Saturday, March 16, 2019

#

އިސްލާމްދީން ޙިމާޔަތްކުރާނީ ކިހިނެއް؟

ތަޢާރަފް 
އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ[1].

މަޤާޞިދުއްޝަރީޢާގެ މައިގަނޑު މަޤުޞަދަކީ އިންސާނީ މަޞްލަޙަތު ޙިމާޔަތް ކުރުން ކަމަށް ވާއިރު މި މަޞްލަޙަތުތައް ޙިމާޔަތް ކުރެވޭނީ އޭނާގެ ޢަޤީދާ ޙިމާޔަތްކުރެވިގެން ކަމާ މެދަކު ޝައްކެއް ނެތެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ދުނިޔެއަށް ފޮނުއްވައިފައިވަނީ މާތް ﷲ އަށް އަޅުކަންކުރުމަށެވެ. އަޅުކަން ކުރެވޭނީ އިންސާނާގެ ޢަޤީދާ ޙިމާޔަތްކުރެވިގެންނެވެ. އެބަހީ ދީން ޙިމާޔަތް ކުރެވިގެންނެވެ.

ދީން ހިމާޔަތް ކުރުމަށްޓަކައި، އެތަކެއް އާޔަތްތަކާއި ޙަދީޘްފުޅުތަކެއް ވަނީ ވާރިދުވެފައެވެ. ދީނަށް ރައްކާތެރިވުމުގެ މަތިވެރިކަމާއި، ދީނަށް ފުރަގަސް ދިނުމުގެ ނުބައިކަމާއި، އެކަމަށް ކަނޑައެޅިފައިވާ ވަޢީދުގެ ބަސްފުޅުތައް ވަނީ ވާރިދުވެފައެވެ. އަދި ހައްޤު ދީން، އިސްލާމް ދީން، ފިޔަވާ އެހެން ދީނެއް ޤަބޫލު ނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކުރެވިފައެވެ. ދީން ހިމާޔަތް ކުރުމަށްޓަކައި ތަފާތު އެތަށް ކަމެއް ކުރުމަށް ވަނީ އަންގަވާފައެވެ. ޖިހާދު ކުރުމާއި، އިލްމު އުގެނުމާއި އެއިލްމު މީސްތަކުންނަށް ފޯރުކޮށްދިނުމަކީ ދީންގެ ޙިމާޔަތުގައި ކުރެވޭނެ އެންމެހެޔޮ ކަންތަކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَمَنْ يَبْتَغِ غَيْرَ الإسْلامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ) (آل عمران: ٨٥) މާނައީ "އިސްލާމްދީން ފިޔަވައި އެހެން ދީނެއް ބަލައިގެންފި މީހެއްގެ ކިބައި އެކަން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެއެވެ. އަދި އާޚިރަތްދުވަހު އޭނާ ވާހުށީ ގެއްލެނެވި މީހުންގެ ތެރެއިންނެވެ.

އިލްމަކީ ދުނިޔެއާއި އާޙިރަތް ބާއްޖަވެރިކަމަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު ވަސީލަތެކެވެ. އެހެންކަމުން އިސްލާމްދީނުގައި އިލްމު އުނގެނުމަށާއި، ބުއްދީގެ ބޭނުންކޮށްގެން އެކިއެކި ހޯދުންތަށް ހޯދައި ތަޖުރިބާތަށް ހާއްސަކޮށް، މަޢުލޫމާތު މުއްސަނދިކޮށް ދިރިއުޅުން ތަރައްޤީ ކުރުމަށްވަނީ އަންގަވާފައެވެ. މިޒަމާނުގައި ދީން ހިމާޔަތް ކުރުމަށް ބޭނުންކުރެވޭ އެންމެ މުހިންމު ވަސީލަތަކީވެސް އިލްމެވެ. އިސްލާމީ އިލްމު އުގެނި އެހެންދީންތަކާއި ކޮންޕެއަރކޮށް ވާހަކަ ދައްކައި ތަފާތު އިލްމީ ފޯރަމްތަކުގައި އިލްމީގޮތުން ފާސިދުދީންތަކުގެ ފާދިރީންނާއި ޖަދަރުކުރާން އެގޭނީވެސް އިލްމުއުގެނިގެންނެވެ. 

އިސްލާމްދީނުގެ ޙިމާޔަތުގައި ޖިހާދުކުރުން 
މީސްތަކުންނަށް ރަޙުމަތެއްކަމުގައި ބާވައިލެއްވި އިސްލާމްދީން ކުރިއެރުވުމަށްޓަކައި އެކަލާނގެ ޝަރުޢުކުރައްވާފައިވާ ކޮންމެ ކަމަކީ ޖިހާދެވެ. ދުލާއި ގަލަމުން ޤުރްއާނާއި ސުންނަތް ދިފާއުކޮށް އޭގެ ދަޢުވަތު ދިނުމަކީ ޖިހާދެވެ. ހަމައެފަދައިން ދީން ކުރިއެރުވުމަށްޓަކައި މުދާ ހޭދަކުރުމަކީ ޖިހާދެވެ. އަދި ދުޝްމަނުންގެ އަނިޔާވެރިކަމުން ސަލާމަތްވެ، ދީނުގެ މަގު ބަންދުކޮށް މަނާކުރާ ކާފަރުންނާއި ނަފްސުތަކުން ކުރާ ޖިހާދަކީ އެއީ ޖިހާދުގެ އެއްމެ ޚާއްސަ މާނައެވެ. އެބަހީ ދީނުގެ ހައްގުގައި ހަނގުރާމަ ކުރުމެވެ. އެހެން ނަމަވެސް اللهގެ ކިޔަމަންތެރިކަމުގައި ކުރެވޭ ކޮންމެ ހެޔޮ އަމަލެއް ޖިހާދުގެ އާންމު މަފްހޫމުގެ ތެރަށް ވަދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ:  “وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ فَإِنِ انْتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ“  މާނަ: "އަދި (دين އާ ދެކޮޅަށް އުފައްދާ) فتنة ވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوة ތެރި ވުމެއް ނެތެވެ". (سورة البقرة 193)
އަދިވެސް ވަޙީކުރައްވާފައިވެއެވެ.  “وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ فَإِنِ انْتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ “  މާނަ: " ފިތުނަވެރިކަމާއި، كافر ކަން ހުއްޓި، މުޅި دين ވަނީ، اللَّه އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ كافر ންނާ ހަނގުރާމަކުރަމުން ގެންދާށެވެ! ފަހެ، އެއުރެން ހުއްޓާލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ". (سورة الأنفال 39) 
رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. " ހުރިހާކަމެއްގެ އަޞްލަކީ އިސްލާމްދީނެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ."  މިހަދީޘްއިންވެސް އިސްލާމްދީން ހިމާޔަތް ކުރުމަށްޓަކައި ޖިހާދުކުރުމުގެ މުހިންމުކަން އެގިގެންދެއެވެ. 

ދީން ޙިމާޔަތް ކުރުމަށްޓަކައި ދީން އުނގެނުމާއި އުގަންނައިދިނުން 
އިލްމަކީ އޭގެ ސަބަބުން އުންމަތްތަށް މަތިވެރިވެ، އެއުންމަތުގެ ދަރަޖަ އުފުލިގެންދާ ނޫރެކެވެ. އަދި ހިދާޔަތެކެވެ. އިސްލާމީވެރިކަމުގެ ކުރީކޮޅު އިލްމާއިމެދު މުސްލިމުން އަޙައްމިއްޔަތުކަން ދިނުމުގެ ނަތީޖާއަކަށްވީ، މުސްލިމުންގެ ދަރަޖަ މަތިވެރިވެ، ކުޑަދުވަސްވަރެއްގެތެރޭގައި އިރުމައްޗާއި ހުޅަނގުގައި، އިސްލާމީދިދަ އުފުލިގެންދިއުމެވެ. އިލްމުގެ މާތްކަމާއި އޭގެ މުހިންމުކަމަށްޓަކައި ދީނުގައިވަނީ އިލްމުއުގެނުމަކީ މުސްލިމުންގެ މައްޗަށްއޮތް ފަރުޟެއްކަމުގައި ލައްވާފައެވެ. 

ޝޭޚު ޤަރުޟާވީ ވިދާޅުވާގޮތުން ކޮންމެ އިސްލާމީ މުޖުތަމައެއްގައިވެސް "ޖިބުރީލު ހަދީޘް" ކިޔަވައިދޭން ޖެހޭނެއެވެ. އެހެނީ އެ ހަދީޘުން ޚުލާސާގޮތެއްގައި ދީނުގެ ހުރިހާ ބައިތަކެއް އެނގިގެން ދެއެވެ. އިސްލާމް ދީނަކީ އުނގެނުމުގެ ދީނެވެ. އުނގެނުމަކާއިނުލައި އެއްވެސް ކަމެއް ޞައްޙައެއް ނުވާނެއެވެ. އެންމެ ކުޑަމިނުން އަޅުކަންތަކުގެ ވާޖިބުކަންތަކާއި، ސުންނަތްކަންތައް އެނގެންޖެހޭނެއެވެ. މައްސަލަތައް ދެނެގަނަންނަށް ޖެހޭނެއެވެ. ފިކުރީ މައްސަލަތައްވެސް ދެނެގަންޖެހޭނެއެވެ. 

ދީން އުގަންނައިދިނުމުގައި އެންމެ މުހިއްމު ކަމަކީ ފިޤުހީ ކަންކަން ރަގަޅަށް ދެނެގަތުމެވެ. ޚިލާފުއުފެދިފައިވާ މަސްލަތަޚާއި، އިޖްމާޢީ މައްސަލަތައް ރަގަޅަށް އެނެގެންޖެހޭނެއެވެ. މީގެ ބޭނުމަކީ ފަތުވާދޭއިރު ސުންނަތްކަމެއް ވާޖިބަކަށް ހަދާފައި ނުވަތަ ވާޖިބުކަމެއް ސުންނަތަކަށް ހަދާފައި ފަތުވާ ދެވިދާނެތީއެވެ. ޚިލާފު އުފެދިފައިވާ ކަންކަންވެސް މިފަދަ ގޮތަކަށް ވެގެން ހިނގާދާނެތީއެވެ. އަދި ތިމާގެ އިތުބާރުވެސް ގެއްލިދާނެތީއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. 
{قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لا يَعْلَمُونَ} (ޒުމްރު 9) 
މާނައީ:"ކަލޭގެފާނުވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟" 
މުޖުތަމަޢުގައި އުޅޭ ހުރިހާ ރައްޔިތުން ޝަރުޢީ ޢިލްމު އުނގޭނޭކަން މަޖްބޫރެއް ނޫނެވެ. ކޮންމެ ބާވަތެއްގެ ޢިލްމެއް ޙާޞިލްކުރިކަމުގައި ވިއަސް ދީނަށް ޚިދުމަތް ކޮށްދެވިދާނެއެވެ. ބޭނުމަކީ މީހުންނަށް ރަގަޅަށް އުޅެން ދަސްކޮށްދިނުމެވެ. އެހެންނަމަވެސް ދީނީ ތަޢުލީމު އުނގެނުމަކީ ސުވަރުގެއަށް ދިއުމަށް މަގުފަހިކޮށްދޭކަމެއްކަން ރަސޫލާގެ ހަދީޘް ފުޅަކުން އެގެއެވެ. 
ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ. 

{مَنْ سَلَكَ سَبِيْلاً يَبْتَغِي بِهِ عِلْماً، سَهَّلَ اللهُ لَهُ طَرِيْقاً إِلَى الْجَّنَّةِ، وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضاً بِماَ يَصْنَعُ، وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ كُلُّ شَيْءٍ حَتَّى الْحِيْتَانُ فِيْ الْمَاءِ، وَفَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ، وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوْا دِيْنَاراً وَلاَ دِرْهَماً إِنَّماَ وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ} (أبو داود والترمذي) 

މާނައީ: "ޢިލްމު އުނގެނުމަށްޓަކައި މަގެއް ޚިޔާރުކޮށްފިމިހާއަށް ﷲ ތަޢާލާ ސުވަރުގެއަށް ދިއުމަށްޓަކައި މަގެއް ފަސޭހަކޮށްދެއްވައެވެ. އަދި ހަމަކަށަވަރުން މަލާއިކަތްބޭކަލުން އެބޭކަލުންގެ ވަރަފުޅުތައް ކިޔާވާކުއްޖާއަށްޓަކައި އޭނާ ކުރާ ކަންތަކަށް (އެބަހީ ޢިލްމު އުނގެނުމަށް) ރުހިވަޑައިގެންވާ ޙާލު ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން ހުރިހާ އެއްޗެއް ޢިލްމުވެރިޔާއަށްޓަކައި ފާފަފުއްސެވުން އެދި ދުޢާކުރެއެވެ. ކަނޑުގައިވާ މަހަށް ދާންދެނެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާއަށް މާތްކަންލިބިގެންވާ ފަދައީ، ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއްވެސް ވާރުތައެއް ނުކުރައްވައެވެ. އެބޭކަލުން ވާރުތައިގެ ގޮތުގައި ދޫކުރެއްވި އެއްޗަކީ ޢިލްމެވެ. އެޢިލްމު އުނގެނި ހޯދައިފިމީހާ އެހޯދީ ބޮޑުވެގެންވާ ނަސީބެކެވެ."

ޢިލްމު އުނގެނުންވަނީ އެންމެ މާތް އަދި ﷲ އާ ކުއްތަންކުރުވަނިވި ހެޔޮކަންތައްތަކުގެ ތެރޭގައި ލައްވާފައެވެ. އަދި ސުވަރުގެއަށް ދިޔުމުގެވެސް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ލައްވާފައެވެ. އެއީ މިޢިލްމަކީ އަދި މިޢިލްމު އުނގެނުމުގައި ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވި، އެއިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަނެވި މިދީން ޤާއިމްކުރެވޭތީއެވެ. 

އެހެންކަމުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުންގެ ފަރާތުން މީސްތަކުންނަށް ވަރުތަކުރުވި އެއްޗައްކީ ޝަރުޢީ ޢިލްމެވެ. މިޢިލްމު ލިބިގަތްމީހަކީ އެބޭކަލުންގެ ވާރުތަވެރިއެކެވެ. ފަހެ، ﷲ ތަޢާލާ އެއިލާހުގެ އަޅާއަށް ހެޔޮގޮތް މިންވަރުކުރައްވަން އިރާދަ ކުރައްވައިފިނަމަ އޭނައަށް މިޢިލްމު އުނގެނުމަށް މަގުފަހިކުރައްވައެވެ. 

ޑރ. ޞާލިހު ބުނު ޙުމައިދު ވިދާޅުވާގޮތުން ކީރިތި ޤުރުއާނުގައި ސޫރަތުލް އަޚުލާގު އޮވެއެވެ. އެއީ ޙުޖުރާތު ސޫރަތެވެ. އެސޫރަތުގެ 18 އާޔަތުން އިސްލާމީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވާނެއެވެ. 

ދީން ޙިމާޔަތުގައި ޝިރުކު ތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރުން 
ފާފަތަކުގެ ތެރޭން އެންމެ ބޮޑު ފާފައަކީ ޝިރުކު ކުރުމެވެ. ޝިރުކުން ސަލާމަތްވުމަށްޓަކައި އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ސާބިތުކުރުމުގައި، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ގެ ސުންނަތުން ސާބިތުވާ ޞިފަތައް، ބަދަލު ކުރުމެއްނެތި، ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއް ނެތި ނުވަތަ އުނިކުރުމެއްވެސް ނެތި، އޭގެ ޙަޤީޤީ މާނައިގައި ވާރިދުވެފައިވާ ގޮތުގައި ޤަބޫލުކޮށް އީމާންވުމެވެ. އެއްވެސް މަޚުލޫޤަކާއި އެކަލާނގެއާ ވައްތަރު ކުރުމެއްނެތި އެންމެހައި އުނި ޞިފަތަކުން އެކަލާނގެ ނަފީކޮށް، އެފަދަ ޞިފަތަކުން ހުސްޠާހިރުވެގެންވާކަން ޤަބޫލުކޮށް އީމާންވުމެވެ. ފަރްދީ އަދި އިޖްތިމާޢީ ގުޅުންތަކާއި، އިގްތިސާދި އަދި މާލީ ނިޒާމާއި، ޣައިރު މުސްލިމުންނާއި ގުޅުން ބަހައްޓަންވީގޮތާއި، ޒީނަތްތެރިވުމާއި ހެދުންއެޅުންފަދަ ކަންކަމުގައި އިސްލާމްދީނުގައި ވަނީ އިންތަކަކާއި، އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ހުރިހައި މުޖުތަމަޢެއްގައި އެންމެހައި މުސްލިމުން އެއްގޮތަށް ކުރަންޖެހޭކަންތައްތައް ދީނުގައިވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅުއްވާފައެވެ. އެނޫން ކަންކަމަކީ ހުރިހައި އެންމެން އެއްގޮތް ކުރަންޖެހޭކަމެއް ނޫނެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދާނަމަ އެއީ އިސްލާމީ އުސޫލުތަކާއި ޚިލާފުވީކަމުގައެއް ނުބެލެވޭނެއެވެ.

ﷲ އަށް އީމާންވާ ހަމަ ކޮންމެ މުއުމިނެއްގެވެސް އަމާޒަކަށް ވާންޖެހޭނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ މުއުމިނުންގެ ސިފަތަކުން ސިފަލިބިގަތުމަށް މަސައްކަތް ކުރުމެވެ. ދުނިޔެ އާރާސްތު ކުރުމާއި، މީސްތަކުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުންވެސް ހިމެނޭގޮތުން، ﷲ އަށް އަޅުކަން ކުރަންޖެހޭ އެންމެ ފުރިހަމަ މާނާގައި އެކަލާނގެއަށް އަޅުކަންކުރުމަށްފަހު،އެކަލާނގެ ރުއްސެވުމާއިއެކު ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގޭގެ އަހުވެރިއެއްކަމުގައި ވޭތޯ މަސައްކަތް ކުރުމެވެ. 

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުގައިވީނަމަވެސް މިޤަޢުމަކީ ދާދިފަހަކާއި ޖެހެންދެން ޝިރުކުގެ ކިއްލާއެކޭ ބުނިކަމުގައިވިޔަސް ދޮގަކަށް ނުވާނެއެވެ. ފަންޑިތަވެރިކަމުގައި ޖިންނީންނަށް ސަޖިދަޖެހުމާއި އަދި ބުދުދީނުގެ ބައެއް ސަޤާފަތް ވަރަށް ފަހަކާއި ޖެހެންދެންވެސް ކުރަމުންދިއެވެ. 

عبد الله بن مسعود رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ( إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ ) أبو داود (3883) މާނައަކީ: "ހަމަކަށަވަރުން މެތުރުމާއި ތަވީދާއި އިސްތިރި (ލޯބި ޖެއްސުމަށްޓަކައި ހެދޭ ސިޙުރު) އަކީ ޝިރުކެކެވެ". މި ހަދީޘް ގައިވާ "الرُّقَى" މި ކަލިމައިގެ މާނައަކީ ކިޔެވެއްޔާއި މެތުރުމެވެ. މިތަނުގައި ޝިރްކުގެ ޢަމަލެއްކަމުގައި އަންގަވާފައި އެވަނީ ޣައިރު ﷲ ގެ ކިބައިން، ޖިންނި ޝައިޠާނުންގެ ކިބައިން މަދަދާއި އެހީއަށް އެދުން ފަދަ ކިޔެވެލި ކިޔެވުމާއި ސިހުރު ހާހޫރައިގެ ތެރޭގައި ހިމެނޭ ފަދަ މާނަ ނޭންގޭ ނުވަތަ ޝިރްކު އެކުލެވިގެންވާ ފަދަ މެތުރުންތަކެވެ. 

ބިންމަތީގައި ޝިރުކު ކުރުން ނުހުއްޓުވައިފިނަމަ ދީން ނެތިގެން ހިގައިދާނެއެވެ. އެހެންކަމުން ޝިރުކާއި ދެކޮޅަށް ނުހަނު ބޮޑަށް މަސައްކަތް ކުރާންޖެހެއެވެ. މިއީ ދީން ހިމާޔަތް ކުރުމަށްޓަކައި ކޮންމެހެންވެސް ކުރާންޖެހޭ ކަމެކެވެ. 

ދީން ޙިމާޔަތުގައި ބިދުޢަ ތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރުން 
ބިދުޢައަކީ ދީނުގައި ނެތްކަމެއް ދީނީކަމެއްކަމަށް ހަދައިގެން އެކަންކުރުމެވެ. ކުރުގޮތަކަށް ބުނަނީނަމަ ދީނުގެ ތެރެއަށް އައުކަމެއްވެއްދުމެވެ. ކީރިތި ޤުރުއާނުގައި ﷲ ވަނީ އިސްލާމް ދީން އަޅުގަނޑުމެންނަށްޓަކައި ފުރިހަމަކޮށްދެއްވައިފިކަން އަންގަވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." (އަލްމާއިދާ 3)

ދީނުގެ ކަންކަމުގައި ބިދުޢަހެދި މީސްތަކުން ބިދުޢަހަދާފައިވަނީ އެކިއެކި ސަބަބާހުރެއެވެ. އެކިއެކި މަޤްޞަދުގައެވެ. ބައެއް މީހުން ބިދުޢަހެދީ ސުންނަތަށް ޢަމަލުނުކުރުމުގެ ގަސްތުގައެވެ. އަނެއް ބަޔަކު ބިދުޢަހެދީ ސުންނަތް ނޭނގިގެންނެވެ. އަދި އަނެއް ބަޔަކު ބިދުޢަ ހެދީ، މަތިވެރިވެ ގަތުމުގެ އެދުމުގައެވެ. ނަމަވެސް މިހުރިހައި ސަބަބެއްވެސް ޙަޤީޤަތުގައި ނިމެނީ ހަމަ އެއް އަޞްލަކަށެވެ. އެއީ ތިމާމެންގެ އަމިއްލަ އެދުން ފޫބައްދާށެވެ. ނަތީޖާއަކަށްވީ ތިމާމެންގެ އެދުންތައް ފުރިހަމަ ކުރުމުގެ ހަތިޔާރެއްގެ ގޮތުން ދީނުގެ އެކިއެކި ކަންކަމަށް ޝަރުޢީ ގޮތްގޮތް ނޫންގޮތުން ދީނުގެ ކިތަންމެ ހުކުމްތަކެއް އޮޅުވާ، ތިމާއާއި އަދި އެހެނިހެން މީސްތަކުންވެސް މަގު ފުރެއްދުމެވެ[2]. 
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 
(وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ * وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُمْ مُهْتَدُونَ) (الزحرف 36, 37) މާނައީ: "ﷲ ތަޢާލާގެ ތެދުމަގާއި ފޭވެގެންފި މީހާއަށް، ޝައިތާނެއް އެކުވެރިއެއްގެ ގޮތުގައި ތިމަން އިލާހު ފާ ކުރައްވާ ހުށީމެވެ. އެ ޝައިތާނާ އަބަދުވެސް އޭނާއާއި އެކުގައި އުޅޭނެއެވެ. އަދި އެ ޝައިތާނާ އޭނާ އާއި އެކުގައިވާ މީހުން ސީދާ މަގުން ދުރުކުރާނެއެވެ. އަދި އެމީހުންނަށް އެލިބުނު ވަސްވާސް ތަކުގެ ސަބަބުން އެމީހުންނީ ތެދުމަގުގައިވާ ބަޔަކު ކަމުގައި އެމީހުން ހީކުރާނެއެވެ." 
އެހެންކަމުން އިސްލާމްދީން ހިމާޔަތްކުރުމުގެ ގޮތުން ބިދުޢަތަކުން މީސްތަކުން ސަލާމަތް ކުރާންޖެއެވެ. ރަސޫލާ ހަދީޘް ކުރައްވާފައިވަނީ "ކޮންމެ އައުކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ ނަރަކައިގެ އަލިފާނެއެވެ." 

ނިންމުން 
އިސްވެ ބަޔާންކުރެވުނު ކަންތަކަކީ އިސްލާމްދީން ހިމާޔަތް ކުރުމަށްޓަކައި ޝަރުޢު ކުރައްވާފައިވާ ކަންތަށްތަކުގެ ތެރެއިން ބައިތަކެކެވެ. އަދި މިނޫންވެސް ވަރަށް ގިނަގުނަ ކަންތަށް އިސްލާމްދީން ހިމާޔަތް ކުރުމަށްޓަކައި ކުރުމަށް އަންގަވާފައިވެއެވެ. 
އިސްލާމީ ޝަރީޢާގައި މީސްތަކުންގެ މަޞްލަޙަތު ހުރިކަމެއް ކަމަށް ސާބިތުވާ ކޮންމެ ކަމަކީ މުޢުތަބިރު މަޞްލަޙަތެކެވެ. މީސްތަކުންނާއި މުޖުތަމަޢަށް ގެއްލުންހުރި ކަމެއްކަމަށް ޝަރީޢަތުން ސާބިތުވާ ކޮންމެ ކަމަކީ ފާސިދު ނުވަތަ ބާޠިލު މަޞްލަޙަތެކެވެ. މި ދެބައިގައި ނުހިމެނޭ، (މީސްތަކުންނަށް ދޫކޮށްލެވިފައިވާ) ކަންކަން ހިމެނެނީ މަޞްލަޙަތުލްމުރުސިލާ ގެ ތެރޭގައެވެ. ނަމަވެސް މަޞްލަޙަތުލް މުރުސިލާގެ ގޮތުގައި ކަނޑައެޅޭ ކޮންމެ ކަމެއް ވާންޖެހޭނީ ޝަރީޢަތާ ފުށުނާރާ، އަދި ދައުލަތާއި ރައްޔިތުންނަށް ލާބަހުރި އަދި ސަލާމަތް ސިކުންޑިތަކަށް ޤަބޫލުކުރެވޭ ކަންތަކެވެ.

މަސްދަރުތަށް 
[1] ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ހިދާޔަތުގެ އަލި، ނަންބަރު 46 
[2] ދިސަލަފިއްޔާ.ނެޓް (ބެލިތާރީހް: 02 މާރިޗް 2015)