ، فَقَالَ الْحَضْرَمِيُّ : يَا رَسُولَ اللَّهِ ، إِنَّ أَرْضِي اغْتَصَبَنِيهَا أَبُو هَذَا وَهِيَ فِي يَدِهِ قَالَ : هَلْ لَكَ بَيِّنَةٌ ؟ ، قَالَ : لاَ ، وَلَكِنْ أُحَلِّفُهُ ، وَاللَّهِ مَا يَعْلَمُ أَنَّهَا أَرْضِي اغْتَصَبَنِيهَا أَبُوهُ ، فَتَهَيَّأَ الْكِنْدِيُّ لِلْيَمِينِ ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَقْتَطِعُ أَحَدٌ مَالا بِيَمِينٍ إِلاَّ لَقِيَ اللَّهَ وَهُوَ أَجْذَمُ ، فَقَالَ الْكِنْدِيُّ : هِيَ أَرْضُهُ فَرَدَّهَا الْكِنْدِيُّ [4] - ކިންދާގެ މީހަކާއި ޙަޟްރަމަވްތުގެ މީހަކު ޔަމަނުގައި އޮތްބިމަކާ ބެހޭގޮތުން ރަސޫލުﷲގެފާނުގެ އަރިހަށް ދިޔައެވެ. ޙަޟްރަމީ ( ޙަޟްރަމަވްތު މީހާ ) ރަސޫލާއަށް ދެންނެވިއެވެ. އަޅުގަނޑުގެ ބިން މިހިރަމީހާގެ ބައްޕަ ވަނީ ފޭރިގަންފައެވެ. އެ ބިން މިހާރު އޮތީ މީނާގެ އަތްދަށުގައެވެ. އެހިނދު ރަސޫލުﷲގެފާނު ދަޢްވާކުރިމީހާއަށް ޙަދީސްކުރެއްވިއެވެ. ތިބާ އަށް ބައްޔިނާ އެއް ލިބިގެންވޭ ހެއްޔެވެ؟އޭނާ ދެންނެވިއެވެ. ނޫނެކެވެ. އެކަމަކު އޭނާ ލައްވާ ހުވާކުރުވަން އަޅުގަނޑު އެނދެމެވެ. މާތްﷲ ގަންދީ ދަންނަވަމެވެ. އެއީ އޭނާގެ ބައްޕަ ފޭރިގެންފައިވާ އަޅުގަނޑުގެ ބމެއްކަން އޭނާ އަށް ހަމަކަށަވަރުން އެނގޭނެއެވެ. އެހިނދު ދަޢުވާލިބޭ ކިންދާމީހާ ހުވާކުރުމަށް ތައްޔާރުވިއެވެ. ފަހެ، ރަސޫލުﷲގެފާނު ޙަދީޘްކުރެއްވެއެވެ. ދޮގުހުވާކޮށްގެން މީހަކު އެހެންމީހެއްގެ މުދަލެއް އަތުލައިފި ނަމަ އެމީހަކު މާތްﷲ އާ ބައްދަލުކުރާނީ ޖުޛާމުބަލި ޖެހިފައިވާ ޙާލުގައެވެ.އެހިނދު ކިންދާމީހާ ދެންނެވިއެވެ . އެއީ އޭނާގެ ބިމެކެވެ. މިހެން ބުނެ އެ ބިން އޭނާ އަށް ރައްދުކުރިއެވެ. " މިޙާދިސާ އިން ދޭހަވަނީ ރަސޫލުﷲގެފާނުގެ އަރިހަށް މީސްތަކުން މައްސަލަތަކައިގެން ގޮސް އެމައްސަލަތައް އެކަލޭގެފާނުގެ އަރިހުން ޙައްލުކޮށްފައިވާކަމެވެ. މިއިން ދޭހަކޮށްދެނީ ދަޢްވާހުށައެެޅުމަކީ ހުއްދަކަމެއް ކަމެވެ.
ދަޢުވާގެ އަހްލުވެރިކަން
ޙަނަފީން ވިދާޅުވާގޮތުގައި ދަޢުވާ ކުރެވޭނީ ދަޢުވާކުރުމުގެ އަހްލުވެރިކަން ލިބިފައިވާ މީހަކަށެވެ. އޭނާ ބުއްދި ސަލާމަތުން ހުރި ، ތަންދޮރު ވަކިކުރަން އެނގޭވަރުގެ މީހަކަށް ވާންޖެހޭނެއެވެ. ދަޢުވާކުރުމުގެ ހުއްދަދެވިފައިވާ ކުޑަކުއްޖަކަށް ވެސް ދަޢުވާކުރެވިދާނެއެވެ. އެކަމަކު ހުއްދަދެވިފައި ނުވާނަމަ ކުޑަކުއްޖަކަށް ދަޢުވައެއް ނުކުރެވޭނެއެވެ.
ޝާފީޢީން ވިދާޅުވާގޮތުގައި ދަޢުވާކުރާމީހާ ބާލިޣުވެ ބުއްދި ސަލާމަތުންހުރިމީހަކަށް ވާންޖެހޭނެއެވެ. އެހެނެއްކަމަކު ދަޢުވާ ލިބޭމީހާ ކުޑަކުއްޖަކަށް ނުވަތަ މޮޔައަކަށް ވިޔަސް މަސްއަލައެއް ނެތެވެ. އެކަމަކު ދަޢުވާލިބޭ މީހާ މޮޔައެއް ކަމުގައިވާ ނަމަ ނުވަތަ ކުޑަކުއްޖެއްކަމުގައި ވާ ނަމަ ދަޢުވާކުރާމީހާގެ އަތުގައި ދަޢުވާ ސާބިތުކޮށްދޭނެ ބައްޔިނާއެއް އޮންނަންޖެހޭނެއެވެ. ބައްޔިނާއެއް ނެތް ނަމަ އެ ދަޢުވާއެއް ނުކުރެވޭނެއެވެ. [5]
ދަޢްވާކުރާމީހާއާއި ދަޢްވާލިބޭމީހާގެ ތަފާތު
1- ދަޢްވާކުރާމީހާ އަބަދުވެސް އުޅޭނީ އޭނާއަށް ލިބެން ޖެހޭ އެއްޗެއް ނުވަތަ ކަމެއް ޘާބިތު ކުރެވޭތޯއެވެ. އެކަމަކު ދަޢްވާލިބޭމީހާ އުޅޭނީ އަބަދުވެސް އޭތި ނުވަތަ އެ ކަމެއް ނަފީކުރެވޭތޯއެވެ.
2- ދަޢްވާކުރާމީހާ ޢާންމު ގޮތެއްގައި ދަޢުވާ ކުރާނީ ފޮރުވިފައި އޮންނަ ކަމެއްގެ މައްޗަށެވެ. ދަޢުވާލިބޭމީހާ ބުނަމުން ދާނީ ފާޅުގައި އެކަން އޮންނަ ގޮތަށެވެ.
3- ދަޢުވާކުރާމީހާ އަބަދުވެސް ދަޢްވާކުރާނީ އަޞްލުގޮތާއި ޚިލާފަށެވެ. އެހެނީ އަޞްލުގޮތަކީ އެންމެހައި ކުށްތަކުން އިންސާނުން ބަރީއަވެގެންވުމެވެ. ދަޢްވާލިބޭމީހާ އަބަދުވެސް ދަޢްވާކުރާނީ އަޞްލުގޮތާއި އެއްގޮތަށެވެ.
4- ދަޢްވާކުރާމީހާ މައްސަލަ ހުށަހެޅުމަށްފަހު މައްސަލަ ދޫކޮށްލައިފިނަމަ މައްސަލަ ނިމިގެންދާނެއެވެ. ނަމަވެސް ދަޢްވާ ލިބޭމީހާ މައްސަލަ ދޫކޮށްލަން ބޭނުންވިޔަސް މައްސަލަ ދޫކޮށްލުމުގެ ބާރު އޭނާއަށް ލިބިގެން ނުވެއެވެ. އެބަހީ މައްސަލަ ދޫކޮށެއްނުލެވޭނެއެވެ. އެހެންނަމަވެސް ބައެއްކަހަލަ މައްސަލަތަކަކީ ދަޢްވާކުރާ ފަރާތުން މައްސަލަދޫކޮށްލި ކަމުގައިވިޔަސް ދައުލަތުން އެމައްސަލައެއްގައި ހިފަންޖެހޭ ކަހަލަ މައްސަލަތަކެކެވެ. މިސާލަކަށް އެކްސިޑެންޓެއްވުމުން މީހަކު ދަޢުވާކުރުމަށްފަހު، އެދަޢުވާ ދޫކޮށްލައިފިނަމަ ސަރުކާރުން އެމައްސަލައި ގައި ހިފަންޖެހޭނެއެވެ. އެހެނީ ، މީސްތަކުންގެ އަމަންއަމާންކަން ގެއްލޭފަދަ ކަމަކަށް އަރައިގަތުމަކީ ދައުލަތުގެ މަސްލަޙަތާއި ގުޅުންހުރިކަމެކެވެ.
5- ދަޢުވާކުރާމީހާ އަބަދުވެސް މަސައްކަތް ކުރާނީ އެހެންމީހެއްގެ ކިބައިން ޙައްޤުން ވިޔަސް ނުވަތަ ނުހައްޤުން ވިޔަސް އެހެންމީހެއްގެ ކިބައިން އެއްޗެއް ހޯދުމަށެވެ. އެހެންނަމަވެސް ދަޢުވާ ލިބޭމީހާ މަސައްކަތް ކުރާނީ އޭނާގެ ބޮލުގައި އެޅުވިފައިވާ އިލްޒާމުން ބަރީއަވުމަށެވެ.
ދަޢުވާގެ ދެ ފަރާތް
ދަޢުވާގެ ދެ ފަރާތަކީ ދަޢުވާކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތެވެ. ނުވަތަ މުއްދަޢީ އާއި މުއްދަޢާ ޢަލައިހި އެވެ.ބައްޔިނާ ދެއްކުމަށް ނުވަތަ ހުށައެޅުމަށް ޤާޟީ އެދޭނީ ދަޢުވާކުރާމީހާގެ ކިބައިންނެވެ. އޭނާ އަށް ބައްޔިނާ ޤާއިމުކޮށްދެވިއްޖެ ނަމަ ޤާޟީ އެ މަސްއަލަ ނިންމާނީ ދަޢުވާކުރާމީހާއާ އެއްކޮޅަށެވެ. އޭނާ އަށް ބައްޔިނާއެއް ޤާއިމު ނުކުރެވިއްޖެ ނަމަ ޤާޟީ ދަޢުވާލިބޭ ފަރާތަށް ހުވާކުރަން ހުށައަޅާނެއެވެ.
މިކަމުގެ އަޞްލަކީ ރަސޫލުﷲ r ގެ ބަސްފުޅު " لَوْ يُعْطَى النَّاسُ بِدَعْوَاهُمْ لَادَّعَى رِجَالٌ أَمْوَالَ قَوْمٍ وَدِمَاءَهُمْ ، وَلَكِنَّ الْبَيِّنَةَ عَلَى الْمُدَّعِي ، وَالْيَمِينَ عَلَى مَنْ أَنْكَرَ [6] - މީސްތަކުން ކުރާހާ ދަޢުވާއަކާ އެއްގޮތަށް އެމީހުންނަށް ޙައްޤުތައް ދެވިއްޖެ ނަމަ، މީސްތަކުން ގެ މުދާތަކާއި ލޭތައް ހޯދުމަށް ދަޢުވާކުރަން ފަށާފާނެތެވެ. އެކަމަކު ބައްޔިނާ އޮތީ ދަޢުވާކުރާމީހާގެ މައްޗަށެވެ. ހުވާ އޮތީ އިންކާރުކުރާމީހާގެ މައްޗަށެވެ." ބައެއް ބޭކަލުން ވިދާޅުވާގޮތުގައި މި ޙަދީޘުގެ ފަހަތުބައި " وَلَكِنَّ الْبَيِّنَةَ عَلَى الْمُدَّعِي ، وَالْيَمِينَ عَلَى مَنْ أَنْكَرَ " މިއީ އަޞްލު ޙަދީޘުގައި ހިމެނޭ ބައެއް ނޫނެވެ. އެއީ އިދްރާޖު[7] ކުރެވިފައިވާ ބަޔެކެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުގައި ދަޢުވާކުރާމީހާއަށް ބައްޔިނާ ޤާއިމުކުރަން ޖެހެނީ އޭނާގެ މަޤާމު ނިކަމެތިކަމުންނެވެ. އެކަމާ އިންކާރު ކުރާމީހާ ( ދަޢުވާލިބޭ ފަރާތް ) ގެ މަޤާމު ވަރުގަދަކަމުން އޭނާއަށް ޤާއިމުކުރަން ޖެހެނީ ބަލިކަށި ބައްޔިނާ ( ނުވަތަ ހުވާ ) އެވެ. ދެ ފަރާތް ހަމަހަމަ ކުރެއްވުމަށްޓަކައި ބަލިކަށިފަރާތަށް ބާރުގަދަ ބައްޔިނާ ، އަދި ވަރުގަދަ ފަރާތަށް ބަލިކަށިބައްޔިނާ ޤާއިމުކުރަން ޖެއްސެވީއެވެ.[8]
ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި މުއްދަޢީ އަކީ " ބޭރުފުށުން ފެންނަ ފެނުމާ އޭނާގެ ބަސް ޚިލާފުވާ މީހާއެވެ. " މުއްދަޢާ ޢަލައިހި އަކީ " ބޭރުފުށުން ފެންނަ ފެނުމާ އޭނާގެ ބަސް އެއްގޮތްވާ މީހާ އެވެ. "
ބައެއްބޭކަލުން ވިދާޅުވާގޮތުގައި މުއްދަޢީ އަކީ " ޙުއްޖަތަކާ ނުލައި އޭތި އެމީހާއަށް ޙައްޤުނުވާމީހާ އެވެ . " މުއްދަޢާ ޢަލައިހި އަކީ " ޙުއްޖަތަކާ ނުލައި އޭނާ ބުނާ ބުނުމުން އެމީހާ އަށް އޭތި ޙައްޤުވާމީހާއެވެ. "
ދަޢުވާގެ ޙުކުން
ދަޢުވާގެ ޙުކްމަކީ މުއްދަޢާ ޢަލައިހިގެ މައްޗަށް އާއެކޭ ނުވަތަ ނޫނެކޭ ބުނުން ވާޖިބުވާނެއެވެ. ދަޢުވާކުރާމީހާ ބުނާ އެއްޗަކަށް އިޢުތިރާފުވެއްޖެ ނަމަ ( ނުވަތަ އިޤްރާރުވެއްޖެ ނަމަ ) ދަޢުވާކުރާ އެތި ސާބިތުވެ މުއްދަޢީ އަށް ލިބޭނެއެެ. މުއްދަޢާ ޢަލައިހި އިންކާރު ކޮށްފި ނަމަ ޤާޟީ ބައްޔިނާ ދެއްކުމަށް މުއްދަޢީގެ ކިބައިން އެދޭނެއެވެ. މުއްދަޢީ ބައްޔިނާއެއް ނެތްކަމަށް ބުނެފި ނަމަ މުއްދަޢާ ޢަލައިހި އަށް ހުވާކުރަން އެދެވިދާނެއެވެ. މުއްދަޢާ ޢަލައިހި ހަނުހުރެއްޖެ ނަމަ އެއީ ދަޢުވާއާ އިންކާރުކުރުމެވެ. އެހިދު ބައްޔިނާ ޤާއިމުކުރުމަށް އެންގޭނެއެެވެ.
ދަޢުވާގެ ބައިތައް
1- ޞަޙީޙު ދަޢުވާ : އެއީ ޚަޞްމު ޙާޟިރުކުރުވަންޖެހޭ ، ޖަވާބުދޭންޖެހޭ ، ބައްޔިނާއެއް ނެތްނަމަ ހުވާ އަރާ ފަދަ ދަޢުވާއާ ގުޅިފައިވާ ކަންތައްތައް އޭގައި ހިމެނޭ ދަޢުވާތަކެވެ.
2- ފާސިދު ދަޢުވާ :އެއީ ޞަޙީޙު ނޫން ދަޢުވާތަކެވެ.
ދަޢުވާއާ ބެހޭގޮތުން ޙުކުންކުރުން ޞައްޙަވުމުގެ ޝަރްޠުތައް
ފުރަތަމަ ޝަރްޠު : ދަޢުވާލިބޭ ފަރާތް ( މުއްދަޢާ ޢަލައިހި ) ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުން - ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި އުފުލިފައިވާ ދަޢުވާއާ ބެހޭގޮތުން ޙުކުމެއް ކަނޑައެޅުން ޞައްޙަވުމުގެ ޝަރްޠުތަކުގެ ތެރޭގައި ދަޢުވާލިބޭ ފަރާތް ނުވަތަ އޭނާގެ ވަކީލު ނުވަތަ އޭނާގެ ވަލީވެރިއާ ނުވަތަ އޭނާގެ ވާރިސު ނުވަތަ ކަފީލު ދަޢުވާގެ މަޖިލީހަށް ޙާޟިރުވުން ހިމެނެއެވެ. ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި ދުރުރަށެއްގައި ހުރިމީހެއްގެ މައްޗަށް އުފުލޭ ދަޢުވާއެއްގައި ނިޔާއެއް ނީއްވޭނެއެވެ. މިއީ ޢިލްމުވެރިންގެ މެދުގައި ރައޔު ތަފާތުވެފައިވާ ކަމެކެވެ.
ޣައިރު ޙާޒިރުގައި ނިޔާއިއްވުމުގެ މަސްއަލާގައި ޢިލްމުވެރިންގެ ރައުޔުތައް
1- ފުރަތަމަ ރައުޔު :ޣައިރު ޙާޒިރުގައި ޝަރީޢަތްކުރުން ހުއްދަވެގެން ނުވެއެެ. މިއީ އަބޫ ޙަނީފާގެ ރައުޔެވެ. މާލިކީންގެ ތެރެއިން އިބްނުލްމާޖިޝޫން މި ރައުޔަށް ތާއީދުކުރައްވައެވެ. އަޙްމަދު ބުނު ޙަންބަލުގެ ރައުޔުތަކުގެ ތެރޭގައިވެސް މި ރައުޔު ހިމެނެއެވެ.
2- ދެވަނަ ރައުޔު : އާދަމުގެދަރިންގެ ޙައްޤުތަކުގައި ޣައިރު ޙާޒިރުގައި ޝަރީޢަތްކުރުމަކީ ހުއްދަކަމެކެވެ. އެކަމަކު ﷲގެ ޙައްޤުތަކުގައި ޣައިރު ޙާޒިރުގައި ޝަރީޢަތެއް ނުކުރެވޭނެއެވެ. މިއީ ޝާފިޢީގެފާނާއި ޡާހިރީންނާއި ޖުމްހޫރުޢިލްމުވެރިންގެ ބަހެވެ. [9]
ދެ ރައުޔުގެ ދަލީލުތައް ބަޔާންކުރުމުގެ ކުރިން އަބޫޙަނީފާ އާއި ޝާފިޢީ އެއްބަސްވެވަޑައިގަންނަވާ ޙާލަތްތަކެއްވާތީ މި ޙާލަތްތައް ބަޔާންކުރުން ރަނގަޅުވާނެކަމަށް ދެކެމެވެ.
1- ވާރިސެއްގެ އަތުން ލިބެންޖެހޭ މުދަލެއް ހޯދަންވެގެން، މީހަކު ދަޢުވާކުރިއިރު ، މައްޔިތާގެ ވާރުތަވެރިންގެ ތެރެއިން ބަޔަކު ޣައިރު ޙާޒިރުގައި ތިބި ނަމަ އަދި ދަޢުވާކުރާމީހާ އޭނާގެ ދަޢުވާ ސާބިތުކުރުމަށް ބައްޔިނާ ދެއްކި ނަމަ ، މި ބައްޔިނާގެ މައްޗަށް ބަލައި ޙާޒިރުންނަށާއި، ޣައިރުޙާޒިރުންނަށާއި މައްޔިތާގެ މައްޗަށް ޙުކުން އިއްވިދާނެއެވެ.
2- ޤާޟީގެ މަޖްލީހުގައި ގެއްލިފައިވާކަން ސާބިތުވެފައިވާ މީހެއްގެ މުދާތަކެއް އެހެންމީހެއްގެ އަތުގައި ރައްކައުކުރަން ބަހައްޓައިފާ ހުރި ނަމަ އެމީހާގެ އަނބިމީހާއަށާއި ދަރިންނަށް އެ މުދަލުން ނަފަޤާދިނުމަށް ޙުކުން ކަނޑައެޅިދާނެއެވެ. މިކަމަށްޓަކައި އޭނާގެ ހަރުމުދާތައް ( ޢިމާރަތް ފަދަ ) ވިއްކުން ވެސް ހުއްދަވާނެއެވެ.
3- ފިރިހެނަކު މުރްތައްދުވުމަށްފަހު ފިލައިގެން ކާފިރުޤައުމަކަށް ހިގައްޖެ ނަމަ އޭނާގެ އަންހެނުން ބާއިންވަރިއަކުން ވަރިކުރުވުމުގެ ބާރު ޤާޟީއަށް ލިބިގެންވެއެވެ. އެކަމަކު އެއީ އެކަން ބައްޔިނާއިން ސާބިތުވުމަށްފަހުގައެވެ.
4- ޝަރީޢާތުގެ މަޖިލީހަށް ޙާޒިރުނުވި ނަމަވެސް އޭނާ ރަށުގައި ހުރި ނަމަ އޭނާގެ މައްޗަށް ޙުކްމެއް އިއްވުން ހުއްދަވެގެން ނުވެއެވެ. މި ޙާލަތުގައި ޤާޟީ އަށް އޭނާ މަޖިލީހަށް ގެނެވިދާނެތީއެވެ.
ޣައިރު ޙާޒިރުގައިވާ މީހާގެ މައްޗަށް ނިޔާއިއްވުން ހުއްދަވާނެ ކަމަށް ވިދާޅުވާބޭކަލުންގެ ދަލީލުތައް
1- މާތްﷲ ވަޙީކުރައްވަނީ " وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ [10]- އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ!"މިއީ ޢާޢްމު ބަސްފުޅެކެވެ. މިބަސްފުޅުގައި ޙާޒިރާއި ޣައިރު ޙާޒިރު ތަފާތުކުރައްވާފައެއް ނެތެވެ.
2- ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އެކަލޭގެފާނު ޣައިރުޙާޒިރުގައި ނިޔާއިއްވާވަފައިވެއެވެ. ޢިރްނިއްޔޫން[11] ގެ މަސްއަލާގައި ރަސޫލުﷲގެފާނު މީހުން ފޮނުއްވައި އެމީހުންގެ ކިބައިން ޤިޞާޞު ހިއްޕެވިއެވެ.
3- ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ޣައިރުޙާޒިރުގައި ނިޔާއިއްވަވާފައިވެއެވެ. މިކަމުގައި އެއްވެސް ޞަޙާބީއަކު އެ ދެބޭކަލުންނާ ދެކޮޅުހައްދަވާފައެއް ނެތެވެ.
4- ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވާގޮތުގައި އަބޫސުފްޔާނުގެ އަނބިކަނބަލުން ހިންދު ބިންތު ޢުތުބާ ކީރިތިރަސޫލާ އަށް ދެންނެވިއެވެ. " އަބޫ ސުފްޔާނަކީ ދަހި މީހެކެވެ. އޭނާ އަޅުގަނޑަށް އަޅުގަނޑަށާއި ދަރިންނަށް ފުދޭވަރަށް ނަފަޤާ ނުދޭތީ އަޅުގަނޑު އޭނާގެ މުދަލުގައި ސިއްރުންޖެހެމެވެ. އެކަމުގައި އަޅުގަނޑުގެ މައްޗަށް ކުށެއް ވޭތޯއެވެ؟ އެހިނދު ޖަވާބުގައި ރަސޫލުﷲގެފާނު ވިދާޅުވިއެވެ. ތިބާއަށާއި ތިބާގެ ދަރިންނަށް ފުދޭ މިންވަރަށް ހެޔޮގޮތުގައި ނަގާށެވެ. " [12] މިއީ ޣައިރުޙާޒިރުގައި ރަސޫލުﷲގެފާނު އިއްވެވި ނިޔާއެކެވެ. މިކަމަށް ރައްދުދެއްވާބޭކަލުން ވިދާޅުވާގޮތުގައި މިއީ ނިޔާއެއް ނޫނެވެ. އެކަމަކު އެއީ ފަތުވާއެކެވެ. މި މަސއަލާގައި ހިންދު ދަޢުވާއެއް ނުކުރައްވައެވެ. އަދި ބައްޔިނާއެއް ވެސް ޤާއިމެއް ނުކުރައްވައެވެ.
ޣައިރު ޙާޒިރުގައިވާ މީހާގެ މައްޗަށް ނިޔާއިއްވުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވާބޭކަލުންގެ ދަލީލުތައް
1- މާތްﷲ ވަޙީކުރައްވަނީ " وَإِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ [13]- އަދި އެއުރެންގެ މެދުގައި حكم ކުރެއްވުމަށް، اللَّه އާއި އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިނަމަ، އެހާރުން އެއުރެންގެ ތެރެއިން ބަޔަކު، އެނބުރި ފުރަގަސްދޭބަޔަކު ކަމުގައިވެއެވެ. " އެއުރެންގެ މެދުގައި ޙުކުންކުރުމަށްޓަކައި އައުމަށް ގޮވައިލުމުން އެމީހުން އެކަމާދެކޮޅުހެދިހެދުން ﷲ މިވަނީ ކުށްވެރިކުރައވައިފައެވެ. ޣައިރުޙާޒިރުގައި ޙުކުން އިއްވާ ، މި ޙުކުން ތަންފީޒުކުރުން ހުއްދަވެގެންވާ ނަމަ އެމީހުންނަށް މަލާމާތް ރައްދެއް ނުކުރައްވާނެއެވެ.
2- ކީރިތިރަސޫލާ r ޢަލީގެފާނަށް ވިދާޅުވިއެވެ. " އަނެއް ފަރާތުގެ އަޑު އައްސަވާފައި މެނުވީ ކަލޭގެފާނު ނިޔާ ނީއްވަވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނު އަނެއްފަރާތުގެ އަޑުއައްސަވައިފި ނަމަ ނިޔާ އިއްވަވާނެގޮތް ކަލޭގެފާނަް އެނގިވަޑައިގަންނަވާނެއެވެ. " [14]އަނެއްފަރާތުގެ އަޑުއެހެނީ އޭނާ ޙާޒިރުވެގެންނެވެ.
3- ޢަމްރު ބުނު ޢުޘްމާނު ބުނު ޢައްފާނުގެ އަރިހުން ރިވާވެގެންވާގޮތުގައި އެއް ލޯ ކޮނެލެވިފައިވާ މީހަކު ޢުމަރުގެފާނު އަރިހަށް އައެވެ. ޢުމަރުގެފާނު އޭނާ އަށް ވިދާޅުވިއެވެ. ތިބާގެ ޚަޞްމު ގޮވައިގެން އަންނަންދާށެވެ. އެހިނދު އެމީހާ ދެންނެވިއެވެ.އޭ އަމީރުލް މުއުމިނީނެވެ! ކަލޭގެފާނު ތިޔަހުންނެވީ ކަމަކާމެދު ކޯފާވެފައިތޯއެވެ؟ އަޅުގަނޑުގެ ޙާލު ފެނިވަޑައެއް ނުގަންނަވާތޯއެވެ؟ އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ތިބާ ތިބާގެ ޚަޞްމުގެ ދެ ލޯ ކޮނެލައިފާ ނުވާނެ ބާވައެވެ! ފެހެ، އޭނާގެ ޚަޞްމު އެތަނަށް އައެވެ. އޭރު އޭނާގެ ދެ ލޯ ވަނީ ކޮނެލެވިފައެވެ. ފަހެ، ޢުމަރުގެފާނު ވިދާޅުވިއެވެ. އަނެއްފަރާތުގެ ޙުއްޖަތް އަޑުއަހައިފި ނަމަ ނިޔާ އިއްވާނެ ގޮތް ފާޅުވެދާނެއެވެ. "އިބްނު ޙަޒްމު ވިދާޅުވާގޮތުގައި ޢުމަރުގެފާނާ ދެކޮޅަށް އެއްވެސް ޞަހާބީއަކު އެއްޗެއް ވިދާޅުވެފައިވާކަން އެނގޭކަށް ނެތެވެ. އެކަމަކު މި އަސަރާ ދެކޮޅު ހައްދަވާ ބޭކަލުން ވިދާޅުވާގޮތުގައިނ ޢަމްރު ބުނު ޢުޘްމާނު ބުނު ޢައްފާން ރައްކައުވީ ޢުމަރުގެފާނު އަވަހާރަވި ރޭގައެވެ. އެހެންކަމުން މި އަސަރު ޢަމްރުގެފާނު ރިވާކުރައްވާނީ ކިހިނެއްހެއްޔެވެ؟
4- ޤަޟާ އަކީ އަރާރުން ނައްތައިލުމަށްޓަކައި ކުރެވޭ ކަމެކެވެ. ދެވަނަ ޚަޞްމު ނެތް ނަމަ އަރާރުމެއް ނޯންނާނެއެވެ.
5- ޣައިރު ޙާޒިރުގައި ނިޔާ އިއްވުމަކީ ދެ ޚަޞްމުން ކުރެ އެކަކަށް ކޮށްދެވޭ ކަމެކެވެ. މިއީ ހުއްދަކަމެއް ނޫނެވެ.
6- ޣައިރުޙާޒިރުގައިވާ ޚަޞްމުގެ އަތުގައި ދަޢުވާކުރާމީހާގެ ދަޢުވާ ބާޠިލުކޮށްލާނެ ބައްޔިނާއެއް އޮވެދާނެއެވެ. އެހެންކަމުން އެ ފަރާތުގެ ޣައިރު ޙާޒިރުގައި ޙުކުންކުރުން ހުއްދައެއް ނުވާނެއެވެ.
ބުރަވެވޭ ރައުޔު
މިތާނގައި ބުރަވެވެން އޮތީ ޣައިރުޙާޒިރުގައި ނިޔާ އިއްވުން ހުއްދަވާނެކަމަށް ވިދާޅުވާބޭކަލުންގެ ރައުޔަށެވެ. އެކަމަކު އެކަން ކުރަންވާނީ ދެވަނަ ފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރުމަށް މަސައްކަތްކުރުމަށްފަހުގައެވެ. އަދި ދަޢުވާކުރާ ފަރާތުގެ އަތުގައި ބައްޔިނާ ހުރި ނަމައެވެ. މިޒަމާނަށް ބަލައި އިރު މިއީ މަކަރާއި ޙީލަތުގެ ޒަމާނެކެވެ. އިންވެސްޓްކުރުމުގެ ނަމުގައި މީހުންގެ މުދާތައް އަތުލައިގަތުމަށް އެ ހިފައިގެން ފިލައިގެންދާ ޒަމާނެކެވެ. އެމީހަ ފިލައިގެން ގޮސްފައިވާތީއޭ ކިޔާފައި އެހެންމީހުންގެ ޙައްޤުތައް ގެއްލިގެންދާން ދޫކޮށްލާންވީ ހެއްޔެވެ؟ އެކަށިގެންވާ ވަރަށް ބައްޔިނާ ހުރި ނަމަ މި ބައްޔިނާތަކަށް ބަލައި ޤާޟީ އަށް އެ މަސްއަލައެއް ނިންމިދާނެއެވެ. ޙަނަފީ މަޛްހަބަށް ބަލައި އިރު އެ މަޛްހަބުގެ ބައެއްޢިލްމުވެރިން މަޛްހަބުގެ އިމަމުގެ ރައުޔަށް ތާއީދުނުކުރައްވާކަން ފާހަގަކުރެވެއެވެ.
އަބޫ ޙަނީފާ ފިޔަވާ އަނެއް ތިންއިމާމުން ވިދާޅުވާގޮތުގައި ޣައިރުޙާޒިރުގައިވާމީހާގެ މައްޗަށް ނިޔާއިއްވުމަކީ ހުއްދަކަމެކެވެ.
ޣައިރު ޙާޒިރުގެ މާނަ
1- މާލިކީން ވިދާޅުވާގޮތުގައި ޣައިރު ޙާޒިރު ( ނުވަތަ ޣާއިބު ) ގައި ހުރި މީހާ ހުރީ ( ކުރީ ޒަމާނުގެ ވަސީލަތްތަކުން ) ދެ ދުވަހުގެ ނުވަތަ ތިންދުވަހުގެ ދަތުރެއްގެ ދުރުހިސާބެއްގައި ނަމަ އެއީ ދަޢުވާ އަޑުއެހުމުގައި ކައިރީގައި ( ޙާޒިރުވެ ) ހުރި މީހަކާ އެއްފަދަމީހެކެވެ. އޭނާގެ މައްޗަށް އުފުލުނު ދަޢުވާގެ އަޑުއަހައި ބައްޔިނާ ބެލުމަށް ފަހު ޤާޟީ އޭނާގެ ގާތަށް މީހަކު ފޮނުވައި ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވުމަށް ނުވަތަ ވަކީލަކު ފޮނުވުމަށް އަންގާނީއެވެ. އޭނާ ޙާޒިރު ނުވި ނަމަ ނުވަތަ ވަކީލަކު ނުފޮނުވިނަމަ އޭނާގެ ޣައިރުޙާޒިރުގައި ޝަރީޢަތް ނިންމާނީއެވެ.
އެކަމަކު އޭނާހުރީ ވަރަށް ދުރުގައި ނަމަ ޤާޟީ ދަޢުވާގެ އަޑުއަހައި ، ބައްޔިނާ އަށް ބަލައި މުއްދަޢީ ލައްވައި ހުވާކުރުވުމަށްފަހު މަސްއަލަ ނިންމާނީއެވެ. ހުވާކުރުވާނީ މުއްދަޢީގެ ޙައްޤު މުއްދަޢާ ޢަލަހި ގެ މައްޗަށް ސާބިތުވާކަމަށެވެ. މާލިކީން ވިދާޅުވާގޮތުގައި ޔަމީނުލް ޤަޟާ އަކީ މި ޙާލަތުގައި ވާޖިބު އެއްޗެކެވެ. [15]
2- ޝާފިޢީންގެ އަރިހުގައި ޣައިބުގައި ހުރުމުގައި މަސްއަލަތައް ދެބަޔަކަށް ބެހިގެންވެއެވެ. (ހ) مسافة العدوى[16] އަށް ވުރެ ދުރު ހިސާބެއްގައި ހުރުމެވެ. ނުވަތަ އެއީ ނަމާދު ޤަޞްރުކުރުން ހުއްދަވާ ދުރުމިނެވެ. (ށ) ރަށުގައި ހުރި ނަމަވެސް ފިލައިގެން އުޅުން ނުވަތަ އުޅޭތަނެއް ނޭގުން ނުވަތަ ޙާޒިރުކުރެވޭނެގޮތެއް ނެތުން މި ފަދަ މީހާ އަކީ ޣައިބުގައިވާ މީހެކެވެ. އޭނާ މައްޗަށް ޤާޟީ އަށް ނިޔާ އިއްވާނެއެވެ.
މި ދެ ޙާލަތުގައި ޣައިރުޙާޒިރުގައި ޤާޟީ އަށް ނިޔާ އިއްވޭނެއެވެ. ރަށުގައި ހުރިމީހެއް ނަމަ ނުވަތަ ކައިރިހިސާބެއްގައި ހުރި މީހެއް ނަމަ ދަޢުވާލިބޭ ފަރާތް ޙާޒިރުނުކޮށް ނިޔާ އިއްވައިގެން ނުވާނެއެވެ. އެކަމަކު ދަޢުވާ ލިބޭ ފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޒިރު ނުވި ނަމަ ނުވަތަ ޤާޟީ އަށް ފިލައިގެން އުޅޭ ނަމަ އޭނާގެ ޣައިރުޙާޒިރުގައި ޝަރީޢަތްކުރުން ހުއްދަވާނެއެވެ. [17]
ޣައިރުޙާޒިރުގައި ޝަރީޢަތްކުރުން ހުއްދަވާނެކަމަށް ބުނާ ރައުޔުގެ ޝަރްޠުތައް
1- ދަޢުވާލިބޭ ފަރާތް ޙާޒިރުކުރުވަން އުނދަގޫވުން
2- ދަޢުވާކުރެވޭ އެއްޗަކަކީ ( މުއްދަޢާ ބިހީ އަކީ ) އާދަމުގެދަރިއެއްގެ ޙައްޤެއްކަމުގައިވުން އެއީ ﷲއަށް ޚާއްޞަ ޙައްޤެއްކަމުގައި ވާ ނަމަ ޣައިރުޙާޒިރުގައި ޝަރީޢަތް ނިންމުން ހުއްދަވެގެންނުވެއެވެ. މިސާލަކަށް ރާބުއިން ، ޒިނޭކުރުން އާދަމުގެ ދަރިއަކާ ގުޅިފައިވާ ޙައްޤެއް ނަމަ މިސާލަކަށް ވައްކަންކުރުން ޤާޟީ އަށް ނިޔާ ކަނޑައެޅެނީ ވަގަށް ނެގި މުދަލާ ބެހޭގޮތުންނެވެ. އޭނާގެ އަތްކެނޑުމާބެހޭގޮތުން ނިޔާއެއް ނީއްވޭނެއެވެ. އެހެނީ އެއީ ﷲގެ ޙައްޤެކެވެ. އެކަމަކު މުދަލަކީ އާދަމުގެދަރިޔާގެ ޙައްޤެކެވެ. [18]އެކަމަކު ޝާފީޢީން ވިދާޅުވާގޮތުގައި ޤަޛްފުގެ ޙައްދުގައި ޣައިރުޙާޒިރުގައި ނިޔާ އިއްވިދާނެއެވެ. އެހެނީ ޤަޛްފުގައި ދެ ޙައްޤެއްވެއެވެ. އެއީ ﷲގެ ޙައްޤަކާއި އާދަމުގެދަރިޔާގެ ޙައްޤެކެވެ. ޝާފިޢީން ވިދާޅުވާގޮތުގައި ޙައްދުތަކުގައި އިސްކަން ދެވޭނީ އާދަމުގެދަރިޔާގެ ޙައްޤަށެވެ.
3- ދަޢުވާކުރާމީހާ ޞަރީޙަބަހުން ދަޢުވާ ހުށައެޅުންއަދި ދަޢުވާލިބޭ އެތީގެ މިންވަރާއި ޖިންސު ސާފުކޮށް ޢައްޔަންކޮށް ބަޔާންކުރުން
4- ދަޢުވާކުރާމީހާ މީހާ ބައްޔިނާ ޤާއިމުކުރުން .
ބައްޔިނާ ޤާއިމުކުރުމަށް ފަހު ދަޢުވާކުރާފަރާތް ލައްވާ ހުވާކުރުވުން
ހ- ދަޢުވާލިބޭ ފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވެފައިވާ ނަމަ ދަޢުވާ އުފުލާ ފަރާތުން ބައްޔިނާ ޤާއިމުކުރުމަށް ފަހު މި ބައްޔިނާ ކަށަވަރުކުރުމަށްޓަކައި އޭނާ ލައްވާ ހުވާކުރުވުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.
ށ- އެކަމަކު ދަޢުވާ ލިބޭ ފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޒިރު ނުވާނަމަ ( ޣާއިބުގައި ވާނަމަ ) ދަޢުވާކުރާ ފަރާތުން ބައްޔިނާ ޤާއިމުކުރުމަށް ފަހު މި ބައްޔިނާ ކަށަވަރުކުރުމަށްޓަކައި އޭނާ ލައްވާހުވާކުރުމުގެ މަސްއަލާގައި ޢިލްމުވެރިންގެ ރައުޔު ދެބަޔަކަށް ބެހިގެންވެއެވެ. (1) ބައްޔިނާ އަކީ ޢަދްލުވެރި ބައްޔިނާއެއް ނަމަ އޭނާލައްވާ ހުވާކުރުވުން ވާޖިބުވެގެން ނުވެއެވެ. (2) ބައްޔިނާ ޤާއިމުކުރުމަށް ފަހު އޭނާ ލައްވާ ހުވާކުރުވަން ވާނެއެވެ. މިއީ ޝާފިޢީގެފާނުގެ ރައުޔެވެ. އަޙްމަދުގެ ރައުޔުތަކުގެ ތެރޭގައިވެސް މި ރައުޔު ހިމެނެއެވެ. މިއީ މާލިކީންގެ ވެސް ރައުޔެވެ. ޤާޟީ ކުރުވާ މި ހުވަޔަކީ ރައްކައުތެރިކަމުގެ ގޮތުން ކުރާކަމެކެވެ. [19]
ދެވަނަ ޝަރްޠު : ދަޢުވާކުރާ ފަރާތުން އޭނާގެ ދަޢުވާއާ ތަޢާރުޟުވާކަމެއް އިސްވެ ހިގައިފާ ނުވުން – މިސާލަކަށް އޭނާ ކުއްޔަށް ހިފައިގެން އުޅޭ ގެއެއް ކަމަށް ބުނުމަށް އެ ގޭގެ ވެރިއަކީ އޭނާ ކަމަށް ބުނުން . އެހެނީ ކުއްޔަށް ހިފައިގެން އުޅޭކަމަށް ބުނުމަކީ އެހެންމީހެއްގެ ގެއެއް ކަމަށް އިޤްރާރު( ނުވަތަ އިޢިތުރާފު) ވުމެވެ. އެހެންކަމުން އޭނާފެ ދަޢުވާގައި އަރާރުންވުމެއް އެބަވެއެވެ.
ތިންވަނަ ޝަރްޠު : ހޯދުމަށް ދަޢުވާކުރާ އެއްޗަކީ ( މުއްދަޢާ ބިހީ ) އޭނާގެ އެއްޗެއްކަން ސާބިތުކޮށްދެވިދާނެ އެއްޗެއްކަމުގައިވުން – ޙިއްސީގޮތުން ވިޔަސް ނުވަތަ ޢަޤްލީގޮތުންވިޔަސް ނުވަތަ އާދަކާދައިގެ ގޮތުންވިޔަސް މުސްތަޙީލުކަމެއް ހޯދުމަށް ކުރާ ދަޢުވާ ޞައްޙައެއް ނުވާނެއެވެ. މިސާލަކަށް 40އަހަރުގެ މީހަކު 35އަހަރުގެމީހަކު އޭނަގެ ދަރިއަކަށް ހަދަން އުޅުމަކީ ބުއްދީގެ ގޮތުން ބަލައިގަނެވޭނެކަމެއް ނޫނެވެ. މިސާލަކަށް ދަރަނިވެރިއަކަށް ވާތީ ޒަކަތުން ބައިނަގާމީހަކު މީހަކަށް ދެލައްކަ ރުފިޔާ ދަރަންޏަށް ދީފައިވާނެކަމަށް ބުނާ ބުނުމަކީ ޤަބޫލުކުރެވޭނެ ވަހަކައެއް ނޫނެވެ. މިފަދަ ދަޢުވާތައް ޤާޟީ ބަލައިގަނެގެން ނުވާނެއެވެ.
ހަތަރު ވަނަ ޝަރްޠު : ހޯދުމަށް އެދި ދަޢުވާކުރާ އެއްޗަކީ ކޮންއެއްޗެއްކަން އެނގިފައިވުން- އެއީ ކޮންއެއްޗެއްކަން ނޭގޭ އެއްޗެއް ހޯދުމަށް ދަޢުވާއެއް ނުކުރެވޭނެއެވެ.ޤަތުލުގެ ދަޢުވާއެއް ނަމަ އެއީ ޤަތުލު ޢަމްދެއްކަން ނުވަތަ ޤަތުލު ޚަޠައެއް ކަން ނުވަތަ ޤަތުލު ޝިބްހުޢަމްދެއްކަން ، އެކަން ކޮށްފައިވަނީ ކިހިނެއްކަން އެނގެންޖެހޭނެއެވެ. ހޯދަން އެޭއެއްޗަކީ ގޮވާމެއް ނަމަ އެއީ ކޮންބާވަތެއްގެ ގޮވާމެއްކަން އަދި ކިހާ މިންވަރެއްކަން އެނގެންޖެހޭނެއެވެ. ޝަރީޢަތުގެ މަޖިލީހަށް އޭތި ގެނެވފައިވާ ނަމަ އެއަށް އިޝާރަތްކޮށް ބުނުމުން ފުދޭނެއެވެ.
ފަސްވަނަ ޝަރްޠު : ޚަޞްމުގެ މައްޗަށް ލާޒިމުވާ އެއްޗެއްކަމުގައިވުން – އެއީ ޚަޞްމުގެ މައްޗަށް ލާޒިމު ނުވާ އެއްޗެއްކަމުގައިވާ ނަމަ އެ ދަޢުވާ ވާނީ ބާޠިލު ދަޢުވާއަކަށެވެ. މިސާލަކަށް މީހަކު ކަމެއްކުރުމަށް ވަކީލަކާ ހަވާލުކުރުން . އެހެނީ ވަކާލާއަކީ މުލްޒިމު ޢަޤްދެއްނޫނެވެ. މުވައްކިލަށް ބޭނުން ކޮންމެ އިރަކު ވަކީލު ޢަޒްލުކުރެވިދާނެއެވެ.
ހަވަނަ ޝަރްޠު : ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ ހުށައެޅުން – ޝަރީޢާތުގެ މަޖިލީހުގައި ނޫނީ ހުށާއަލާ ދަޢުވާއަށް ޖަވާބު ދިނުމެއް ވެސް ނޯންނާނެއެވެ. އަދި ޤާޟީގެ ކުރިމަތީގައި މެނުވީ ހެކިބަސްދިނުމެއް ވެސް ނޯންނާނެއެވެ.
ހަތްވަނަ ޝަރްޠު : ދަޢުވާކުރާމީހާ ނުވަތަ އޭނާގެ ވަކީލުގެ އަނގައިން ދަޢުވާ ހުށައެޅުން – ޢިލްމުވެރިން ވިދާޅުވާގޮތުގައި ހިތުން ހުށައަޅަން ނުކުޅެދުންތެރިވާމީހާ އަށް ލިޔެގެންވެސް ދަޢުވާ ހުށައެޅިދާނެއެވެ.
އަށްވަނަ ޝަރްޠު : މަޚްލޫޤަކަށް ނަދުރުބުނެގެން ކުރާ ދަޢުވާއަކަށް ނުވުން - އެހެނީ ނަދުރު ބުނެވޭނީ ހަމައެކަނި ﷲ އަށެވެ. އެހެންކަމުން މަޚްލޫޤަކަށް ނަދުރުބުނެ ކުރާ ދަޢުވާގެ އަޑެއް ނޭހޭނެއެވެ. އަދި އެކަމުގައި ނިޔާއެއް ވެސް ނީއްވޭނެއެވެ.
ނުވަވަނަ ޝަރްޠު : ދަޢުވާލިބެ ފަރާތް ޢައްޔަންކުރުން
ދިހަވަނަ ޝަރްޠު : ދަޢުވާކުރާމީހާ ވެސް އަދި ދަޢުވާލިބޭމީހާ ވެސް ޙަރްބީއަކުކަމުގައި ނުވުން- އެކަމަކު ޙަރްބީ އަކީ އަމާންކަން ލިބިފައިވާމީހެއް ނަމަ އޭނާކުރާ ދަޢުވާ ޞައްޙަވާނެއެވެ. އަދި އޭނާގެ މައްޗަށް އުފުލޭ ދަޢުވާ ވެސް ޞައްޙަވާނެއެވެ.
އެގާރަވަނަ ޝަރްޠު : ދަޢުވާކުރާމީހާ މުކައްލަފަކަށް ވުން – އެހެންކަމުން ކުޑަކުދިންނާއި މޮޔައިންނާއި ބުއްދި ސަލާމަތުން ނެތްމީހުންނަށް ދަޢުވާއެއް ނުކުރެވޭނެއެވެ. އެކަމަކު މާލިކީން ވިދާޅުވާގޮތުގައި ބާލިޣުވުމަކީ ޝަރްޠެއްނޫނެވެ. ޙަނަފީން ވިދާޅުވާގޮތުގައި ތަންދޮރުވަކިކޮށް އެނގޭވަރުގެ ކުޑަކުއްޖާއަށް ދަޢުވާކުރުމުގެ ހުއްދަދެވިފައިވާ ނަނަ އޭނަ ކުރާ ދަޢުވާ ޞައްޙަވާނެއެވެ.
ދަޢުވާލިބޭ ފަރާތް މުކައްލަފަކަށް ވާންޖެހޭނެތަ؟
ޙަނަފީން ވިދާޅުވާގޮތުގައި ދަޢުވާލިބޭ ފަރާތް ވެސް މުކައްލަފަކަށް ވާންޖެހޭނެއެވެ. [20] އެހެންކަމުން ކުޑަކުދިންނާއި މޮޔައިންގެ މައްޗަށް ކުރާ ދަޢުވާ ޞައްޙައެއް ނުވާނެއެވެ. ޝާފިޢީން ވިދާޅުވާގޮތުގައި ގެއްލުންދިނުމާއި ހަލާކުކުރުމާ ބެހޭ ގޮތުން ކުޑަކުއްޖާގެ މައްޗަށް ދަޢުވާކުރެވޭނެއެވެ.
ބާރަވަނަ ޝަރްޠު : ކުރާ ދަޢުވާއަކީ ކަށަވަރުވާކަމަކާ ބެހޭގޮތުން ކުރާ ދަޢުވާއެއް ކަމުގައިވުން – މިވެނިމީހެއްގެ އަތުގައި އަހަންނަށް ލިބެންޖެެހޭ ދެހާސް ޑޮލަރު އޮވެދާނެކަމަށް ހީކޮށް ދަޢުވާއެއް ނުކުރެވޭނެއެވެ.
ދަޢުވާކުރުމުގައި އުޖޫރަދީގެންނާއި އުޖޫރަނުދީ ވަކީލެއްގެ ބޭނުންކުރުމުގެ ޙުކުން
ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުގައި ދަޢުވާކުރުމުގައި ވަކީލެއްގެ ބޭނުންކުރުމަކީ ހުއްދަކަމެކެވެ. މުވައްކިލު އަންހެނަަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ޙުލުމުގައި ތަފާތެއް ނެތެވެ. މުވައްކިލު ބޭނުން ވަގުތަކު ވަކީލު ޢަޒްލުކުރެވިދާނެއެވެ. އުޖޫރައަކަށް ވަކީލަކު ޢައްޔަންކުރި ނަމަ އެއީ ލާޒިމު ޢަޤްދެކެވެ. މިކަމަށް ދޭ އުޖޫރައިގެ މިންވަރާއި ވަކާލާގެ މުއްދަތާއި ކުރަންޖެހޭ މަސައްކަތް ކަނޑައަޅައި އެނގެންޖެހޭނެއެވެ.
ޤަޟިއްޔާ ކާމިޔާބުވެއްޖެ ނަމަ ވަކި އަގެއް ދިނުމަށް އެއްބަސްވުން
ހުށައަޅާފައިވާ ޤަޟިއްޔާ ކާމިޔާބުވެއްޖެ ނަމަ ވަކިވަރަކަށް ފައިސާ ދިނުމަށް އެއްބަސްވުމުގެ މަސްއަލާގައި ޢިލްމުވެރިންގެ ރައުޔު ތަފާތެވެ. މިއީ ހުއްދަކަމެއް ކަމަށް ވިދާޅުވާބޭކަލުން ވިދާޅުވާގޮތުގައި މިއީ ބޭސްކޮށްދޭ ޑަކްޓަރަށް އުޖޫރަދިނުން ފަދަކަމެކެވެ. މާލިކުގެފާނު ވިދާޅުވާގޮތުގައި މަސްއަލަ ކާމިޔާބުވުމުން ނޫނީ އަގުނެގުން މަކްރޫހަ ވާނެއެވެ. އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވާ އެހެން ރައުޔެއް ބުނާގޮތުގައި އެއީ ހުއްދަކަމެކެވެ.
ބާޠިލުދަޢުވާއެއްގައި މުއްތަހަމަށް ވަކީލުކަންކޮށްދިނުން
ޢިލްމުވެރިން ވިދާޅުވާގޮތުގައި ބާޠިލުދަޢުވާއެއްގައި މުއްތަހަމަށް ވަކީލުކަން ކޮށްދިނުމަކީ ހުއްދަކަމެއްނޫނެވެ. އެފަދަ ތުހްމަތަކުން މުއްތަހަމު ސަލާމަތްކޮށްދިނުމަށްޓަކައި އޭނާގެ ފަރާތުން ޖަދަލުކުރުމަކީ ޝަރްޢުގައި މަނާކަމެކެވެ. މި ޒަމާނަށް ބަލައިއިރު ޚަޞްމުންނަށް ވަކީލުކަންކޮށްދިނުމަކީ ލޯޔަރުންގެ މަސައްކަތެކެވެ. މިކަންކޮށްދެންޖެހޭނީ އޭނާގެ މުވައްކިލު ބާޠިލުކަންމަތީގައި ނުވާކަން ހީވަންޏާ އެވެ. އެހެންނޫނީ އޭނާއަށް ވަކީލުކަންކޮށްދިނުން ހުއްދައެއް ނުވާނެއެވެ. އެހެނީ މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުމަކީ މާތްﷲ މަނާކުރައްވާފައިވާ ކަމެކެވެ. އެކަމުގައި ސިދާ ކެއުމާއި ނުސިދާކޮށް ކެއުމުގައި ތަފާތެއް ނެތެވެ. ވަކީލުންނަކީ މި ކެއުމުގައި ނުސިދާކޮށް ބައިވެރިވާމީހެކެވެ. މާތްﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ އަރިހުން ިވާވެގެންވެއެވެ." އެއްދުވަހަކު ރަސޫލުﷲގެފާނު r އަރިހަށް ދެމީހަކު ތަރިކަމުދަލާ ބެހޭ މަސްއަލައެއްގައި އައެވެ. އެއިން އެކެއްގެ އަތުގައިވެސް އެއްވެސް ބައްޔިނާއެއް ނެތެވެ. އެހިނދު ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު އަރިހަށް ޚަޞްމުންގެ ގޮތުގައި އެބަ އަންނަމުއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ އިންސާނެކެވެ. ތިޔަބައިމީހުންގެ ތެރެއިން ބައެއްމީހުން އަނެއްބައިމީހުންނަށް ވުރެ ވާހަކަދެއްކުމުގައި މޮޅެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ނިޔާ އިއްވަވަނީ ތިމަންކަލޭގެފާނަށް އިވިވަޑައިގެން އެއްޗެއްގެ މައްޗަށެވެ. އޭނާގެ އަޚާގެ ޙައްޤުން އެއްޗެއް ދެއްވުމަށް ތިމަންކަލޭގެފާނު ނިޔާކަނޑައެޅުއްވިމީހާ ދަންނާށެވެ! އެމީހާ އަށް މި ދެއްވަނީ ނަރަކައިން ބުރިވަރެކެވެ. ޤިޔާމަތްދުވަހު އޭތި ވާނީ އޭނާގެ ކަރުގައި އެޅިފައިވާ ގިނިފައްޗަކަށެވެ." [21]
ގިނަދުވަސްވުމުން ޙައްޤު ގެއްލިގެންދާނެތަ؟
ސަރްޚަސީ ވިދާޅުވާގޮތުގައި[22] އެއްވެސް ޢުޛްރެއް ނެތި 33އަހަރުވަންދެން މީހަކު ދަޢުވާނުކޮށް ހުރެއްޖެ ނަމަ އެމީހަކަށް އެ މަސްއަލަ ޝަރީޢަތަކަށް ހުށައެއްނޭޅޭނެއެވެ. އޭނާ ވިދާޅުވާގޮތުގައި މިކަން ކުރުމަށް ފުރްޞަތު ލިބި އެހާ ގިނަދުވަސްވަންދެން ހުރުމުން އެނގެނީ އެެ މީހާ އެ ޙައްޤު ބޭނުންނުވާކަމެވެ. ނަމަވެސް ޙަނަފީންގެ އިމާމެއްކަމުގައިވާ އިބްނު ނުޖައިމު ވިދާޅުވާގޮތުގައި ޒަމާންވިޔަސް ޙައްޤު ގެއްލިގެން ނުދާނެއެވެ.
ޝާފިޢީމަޛްހަބުގެ އިމާމެއްކަމުގައިވާ އައްރަމްލީ ވިދާޅުވާގޮތގައި ފަނަރައަހަރު ފާއިތުވެއްޖެ ނަމަ އެ މަސްއަލަ ދެން ޝަރީޢަތަކަށް ހުށައެއްނޭޅޭނެއެވެ.
މާލިކީން ވިދާޅުވާގޮތުގައި ޢުޛްރެއް ނެތި ސާބިތު ދަރަނީގެ ވެރިއާ 20އަހަރު ފާއިތުވަންދެން އެ ދަރަނި ހޯދަން ޝަރީޢަތަށް ހުށަނާޅައިފި ނަމަ އެ ހިސާބުން އޭނާގެ ޙައްްޤު ގެއްލިގެންދާނެއެވެ. އެކަމަކު އިބްނު ރުޝްދު ވިދާޅުވާގޮތުގައި ކިތަންމެ ޒަމާނެއް ވިޔަސް ދަރަނީގެ ޙައްޤު ބާޠިލުވެގެން ނުދާނެއެވެ.
ބުރަވެވޭ ރައުޔު
މިޒަމާނުގެ ގިނަޢިލްމުވެރިން ވިދާޅުވާގޮތުގައި ޙައްޤުގެ ވެރިއާ އޭނާގެ ޙައްޤު ޞައްޙަ ބައްޔިނާއަކުން ޝަރީޢަތަށް ސާބިތުކޮށްދީފި ނަމަ ޤާޟީ އެ މަސްއަލަ ބަލަންޖެހޭނެއެވެ. އެ މަސްއަލައަށް ފާއިތުވެފައިވާ މުއްދަތަށް ބަލައިގެންނުވާނެއެވެ. ދައުލަތުގެ ރައީސަށް މި ފަދަ މަސްއަލަތައް ބެލުން މަނާކުރުމުގެ ބާރު ލިބިގެންނުވެއެވެ. ދައުލަތުގެ ވަލީއަމުރު މިގޮތަށް ޢަމަލުކުރުމަކީ މީސްތަކުންގެ ޙައްޤުތައް ގެއްލިހިގައިދާނެ ކަމެކެވެ. އަދި އެއީ މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ކެއުމަށް މަގުފަހިވެގެން ހިގައިދާނެ ކަމެކެވެ.
ރިފަރެންސް
[1] - يس : 57
[2] - مريم : 94
[3] - الأنصارى
[4] - سنن أبي داود، الأقضية، الرجل يحلف على علمه فيما غاب عنه، 3140
[5] - حاشية الشرقاوى على شرح التحرير
[6] - رواه البخارى والطبرانى والبيهقى وابن ماجه والدارقطنى
[7] - ޙަދީޘްޢިލްމުގައި އިދްރާޖުގެ މަނައަކީ ރާވީ އަމިއްލައަށް ބައެއް އިތުރުކުރުމެވެ.
[8] - حاشية الشرقاوى على متن التحريرو مسالك الدلالة في شرح متن الرسالة
[9] - صحيح مسلم بشرح النووى جـ 12 ص 8 ، مغنى المحتاج لمحمد الشربينى الخطيب جـ 4 ص 414 ، الشرح الصغير للدردير ، والمغنى جـ 11 ص 412 ، و المحلى لابن حزم جـ 9 ص 153
[10] - المائدة : 49
[11] - ޢިރްނީންނަކީ ރަސޫލާގެ ޒަމާނުގައި އުޅުނު މަގު ފޭރޭބަޔެކެވެ. ޙިރާބާ އާ ބެހޭ އާޔަތްތައް ބާވައިލެއްވީ މި މީހުންނާ ބެހޭގޮތުންނެވެ. އެމީހުން ޖަމަލުގެންގުޅޭ ބަޔަކަށް ޙަމަލާދީ އެގެ ތެރެއިން ބަޔަކު މެރުމަށްފަހު ޖަމަލުތައް ފޭރިގަނެގެން ފިލީއެވެ. އެހިނދު ރަސޫލުﷲގެފާނު އެމީހުންގެ ފަހަތުން ބަޔަކު ފޮނުއްވިއެވެ.
[12] - صحيح مسلم شرح النووى جـ 12 ص 7
[13] - النور : 48
[14] - رواه أحمد وأبو داود والترمذى
[15] - الشرح الصغير جـ 5 ص 24
[16] - مسافة العدوى އަކީ އެ ރޭ ފަތިހު ފުރައިގެންގޮސް އެ ދުވަހު އެނބުރި ރަށަށް ދެވޭހާ ދުރުމިނެވެ. ޢާއްމުގޮތެއްގައި މީހުން ދަތުރު ނިންމާފައި އެބުރި ރަށަށް އަންނާނީ ރޭގަނޑުގެ އިރާކޮޅުގައެވެ.
[17] - حاشية الجمل على شرح المنهج لزكريا الأنصارى جـ 5 ص 359
[18] -المغنى جـ 11 ص 486
[19] - المغنى جـ 11 ص 486
[20] - بدائع الصنائع جـ 6 ص 222
[21] - إِنَّكُمْ تَخْتَصِمُونَ إِلَيَّ وَإِنَّمَا أَنَا بَشَرٌ وَلَعَلَّ بَعْضَكُمْ أَلْحَنُ بِحُجَّتِهِ أَوْ قَدْ قَالَ لِحُجَّتِهِ مِنْ بَعْضٍ فَإِنِّي أَقْضِي بَيْنَكُمْ عَلَى نَحْوِ مَا أَسْمَعُ فَمَنْ قَضَيْتُ لَهُ مِنْ حَقِّ أَخِيهِ شَيْئًا فَلَا يَأْخُذْهُ فَإِنَّمَا أَقْطَعُ لَهُ قِطْعَةً مِنْ النَّارِ يَأْتِي بِهَا إِسْطَامًا فِي عُنُقِهِ يَوْمَ الْقِيَامَةِ – متفق عليه
[22] - ސަރްޚަސީ އަކީ ޙަނަފީމަޛްހަބުގެ ބޮޑުއިމަމެކެވެ. އޭނާ މިގޮތަށް ލިޔުއްވާފައިވަނީ އޭނާ ލިޔުއްވި އަލްމަބްސޫޠު ނަމަކަށް ކިޔާ މަޝްހޫރުފޮތުގައެވެ.
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
ޤަޟާ
Labels:
ޤަޟާ
Subscribe to:
Post Comments (Atom)
No comments:
Post a Comment