Monday, September 3, 2012

#

ދިވެހިރާއްޖޭގެ ދެވަނަ ޙާފިޒަކީ ދެއްވަދޫ އާދަމް ސައީދު

ކީރިތިޤުރުއާން ހިތުދަސްކުރުމާއި ގުޅިގެން ސަރުކާރުން އިމްތިހާނުކުރައްވައި ބެއްލެވުމަށްފަހު ރާއްޖެއިން ދެވަނައަށް ޙާފިޒުކަމުގެ ސަނަދު ލިބިވަޑައިގަތީ ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކަނީރުމާގެ، އައްލާގެ އަލީ އާދަމް ސައީދަށެވެ. އޭއީ މީލާދީ ސަނަތުން 13 ޖޫން 1955 ވީ އަންގާރަ ދުވަހުގައެވެ. ފުރަތަމަ ހާފިޡަކީ ތިމަރަފުށީ ކޮއްކެބޭގެ މުހައްމަދުފުޅަށެވެ. އެއީ މީލާދީ ސަނަތުން 6 ފެބުރުއަރީ 1954 ވީ ހޮނިހިރު ދުވަހުއެވެ.އާދަމް ސައީދުގެ ބައްޕައަކީ ކުދިންނަށް ގުރުއާން ކިޔަވާދޭ އެދުރުބެއެކެވެ. މިހާރު ދުނިޔޭގައި ހުއްނެވި އާދަމް ސައއީދުގެ އެއްބަޑު އެއްބަފާ ދައްތަ ގއ.ދެއްވަދޫ ކަނީރުމާގެ، ހައްވަ ބުނި ގޮތުގައި އާދަމް ސައީދަކީ ކުޑައިރު އެއްވެސް ގޮތަކަށް ކިޔެވުމާއި ގަޔާވެގެން އުޅުނު ކުއްޖެއް ނޫނެވެ. ނަމަވެސް އެހެންހުއްޓާ އޭނައަށް ޤުރުއާން އެއްކޮށްދަސްވެއްޖެކަމަށް ރަށުތެރޭގައި ވާހަކަދެކެވެންފެށުނެވެ.ބެލެވޭ ގޮތުގައި އާދަމް ސައީދުއަށް ޤުރުއާނު ހިތުދަސްވީ އޭނާގެ ބައްޕަ ކައިރިއަށް ޤުރުއާން ކިޔަވަންދިޔަ ކުދިއްނަށް ކިޔަވައިދޭ އަޑު އަހައިގެއްނެވެ. މި ޙަބަރު ގދ.ތިނަދޫ މީހަކަށް އެގިގެން އާދަމް ސައީދު ތިނަދޫއަށް ގެންގޮސް ވާރުގެ( ކުދިއްނަށް ޤުރުއާނު އުގައްނައިދީ އިމްތިހާނުކުރާ ގެ) އަށް ގެންގޮސް އިމްތިހާނު ކުރުމަށްފަހު މާލެއަށް ފޮނުވާލިއެވެ. އިމްތިޙާނު ހެދިއިރު އާދަމް ސައީދު އެއްކޮށް ޤުރުއާނު ހިތުދަސް ނަމަވެސް މަޙުރަޖަށް ކިޔަވަން ނޭގޭތީ އިތުރަށް އުގައްނައި ދިނުމަށް މާލެގެނެވުނެވެ. މާލެ އައިސް ހުއްނެވީ އާދަމް ނަސީރުގެ ބެއްލެވުމުގެ ދަށުގައި ފެންފިޔާޒުގޭގައެވެ. ފެންފިޔާޒުގެއިން ޤުރުއާން މަޙުރަޖަށް ކިޔަވަން ދަސްވުމުން އިމްތިހާނު ކުރުމަށްފަހު ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ދެވަނަ ހާފިޡު ކަމުގެ ސަނަދު އާދަމް ސައީދަށް ދެއްވިއެވެ. އެއިރު އުމުރުފުޅަކީ 14 އަހަރެވެ.

އާދަމް ސައީދު ދެ ކައިވެނި ކުރެއްވިއެވެ. އެއީ ގއ.ދެއްވަދޫ ހިތިވިލާގެ، އައިމިނަތު ރަޝީދާ އާއި، ތ.ގުރައިދޫ ބެރުގެ، އައިމިނަތު ޔޫސުފު( އާއްމުކޮށް ކިޔާއުޅޭ ނަމަކީ ދޮންކަނބުލޮ) އާއެވެ.އައިމިނަތު ރަޝީދާއާއި ކައިވެނި ބައްލަވައިގެން ބޭފުޅަކު ލިބިވަޑައިގަތެވެ. ނަމަވެސް އެ ކުއްޖާވަނީ އުމުރުން 2 އަހަރުގައި ނިޔާވެފައެވެ. ނަމަކީ މުހައްމަދު ސައީދު އެވެ.އާދަމް ސައީދު ދެވަނަ ކައިވެނި އައިމިނތު ޔޫސުފު އާއި ބެއްލެވީ ފެންފިޔާޒުގޭގައި ކިޔަވަން ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. މި ކައިވެންޏަށް ބޭފުޅަކު ލިބިވަޑައި ނުގައްނަވައެވެ. އެއަށްފަހު ދެއްވަދޫ މަކުތަބުގައި ކިޔަވައިދޭ މުދައްރިސެއްގެ މަގާމުގައި ދުވަސްކޮޅެއް އުޅުއްވުމަށްފަހު ދެން ދިރިއުޅުން ބަދަލު ކުރެއްވީ ތ.ގުރައިދޫ އަށެވެ. ތ.ގުރައިދޫގައި ދުވަސްކޮޅެއް ވަންދެން ދިރިއުޅުއްވުމަށްފަހު އަނައްކާވެސް ދެއްވަދޫ އަށް ބަދަލުވިއެވެ. އާދަމް ސައީދު އަވަހާރަވީ ވަރަށްބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު މީލާދީން 1961 ވަނަ އަހަރުގައެވެ. އުމުރުފުޅުން 20 އަހަރުގައެވެ.

ވަނަޢޫޒުބިއްލާހި! ދާދި ފަހަކާއި ޖެހެންދެންވެސް ދެއްވަދޫގެ ބައެއްމީހުން އެކި ކަންކަމުގައި އާދަމް ސައީދަށް ނަދުރުބުނެ އުޅުނެވެ. މިގޮތުން ބައެއް މީހުން އެމީހުންގެ އޮޑި މަސްނުބޭނި ގިނަދުވެސް ވެއްޖާމު އާދަމް ސައީދުއަށް ނަދުރުބުނެ، މަސް ބޭނިއްޔާމު އޭނާގެ މަހާނާ މަތީގައި ހުދު ދިދަ ޖަހައި އުޅުނެވެ.ޒަމާން ބަދަލުވެ އިންޖީނުއެޅި އުޅަދުފަހަރުގައި ދަތުރުކުރިއަސް ކާބަފައިން ދަތުރު ކުރީ ކަތިރިޔާނެގި ދޯނި ފަހަރުގައެވެ. ގިނަފަހަރަށް މާލެދަތުރެއް ނިންމާލެވެނީ މަސްދުވަހުން ކަމަށްވެއެވެ. މާލެގޮސް ވައިހިދިގެން ނާދެވިގެން އުޅޭއިރު ރަށުގަތިބޭ މީހުން މާލެދިޔަ ދޯންޏައް ވައިލިބޭތޯ ނަދުރު ބުނެއެވެ. މިގޮތުންބުނާ ނަދުރުތަކުގެ ތެރޭގައި ހިމެނެނީ ވައިޖެހިއްޖެނަމަ އާދަމް ސައީދުގެ މަހާނަ ކުނިކަހައި، ދޮންވެލިލައި ، ހުދު ދިދަޖަހައި އަދި މަހާނަ ވަށައިގެން މީރުވަސް ދުވާއެއް ޗަކުން ދުންބުރުވުން، ފާތިހާ ކިޔެވުން، މަހާނައަށް ކާއްޓެއްލުން، މިކަހަލަ ނަދުރު ތަކެވެ.މީގެ އިތުރުންވެސް ހިތާވެގެން އުޅޭ ކުއްޖާ ލިބުމުން، ބޮޑު ތިޔާގި ކަމެއް ލިބުން ފަދަ ކަންތައްތައް ވުމުން އޭނާގެ މަހާނަ މައްޗަށް ހުދުވެލި ލައި ޒީނަތްތެރިކޮށް ހަދައެވެ. އަޅުގަޑު ހަދާން ހުއްނަގޮތުގައި 1996 ވަނަ އަހާރާއި ޖެހެންދެންވެސް ބައެއްމީހުން މިގޮތަށް ކަންތައްކޮށް އުޅުނެވެ. އޭނާގެ މަހާނާ ހުއްނަނީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތާއި އިންވެގެން ހުއްނަ ގަބުރުސްތާނުގައެވެ. މާތްﷲ ދެއްވަދޫ މީހުއްނަށް ނޭގި އެބައިމީހުއްނަށް ކުރެވުނު ޝިރުކުތަކުގެ ފާފަ ފުއްސަވައި އަލްމަރުހޫމު ހާފިޡު އާދަމް ސައީދުގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވާނދޭ. އާމީން

އާދަމް ސައީދުގެ ފުރަތަމަ އަނބިކަބަލުން ގއ.ދެއްވަދޫ ހިތިވިލާގެ،އަލްފާޞިލާ އައިމިނަތު ރަޝީދާއަކީ ދެއްވަދޫގެ ވަރަށް ގިނަ ކުދިއްނަށް ޤުރުއާން އުގައްނައި ދެއްވި ބޭކަނބަލެވެ. އެއީ އަޅުގޑު ވަރަށް އިޙުތިރާމް ކުރާ އަޅުގަޑުގެވެސް އެދުރުދައިތައެވެ.

އާދަމް ސައީދުގެ ދެވަން އަނބިކަބަލުން ތ.ގުރައިދޫ، ބެރުގެ އަލްމަރުހޫމާ އައިމިނަތު ޔޫސުފަކީ އާދަމް ސައީދުއާއި އެއްކޮށް ކިޔަވަން ފެންފިޔާޒުގޭގައި އުޅުއްވި ބޭކަނބެލެކެވެ. ފެންފިޔާޒުގެއިން ތައުލީމު ހާސިލް ކުރެއްވުމަށްފަހު އަދާ ކުރެއްވި ވަޒީފާ ތަކަކީ ތ.ގުރއިދޫ އުތުރު އަވަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސާ ކަމުގެ މަގާމާއި ، ފޫޅުމައި ކަމުގެ މަގާމެވެ. އައިމިނަތު ޔޫސުފަކީ ތ.ގުރައިދޫ މީހުން ގަދަރާއި އިޙުތިރާމު ކުރައްވާ ބޭކަނބަލެކެވެ. އައިމަނަތު ޔޫސުފު މިދުނިޔެ ދޫކުރައްވާ ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ މައްކާގެ ބިމުގައި ހައްޖުގެ އަޅުކަން ކުރައްވަން ގޮސް އުޅުއްވަނިކޮށެވެ. ފަސްދާނަ ލެވިފައިވަނީ މައްކާގެ މާތް ބިމުގައެވެ. މާތްﷲ އައިމިނަތު ޔޫސުފުގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވަވައި ސުވަރުގޭގެ ދާއިމީ ނިއުމަށް މިންވަރު ކޮއްދެއްވާށި. އާމީން.

މި މައުލޫމާތް އަޅުގަޑައް ދެއްވާފައިވަނީ ގއ.ދެއްވަދޫ ކަނީރުމާގެ، އަލްފާޞިލާ ހައްވަ އާއި ތ.ގުރައދޫ ބޮޑު ކަތީބު އަލްފާޞިލް އިލްޔާސު އެވެ.


*މިއީ ދެއްވަދޫ ތާރީޙް ދިރާޘާ ބޭފުޅެއްކަމުގައިވާ ދެއްވަދޫ ދޭލިޔާގޭ މައުމޫން އިބުރާހިމް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
* އާދަމް ސައީދުއަކީ އަޅުގަނޑުގެ މުންނާ (ބައްޕަގެ މަންމަ) އާއި އެއްބަނޑު އެއްބަޕާ ކޮއްކޮއެވެ.

No comments:

Post a Comment