Monday, May 21, 2018

#

އުޅުން ބަދަލުކޮށްލި ހުވަފެން

ރީތި ކަމާއި ލޫޅާފަތިކަމަކީ ނިޢުމަތްތަކުގެވެރި ﷲ އަހަރެންނަށް ދެއްވާފައިވާ ހިބައެކެވެ. އެނިޢުމަތް ލިބިގަންނަމުން، އަހަރެން އުޅެމުން ގެންދިޔައީ ޒުވާން ފިރިހެންކުދީން ހިތު ލޯބިން ޖެހޭ ޖަޒުބާތީ ދަންތުރަ ތަކެއްގަވެ. ޙަޔާތުގެ ވޮޑޭ ތުޑިމަތީގައެވެ. ޔުނިވަރސިޓީގެ ޒުވާން ދަރިވަރުންގެ މެދުގައި މިކަންވަނީ އެންމެ ގަޔާވެގެން ކަމާވެގެން ދެކެވޭ ވާހަކަ އަކަށްވެފައެވެ. އަހަރެންނަށް އެކަން އިޙްސާސް ކުރެވެއެވެ. މިނިޢުމަތް ބޭނުން ހިފުމުގައި ދެއްކުންތެރިކަމާއި ލަންބުވައިލުމުގެ މިޒާޖަށް ތަރުހީބުދެމުން އަހަރެން ހިތްތަކުގެ ޖަޒުބާތުތަކުން ދާހިއްލުވަމުން ގެންދިޔައީ ހަމަ ޤަސްތުގައެވެ. އަންހެނެއްގެ ރީތިކަމަކީ އަނެކުންނަށް ދައްކައި އިޝްތިހާރުކޮށް އޭގެ އަވައިގައި ވީހައި ގިނަބަޔަކު ޖެއްސުމަށް އޮތް ހަތިޔާރެއްކަމަށް ބަލައިގެންނެވެ. ހަވީރު ފިނީގެ ޕާރޓީތަކަށް ހަރަކާތް އަންނަނީ އަހަރެންގެ ލޫޅާފަތި ހަށިގަނޑުގެ ވަނާތަކަށް ގެންނަ ބަނޑިބަނޑިންނެވެ. ޒުވާން ހިތްތައް އުތުރުގެން އަރައި ބަންޑުންވަނީ އަހަރެންގެ ހިތްގައިމު ހިނިތުންވުމުންނެވެ.

ލޭކޮކާލެއްހެން އެއްމަލުން އަނެއްމަލުން އުދުހި އުޅުނު އަހަރެންގެ ހުސްވަގުތުތަކަކީ ޕާރޓީތަކަށް ގޮސް ނެށުމާއި ޓީވީ ޕްރޮގްރާމްތަކުގެ ތެރެއިން ލަވަޔާއި މިއުޒިކް އަޑުއެހުމާއި ބެލުމާއި އެވަރުން ނުވެގެން ކުއްޔަށް ގެނެވޭ ފިލްމުތަކުން ފުރާލާ ވަގުތުތަކަކަށް ހެދީމެވެ. ހެމުން ނަށަމުން ލަވަކިޔަމުން ރައްޓެހިންނާއި މައްލަވަ ކުރަމުން ދުވަސްތައް ވޭތުވެގެންދާއިރު ނަމާދު ކުރުމުގެ މަތީން އަހަރެން އެއްގޮތަކަށްވެސް ހަނދާނެއް ނުވެއެވެ. ބޭރަށް ގިނަގިނައިން ނުކުމެވޭ ފަދަ ދަނޑިވަޅުތައް ހޯދުމަށް އަހުރެން ހުންނަނީ ބަލަބަލައެވެ. ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުން ފަދަ ޢަޚްލާޤީ އިމުގެ ތެރޭގައި ހިމެނޭ ޒިޔާރަތް ކުރުންތަކަށް އެއްގޮތަކަށްވެސް ސަމާލުކަމެއް ނުދެމެވެ. ރައްޓެހި ފިރިހެންކުދީންގެ ދަޢުވަތުތަކާއި މަޖާކުރުމަށް ދެޖިންސް އެއްވާ ޕާރޓީތައް އަހަރެންނަށް މާ މުހިއްމެވެ. ތުންފަތުގައި ފާޑުފާޑު ކުލަކުލަ ޖައްސައިގެން ތިއްތި ދެއްކެން ލޯގަނޑު ކުރިމަތީގައި އެތައް ވަގުތެއް އަހަރެން ހޭދަ ކުރަމެވެ. ބޮލުގެ އިސްތަށިގަނޑަށް އާގޮތެއް ހަދާލުމަށް ހަފްތާއަކު އެއްފަހަރު ފައިސާ ޚަރަދު ކުރާއިރު، މަގުމަތީގައި ދެރަވެ ނިކަމެތިވެފައިވާ ފަޤީރުން ސަލާމަށް ދިއްކޮށްލާ އަތް ދެކެ އަހުރެން ވަރަށް ފަކުރު ގަނެއެވެ.

މިހުރިހާ ކަމެއް ފުރިހަމަ ވެފައިވާ އިރުވެސް ޝުކުރުވެރިވާކަށް އަހަރެންނަށް ދަހެއް ނުވިއެވެ. އަބަދުވެސް ބެލެނީ އާވައްތަރެއްގެ މޮޑެލްއެއް، ރީތީގެ ބާޒާރަށް ނުކުމެ އަހަރެން ފަހަށް ޖައްސާލަ ފާނޭކަމަށެވެ. މިކަމަށްޓަކައި ފައިސާ ޚަރަދު ކުރާއިރު އެއީ ޢާއިލާގެ ފަރާތުން އަހަރެންނަށް ލިބޭ ދަރުމައެކޭ ހިތަކަށްވެސް ނާރައެވެ.

މިޣާފިލުކަމުގެ ނިދި ނިދަމުން ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއަށް އަހުރެން މޯޅިއަކަށް ދެމެލި ވަގުތެވެ. އަހަރެންނަށް ފެނުނީ ގިނި އަނދަ އަނދާ ހުރި އަލިފާނެކެވެ. ހުވަ ފެނުގައެވެ. އެވަގުތު އަހަރެންނަށް އެހުނެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންގެ ވަށައިގެން މިވަނީ ހުޅުރޯވެފައި ހެއްޔެވެ؟ ބުނަން ނޭނގޭފަދަ ގޮތަކަށް އަހަރެންނަށް ޖަވާބުދާރީވިއެވެ. އާއެކެވެ. ކަނބުލޯ ތިޔަވަނީ ފުރެދުމެއްގެ ތެރޭގައެވެ. މިއީ އާޚިރު ނަތީޖާ ފެންނަ ދުވަހު އަނދާ އަލިފާނުގެ ނަމޫނާއެކެވެ. އިޞްލާޙްވުމަށް ދަޢުވަތެއްގެ ގޮތުގައި ކަނބުލޯގެ ސިކުޑީގެ ލޮލަށް ތިޔަފެންނަ ހުވަފެނަކީ ބިލާހެއް ނޫނެވެ. އެއީ ކުރިމަތީގައިވާ އުނދަގޫ އިމްތިޙާނުގެ އުނދަގޫ ސުވާލުތަކުގެ ތެރެއިން ސުވާލެކެވެ. ނިދިން ހޭލައި އެސުވާލަށް ޖަވާބެއް ހޯދުމަށް މަސައްކަތް ކުރާށެވެ.

ބިރުން ރޫރޫއަޅާ އަހަރެންނަށް ނިދިން ހޭލެވިއްޖެއެވެ. މާޒީގެ ޞަފްޙާތައް ގަނޑަކުން ގަނޑަކުން އަހުރެންގެ ކުރިމަތީގައި އުކެންފަށައިފިއެވެ. އުޅެވުނު ގޮތާއި ދެއްކުނު ތިއްތިއެވެ. އެމާޒީ އަހަރެން ޣަރަޤުކުރުވީ ފުންމިން އެނގުންނުވާ ކަނޑަށެވެ. ހަތަރު ފަރާތުންވަނީ ބަނަވެ ވިލާ ބޯވެފައެވެ. ކަނޑުގެ ރާޅުތައް ހައްތަހާ ދަނީ ބޮޑުވަމުންނެވެ. މިބިރުވެރިކަމުގެ ފަތަފަތާ އޮންނަންޖެހުނު އަހަރެން އޮތީ، ހަމަ އެކަނިމާ އެކަނިކަން، އަހުރެންނަށް އިޙްސާސްވީ އެހައި އިރުންނެވެ. އުފަލާއި މަޖަލާއި ޣާފިލްކަމުގެ އެކުވެރީން އަހަރެން މިކަނޑަށް ޣަރަޤުވާން ދޫކޮށްލާފައި ދިޔަނުދިޔަތަނެއް އަހަރެންނަކަށް ނޭނގުނެވެ.

މާޔޫސްވެ ގޮތްހުސްވިހިނދު އަހަރެންގެ އަތުޖެހޭފަށުގައި އޮތީ ﷲ ގެ ރަޙްމަތުގެ ވާފަށެވެ. އަހަރެން އޭގައި ހިފީ މަދަދަށް އެދިގެންނެވެ. ސަލާމަތުގެ އައްސޭރި އަތުލުމަށް އޮތް އުންމީދު އާކުރަމުންނެވެ. އަހަރެން ދުޢާ ދަންނަވަން ފެށީމެވެ. ހިތާމައިން ފުރިގެންވާ މޫނަކާއި އަސަރުން ފުރިގެން ހިތަކައިގެންނެވެ. އޭ އަޅުގެ ސާހިބުވަންތަ ﷲ އެވެ. މިއަޅާ މިއަނދަވަޅުން ސަލާމަތްކޮށްދެއްވާ އިހު އުޅުނު އުޅުމުން ވެވިފައިވާ ކުށްފާފަތައް ޢަފޫކޮށްދެއްވާ ނަރަކައިން މުއްތި ކުރައްވައި ސުވަރުގޭގެ ތަނަވަސް ރަޙްމަތް މިންވަރު ކުރައްވާދޭނވެއެވެ. އެއަށްފަހު ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅީމެވެ. އިޞްލާހުވެ ޠާހިރު ދިރިއުޅުމެއް އުޅޭ އަންހެނަކަށް ވުމުގެ ޢަޒުމެވެ.

الحمد لله އެވެ. އަހަރެން ބަދަލުވުމަށް މިންވަރު ކޮށްދެއްވި ﷲ އަށް ހިތުގެ އެންމެ ފުން މިނުން ޙަމްދާއި ޝުކުރުކުރަވެ. މިހާރު އަހަރެންނަކީ ޢިއްފަތްތާއި އަބުރަށް ރައްކާތެރިކަންދޭ އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވާ އަންހެނަކީމެވެ. ރީތިކަން އިޝްތިހާރުކުރުމަށް ނޫޅެ އެރީތި ޖަވާހިރު ފޮރުވުމަށް ހިތްއެދޭ ލަދުވެތި އަންހެނަކީމެވެ. ދީނުގެ ފަރްޟުތަކާއި، ވާޖިބުތަކަށް ޙުރުމަތްތެރިކޮށް ހިތާ ފަރުދަކީމެވެ. އަހަރެން އަހަރެންފަދަ ޒުވާން އަންހެނުންނަށް ނަސޭހަތް ތެރިވަމެވެ. ޙަޤީޤީ ރީތި ކަމަކީ އަންހެނެއްގައި ހުންނަންވީ ދީންވެރިކަމުގެ ސިފައަށް ނިސްބަތްވާ ރީތި ކަމެވެ. ފުރިހަމަ ޢަޤީދާއަކާއި ރިވެތި އަޚްލާޤުން އަންހެނާ ޒީނަތްތެރިވާހައި ހިނދަކު ޒުވާން ފިރިހެނުން އެ އަންހެނުންނާއި ދިމާއަށް އިޚްތިރާމްގެ ލޮލުން ބަލައި ޤަދަރު ދޭނެއެވެ. މިއީ ޙަޔާތުގެ ދެކުލައިން އަހަރެން އަމިއްލަ ކުޅަ ތަޖުރިބާއެވެ.
މަޞްދަރު: ޢަލީ ސަޢީދު ޢަބްދުއްރަޙްމާން / ދަރުމަ ޑިސެމްބަރ 2006

No comments:

Post a Comment