Friday, May 18, 2012

#

އިސްލާމީ ޝަރީއަތުގައި ބިޓުންނެގުން

އިސްލާމީ ފިޤުހުގައި "ޚިޠުބާ" ކިޔާއެއްޗެއް އޮވެއެވެ. އެކަން ކުރާ ފިރިހެން މީހާއަށް ކިޔަނީ ޚާޠިބްއެވެ. އަންހެން މީހާއަށް މަޚްޠޫބާއެވެ. ޚިޠުބާއަކީ ކައިވެނި ކުރަން ކުރާ ވަޢުދެކެވެ. އެއީ ފަހަރެއްގައިވެސް ކައިވެންޏެއް ނޫނެވެ. މިއަށް އިގިރޭސިން ކިޔަނީ ''އެންގޭޖްމެންޓް'' އެވެ. ދިވެހި ބަސްފޮތުގަ މިއަށް ކިޔާފައި އޮންނަނީ ''ގާލިހު'' ''ގާލިހުވުން'' ''ގާލުވުން'' މި ބަހެވެ.
ކައިވެންޏަކީ އިސްލާމް ދީން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ. ކައިވެނި ކުރުމަށް ފަހު އެކަން ތަންޒީމު ކުރުމުގެ ތަފާތު ޙުކުމްތައް ކަނޑައަޅައި ހެދި އިރު، ކައިވެނީގެ ކުރިން
ކަންތައް ކުރާނެ ގޮތާއި، ކައިވެނި ކުރާނެ މީހަކު އިޚްތިޔާރު ކުރާނެ ރަނގަޅު ގޮތް އަޅުގަނޑުމެންގެ މި މާތް ދީން ވަނީ ގެނެސްދީފައެވެ.
އިސްލާމް ދީނަށް ޖޯކު ޖެހުމަކީ އެއީ ރަސުލާ މި ދީނަށް ގޮވާލެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހިގަމުން އަންނަ ކަމެކެވެ. އެ ގޮތުން ޖެހޭ އެއް ޖޯކަކީ މުސްލިމުން ކައިވެނި ކުރަނީ ނުވެސް ފެންނަ މީހަކާއި ކަމަށް ބުނާ ޖޯކެވެ. އަންހެން ކުއްޖާއަށް ފިރިމީހާއަކީ ކާކުކަން، ކިހިނެއް ހުރި މީހެއް ކަން، ކައިވެނީގެ ރޭގެ ކުރިން ރޭކާވެސް ނުލާނެއެވެ. ފިރިހެން ކުއްޖާވެސް ހުންނާނީ މިފަދަ ޙާލަތެއްގައެވެ. އަނެއް ޖޯކަކީ ނުވަތަ ފުރައްސާރައަކީ، މުސްލިމް އަންހެނުން ކައިވެނި ކުރަނީ ޢާއިލާ މީހުން ބުނާ މީހަކާއި ކަމަށާއި، އޭނާއަށް އެއްވެސް އިޚްތިޔާރެއް ނޯންނަތާ، ކޮންމެ ސިފައެއް ޖަހާ މީހަކާ ކައިވެނި ކުރަން ގޭ މީހުން ބުންޏަސް ޖެހޭނީ ކައިވެނި ކުރަން ކަމަށް ބުނެ ޖަހާ ޖޯކެވެ.
ނަމަވެސް މިއިން އެއްވެސް ވާހަކައަކީ ޙަޤީޤަތެއް ނޫނެވެ. ގޭ މީހުން ބުނާ މީހަކާއި އިންނާކަށް މުސްލިމް އަންހެނުންނަށް މަޖްބޫރެއް ނޫނެވެ. ރަސޫލާގެ ސުންނަތުން މިކަން ނިކަން ރަނގަޅަށް އެގެން އެބައޮތެވެ. ބައްޕައަކު ނުވަތަ އާޢިލާއިން މަޖްބޫރު ކުރާނަމަ އެއީ، އިސްލާމީ ރޫޙާއި ޚިލާފަށް އެމީހުން އަމިއްލަ އަށް ކުރާކަމެކެވެ. ހަމަ އެހެންމެ މުސްލިމުން ކައިވެނި ކުރަނީ ނުދަންނަ، ނުފެންނަ މީހުންނަކާވެސް ނޫނެވެ. ކިއެއްތަ ކައިވެނި ކުރިމުގެ ކުރިން ބެލުމަށް ރަސޫލާ ވަނީ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައެވެ.
ކޮންމެއަކަސް ކައިވެނި ކުރުމުގެ ނިޔަތުގައި، އިންނަންބޭނުން ކުއްޖާއަށް، ބެލުމަކީ ހުއްދަކަމެކެވެ. ބެލުން ހުއްދައީ އަންހެނުން ލާން، ދީން ކަނޑައަޅާ ޝަރުޠު ހަމަވާ، ހެދުމުގައި ހުއްޓައެވެ. ކައިވެނިކޮށްގެން މައްސަލަ ނުޖެހި އުޅެވޭނީ ނުވަތަ ދެމީހުން އެކަކު އަނެކަކަށް ދަސްވާނީ، ގައިގެ ހުރިހާތަނެއް ބެލުމުންނޭ ބައެއް ''މޮޔަ'' ކުދިން މަޖަލަކަށް ކިޔައި އުޅެފާނެއެވެ. އެކަމަކު މިކަން ދީން ހުއްދަ ނުކުރާނެކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކަށްވެސް އެގޭނެއެވެ. އަދި ދީން ނޫނަސް، ޝަރަފުގެ ޒައްރެއްގެ މިންވަރުވެސް ހުންނަ އަންހެނެއްވެސް އެގޮތާ ނުރުހޭނެއެވެ.
މުސްލިމުންގެ ތެރެއިން ބައެއް ޘަޤާފަތްތަކުގެ މީހުން، ކައިވެނި ކުރަން ބޭނުންވާ ޚާޠިބު، މަޚްޠޫބާއަށް ބެލުންވެސް ހުއްދަ ނުކުރެއެވެ. ދެ ޢާއިލާ މީހުން ވާހަކަ ދައްކާލާފައި ދެ މީހުންކުރެ އެކަކަށްވެސް ނުފެނިތިއްބާ، ''ގާލިހު'' ކޮށްލަނީއެވެ. ދެ މީހުންނަށް އެކަކު އަނެކަކު ފެންނީ ކަންވެ ނިމޭފަހުންނެވެ.
އަނެއްކޮޅުން، ބައެއް މުސްލިމުން އަންހެން ކުއްޖަކާއި ''ރައްޓެހިވެގެން'' އުޅުން އެއީ ކައިވެނިކޮށްގެން އުޅުން ކަހަލަ ކަމެއްކަމުގައި ދެކެއެވެ. ހުރިހާކަމެއްވެސް ހުއްދައެވެ. ރަހަބެލުންވެސް އެއީ ހަމަ ''އާދައިގެ'' ކަމެކެވެ.
މިދެ ފަރާތްވެސް މި އޮތީ މެދުމިންވަރުން ކައްސާލާފައެވެ. ކަމުގައި އޮތް ރަނގަޅު ގޮތަކީ، މިކަމުގައި އިސްލާމްދީން ގެނެސްދީފައިވާ ގޮތުގައި ހިފެހެއްޓުމެވެ.
ޚާޠިބް މަޚްޠޫބާއަށް ބެލުން ދީން ހުއްދަ ކުރެއެވެ. އަދި ރަސޫލާގެ ސުންނަތުން މިކަން އެގެއެވެ. މި ކަމުގައި އޮތް އެއް ޙަދީޘަކީ ޞަޙީޙް މުސްލިމުގެ ''އައްނިކާހް'' ނުވަތަ ކައިވެނި މި ބާބުގައި އައިސްފައިވާ ޙަދީޘެވެ. عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏ : كُنْتُ عِنْدَ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَأَتَاهُ رَجُلٌ فَأَخْبَرَهُ أَنَّهُ تَزَوَّجَ امْرَأَةً مِنْ ‏ ‏الْأَنْصَارِ ‏ ‏فَقَالَ لَهُ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَنَظَرْتَ إِلَيْهَا قَالَ لَا قَالَ فَاذْهَبْ فَانْظُرْ إِلَيْهَا فَإِنَّ فِي أَعْيُنِ ‏ ‏الْأَنْصَارِ ‏ ‏شَيْئًا
މާނައަކީ: ''އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. އަހަރެން ﷲގެ ރަސޫލާ އަރިއަހުގައި ހުއްޓާ، މީހަކު އައިސް އޭނާ އަންޞާރީ އަންހެނަކާ ޚުޠޫބާ ހެދިވާހަކަ ދެންނެވިއެވެ. ދެން ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ކަލޭ އޭނާއަށް ބަލާލިންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. ފަހެ ގޮސް އޭނާއަށް ބަލާށެވެ. ހަމަކަށަވަރުން އަންޞާރީންގެ ލޮލޮގައި އެއްޗެއް ހުރެއެވެ (މާނައަކީ ރީތި ގޮތެއް). '' (ރިވާކުރެއްވީ މުސްލިމް)
ސުނަން އައްތިރްމިޛީގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ.  عَنْ ‏ ‏الْمُغِيرَةِ بْنِ شُعْبَةَ ‏ أَنَّهُ خَطَبَ امْرَأَةً فَقَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏انْظُرْ إِلَيْهَا فَإِنَّهُ ‏ ‏أَحْرَى ‏ ‏أَنْ يُؤْدَمَ ‏ ‏بَيْنَكُمَا
މާނައަކީ: ''މުޣީރަތު ބިން ޝުޢުބާ ރަސޫލާ އަރިއަހަށް އައިސް، އޭނާ އަންހެނަކާއި ޚިޠުބާ ހެދިވާހަކަ ދެންނެވިއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''އެ ކަނބުލޭގެއަށް ބަލާށެވެ. (ދެކިލާށެވެ.) ފަހެ އެކަމުން ކަލޭމެން ދެމީހުން ދެމެދުގައި، ލޯތްބާއި އުލްފަތް އުފައްދައިދޭނެއެވެ.''
ފަހެ ލޮލުން ބެލުމަކީ ހިތުގެ ފެނުމަށް އެހީވެދޭނެ ކަމެކެވެ. މިއީ ކައިވެންޏެއްގެ ކުރިން ކޮންމެހެން ބޭނުން ކަމެކެވެ.
ޖާބިރު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވަނީ : عَنْ ‏ ‏جَابِرِ بْنِ عَبْدِ اللَّهِ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا خَطَبَ أَحَدُكُمْ الْمَرْأَةَ فَإِنْ اسْتَطَاعَ أَنْ يَنْظُرَ إِلَى مَا ‏‏ يَدْعُوهُ ‏ ‏إِلَى نِكَاحِهَا فَلْيَفْعَلْ ‏
މާނައަކީ: "ކަލޭމެންގެ ތެރެއިން މީހަކު އަންހެނަކަށް ޚިޠުބާ ކޮށްފިއްޔާ، ބެލުން ކުޅަދާނަނަމަ، ކައިވެނިކުރަން ބޭނުންވާނެ ސިފައެއް ހުރިތޯ، ބަލާށެވެ.''
ބެލުން ހުއްދައީ ކިހާ މިންވަރެއް ހެއްޔެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި ބެލުން ހުއްދައީ މޫނާއި ދެ އަތް ތިލައަށް އެކަންޏެވެ. ހިލޭމީހުންނަށް އަންހެނުންގެ ގައިން ކަޝްފުކުރުން ހުއްދައީ މި މިންވަރު އެކަންޏެވެ. އަންހެނާގެ ރީތި މިނާއި ހިތް ހެޔޮކަން އަދި ތިމަންނަގެ ހިތް ދަމައިގަންނަކަން ވެސް އޭނާގެ މޫނު ފެނުމުން އެގޭނެއެވެ. އަދި ޞިއްޙަތު ރަނގަޅު މިންވަރު ދެ އަތްތިލައިން އެގޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައި އެބަހުއްޓެވެ.
ޚިޠުބާ ހެދުމަށްފަހު، އެ އުވާލުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ ؟ ކައިވެނި ކުރުމުގެ ނިޔަތުގައި ޚިޠުބާ ހެދުމަށްފަހު އެ އުވާލުމަކީ މަނާ ކަމެއް ނޫނެވެ. ނަމަވެސް މަޤްބޫލު ޢުޛުރަކާއި ލައިގެން މެނުވީ އުވާނުލުން ރަނގަޅެވެ. ސަބަބަކީ ކައިވެނި ކުރުމަށް ވަޢުދު ވުމަށްފަހު އެކަން ނުކުރުން އެއީ، އަންހެން ކުއްޖާގެ ޝުޢޫރަށް ދެވޭ އަނިޔާއެކެވެ. އަދި އަންހެން ކުއްޖާ އެ ވަޢުދު އުވާލައިފިނަމަ އެއީ ފިރިހެން ކުއްޖާގެ ޝުޢޫރަށްވެސް ދެވޭ އަނިޔާއެކެވެ.
މިހިސާބުން ހަންދާން ބަހައްޓަންވީ ކަމަކީ، ހުރިހާ ކަމެއްގައިވެސް އިޙްސާންތެރި ވުމަށް އިސްލާމް ދީން އަމުރު ކުރާ ކަމެވެ. ވީމާ ދީން ގެނެސްދީފައިވާ މިފަދަ ކަންތައްތައް ކުޅޭކުޅޭ ކަމަކަށް ހަދައިގެން ނުވާނެއެވެ. އަހަރެމެންގެ ބޭރުފުށާއި އެތެރެފުށްވެސް، ބައްލަވަމުންގެންދަވާ ފަރާތެއްވާކަން ހަންދާން ބެހެއްޓުން އެއީ ވާޖިބެކެވެ.
ބައެއް މީހުން، ކައިވެނި ކުރެވޭ މީހާގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު ޝަރުޠަކީ ރީތިކަން ކަމަށް، ހަދައެވެ. އަދި ރީތި އަންހެން ކުއްޖަކާ ކައިވެނި ކުރެވިއްޖިނަމަ އުފާވެރި ޒަވާޖީ ޙަޔާތެއް ފެއްޓުނީ ކަމަށް ދެކެއެވެ. ނަމަވެސް މިއީ މުޅުން ރަނގަޅު ގޮތެއް ނޫނެވެ.
ރީތި ކަމަކީ ލިސްޓުގައި އޮންނަން ޖެހޭ ކަމެކެވެ. އެހެނީ، ކައިވެންޏަކީ ދެ ހިތެއްގެ ގުޅުން ކަމަށްވާއިރު، ރީތި ކަމަކީ އަބަދުވެސް ހިތާއި ކައިރި ހިތް އެދޭ ސިފައެކެވެ. އެހެންވެ ކައިވެނި ކުރެވޭ މީހާ އިޚްތިޔާރު ކުރުމުގައި ބެލެވޭ ހަތަރު ކަންތައް، ރަސޫލާ އަހަރެމެންނަށް އުގަންނަވާ ދެއްވިއިރު ރީތިކަންވެސް ހިމަނުއްވާފައިވެއެވެ. ރީތި ކަމަށް އެއްގޮތަކަށްވެސް ނުބެލުމަށް ، ފަހަރެއްގައިވެސް ނާންގަވައެވެ. ބުޚާރީ، މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ.
عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏‏ تُنْكَحُ الْمَرْأَةُ لِأَرْبَعٍ لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظْفَرْ بِذَاتِ الدِّينِ ‏‏ تَرِبَتْ يَدَاكَ ‏
މާނައަކީ: ''އަންހެނަކާ ކައިވެނި ކުރެވެނީ ހަތަރު ކަމަކާއި ހެދިއެވެ. އެކަނބުލޭގެ މުދާވެރިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ޙަސަބަށްޓަކައެވެ. އަދި އެކަނބުލޭގެ ރީތިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ކަލޭ ދީންވެރި އަންހެނާ އިޚްތިޔާރު ކުރާށެވެ. (އެހެން ނޫނީ) ކަލެއަށް ހުރީ ގެއްލުމެވެ.

މިލިޔުމަކީ އިސްމާޢީލް ނާޖީ ދިވެހިބަހަށް ތަރުޖަމާކުރައްވާފައިވާ ލިޔުމެކެވެ. 

1 comment:

  1. ކޮބެއްޔޫ ޝިހާދުގެ ފޭސްބުޖު އައިޑީ

    ReplyDelete