އަދާކުރަންޖެހޭ ޒިންމާއަށް ފަރުވާތެރިވުން (Duty of Care) ޑިއުޓީ އޮފް ކެއަރ އަކީ ނެގްލިޖެންސް ނުވަތަ އެހެން އިބާރާތަކުން ދަންނަވަނީ ނަމަ އިހްމާލުގެ މައްސަލަ ތަކުގައި ނެގްލިޖެންސްގެ އަމަލު ފުރިހަމަ ވުމަށްޓަކައި ކޮންމެހެން ފުރިހަމަވެފައި އޮންނަންޖެހޭ ތިންކަމެއްގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުޙިއްމު ކަންތައްތަކެވެ. އަދި އަނެއް ދެކަމަކީ ބްރީޗް އޮފް ޑިއުޓީއާއި އިކޮނޮމިކް ލޮސްއެވެ. މިދެކަންތައް ޘާބިތުކުރުމަށް ގިނަ ފަހަރަށް ފެންނަން ހުންނަނީ މީހަކު ނުވަތަ ބަޔަކު އަދާކުރަންޖެހޭ ޤާނޫނީ ޑިއުޓީއެއް (ކޮމަންލޯ އޯ ސްޓެޓިއުޓަރީ ޑިއުޓީ) އަދާކުރުމުގެ ސަބަބުން ނުވަތަ ނުކުރަންޖެހޭ ކަމެއް ކުރުމުގެ ސަބަބުން އަނެކަކަށް ނުވަތަ އަނެއްބަޔަކަށް ލިބޭގެއްލުންތަކެކެވެ. ނަމަވެސް އެންމެ އުދަގޫ ކަމަކަށް ގިނަފަހަރު ވަނީ ޓޯރޓްގެ ޢަމަލު ހިންގިފަރާތް (ޓޯރޓް ފީސަރ) އަދާކުރަންޖެހޭ ޑިޔުޓީ އެއް އޮތްކަން ޘާބިތު ކުރުމެވެ. އަދި ޑިފެންސެއްގެ ގޮތުގައިވެސް ވަރަށް ގިނަފަހަރު ޓޯރޓްގެ ޢަމަލު ހިންގި ފަރާތުން އެހިނދު ތިމާގެ ޑިއުޓީއެއް ނެތްކަން ނުވަތަ ނޯންނާނެކަން ޘާބިތު ކޮށްދޭން ވަރަށް މަސައްކަތް ކުރެއެވެ. އެކަން ޘާބިތުކޮށްދެވިއްޖެނަމަ ދަޢުޥާ ލިބޭފަރާތުގެ ކޮޅުވެސް ކާމިޔާބު ކުރެވިދާނެއެވެ. އޭރުން ޓޯރޓް އޮފް ނެގްލިޖެންސެއް ނަފީ ކޮށްލެވުނީއެވެ. މިގޮތުން ޑިއުޓީ އޮފް ކެއަރ އަކީ ދައުވާ ކުރާ ފަރާތް ނުވަތަ ޕްލޭންޓިފްގެ މައްޗަށް ދައުވާލިބޭ ފަރާތް ކަމުގައިވާ ޑިފެންޑެންޓް އަދާކުރަން ޖެހޭ މިންވަރު ޑިފެންޑެންޓްގެ ޙާލަތަށް ބަލާފައި ތަފާތުވެއެވެ. އަދި ޑިފެންޑެންޓް ނުވަތަ ދައުވާލިބޭ ފަރާތުން އަދާކުރަން ޖެހޭ ޑިޔުޓީގެ މިންގަނޑުވެސް ތަފާތުވެއެވެ.
ކޮންމެ މީހަކީވެސް ތިމާގެ ޙައްގުތަކަށް ފަރުވާތެރިވެ ރައްކާތެރިވާ ފަދައިން އަނެކާގެ ޙައްގުތަކަށްވެސް ފަރުވާތެރިވެ ރައްކާތެރިވާންޖެހޭ މީހެކެވެ. އަބަދުވެސް ތިމާ ވިސްނަންޖެހޭނީ ތިމާގެ މައްޗަށް މުޖުތަމައުގައި އުޅޭ އެހެން އަފުރާދުންގެ ޒިންމާ ތަކެއްވާ ކަމެކެވެ. އެއަށް ފަރުވާ ކުޑަކުރުމުން، އޭގެ ސަބަބުން ތިމާ ޒިންމާ ނަގަން ޖެހޭނެކަން ހަނދާންކުރަން ޖެހޭނެއެވެ. އެހެންކަމުން ތިމާކުރާ މަސައްކަތްތަކުގައި ޑިޔުޓީ އޮފް ކެއަރ ނުވަތަ ފަރުވާތެރިކަން ބަހައްޓަން ޖެހޭނެއެވެ.
ޑިޔުޓީ އޮފް ކެއަރ އުފެދިގެން އަންނަ ގޮތް
ޑިޔުޓީ އޮފް ކެއަރ އުފެދިގެން އަންނަނީ ޤާނޫނަކުންނެވެ. އެއީ ލިޔެފައިވާ ޤާނޫނެއްގެ ދަށުން ނުވަތަ ޤަވާއިދެއްގެ ދަށުން ތިމާގެ މައްޗަށް ވާޖިބުވެފައިވާ ޑިޔުޓީ އަކަށްވެސް ވެދާނެއެވެ. މިއަށް ކިޔަނީ ސްޓެޓިޔުޓަރީ ޑިޔުޓީއެވެ. އަދި ޓޯރޓް ލޯ އަކީ އިގިރޭސި ޤާނޫނަކަށް ވީތީ ޑިޔުޓީ އަކީ ކޮމަންލޯ ޑިޔުޓީއަކަށްވެސް ވެދާނެއެވެ. މިސާލަކަށް ތިމާގެ އަވައްޓެރިޔާ އޭނަގެ ހައްޤާއި އެއްގޮތަށް މަޖާކުރުމަށް އުނިކަމެއް އަތުވެދާނެފަދަ އަމަލެއް ނުކުރުމަކީ ތިމާގެ ވާޖިބެކެވެ. އަދި މިފަދަ ވާޖިބުތައް އަދާކުރުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެއެވެ. މިއީ ޒަމާނުންސުރެ އަމަލު ކުރެވެން އައިސްފައިވާ އުސޫލެކެވެ. އެންމެ ފަހުން މިއުސޫލުން ނެއިބަރ ރޫލްސް އުފެދުނެވެ. އެހެންކަމުން ޑިޔުޓީއަކީ ކޮމަންލޯ ޑިޔުޓީއެއްކަމުގައި ވިޔަސް އެވާންޖެހޭނީ ޤާނޫނުން ކަނޑައެޅިފައިވާ އެއްޗަކަށެވެ. މިއަށް ކިޔަނީ ފިކްސްޑް ބައި ލޯ އެވެ. މި ޕްރިންސިޕަލް އެކަށައެޅުނީ Donoghue v Stevenson (1932) މިމައްސަލައިންނެވެ.
1. ނޭބަރހޫޑް ޕްރިންސިޕަލް ފެށިގެން އައިގޮތް
ނޭބަރހޫޑް ޕްރިންސިޕަލް ފެށިގެންއަސްފައިވަނީ Donoghue v Stevenson (1932) މިމައްސަލައިންނެވެ. މިމައްސަލައިގައި ވާގޮތަކީ ރައްޓެއްސަކު އޭނަގެ ރަހުމަތްތެރިޔާއަށް ހަދިޔާއަކަށް ޖިންޖަރބިއަރ ފުޅިއެއް ދިނެވެ. އޭނާ މިރާފުޅި ފަހަރަކު ބައެއް ތައްޓަށް އަޅަމުން ބޮމުންދިޔައެވެ. މިރާފުޅި ބޮމުން ދަނިކޮށް އޭގެތެރޭގައި މަރުވެ ހަލާކުވެފައި އޮތް ފިނިހަކައެއް އެފުޅީގެ ފުލުގައި އޮތެވެ. މިހެންވުމުގެ ސަބަބުން ބަނޑުގައި ރިއްސައި ހޮޑުލެވި އޭނައަށް އެތައް ގެއްލުންތަކެއް ލިބުނެވެ. އަދި އޭނާ އެފުޅި އުފެއްދި ކޮންޕެނީއާ ދެކޮޅަށް ކޯޓުގައި މައްސަލަ ޖެއްސިއެވެ. ކޯޓުން ނިންމީ އެލިބުނު ގެއްލުމުގެ ބަދަލު އޭނާއަށް ދިނުމަށެވެ. ސަބަބަކީ ކޮމްޕެނީން ބަލަންޖެހޭ ވަރަށް ނުބަލާ ފަރުވާތެރިކަން ނުބެހެއްޓުމުން އޭގައި އިހުމާލުވުން ހިމެނޭތީއެވެ.
2. އޭންސް ޕްރިންސިޕަލް
Anns V London Brough of merton (1977) މިމައްސަލާގައި ހައުސް އޮފް ލޯޑަށް ކުރިމަތިލާންޖެހޭކަމަކީ މިސަރަހައްދުގައި ޢިމާރާތްކުރާ ކުންފުންޏަކުން ޢިމާރާތް ކޮށްދީފައިވާ ޢިމާރާތެއްގައި ދިރިއުޅެމުން ގެންދިޔަ މީހެއްގެ މައްޗަށް ލޯކަލް އޮތޯރިޓީ އަދާކުރަންޖެހޭ އެއްވެސް ޑިއުޓީ އޮފް ކެއަރއެއް އޮތްތޯ ބެލުމެވެ. އެއީ އިމާރާތް ކުރުމުގައި ލޯކަލް އޮތޯރިޓީން ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްޓަކައެވެ. މިމައްސަލައިގައި ދައުވާކުރާ ފަރާތަކީ ފްލެޓްތަކެއް ކުއްޔަށް ހިފައިގެން ތިބި ބައެކެވެ. އެއިމާރާތް ބިނާ ކޮށްފައިވަނީ ފުރަތަމަ ދައުވާ ލިބޭފަރާތް ކަމުގައިވާ ޢިމާރާތްކޮށްދިން ކުންފުންޏެވެ. މިތާގައި ދައުވާކުރާ ފަރާތުގެ ބަހަކީ ފައުންޑޭޝަން އެޅިފައިވަނީ ރަނގަޅަށްތޯ ލޯކަލް އޮތޯރިޓީ މުވައްޒަފުންނަށް ބަލަންވީ މިންވަރަށް ރަނގަޅަށް ބެލިފައި ނުވަކަމުގައެވެ. އަދި މިމައްސަލައިގައި އެފަރާތުގެ އިހުމާލުވުން ވާކަމުގައެވެ. އަދި ކޯޓުންބުނެފައިވަނީ އެއިމާރާތުގެ ފައުންޑޭޝަން ޓެސްޓްކޮށް ބެލިފައި ނުވާތީ ސަރުކާރުގެ އިދާރާއާއި އަދި އެއިދާރާގެ މުވައްޒަފުން ޒިންމާވާން ޖެހޭނެ ކަމުގައެވެ. އަދި ރަނގަޅަށް ބަލައިފިނަމަ ފައުންޑޭޝަން އެޅިފައިވަނީ އެކަށީގެންވާ ފުންމިނެއްގައި ނޫންކަންވެސް އެނގޭތީއެވެ.
3. އޭންސް ޕްރިންސިޕަލްގެ ފަސް
Anns V London Brough of merton (1977) މިކޭސް ވެގެން ދިޔައީ ޑިޔުޓީ އޮފް ކެއަރގެ ޕްރިންސިޕަލް ކަނޑައެޅުމުގައި ޤާނޫނީ ޢިލްމްވެރިން ދެކޭގޮތަށް ބޮޑުބަދަލެއް ގެނުވި ޕްރިންސިޕަލަކަށެވެ. މިމައްސަލައިގައި ދައުވާކުރާމީހުންގެ ބަހަކީ ފައުންޑޭޝަން އެޅިފައިވަނީ ރަނގަޅަށްތޯ ލޯކަލް އޮތޯރިޓީގެ މުވައްޒަފުންނަށް ބަލަންވީ ވަރަށް ރަނގަޅަށް ބެލިފައި ނުވާ ކަމުގައެވެ. އަދި އެކަމުގައި އެފަރާތުގެ އިހުމާލުވުންވެސް ވާކަމުގައެވެ. އެހެނީ ރަނގަޅަށް ބެލުނުނަމަ އެޢިމާރާތުގެ ފައުންޑޭޝަން އެޅިފައިވަނީ އެކަށީގެންވާ ފުންމިނަށް ނޫންކަން ލޯކަލް އޮތޯރިޓީއަށް އެނގުނީއެވެ.
މަޝްހޫރު ވިލްބަރ ފޯސްއަށް ޑިއުޓީ އޮފް ކެއަރގެ ޓެސްޓު ކަނޑައެޅުނީ މިމައްސަލައިންނެވެ. މީނާ ވިދާޅުވާ ގޮތުގައި ޑިޔުޓީ އޮފް ކެއަރ ކަނޑައެޅުމުގައި ދެމަރުހަލާއެއް ކަޑަތުކުރަންޖެހެއެވެ. ފުރަތަމަ ކަމަކީ ޓޯރޓްގެ އަމަލު ހިންގި ފަރާތާއި ދެމެދު އެކަށީގެންވާ ގާތްކަމެއް ނުވަތަ އަވައްޓެރިކަމެއް އޮތްތޯބެލުމެވެ. އެދެމީހުންގެ މެދުގައި މިއިން ގުޅުމެއް އޮތްކަން ޘާބިތުކުރެވިއްޖެނަމަ ދައުވާ ލިބޭ ފަރާތް ފަރުވާތެރިވާންޖެހޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން ދައުވާ ކުރާ ފަރާތަށް ގެއްލުން ވެއްޖެނަމަ އެލިބުނު ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނެއެވެ. އޭގެ ބަދަލު ދޭންޖެހޭނެއެވެ. އަދި މީނާ ބުނާ ގޮތުގައި ޑިއުޓީ އޮފް ކެއަރ އަކީ ކޮބައިކަން ކަނޑައަޅާއިރު ޕޮލިސީގެ ދައުރު ވަރަށް މުޙިއްމުކަމުގައެވެ. އަދި ދެވަނަ މަރުހަލާ ނުވަތަ ސެކަންޑް ސްޓޭޖަކީ ޑިއުޓީ އޮފް ކެއަރ ނަފީ ކުރާ ފަދަ ސިޔާސަތެއް އޮތްތޯ ބެލުމެވެ. މީގެ އިތުރުފަރާތަކާއިމެދު ޑިޔުޓީ އަދާ ކުރެވެންޖެހޭ ފަރާތަކާއި އަދި ޑިޔުޓީ އާއި ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ލިބެންޖެހޭ ބަދަލުތަކަށްވެސް ވަރަށް ބޮޑަށް ބަލަންޖެހެއެވެ.
4. ބްރީޗް އޮފް ޑިއުޓީ (Breach of Duty)
ޤާނޫނީ ގޮތުން ތިމާއަށް ފަރުވާތެރިވުމަށް އަންގާކަންކަމުގައި ފަރުވާ ކުޑަކޮށް އިހުމާލުވުމަކީ ފަރުވާތެރި ވުމާއި ޚިލާފުވުން (އިހުމާލުވުން) ނުވަތަ ބްރީޗް އޮފް ޑިޔުޓީއެވެ. މިގޮތުން ޑިޔުޓީ އޮފް ކެއަރގައި އެކުލެވޭ ކޮންމެ ކަމަކީ އިޙުމާލުވުމުން އޭގެ ޒިންމާ އުފުލަން ޖެހޭނީ ތިމާ އަމިއްލައަށެވެ. އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައިވާކަން ޘާބިތުކުރުމަށް ޓަކައި އަންނަނިވި ޕޮއިންޓްތައް އެކުލަވާލުމަކީ މުހިއްމު ކަމެކެވެ.
1. ދެމީހުންގެ ދެމެދުގައި އެކަށިގެންވާ ގުޅުމެއް އުފެދިފައިވާކަން ޘާބިތުކުރުން.
2. އަދާކުރަންޖެހޭ ޑިޔުޓީއާއި ޑިފެންޑެންޓް ޚިލާފުވެފައިވާކަން ޘާބިތުކުރުން.
ޙަޤީގަތުގައި ލޯ އޮފް ޓޯރޓްގެ ދަށުން ނަގައިދެވޭ ބަދަލު ވާންޖެހޭނީ ކުރިންސުރެ މިންވަރު ކަނޑައެޅިފައިނުވާ ބަދަލަކަށެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ އަންލިކިއުޑެޓެޑް ޑެމޭޖަސް އަކަށެވެ. އެއީ ޓޯރޓްލޯ އާއި ބެހޭ ގޮތުން ތައާރަފެއް ދެއްވާފައިވާ ގިނަ ޢިލްމުވެރިން ޚާއްޞަގޮތެއްގައި ޕްރޮފެސަރ ވިންފީލްޑްގެ ތަޢާރަފްގައި ބުނާ ގޮތުންވެސް އޭގައި ދެވޭ ބަދަލު ކުރިންސުރެ މިންވަރު ކަނޑައަޅާނީ އޭގައި އެކުލެވޭ މީހުންނާއި ސާކަމްސްޓެންސަށާއި މިފަދަ ބައެއް ކަންތައްތަކަށް ބެލުމަށް ފަހުގައެވެ. އެނަގައިދެވޭ ބަދަލު ބައެއްފަހަރު އެގްރެވޭޓެޑް ވެފައިހުރުމަކީވެސް އަދި ލިބުނު ގެއްލުމަށް ވުރެ ކުޑަވުމީވެސް އެކަށީގެންވާ ކަމެކެވެ.
ބަދަލުދެވޭ މިންވަރު ނުވަތަ ބްރީޗް އޮފް ޑިޔުޓީގެ ދަށުން އެހެން ގޮތަކަށްވެސް މާނަ ކުރެވިދާނެއެވެ. އެއީ ޑިޔުޓީ އޮފް ކެއަރ އެވެ. މީގައި ބަލަންޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި އާދައިގެ ހަމަވިސްނޭ ފަރުވާތެރި މީހަކު ފަރުވާ ބަހައްޓަންޖެހޭ މިންވަރަކީ ކޮބައިތޯ ބަލާލާއިރު އެމިންގަޑަށް މިކިޔަނީ ރީޒަނަބަލް މެންސް ސްޓެންޑެޑްއެވެ. އެހެންނަމަވެސް ކަންކަމުގެ މާހިރުން އެހެން އިބާރާތަކުން ދަންނަވަނީ ނަމަ ސްޕެޝަލިސްޓުން ފަރުވާތެރިވާންޖެހޭ މިންވަރު އެއަށްވުރެ ބޮޑެވެ. އެމީހުން ފަރުވާތެރިވާންޖެހެނީ އެފަދަ މާހިރަކު ނުވަތަ އެކްސްޕާރޓަކު އެފަދަ ޙާލަތެއްގައި ފަރުވަތެރިވާންޖެހޭނެ މިންގަނޑަކަށެވެ. އެއަށް މިކިޔަނީ މެންސް ސްޓޭންޑެޑް ޕްރުޑެންޓްއެވެ. ހަމައެހެންމެ މިމިންގަނޑު ކަނޑައެޅުމުގެ ޙާދިޘާގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށްވެސް ބަލަންޖެހެއެވެ. އޭގެތެރޭގައި ވަކިކަހަލަ ބަލިކަށިކަމެއް ނޫނީ އުނިކަމެއް ހުރިމީހަކު ފަރުވާތެރިވާންޖެހޭ މިންވަރު ކުޑައެވެ. މިސާލަކަށް ލޯފަންމީހަކު، ތުއްތުކުދިން، މޮޔައިންނެެވެ. ހަމައެއައެކު އެމީހަކު ތިމާގެ މެހެމާންދާރީގައި ހުރި މީހަކު ނަމަވެސް މިމިންގަނޑު ތަފާތުވެއެވެ. އަދި ޓްރެސްޕާރސް ކުރާ މީހުންނާއި މެދު ފަރުވާތެރިވާންޖެހޭ މިންވަރުވެސް ތަފާތެވެ. ކޮންމެ އަކަސް ކުރިންވެސް އިޝާރާތް ކުރި ފަދައިން ޑިޔުޓީ އޮފް ކެއަރ ނުވަަތަ ފަރުވާތެރިވަންޖެހޭ މިންވަރު، ވަގުތާއި، ޙަލަތާއި، އަދި އެވެވޭ މީހުންގެ ނިސްބަތުން ތަފާތުވެއެވެ. ވީމާ، މިއިން އެގެނީ ފަރުވާތެރިވުމާއި ޚިލަފުވުމުން އެކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލުދެވޭ މިންވަރު ތަފާތު ވަނެކަމެވެ.
ބްރީޗް އޮފް ޑިއުޓީ
(1995) McFARLANE V TAYSIDE HEALTH BOARD
އެމްސީފަރލިންގެ ދެމަފިރިންނަށް 4 ދަރިން ލިބިފައިވެއެވެ. އެހެންކަމުން މި ދެމަފިރިން ބޮޑުގެއަކަށް ބަދަލުވުމަށް ނިންމިއެވެ. އަދި އިތުރުވެގެންދާ މާލީ ޚަރަދުތައް ފޫބެއްދުމުގެ ގޮތުން އަނބިމީހާ މަސައްކަތަށް ނުކުތެވެ. ކަންމިހެން އޮތުމާއެކު، ދެމަފިރިންވެސް އިތުރު ދަރިފުޅަކު ނުހޯދުމަށް ޤަސްދުކުރިއެވެ. މިގޮތުން، ފިރިމީހާ ދަރިން ނުލިބޭކަހަލަ ޚާއްޞަ އޮޕަރޭޝަނެއް ކުރިއެވެ. އަދި ސްޕާރމް ސާމްޕަލްތައް ތަހުލީލު ކުރެވެންދެން ދޭތެރެދުރުކުރުމުގެ ވަސީލަތްތައް ބޭނުންކުރުމަށް މިދެމަފިރިންނަށް އިރުޝާދު ދެވިފައިވެއެވެ. އަދި ފަހުން އެމްސީފަރލިންްގާތު ހޮސްޕިޓަލުން ބުނެފައިވަނީ އޭނާގެ ސްޕާރމް ކައުންޓް ނެގަޓިވް ކަމަށެވެ. އެހެންކަމުން، ދޭތެެރެދުރުކުރުމުގެ އެއްވެސް ވަސީލަތެއް ބޭނުންކުރަން ނުޖެހޭނެކަމުގައިވެސް އޭނާގާތު ބުނެފައިވެއެވެ. މިނަސޭހަތުގައި ހިފައިގެން މިދެމަފިރިން އުޅެމުން ދަނިކޮށް އެމްސީފަރލިންގެ އަންހެނުން ފަސްވަނަ ދަރިއަކަށް ބަލިވެއިނެވެ.
މިހާރު މިދެމަފިރިންގެ ޝަކުވާއަކީ، ބަލިވެ އިނދެ ދަރިއަކު ވިހެއުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ވޭނާއި ކެކުޅުމާއި ނުތަނަވަސްކަމުގެ ޝަކުވާއެވެ. އަދި މިކަމާ ގުޅިގެން އެތައް ޚަރަދުތަކެއް ކުރެވިފައިވާ ކަމުގައި އެދެެމަފިރިން ދަނީ ބުނަމުންނެވެ. މީގެ އިތުރަށް އެދެމަފިރިން ބުނާ ގޮތުގައި މިދަރިފުޅު ބަލާބޮޑުކޮށް ތަރުބިއްޔަތު ކުރުމަށް ނުހަނު ގިނަގުނަ ޚަރަދުތަކެއް ކުރަން ޖެހޭނެއެވެ. އަދި މި ހުރިހާ ކަމެއް މީވީ، ޑޮކްޓަރުންގެ އިހުމާލުން ކަމުގައި މިދެމަފިރިން ބުނެއެވެ.
ވީމާ، މިމައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކާއި ބެހޭގޮތުން ޤާނޫނީގޮތުން ހިމަނަން ބޭނުންވި ބައިތައް ތިރީގައި މިވަނީއެވެ. އަދި އެދެމަފިރިންނަށް ލިބުނު ފަސްވަނަ ދަރިފުޅަކީ ނުކުޅެދޭ ކުއްޖަކަށް ވީނަމަ އަޅުގަނޑުގެ ޤާނޫނީ ލަފަޔަށް އެއްވެސް ކަހަލަ ބަދަލެއް އަތުވެދާނެނަމަ އެ ބަދަލަކީ ކޮބާކަމާ ބަދަލެއް ނާންނާނެކަމަށް ފެންނަނަމަ އެއީ ކީއްވެކަން ވެސް ތިރީގައި ބަޔާންކޮށްފައިވާނެއެވެ.
މިމައްސަލައިގައި ގުޅުންވާ ފަރާތްތައް:
1- ދެމަފިރިންނާއި ޑޮކްޓަރާއި ދެމެދުގައިވާ ގުޅުން
2- ދަރިފުޅާއި މަންމައާއި ދެމެދުގައިވާ ގުޅުން
3- އަނބިމީހާއާއި ފިރިމީހާއާއި ދެމެދުގައިވާ ގުޅުން
ޑޮކްޓަަރުގެ ޑިޔުޓީ އޮފް ކެއާރ:
ކޮންމެ މީހަކީވެސް ތިމާގެ ޙައްޤުތަކަށް ފަރުވާތެރިވެ ރައްކާތެރިވާ ފަދައިން އަނެކާގެ ޙައްޤުތަކަށް ވެސް ފަރުވާތެރިވެ ރައްކާތެރިވާންޖެހޭ މީހެކެވެ. އަބަދުވެސް ތިމާވިސްނަންޖެހޭނީ ތިމާގެ މައްޗަށް މުޖުތަމައުގައި އުޅޭ އެހެން އަފްރާދުންގެ ޒިންމާތަކެއްވާ ކަމެވެ. އެއަށް ފަރުވާކުޑަކުރުމުން، އޭގެ ސަބަބުން ތިމާ ޒިންމާ ނަގަން ޖެހޭނެކަން ހަނދާން ކުރަން ޖެހޭނެއެވެ. އެހެންކަމުން ތިމާކުރާ މަސައްކަތުގައި ޑިޔުޓީ އޮފް ކެއަރ ނުވަތަ ފަރުވާތެރިކަން ބަހައްޓަންޖެހޭނެއެވެ.
ޑިޔުޓީ އޮފް ކެއާރ އަކީ ނެގްލިޖެންސް ނުވަތަ އެހެން އިބާރާތަކުން ދަންނަވަނީ ނަމަ އިހްމާލުވުމުގެ މައްސަލަ ތަކުގައި ނެގްލިޖެންސްގެ ޢަމަލު ފުރިހަމަ ވުމަށްޓަކައި ކޮންމެހެން ފުރިހަމަ ވެފައި އޮންނަން ޖެހޭ 3 ކަމެއްގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކަންތަކެވެ. މިގޮތުން ހިމެނޭ ކަންތައްތަކަކީ؛
- ޑޮކްޓަރަށް ޕޭޝަންޓަށް ދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން
- ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތައް ރަނގަޅަށް ބަލައި އެމީހުންނަށް ފަރުވާ ކުރުން
ޑޮކްޓަރުގެ ބްރީޗް އޮފް ޑިޔުޓީ
ޤާނޫނީ ގޮތުން ތިމާއަށް ފަރުވާތެރިވުމަށް އަންގާކަންކަމުގައި ފަރުވާކުޑަކޮށް ޚިލާފުވުމަކީ ފަރުވާތެރިވުމަކީ ޚިލާފުވުން ނުވަތަ ބްރީޗް އޮފް ޑިޔުޓީއެވެ. މިގޮތުން ޑިޔުޓީ އޮފް ކެއަރގައި އެކުލެވޭ ކޮންމެ ކަމަކީ ޚިލާފުވުމުން އޭގެ ޒިންމާ އުފުލަން ޖެހޭނީ ތިމާ އަމިއްލައަށެވެ. ބްރީޗް އޮފް ޑިޔުޓީ އަކީ ފަރުވާތެރިވުމާއި ޚިލާފުވުމެވެ. މިގޮތުން ޑިޔުޓީ އޮފް ކެއާރގައި އެކުލެވޭ ކޮންމެ ކަމަކީ އިޙުމާލުވުމުން އޭގެ ޒިންމާ އުފުލަން ޖެހެނީ ތިމާ އަމިއްލައަށެވެ. މިކަން ސާބިތުކުރުމަށްޓަކައި ދެމީހުންގެ ދެމެދުގައި އަވަށްޓެރިކަމުގެ ގުޅުން ފަަދަ ގުޅުމެއް ވާކަން ސާބިތު ކުރުމާއި، އަދާކުރަންޖެހޭ ޑިޔުޓީ އޮފް ކެއާރ އާއި ޑިފެންޑެންޓް ޚިލާފުވެފައިވާކަން ސާބިތުކުރުން ހިމެނެއެވެ. މިގޮތުން މިމައްސަލައިގައި ފާހަގަކުރެވޭ ދެކަމަކީ؛
- ޕޭޝަންޓަށް ރައްދުކުރަންޖެހޭ މަޢުލޫމާތު ސިއްރުކުރުން
- ޕޭޝަންޓަށް ފަރުވާ ދިނުމުގައި ފަރުވާ ކުޑަކުރުން
ތިރީގައިވާ ކޭސް އަކީ މިފަދަ މިސާލެވެ.
FOO FIO NA V HOSPITAL ASSUNTA (1999)
މިމައްސަލައިގައި ޕޭޝަންޓް އޮޕަރޭޝަން ކުރުމުގެ ކުރިން އޭނާ އޮޕަރޭޝަން ކުރުމަށްޓަކައި ފުރަންޖެހޭ ފޯމު ފުރިއެވެ. ނަމަވެސް އެއޮޕަރޭޝަނާއި ބެހޭ އެއްވެސް މައުލޫމާތެއް ޑޮޮކްޓަރު ދީފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ އެއީ ވަރަށް ކުޑަކުޑަ އޮޕަރޭޝަނެއްކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށްފަހު އޭނާ ޕެރެލައިޒް ވިއެވެ.
މިމައްސަލައިގައި ކޯޓުން ނިންމީ އޮޕަރޭޝަނާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް އޭނާޔަށް ދީފައި ނުވުމުގެ ސަބަބުން ހޮސްޕިޓަލުން ބަަދަލު ދޭންޖެހޭނެކަމަށެވެ.
މިމައްސަލައިގައި ޕޭޝަންޓަށް (ޕްލެއިންޓިފް) ކްލެއިމް ކުރެވިދާނެ ކަންތައްތަކަކީ؛
- ޕްލެއިންޓިފް ބަލިވެއިނދެ ވިހެއުމުގެ ސަބަބުން ލިބުނު ވޭނާއި ކެކުޅުމާއި ނުތަނަވަސްކަން
- ވިހެއުމަށްފަހު ކުރަންޖެހޭ ޚަރަދުތައް އިތުރުވުން
- އިތުރު ދަރިއަކު އުފަން ވުމުން އެދަރިފުޅު ބަލާބޮޑުކުރުމަށް ކުރަންޖެހޭ ޚަރަދު
- ޕްލެއިންޓިފް މަސައްކަތް ކުރަން ނުދެވުން
ޑޮކްޓަރުގެ ޑިފެންސްތައް؛
- ގުދުރަތީގޮތުން ދިމާވި ކަމަކަށް ވުމެވެ.
- ޕްލެއިންޓިފް ދައްކަމުން ގެންދާ ދަލީލުތަކާއި އިދިކޮޅަށް ޑިފެންޑެންޓަށްވެސް ދަލީލު ދައްކާ ސަލާމަތް ވެވިދާނެއެވެ. މިގޮތުން އެދިމާވި ކަމަކީ ޤުދުރަތީ ގޮތުން ދިމާވި ކަމެއްކަން ޘާބިތުކުރެވިދާނެއެވެ.
- ޑިއުޓީ އޮފް ކެއަރ އަށް ބަލާއިރު އޮޕަރޭޝަން ކާމިޔާބުވިކަން ޓެސްޓް ކުރުން
- ޕްލެއިންޓިފްއަށް ލިބުނު ލޮސްއަކީ އިކޮނޮމިކްލޮސްއެއްކަން؛
- އެދަރިފުޅު ބަލާބޮޑުކުރުމަށް ކުރަންޖެހޭ ޚަރަދާއި، އޭނާއަށް ބޭނުންވާ އަންނައުނާއި، ދިރިއުޅެވޭނެ ތަނަކާއި، ތަޢުލީމު ހޯޯދައިދިނުން
- ޕްލެއިންޓިފް މަސައްކަތަށް ނުދެވުމުގެ ސަބަބުން އޭނައަށް ލިބެންޖެހޭ އާމްދަނީ ނުލިބުން
އެދެމަފިރިންނަށް ލިބުނު ކުއްޖާއަކީ ނުކުޅެދޭ ކުއްޖެއްނަމަ؛
- އެދަރިފުޅުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން މުޅިއުމުރަށް ބޭަސް ކުރުމުގެގޮތުން ކުރަންޖެހޭ ޚަރަދު
- ނުކުޅެދޭ ކުއްޖަކަށް ވުމުގެ ސަބަބުން އޭނާ މުޅި އުމުރަށް ބަލަންމަށް ކުރަންޖެހޭ ޚަރަދު، އެހެންކަމުން އޭނާއަށް އެކަމުގެ ޑެމޭޖަސް މުޅި އުމުރަށް ނެގޭނެއެވެ.
ގުޅޭ ކޭސްތައް؛
ALLEN V BLOOMS BURY HEALTH AUTHORITY (1993)
SALIH V ENFIELD HEALTH AUTHORITY (1991)
ALLEN V GREATER GLASGOW HEALTH BOARD (1998)
މިކޭސްތަކުގައި ޕްލެއިންޓިފް ކްލެއިމް ކޮށްފައިވަނީ ބަލިވެއިނުމުގެ ސަބަބުން އޭނައަށް އިތުރަށް ކުރަން ޖެހުނު ޚަރަދުތަކާއި، އޭގެ އިތުރަށް ބަދަލެއްގެ ގޮތުން ޖެނެރަލް ޑެމޭޖްތަކުގެ ގޮތުގައި ބަދަލު ހޯދުމަށެވެ.
- ރިފަރެންސް
- http://www.bailii.org/uk/cases/UKHL/1932/100.html
- http://www.bailii.org/uk/cases/UKHL/1977/4.html
- http://www.bailii.org/uk/cases/UKHL/1999/50.html
- law of tort in Malaysia and the syariah, SYED AHMED ALSAGOFF, page 100
- OPINIONS OF LORDS OF APPEAL FOR JUDGMENT IN THE CAUSE MACFARLANE V TAYSIDE HEALTH BOARD
- LAW OF TORTS IN MALAYSIA AND SYARIAH , SYED AHMED ALSA GOFF,
- OPINIONS OF LORDS OF APPEAL FOR JUDGMENT , 25 NOVEMBER 1999
- http://www.bailii.org/uk/cases/UKHL/1999/50.html
No comments:
Post a Comment