Thursday, January 10, 2013

#

ނަމާދުގެ މުހިންމުކަން

ނަމާދަކީ ޚާއްޞަ ޢަމަލުތަކަކާއި ކިއުންތަކެއްގެ މައްޗަށް އެކުލެވިގެންވާ އަޅުކަމެކެވެ. ނަމާދު ތަކުބީރުން ހުޅުވާލެވެއެވެ. އަދި ތަސްލީމަކުން ނިންމާލެވެއެވެ. އެބަހީ: الله أكبر އިން ފެށެއެވެ. السلام عليكم ނިންމާލެވެއެވެ. ނަމާދަކީ އިސްލާމްދީނުގައި އެއަޅުކަމެއް އަދާކުރުމަށް އެންމެ ބާރު އަޅުއްވާފައިވާ އަޅުކަމެވެ. ނަމާދަކީ ދީނުގެ ތަނބުވެސް މެއެވެ. އެ އަޅުކަމާއި ނުލައި ދީން ޤާއިމްވެ ނުހުންނާނެއެވެ. ނަމާދުގެ މުހިއްމުކަން ކީރިތި ޤުރުއާނުންނާއި، މާތް ނަބިއްޔާ މުޙައްމަދުއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ރީތިކޮންފެންނަން އެބައޮތެވެ.

ނަމާދަކީ ތައުހީދުގެ ކަލިމައާއި ވިދިގެންއޮންނަ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ރެއާ ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. [1]رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ. މާނައީ: ކޮންމެ ކަމެއްގެ އަސްލަކީ އިސްލާމް ދީނެވެ. އެދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ އެންމެ އުސް ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ނަމާދަކީ ޞިއްޙަތު ސަލާމަތުން ހުންނަޙާލުގަޔާއި ބަލިޙާލުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. މުޤީމު ޙާލުގައި ކުރަން ޖެހޭފަދައިން ދަތުމަތީގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަމާންޙާލަތުގައި ކުރަންޖެހޭ ފަދައިން ބިރުވެރިކަމުން ފުރިފައިވާ ހަނގުރާމައިގެ މައިދާނުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަދި ނަމާދު އެނަމާދުގެ ވަގުތުން ފަސްކުރުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެފުރަތަމަ ބެއްލެވޭނީ ނަމާދުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. [2]أَوَّلُ مَايُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاة فَإِنْ صَلُحَتْ صَلُحَ سَائِرُ عَمَلِهِ وَإِنْ فَسُدَتْ فَسُدَ سَائِرُ عَمَلِهِ މާނައީ: ޤިޔާމަތްދުވަހު އަޅާއާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަންރަނގަޅުވެ ޞާލިޙުވެއްޖެނަމަ، އެހެންޢަމަލުތައްވެސް ރަނގަޅުވެ ޞާލިޙު ވެދާހުއްޓެވެ. އެކަންފާސިދުވެއްޖެނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ފާސިދުވެދާނެވެ. ނަމާދު ކުރާއިރު ހުންނަންޖެހެނީ ވަރައްމަޑު މޮޅި ކަމާއި ޚުޝޫޢަތްތެރި ކަމާއެކުގައެވެ. މިގޮތުގައި ނަމާދު ކުރާމީހުންނާ ބެހޭގޮތުން ވާރިދުވެފައިވާއާޔަތެއްގެ މާނައިގައިިވެއެވެ. މާނައީ: މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.

أحمد އާއި نسائي އާއި ترمذيّ ސައްޙަ ސަނަދަކުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. "އެކަލޭގެފާނާއިގެން އިސްރާކުރެވުނު ރޭގައި ފަންސާސް ނަމާދު نبيَّ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ފަރުޟުކުރެވުނެވެ. ދެން ފަސްނަމާދަށް ވެއްޖައުމަށް ދާންދެން އުނިކުރެވުނެވެ. ދެން ވަޙީކުރައްވައި ނިދާއިއްވެވިއެވެ. މުޙައްމަދެވެ! ހަމަކަށަވަރުން އެނަމާދު އެކަލާނގެ ޙަޟުރަތުގައިވާގޮތެއް ބަދަލެއް ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް މިފަސްނަމާދުން ފަންސާސް ނަމާދުގެ ޘަވާބުލިބޭހުއްޓެވެ."

[3]އިންސާނާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަމަކީވެސް ނަމާދެވެ. طَبَرَانِي ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ޤިޔާމަތްދުވަހު އަޅާގެ މައްޗަށް ފުރަތަމަ އެކަމެއްގެ ޙިސާބުބެލެވޭނީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ރަގަޅުވީއެވެ. އަދި އެފާސިދުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ފާސިދުވީއެވެ."

رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުނިޔެއާއި އަލްވަދާޢު ކިޔުއްވަމުން ކުރެއްވި ވަޞިއްޔަތްޕުޅުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގާފައި ވެއެވެ. އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ. "ނަމާދު ނަމާދެވެ. އަދި ތިޔަބައިމީހުނަށް މިލްކުވެގެންވާ އަޅުންނެވެ." ދުނިޔެ ފަހަށް ދިޔަދިޔަހެން މީހުން ދީނާއި ދުރަށް ދަމުންދާނެއެވެ. މިވާހަކަ އަންގަވަމުން رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. " އެންމެ ރަނގަޅު ޤަރުނަކީ ތިމަން ކަލޭގެފާނުންގެ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ ޤަރުނެވެ. " މީހުން ދީނާއި ދުރުވެ ދީނުގެ އަޅުކަންތައް ދޫކުރަމުންދާނެއެވެ. މި ގޮތަށް ކުރުން އެންމެ ފަހުން ހުއްޓާލާނެ ޢަމަލަކީވެސް ނަމާދެވެ. ނަމާދު ކުރުން މީހުން ހުއްޓާލާ ހިސާބުން މުޅިއިސްލާމްދީން ނެތިގެންދާނެއެވެ. މި ކަމުންވެސް ނަމާދުގެ އަހައްމިއްޔަތު އެނގިގެން އެބަދެއެވެ.

ރިފަރެންސް
[1] رواه الطبراني
[2] الترمذي وحسّنه الألباني
[3] ދީނީ ހޭލުންތެރިކުރުމާއިބެހޭ ބައި – މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާސް

1 comment: