Sunday, January 23, 2022

#

ޤަޟާ އާއި ފަތުވާ ދެމެދުގައި އަޅާ ބެލުން

ޤާޟީކަމުގެ ޝަރުޠު:

އިސްލާމީ ޝަރީޢަތުގައި ޤާޟީކަމުގެ މަޤާމަށް ޢައްޔަންކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެ އެވެ.
1- މުސްލިމަކު ކަމުގައިވުން.
2- މިނިވަނަކުކަމުގައިވުން.
3- ބާލިޣުވެ (ތަޞައްރަފު ފުދިފައިވާ) މީހަކު ކަމުގައިވުން.
4- ބުއްދި ސަލާމަތުން ހުރި (ހަމަ) މީހަކު ކަމުގައިވުން.
5- ޢަދުލުވެރިޔަކު ކަމުގައިވުން.
6- ޝަރުޢީ ޢިލްމު ލިބި ހުރި (ޤާބިލު) މީހަކުކަމުގައި ވުން.
7- މައިގަނޑު 3 ޙިއްޞުގެ ބޭނުންކުރުމުގެ ކުޅަދާނަކަން (އިވުން، ފެނުން، ވާހަކަދެއްކުން) ލިބިފައިވުން. (11)

6. ފަތުވާ:
ފަތުވާއަކީ ޙައްޤު ގޮތް އެނގޭ މީހާ ޝަރުޢީ ޙުކުމް ދަލީލާއިއެކު ކަމަކާމެދު މެދު ސުވާލުކުރާފަރާތަށް އިލްޒާމު ނުވާގޮތަށް ދޭ ޖަވާބެވެ.
މުފްތީ] މި ލަފުޒު ނެގިފައިވަނީ [އިފްތާ] މި ލަފުޒުންނެވެ. މުފްތީ އަކީ އިސްލާމީ ޝަރީޢަތާއި ފިޤުހީ މައްސަލަތަކުގައި ކަން އޮތް ގޮތް ހާމަކޮށް ފަތުވާ ދޭ މީހާ އެވެ.
ފަތުވާނުވަތަ އިފްތާއަކީ ޝާމިލުވެ ޢާއްމުވާ ގޮތެއްގައި ޝަރުޢީ ދަލީލުތަކުގެ އަލީގައި ﷲ ސުބްޙާނަހޫވަތަޢާލާގެ ޙުކުމެއް ބަޔާންކުރުމެވެ.
ފަތުވާ ދިނުމަކީ ފަރުޟު ކިފާޔަތެކެވެ. ފަހެ ޢިލްމުވެރިޔާ ސުވާލުކުރާމީހުން ކުރާ ސުވާލުތަކަށް ޖަވާބުދޭންޖެހޭނެއެވެ. އެޢިލްމުވެރިޔާ ފިޔަވާ އެހެން އެހެން ޢިލްމުވެރިޔަކު ނެތްނަމަ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުން (ފަތުވާދިނުން) އޭނާގެ މައްޗަށް ވާޖިބުވަނެއެވެ.(15)

އިސްލާމީ ޝަރީޢަތުގައި މުފްތީއަކަށް ޢައްޔަންކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެ އެވެ.
1- ޢަރަބި ބަސް ރަނގަޅަށް ދަންނަ މީހަކުކަމުގައި ވުން.
2- އުޞޫލުލްފިޤުހު ޢިލްމަށް އަރައިހުރި މީހަކު ކަމުގައިވުން.
3- އިޖުތިމާޢީ ޙަޤީޤަތްތަކުގެ މަޢުލޫމާތު ލިބިހުރި މީހަކު ކަމުގައިވުން.
4- ދީންތައް އަޅައިކިޔުމުގެ ޢިލްމު ލިބިހުރި މީހަކު ކަމުގައިވުން.
5- އިޖުތިމާޢީ ޢިލްމުގެ އަސާސްތައް ދަންނަ މީހަކު ކަމުގައިވުން.
6- މަޤާޞިދުއްޝަރީޢާ (ޢިލްމު) ލިބިހުރި މީހަކު ކަމުގައިވުން.
7- ޙަދީޘް ޢިލްމު ލިބިހުރި މީހަކުކަމުގައިވުން.
8- ޤާނޫނީ ޙަޤީޤަތްތަކާއި އަސާސްތައް ލިބިހުރި މީހަކު ކަމުގައިވުން. (16)

7. ޤާޒީކަމާ މުފްތީކަމާ ދެމެދުގައިވާ އެއްގޮތް ކަންތައްތަކާއި ތަފާތު ކަންތައްތައް
ހ. އެންމެފުރަތަމަ ޤާޒީކަމާ މުފްތީކަމާ ދެމެދުގައިވާ އެއްގޮތް ކަންތައްތައް
ޤާޟީއާއި މުފުތީއަކީ ހަމަ ގާތްގަނޑަކަށް އެއްކަހަލަ މަސައްކަތްކުރާ ދެ މީހުންނެވެ.
ޤާޟީކަމާއި މުފްތީކަމާ ދެމެދުގައި އެއްގޮތް ކަންތައްތަކަށް އަލިއަޅުވާލާނަމެވެ.

1. ދެ މީހުންވެސް ފިޤުހުގެ ކުއްލީ މައްސަލަތަކުގެ ބަދަލުގައި ޖުޒުއީ މައްސަލަތަކަށް ފުންކޮށް ބެލުމަށްފަހު އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދޭ އެންމެ މަތީފެންވަރަކުން އެކަމުގައި އޮންނަ ދީނީ ޙުކުމް ބަޔާންކުރަނީ އެވެ.
2. ޤާޟީ އޭނާގެ ގާތްމީގެ މީހުންގެ މައްސަލަތަކުގައި ނުވަތަ ޢަދާވަތްތެރިކަން އޮންނަ ކަމަށް ބެލެވޭމީހުންގެ މައްސަލަތަކުގައި ޙުކުމް ނުކުރާފަދައިން ފަތުވާ ދޭފަރާތުންވެސް އޭނަގެ ގާތް ތިމާގެ މީހުންގެ ކަމެއްގައި ނުވަތަ ޢަދާވަތްތެރިންގެ ކަމެއްގައި އެމީހުންނާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ފަތުވާދީފާނެކަމަށް ތުހުމަތުކުރެވޭ ތަނެއްގައި އޭނަގެ ފަތުވާ ޤަބޫލެއް ނުކުރެވޭނެއެެވެ. ނަމަވެސް އެހެންޙާލްތްތަކުގައި މުފްތީއަށް ފަތުވާދެވޭނެއެވެ. މުފްތީއަށް އޭނަގެ ތިމާގެ މީހުންގެކަންތައްތަކުގައި ވެސް ފަތުވާދެވޭނީ ދީނުގައި އޮންނަހަމަތަކުގެ މަތިންނެވެ. އިންސާފުވެރިކަމާއިއެކުގައެވެ. ގާތްމީހުންނަށް ވަކިގޮތަަކަށް އަދި އެހެނިހެން ފަރާތްތަކަށް އެހެންގޮތަކަށް ފަތުވާދީގެންނުވާނެއެވެ. އެއީ އޭނަގެ ޢަދުލުވެރިކަން ގެއްލިގެން ހިނގައިދާނެތީއެވެ. (17)

(މިއާޚިލާފަށް ޤާޟީއަކު އޭނަގެ ގާތްތިމާގެ ނުވަތަ ދުޝްމަނެއްގެ މަަައްސަލަ ބެލުމަކީ ޤާޟީގެ ޢަދްލުވެރިކަމާއި މެދުގައި ސުވާލު އުފެދިދާނެކަމެކެވެ.)

3. އަޚުލާޤު ބަދަލުވެފައިވާ ވަގުތެއްގައި ނުވަތަ ޢާއްމު އުޞޫލާ ޚިލާފުވެފައި ހުންނަވަގުތެއްގައި މިސާލަކަށް ވަރަށް އުފާވެފައި ނުވަތަ ރުޅި އައިސްފައި ހުންނަ ވަގުތެއްގައި ޤާޟީ މައްސަލަނުބަލާފަދައިން މުފްތީވެސް ފަތުވާ އެއް ނުދޭނެއެވެ. މިއީ އިބްނު ޙާޖިބު އަދި އެހެންފަރާތްތަކުގެ ވެސް ދެކެލައްވާގޮތެވެ. (18)

4. الفتوى والقضاء މިދެކަމުގައިވާ އެއްގޮތް ކަންތައްތަކުގެ ތެރެއަށް ނަޒަރު ހިންގާލާއިރު މި ދެކަމަކީވެސް އިސްލާމީ ގައުމެއްގައި އިސްލާމީޝަރީޢަތާއި އެއްގޮތަށްކުރެވޭ ކަންކަމުގައިވެއެވެ. އަދި ރުޖޫޢަވަނީ ޤުރުއާނާއި ސުންނަތާއި އެހެނިހެންވެސް ޝަރުޢީ ޢިލްމުތަކަށާއި މަޞްދަރުތަކަށެވެ. އަދި މިމަޞްދަރުތަކުން ރާޖިޙުގޮތްވެސް އޮޅުންފިލުވައި ދެވެއެވެ. (19) އެއީ އުފެދޭ މައްސަލަތައް ޙައްލުކުރުމަށްޓަކައެވެ.

5. މިދެކަމުގައިވެސް ޢިލްމުވެރިންކަމަށްވެފައި އެއީ އިޖްތިހާދުކުރުމުގެ ފެންވަރުގެ ބަޔަކަށްވާންޖެހޭނެއެވެ. މުޖްތަހިދުން ފެންވަރުގެ ޢިލްމުވެރިން ނުލިބުނުނަމަ އެނޫން މީހުންގެތެރެއިން ޝަރުޢީ ޢިލްމުލިބިފައިވާ އެކަމަށް އައުލާމީހުންނަށް އިސްކަންދޭންވާނެއެެވެ. އެއީ ޝަރުޢި ޢުޞޫލުތަކުގެމަތިން މީސްތަކުންނަށް ޙައްލު ބަޔާންކޮށްދިނުމަށްޓަކައެވެ. (20)

8. ޤާޒީކަމާ މުފްތީކަމާ ދެމެދުގައިވާ ތަފާތު ކަންތައްތައް
1. ފަތުވާއަކީ ޝަރުޢީ ޙުކުމެއްގެ ޚަބަރެއް ސުވާލުކުރާމީހަކަށް ދިނުންކަމުގައިވާއިރު ޤަޟާއީ ނިޒާމަކީ 2 ޚަޞްމުން ހުށައަޅާފައިވާ މައްސަލަޙައްލުކުރުމަށްޓަކައި ޙުކުމެއް އުފެއްދުމަށްފަހު އެ ޙުކުމެއް އިއްވުމުގެ ނިޒާމެވެ.

2. ފަތުވާ އަށް ޢަމަލުކުރުމަކީ ކޮންމެހެން ލާޒިމުކަމެއްކަމުގައި ނުވާއިރު ޤާޟީގެ ޙުކުމަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. ފަތުވާއަށް ޢަމަލުނުކޮށް އެހެން މުފްތީއެއްގެ ގާތަށްގޮސް އަލުން ފަތުވާ އަށް އެދެވިދާނެއެވެ. ނަމަވެސް ޤާޟީގެ ޙުކުމު ކޮންމެހެންވެސް ތަންފީޛުކުރެވޭނެއެވެ. މުޖްތަމަޢުގެ މައްސަލަތައް ޙައްލުވާނީ އޭރުންނެވެ. މުޖްތަމަޢުގެ އަމްނު އަމާންކަންދެމިއޮންނާނީ އޭރުންނެވެ.

3. ޤަޟާއީ ނިޒާމަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއްބާރު ނަމަވެސް ފަތުވާ ދިނުމަކީ ދައުލަތުގެ 3 ބާރުގެތެރޭގައި ހިމެނޭކަމެއްނޫނެވެ.

4. މުފްތީއަކު ދޭފަތުވާ ފަހުން ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ފަތުވާ އަށް އެދޭމީހާގެ ޙާލަތަށާއި ތަނުގެވެއްޓަށާއި އާދަކާދައަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭތީއެވެ. އެއްމަޖްލިހެއްގައި އެއްވަގުތެއްގައި ދެމީހަކު ކުރި އެއްސުވާލަކަށް ތަފާތު އިދިކޮޅު ޖަވާބު (ފަތުވާ) ދޭން ޖެހިދާނެއެވެ. މިސާލަކަށް މުސްކުޅިއަކު ސުވާލުކުރަނީ ރޯދައަށްހުރެ އަނބިމީހާއަށް ދޮނެއް ދިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ މުސްކުޅި މީހާއަށް އޭނަގެ ނަފުސު ކޮންޓުރޯލްކުރެވޭނެތީ އެއީ ޙަރާމްކަމަކަށް ނުވެދާނެއެވެ. ހަމަ އެ ސުވާލު ޒުވާނަކު ކުރުމުން އޭގެ ޖަވާބަކަށްވަނީ އެއީ ޙަރާމްކަމެއްކަމުގައެވެ. ސަބަަބަކަށްވަނީ އޭނަގެ ނަފުސު އޭނައަށް ކޮންޓުރޯލް ނުކުރެވުމަކީ ވަރަށް އެކަށީގެންވާކަަމެއްކަމުގައިވާތީއެވެ. (21) ނަމަވެސް ޤާޟީ އިއްވާ ޙުކުމެއްގައި އެއްވެސްގޮތަކަށް ދެފަރާތެއްގެ ދެމެދުގައި އެއްމައްސަލައެއްގައި މުޅިން ތަފާތު ޙުކުމެއް އިއްވައިގެން ނުވާނެއެވެ.

5. ޤާޟީއިއްވާ ޙުކުމާއިމެދު ޚަޞްމަކު ރުހުނަސް ނުރުހުނަސް ޤާޟީ އޭނާ އިއްވި ޙުކުމް ބަދަލެއްނުކުރާނެއެވެ. ކުރިންވެސް ދަންނަވާފައިވާފަދައިން މުޖްތަމަޢުގެ އަމާންކަން ދެމިއޮންނާނީ ޤާޟީ އިންސާފުވެރިކަމާއިއެކު އިއްވާ ނިޔާތައް ތަންފީޛުކުރެވުމުންނެވެ. އެއީފުލުހުންނާއި ސިފައިންގެ މަސައްކަތެކެވެ. ނަމަވެސް މުފްތީގެ ފަތުވާ ކޮންމެހެން ތަންފީޛުކުރާކަށް ނުޖެހެއެވެ. އެފަތުވާ މުސްތަފްތީ އޭނަ ބޭނުންނަމަ އަމިއްލައަށް ތަންފީޛުކުރާނީއެވެ.

6. ޤާޟީއަކު ޙުކުމެއް އިއްވާނީ ދެޚަޞްމުންގެ ވާހަކަވެސް އަޑުއެހުމަށްފަހުއެވެ. ކިތަންމެ ނުރައްކާތެރި ބިރުވެރި ޖަރީމާއެއް ހިނގި ނަމަވެސް، ކޯޓަށް މައްސަލަ ނުވައްދާކަމަށްވާނަަމަ ޤަޟާއީގޮތުން އެއީ މައްސަލައަކަށް ނުވާނެއެވެ. ނަމަވެސް ކަމެއްބޮޑުވެެން އުޅޭއިރެއްގައި އެކަމާއިބެހޭގޮތުން ސުވާލުނުކުރެވުނު ކަމުގައިވިޔަސް އެކަމާއި ބެހޭގޮތުން ދީނުގައިވަނީ ކޮން ޙުކުމެއްތޯ ޢިލްމުވެރިން ބަޔާންކޮށްދިނުމަކީ (ފަތުވާދިނުމަކީ) އެކަށީގެންވާކަމެކެވެ.

7. ޤާޟީގެ ޙުކުމް، އެ ޙުކުމް އިއްވޭ މީހާއަށްވުރެ ދުރަކަށްނުދާނެއެވެ. އެހެންފަރާތްތަކަކަށް ޢާއްމެއް ނުވާނެއެވެ. ނަމަވެސް މުފްތީ ދޭފަތުވާ ޢާއްމުވާނެއެވެ. ހަމައެކަނި ފަތުވާއަށް އެދުނުމީހާއަށް އެކަނި އެފަތުވާޚާއްޞައެއް ނުވާނެއެވެ. ފަހެ ޤިޔާމަތާޖެހެންދެން މުކައްލަފުންގެ މައްޗަށް ފަތުވާ ޢާއްމުވާނެއެވެ. ނަމަވެސް ޤަޟާއީ ޙުކުމްތައް ޚާއްޞަވާނީ ހަމައެކަނި ޖުޒްއީ މައްސަލަތަކަށް (ވާޤިޢާތަކަށް) އެކަންޏެވެ.

8. މުފްތީ ދީނުގައި ކަންއޮތް އޮޅުންފިލުވައިދޭއިރު ޤާޟީ ބޭރުފުށަށް ފެންނަންހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް ޙުކުމް ކުރާނެއެވެ. މުފްތީ އޭނަގެ ފަތުވާތައް ނެރުމުގައި ތަބަޢަވާނީ ދަލީލުތަކަށެވެ. ޤުރުއާނާއި ސުންނަތްކަށެެވެ. އަދި އެނޫންވެސް ދަލީލުތަކަށެވެ. މިއާ ޚިލާފަށް ޤާޟީ ޙުކުމް އިއްވާނީ އޭނާގެ ކުރިމައްޗަށް ހުށައެޅިފައިވާ ޙުއްޖަތްތަކަށް މިސާލަކަށް އިޤްރާރު ބައްޔިނާ ފަދަ ތަކެއްޗަށެވެ. އަދި އޭނައަށް ލިބިފައިހުރި އެހެނިހެން ކަންކަން މިސާލަކަށް ފަރާސަތުގެ ޢިލްމުފަދަ ކަމެއް ބޭނުންކޮށްފާނެއެވެ.

9. ޤާޟީގެ ޙުކުމް ވަންނަ ކޮންމެ ދާއިރާއަކަށް މުފްތީ ނުވަތަ ފަތުވާ ދިނުން ވަންނާނެއެވެ. މިއާޚިލާފަށް ފަތުވާދިނުން ވަންނަ ކޮންމެ ދާއިރާއަކަށް ޤަޟާއީ ޙުކުމްތަކެއް ނުވަންނާނެއެވެ. މިސާލަކަށް ޤާޟީއަކު މީހަކު ކުރި ނަމާދު ޞައްޙަ ނޫންކަމަށާއި އަލުން ނަމާދުކުރަންވީ ކަމަށް ޙުކުމް ނުއިއްވާނެއެވެ. ނުވަތަ މިވެނި މީހަކީ ޔަތީމުންނަށް ކަމޭނުހިތާ މީހެއްކަމަކަށް ޙުކުމެއް ނުއިއްވާނެއެވެ. ފަހެޢިބާދާތުގެ ތެރެއަށް ޤާޟީކަން ނުވަތަ ޙުކުމް އިއްވުން ނުވަންނާނެއެވެ. (22) މިއާޚިލާފަށް ދީނުގެ ހުރިހާ ދާއިރާއަކަށް ދިރިއުޅުމުގެ ހުރިހާ މައިދާނަކަށްވެސް ފަތުވާދިނުން ވަންނާނެއެވެ.

މިދެކަމުގެ މުހިއްމު ފަރަގުތަކަށް ވިސްނާލާއިރު ޢިބާދާތުގެ (އަދި އަޚްލާޤީ ކަންކަމުގެ) ތެރެއަށް ޤާޟީގެ ޙުކުމްތަކެއް ނުވަންނާނެއެވެ.

10. ޢަރަބި ބަހުގެ (ބަލާޣާ) ގޮތުން ބަލަންޏާ ޤާޟީގެ ޙުކުމްތައް ވާނީ އިންޝާ އަކަށެވެ. ނަމަވެސް ފަތުވާ ވާނީ ޚަބަރަކަށެވެ. އަދި ޤާޟީ އިއްވާ ޙުކުމެއް ދޮގެއް ނުކުރެވޭނެއެވެ. ފަހަރެއްގައި ޤަޟާއީ އެހެން ޙުކުމަކުން ބާޠިލުކުރެވިދާނެއެވެ. ނަމަވެސް މުފްތީގެ ފަތުވާ ތެދު އަދި ދޮގުކުރެވުމުގެ ފުރުޞަތު އެބައޮތެވެ. އެއީ މުފްތީ އަށް ފަތުވާދެވޭނީ އޭނާގެ ޢިލްމީ ފެންވަރުން ހުރިމިންވަރަކުންނެވެ.

11- މުފްތީދޭ ފަތުވާއަކީ މުޅިން އާ އެއްޗަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ޤާޟީ ކުރާ ޙުކުމަކީ މުޅިން އައު ޙުކުމެކެވެ.

12. ޤަޟާއީ ޙުކުމަކީ ތަންފީޛުކުރުން ލާޒިމްކުރާކަމެއް ކަމުގައިވާއިރު ފަތުވާ ތަންފީޛުކުރުން ލާޒިމްކުރެވޭނެ ހަމައެކަނި ޙާލަތަކީ މުސްތަފްތީ އަމިއްލައަށް އެކަން ލާޒިމްކަމެއްކަމުގައި ހެދުމުންނެވެ. ފަހެ ފަތުވާތައް ކިތަންމެ ގިނަވެ ފެންވަރުމޮޅުވި ނަމަވެސް އެއަށް ޢަމަލުކުރުމާއި ނުކުުރުން ބިނާވެފައިވަނީ އެފަތުވާ އަޑުއަހާ އަދި މިހާ الله سبحانه وتعالى އަށް ބިރުވެތިވެ އީމާންކަން އެމީހެއްގައި ހުރި މިންވަރެއްގެ މައްޗަށެވެ. (23)

13. ވޭތުވެދިޔަ ޒަމާންތަކަށް ބަލާއިރު އެއްވެސް ޒަމާނެއްގައި މުފްތީއަކަށް އޭނާގެ ފަތުވާތައް ތަންފީޛުކުރުމަށްޓަކައި ފުލުހުންގެބާރެއް ހަމަޖެހިފައި އޮތްކަމެއް އެނގޭކަށް ނެތެވެ. (24)

14. ފަތުވާ ދޭއިރު ދެފަރާތްގެނެސް އެދެފަރާތުގެ ވާހަކަ އަޑުއަހާ އަދި ހެއްކާއި ދަލީލު ހުށައަޅާކަށް ނާންގާނެއެވެ. އަދި ޝަރުޢީ ޙައްދުތައް ތަންފީޛުކުރުމަކީ އޭނަގެ އިޚުތިޞާޞުތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫނެެވެ. މިކަންތައްތަކަކީ ޤާޟީގެ އިޚުތިޞާޞުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. (25)

15. ޤާޟީގެ ޙުކުމްގައި ވާނީ މައްސަލައިގެ ބޭރުފުށުގެ ކަންކަމަށް ރިޢާޔަތްކުރެވިފައެވެ. މައްސަލައިގެ ޙަޤީޤަތަށް ރިޢާޔަތްކުރެވިފައިވާނީ ފަތުވާގައެވެ. މިކަމުގެ މިސާލަކަށް ބަލާކަމުގައި ވަނީނަމަ މީހަކު ފިރހެނަކު އަންހެނަކު އެއީ އޭނަގެ އަނބިމީހާ ކަމުގައި ދޮގު ދަޢުވާކޮށްގެން ޤާޟީއަށް ހުށައަޅައިގެން ޤާޟީ އެއީ އޭނާގެ އަނބިމީހާކަމުގައި ޙުކުމްކުރުމުން (މިއީ ވަރަށް ނުރައްކާތެރިކަމެއް ނަމަވެސް) ޖުމްހޫރުންގެ ރައުޔަކީ ބޭރުފުށުގެ އެޙުކުމާއި އެއްގޮތަށް އެއަންހެންމީހާ އެ ފިރިހެންމީހާއާއި ޙަވާލުކުރެވޭނެއެވެ. އެއީ އެކަމުގެ އަޞްލާއި ޚިލާފަށެވެ. އަދި އެފިރިހެންންމީހާއަށް އެއަންހެންމީހާ ޙަލާލެއްނުވާނެއެވެ. ޙަނަފީން ދެކޭގޮތުގައި ބޭރުފުށުންނާއި އެތެރެފުށުންވެސް އެޙުކުމް ތަންފީޛުކުރެވެނެއެވެ. ޖުމްހޫރުންގެ ދަލީލަކީ "إِنَّكُمْ تَخْتَصِمُونَ إِلَيَّ ..." . މިޙަދީޘްގެ ނައްޞާއި މާނަ އިސްވެ ހިނގައްޖެއެވެ. (26)

16. ފަހެ ޤާޟީގެ ހުކުމަކީ އެއްވެސް ޙާލެއްގައި ޙަރާމްކަމެއް ޙަލާލުކުރާނެ އަދި ޙަލާލުކަމެއް ޙަރާމްކުރާނެ ކަމެއްނޫނެވެ. ފަހެ މިފަދަ ޙާލަތެއްގައި މުފްތީވާނީ ރަނގަޅުގޮތް ބަޔާންކޮށްދޭ ހެޔޮނުބައި ވަކިކޮށްދޭ ވަޢުޡާއި ނަޞީޙަތްދޭ މީހަކަށެވެ. (27)

17. ފަހެ މުފްތީ ދޭ ފަތުވާތައް އަރާރުންވުން ފަދަ މައްސަލަތަކާއި އެނޫން މައްސަލަތަކަށްވެސް ފެތުރިގެންދެއެވެ. 18. ޤާޟީ ބަލާނީ ޚާއްޞަ ޤަޟިއްޔާއެއް އަދި އިއްވާނީ ޚާއްޞަ ޙުކުމެއް ނަމަވެސް މުފްތީ ދޭ ބަޔާން ޢާއްމު ވާނެއެވެ. (28)

19. ބަހުން ޢަމަލުން އަދި ތަޤްރީރުގެ ގޮތުންވެސް ފަތުވާ ދެވިދާނެއެވެ. ނަމަވެސް ޤަޟާ މިއާ ތަފާތުވާނެއެވެ. ޤާޟީ ބޭނުންކުރާނީ ހަމައެކެނި ބަހެވެ. ޢަަމަލުން ފަތުވާ ދިނުމުގެ މިސާލަކީ މުފްތީ ވުޟޫކުރާނެގޮތް މުސްތަފްތީ އަށް ދެއްކުމެވެ. (30)

20. ޤާޟީ މައްސަލައެއް ބަލާއިރު ދެޚަޞްމުންގެ މެދުގައިވެސް މުޢާމަލާތުކުރަންޖެހޭނީ ހުރިހާކަމެއްގައިވެސް ހަމަހަމަކަމާއިއެކުގައެވެ. ނަމަވެސް މުފްތީ ފަތުވާ ދޭއިރު ދެފަރާތެއް ހާޒިރެއްނުކުރާނެއެވެ. ސުވާލުކުރާފަރާތުންވެސް ސުވާލުކުރުމަށް މުފްތީހުރި ތަނަކަށް ނުދިޔަޔަސް މިޒަމާނުގައި ފޯނާއި އިންޓަރނެޓުން ވެސް ފަތުވާއަށް އެދެވިދާނެއެވެ. (31)

21. މުފްތީގެ ކޮންމެ ތަނެއްގައިވެސް ޢަމަލުތައް ހުންނާނީ މަގުދައްކާދޭ މީހެއްގެ ގޮތުގައެވެ. ހަމައެކަނި ބެރުފުށަށް ބަލައިގެންނެއް ނޫނެވެ. މިސާލަކަށް އިބްނު ޢައްބާސް އަރިހަށް މީހަކުއައިސް ޤާތިލަށް ތައުބާ އެއްވާނެތޯ ސުވާލުކުރުމުން ޖަވާބުގައި ދެންނެވީ ތައުބާއެއް ނޯންނާނެކަަމަށެވެ. (32) މަޤްޞަދަކީ އެމީހާ މީހަކު ޤަތުލުކުރުމުން ސަލާމަތްކުރުމެވެ.

ފަތުވާއާއި ޚިލާފަށް އިސްލާމީޝަރީޢަތުގައި ޙުކުމް އިއްވުން އޮންނަނީ ބޭރުފުށަށެވެ. އުސާމަތަބިން ޒައިދު ކާފަރަކު އިސްލާމްވުމުން (އެއީ ހަމައެކަނި ބޭރުފުށުން އިސްލާމްވީކަމަށް ބަލާ) އެމީހާ މަރާލެއްވީކަމަށް ވެއެވެ. ފަހެ އެކަމާ رسول الله صلى الله عليه وسلم ނުރުހުންތެރިވިއެވެ. (33) އެއީ އިސްލާމީ ޝަރީޢަތުގައި ޙުކުމްކުރުން އޮންނަަނީ ބޭރުފުށަށްކަމަށްވެފައި އެގޮތަށް އެވަގުތު އުސާމަތަބިން ޒައިދު ޢަމަލު ނުކުރެއްވީތީއެވެ. މީގެ އެހެން މިސާލަކަށް ބަލާކަމަށްވާނަމަ "الولد للفراش..." މިޙަދީޘަކީ ވެސް އިސްލާމީ ޝަރީޢަތުގައި ޙުކުމްކުުރުން އޮންނަނީ ބޭރުފުށަށްކަމުގެ ހެއްކެކެވެ. (34)

ޤާޟީގެ މަސްއޫލިއްޔަތުގެ ތެރޭގައި ޙައްދުތައް ޤާއިމްކުރުމާއި ޙުކުމްތައް ތަންފީޛުކުރުން ހިމެނުނުކަމުގައިވީނަމަވެސް މިއީ އެއްގޮތަކަށްވެސް މުފްތީގެ ކުރާނެކަމެއްނޫނެވެ. މުފްތީދޭފަތުވާތަކުގެ ތެރޭގައި ނުޞޫޞްތަކުގެ މައްޗަށް ބިނާކޮށްދީފައިވާ ފަތުވާތަށް ހިމެނެއެވެ. މިތަކެތި ޒަމާނާއި ތަން ބަދަލުވުމަކުން ބަދަލެއްނުވާނެއެވެ. ޢުރުފާއި އާދަކާދައަށް ރިޢާޔަތްކޮށްގެން ދީފައި ހުންނަ ފަތުވާތަކަކީ އެ ތަނާއި ޙާލަތު ބަދަލުވުމުން ބަދަލުވާނެތަކެއްޗެވެ. (35) ވީމާ ފަތުވާދޭއިރު އެތަނެއްގެ ޙާލަތު ހުރިގޮތަކުން (އިޖްިމާޢީ، އިޤްތިޞާދީ،ސިޔާސީ އަދި އެހެނިހެންގޮތްގޮތުންވެސް) އެނގެންޖެހޭނެއެވެ. އިހުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ އެމީހަކު (ޢިލްމުވެރިޔަކު) އެދިރިއުޅޭ ޒަމާނެއްގެ އަހްލުވެރިންނާއި އެމީހުންގެ ޙާލަތު ރަނގަޅަށް އެގިފައިނުވާނަމަ އެއީ ޢިލްމުވެރިއެއް ނޫނެވެ. (36)

ޤާޟީންނާއި މުފްތީންގެ އެންމެ ބޮޑު ތަފާތަކީ ޤާޟީންނަށް ޙުކުމް ކުރެވޭނީ ވަކި މަޙުކަމާއެއްގައި ޝަރީޢަތުގެ މަޖިލިސްގައި ކަމަށް ވެފައި މުފްތީއަށް އޭނާގެ ފަތުވާ ކޮންމެ ތަނެއްގައިވެސް ދެވުމެވެ. އަދި ޤާޟީގެ ޙުކުމް ތަންފީޛުކުރަންޖެހުމާއި މުފްތީގެ ޙުކުމަކީ ހަމައެކަނި ކަން އޮންނަ ގޮތް (ޙުކުމް) ބަޔާންކުރުންކަމަށް ވުމެވެ. އަދި ޤާޟީއެއްގެ ވަޒީފާ އަދާކުރެވޭނީ ޙިއްސުތައް ސަލާމަތުން ހުންނަ މީހަކަށް ކަމަށް ވިޔަސް ބައެއް ޙިއްސުތައް ނެތަސް މުފުތީއަކަށް ވެވިދދާނެ ކަމެވެ. (37)

No comments:

Post a Comment