ފޮޓޯއިން ތިޔަހެރަ ފެންނަނީ 2019 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ޢިޝާނަމާދު ކުރާ މަންޒަރެވެ. ބަލާލަން ހިތްގައިމު އުފަލުންގޮސް ގައިން ހީބިނަގާ ލޮލުން އުފާވެރިކަމުގެ ކަރުނަ އަންނަހާވެއެވެ. އާއެކެވެ. ރަމަޟާންމަސް ފެށުމާއިއެކު، މިސްކިތްތަކަށް އަރާމީހުންގެ ޢަދަދު އެތަށް ގުނައަކަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަވެއެވެ. މިކަމުން ދޭހަކޮށްދެނީ، ނަމާދާއިމެދު ފަރުވާކުޑަކޮށް އުޅުނުކަމުގައިވިޔަސް، އެއީވެސް ކުރަންޖެހޭ ކަމެއްކަން ގިނަބަޔަކަށް ޤަބޫލުކުރެވޭކަމެވެ. އެހެނަސް، ވިސްނާލަން ޖެހޭކަމަކީ، ނަމާދާއި ރޯދައާއި ދެމެދުގައި އަދާކުރަންޖެހޭ ވަޤުތަށް ބަލާއިރު އެއްވެސް ގުޅުމެއް ނުވާކަމެވެ.
ރޯދައަކީ އަހަރުތެރޭގައި އަންނަ ވަކިމަހެއްގައި އަދާކުރެވޭ އަޅުކަމެކެވެ. އެއާއި ހިލާފަށް ނަމާދަކީ މުޅިއަހަރުގެ ހުރިހާ ދުވަހެއްގައި، ދުވާލަކު ފަސްފަހަރު އަދާކުރަންޖެހޭ އަޅުކަމެކެވެ. އެއްވެސް ހާލެއްގައި އެއީ ރޯދަމަހާއި ގުޅިފައިވާ އަޅުކަމެއްނޫނެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴾ (سورة النساء: 103) މާނައީ: "ހަމަކަށަވަރުން ނަމާދަކީ، މުއުމިނުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައިވެއެވެ."
ރޯދަމަހަކަސް އެނޫން މަހަކަސް ނަމާދު ކުރުމުގައި ވަކިތަފާތެއް އޮވެގެން ނުވާނެއެވެ. އެހެންކަމުން، އެއްވެސް ސަބަބަކާއި ނުލައި ޝަރުޢީ ޢުޛުރެއް ނެތި އެންމެ ނަމާދެއްވިއަސް، ނުކޮށް ހުރުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ މުސްލިމް އަޅާގެ ދީނަށް ނުރައްކާހުރި ކަމެކެވެ. ﷲ އަށް އަޅުކަން ޚާލިޞްކުރުމާއެކު ފުރަތަމަ ކަމަކަށްވެސް، ނަމާދު އަދާކުރުމަށާއި ޒަކާތް ދިނުމަށް މުސްލިމުންނަށް ވަނީ އަމުރު ކުރެވިގެންނެވެ. މިކަން އަންގަވައި ބައްޔިނާ ސޫރަތުގެ ފަސްވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. "އެއްކައުވަންތަ ކަމާއެކު ﷲ އަށް އަޅުކަން ޚާލިޞް ކުރުމަށާއި، ނަމާދު ޤާއިމު ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ކުރެވިގެން ނުވެއެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ."
ޤިޔާމަތްދުވަހު ނަރަކަވެރިން، ނަރަކައަށް ވަންނަންޖެހުނީ ކީއްވެތޯ އެބައިމީހުންނާއި ސުވާލު ކުރެވުމުން، ޖަވާބުގައި ބުނާނޭކަމަށް ޤުރުއާނުގައި އައިސްފައިވެއެވެ. مَا سَلَكَكُمْ فِي سَقَرَ ﴿٤٢﴾ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴿٤٣﴾ وَلَمْ نَكُ نُطْعِمُ الْمِسْكِينَ ﴿٤٤﴾ وَكُنَّا نَخُوضُ مَعَ الْخَائِضِينَ ﴿٤٥﴾ وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ﴿٤٦﴾ (سورة المدثر: 42 - 46) މާނައީ: "ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއްގައި ހެއްޔެވެ؟ އެމީހުން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއިން ތިމަންމެން ނުވަމުއެވެ. އަދި ތިމަންނަމެން މިސްކީނުންނަށް ކާންދީއެއްވެސް ނޫޅެމެވެ. އަދި ދީނަށް ފުރައްސާރަކޮށް އުޅުމީހުންނާއިއެކު ފުރައްސާރަކޮށް، ބާޠިލުވާހަކަ ދައްކައި އުޅުނީމުއެވެ. އަދި މަރު އަތުވެއްޖައުމަށް ދާންދެން، ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ."
އިސްލާމްދީނުގައި ނަމާދަށް ދެވިފައިވާ އަހައްމިއްޔަތު އަންގަވައި ދެއްވަމުން، މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީޘް ކުރައްވާފައިވެއެވެ. "ޤިޔާމަތް ދުވަހު އަޅާއާ އެންމެ ފުރަތަމަ ސުވާލުކުރެވޭހުށީ ނަމާދާ މެދުއެވެ. ފަހެ ނަމާދު ފުރިހަމައަށް އަދާކޮށްފައިވާނަމަ އޭނާގެ އެހެން ޢަމަލުތަށްވެސް ރަގަނޅުވެދާނެއެވެ. އެހެނަސް، ނަމާދާއިމެދު ފަރުވާކުޑަކޮށްފައިވާނަމަ، އޭނާގެ އެހެންހުރިހާ ޢަމަލެއް ދާނީ ބޭކާރުވެގެންނެވެ." އަދިވެސް މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީޘް ކުރައްވާފައިވެއެވެ. "ހުރިހާ ހެޔޮކަމެއް ބިނާވެގެންވަނީ އިސްލާމްކަމުގެ މައްޗަށެވެ. އަދި މިއިސްލާމްކަން ބިނާވެފައިވަނީ ނަމާދުގެ މައްޗަށެވެ." އުންމުސަލަމާގެ އަރިހުން ވާރިދުވެގްންވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އެންމެ ފަހުގެ ވަޞިއްޔަތުގެ ތެރޭގައި ނަމާދަށް ރައްކާތެރިވުމަށާއި އަންހެނުންނަށް އޯގާތެރިވުމަށް ވަޞިއްޔަތްކުރައްވާފައިވެއެވެ."
ތިއީ ދެއްވަދޫ މީހުންގެ އެކަނި ހުންނަކަމެއްނޫން. މިރަށު މީހުންގެ ހާލަތަކީވެސް ތިއީ. ކީއްކުރާނީ ދޯ؟
ReplyDelete