Monday, November 25, 2019

#

ދީނާއި ސިޔާސަތަކީ އެއްހަށިގަނޑެއްގެ ދެގުނަވަން

ބައެއް މީހުން ދެކެނީ، ދީނާއި ސިޔާސަތު މިއީ މުޅިން އިދިކޮޅު ދެއެއްޗެއްކަމަށެވެ. ސިޔާސަތަކީ ވިޔާނުދާ މުޑުދާރު އެއްޗެއްކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ އުޅޭނީ މުޅިންވެސް ދީނީ ކަންކަމަށް ބަލައިނުލާ އެފަދަ ކަންކަމަށް ޙުރުމަތްތެރިކޮށް ނުހިތާ މީހުންކަމަށެވެ. ކުރު ޢިބާރާތަކުން ދަންނަވަނީނަމަ ލާދީނީ މީހުންނެވެ. އެހެންކަމުން ދީނީ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތާއުޅޭ މީހުން ސިޔާސީ ކަންކަމާބެހި އުޅުމީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އަދި އެބައިމީހުން ބުނާކަހަލައެވެ. މިއީ މުޑުދާރު ކަމެކެވެ. ކަލޭމެންނީ މުޑުދާރުކަންތައް ކުރާ ބަޔަކު ނޫނީމުއެވެ. އެހެންކަމުން މިފަދަ މުޑުދާރު ކަމަކާ ކަލޭމެން ގާތްނުވާށެވެ. މުޑުދާރު ކަންތައް ކުރާނީ މުޑުދާރު މީހުންނެވެ.

ވަރަށްވެސް މަކަރުވެރި ޙީލަތުން ފުރިފައިވާ ޢިބާރާތްތަކެކެވެ. ސިޔާސަތަކީ މުޑުދާރު އެއްޗެއް ހެއްޔެވެ. ސިޔާސަތަކީ އޭގެ ޒާތުގައި މުޑުދާރު އެއްޗެއްނޫނެވެ. އެއީ މުޑުދާރު އެއްޗެއްނަމަ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް الله ފޮނުއްވި ރަސޫލުންނާއި ނަބީންނާއި އެފަދަކަމެއް އެކަލާނގެ ހަވާލު ނުކުރެއްވީހެވެ. އެކަލާނގެ އެބޭކަލުން ފޮނުއްވީ އެބޭކަލުންގެ ޤައުމުތަކުގެ މީހުންގެ މެދުގައި ޢަދުލު އިންސާފުގެ މަތިން ވެރިކަން ކުރައްވާ ބޭކަލުންގެ ގޮތުގައެވެ. މިއީ އެބޭކަލުންގެ ވަޒީފާމެއެވެ. މިއިންވެސް އެނގެނީ ވެރިކަންކުރުމުގެ ނިޒާމަކީ ރަސޫލު الله   ގެ ޙަޟްރަތުން ގެންނެވި ދީނުގެ ބައެއްކަމެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާނައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ބަސްފުޅުތަކުން ވަރަށް ޞަރީޙަކޮށް މިކަން އެގެން އެބައޮތެވެ. الله ވަޙީކުރައްވަފައިވެއެވެ. لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ [1] މާނައީ: ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކަކާއެކު ތިމަންރަސްކަލާނގެ ރަސޫލުބޭކަލުން ފޮނުއްވީމުއެވެ. އަދި މީސްތަކުންނަށް ހިދާޔަތު ދެއްކެވުމަށް އެބޭކަލުންނަށް ފޮތް ބާވައިލައްވައި، އެބައިމީހުންގެ މެދުގައި ޢަދުލު އިންސާފުން ޙުކުމްކުރަންވީ ޤާނޫނުވެސް ބާވާލެއްވީމުއެވެ.

ދާވޫދު عَلَيْهِ السَّلاَمُ އާ މުޚާޠަބުކުރައްވާ الله ވަޙީކުރައްވަފައިވެއެވެ. يَا دَاوُدُ إِنَّا جَعَلْنَاكَ خَلِيفَةً فِي الأرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ وَلا تَتَّبِعِ الْهَوَى فَيُضِلَّكَ عَنْ سَبِيلِ اللَّهِ [2] މާނައީ : "އޭދާވޫދެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ބިމުގައި ޚަލީފާއެއްކަމުގައި ލެއްވީމުއެވެ. ފަހެ ކަލޭގެފާނު މީސްތަކުންގެ މެދުގައި الله ބާވާލެއްވި ޝަރީޢަތާއެއްގޮތަށް ޢަދުލު އިންސާފުން ވެރިކަން ކުރައްވާށެވެ! އަދި އަމިއްލަ އެދުމަށް ތަބާވެ ވަޑައިނުގަންނަވާށެވެ! ފަހެ އެހެން ހައްދަވައިފިނަމަ الله ގެ މަގުން ކަލޭގެފާނު އެއްކިބާކޮށްފާނެތެވެ.

އާއެކެވެ. ޙަޤީޤަތަކީ މިއީއެވެ. ނަމަވެސް ސިޔާސަތަކީ މުޑުދާރު އެއްޗެކޭ ކިޔައި، މަކަރާއި ޙީލަތުން ރައްޔިތުންގެ މައްޗަށް އަތްގަދަކޮށް އެބައިމީހުންގެ މުދަލުން ނާޖާއިޒު ފައިދާތަކެއް ނަގަމުންދާ ބަޔަކު، އެހެން މީހުންގެ އޮޅުވާލުމަށް ލޮލުގައި އަނދުން އަޅުވަނީއެވެ. މަކަރުވެރި ވާހަކަތަކެކެވެ. ބޭނުމަކީ، މިކަންކަމުން އެހެންމީހުންގެ ނަޒަރު އެއްކިބާކޮށްލުމެވެ.

އަނެއް ބަޔަކު ބުނަމުންދަނީ، ވެރިކަންކުރުމުގެ ޙައްޤު އޮތީ الله ގެ ވަޙީބަސްފުޅުގައިވާފަދައިން (إِنِ الْحُكْمُ إِلاَّ للَّهِ) ޙުކުމް ކުރެއްވުން ޚާއްޞަވެގެންވަނީ ހަމައެކަނި الله އަށެވެ. ތިޔަކިޔާ ޑިމޮކްރަސީއަކީ އިސްލާމް ދީނާ މުޅިން ދެކޮޅު އެއްޗެކެވެ. ތިޔަ ސިޔާސަތުގެ ތެރޭގައި ހިގަނީ މުޅިންވެސް އަނިޔާވެރިކަމާއި މަކަރު ހެދުމާއި ޙީލަތެވެ. ވެރިކަން ކުރަނީ الله ބާވާލެއްވި ޙުކުމަކާ އެއްގޮތަކަށްވެސް ނޫނެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވާ ފަދައިން وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ [3] "الله ގެ ޙުކުމާ އެއްގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ކާފިރުންނެވެ". އެހެން ކަމުން ތިޔަ ސިޔާސަތުގެ ތެރެއަށް ވަނުމަކީ އިސްލާމް ދީނުގެ ހިދާޔަތުން ބޭރުވުމެވެ. އަމިއްލައަށް ކުފުރުގެ މަގު އިޚްތިޔާރު ކުރުމެވެ. މާތް ރަސޫލާ ﷺ ޙަދީޘު ކުރައްވަނީ ހުރިހާ މުސްލިމުންގެ މައްޗަށް ވެރިކަންކުރައްވާ ޚަލީފާއެއްގެ ވެރިކަމުގެ ހިޔަލުގައި ވުމަށެވެ. އެފަދަ ވެރިކަމެއް ނެތް ދުވަސްވަރެއްގައި ތިފަދަ ހުރިހާ ޖަމާއަތްތަކާ އެކަހެރި ވެތިބުމަށެވެ.

ކޮންމެ އަކަސް ކަމުގެ ޙަޤީޤަތަށް ބަލާއިރު އިންޑިޔާފަދަ މުސްލިމުން އެއްހާސް އަހަރު ވެރިކަންކޮށްފައިވާ ޤައުމެއްގައި މިއަދު މުސްލިމުން އުޅެމުންދާ ބިޔަ ޙާލުން ޢިބްރަތް ލިބިގަންނަން އެބަޖެހެއެވެ. އިނގިރޭސިން އިންޑިޔާ އިސްތިޢުމާރު ކުރި ދުވަސްވަރު އެބައިމީހުން ހުޅުވާފައިވާ ސްކޫލް ތަކުގައި ފަރަންޖީ ބަހުން ކިޔަވާދޭތީއޭ ކިޔައި އިނގިރޭސިންދެކެ އަންނަ ރުޅީގައި އިންޑިޔާގެ ގިނަ މުސްލުމުންގެ ކުދިން އެސްކޫލްތަކަށް ކިޔަވަން ނުފޮނުވިެއެވެ. ނަތީޖާއަކަށްވީ އިންޑިޔާ މިނިވަންވީއިރު ޒަމާނުގެ ތަޢުލީމު އުނގެނިގެންތިބި މުސްލިމު ދަރިން ނެތުމުގެ ސަބަބުން އެމީހުން ޖެހުނީ ސަފުން ފަހަތަށް ޖެހޭށެވެ. ހުރިހާ އާރަކާއި ބާރެއް ދިޔައީ ހިންދޫންގެ އަތްމައްޗަށެވެ. މިއީ އިނގިރޭސިން ރާވައިގެން ކުރި ކަމެއްކަމުގައިވިއަސް މުސްލިމުންގެ ތެރޭގައި އެފަދަ ޤާބިލު މީހުން ތިބި ނަމަ އެބައިމީހުންނަށްވެސް ކޮންމެވެސް ވަރެއްގެ ފުރުޞުތު ތަކެއް ލިބުނީސްކަން ކަށަވަރެވެ.

މިއަދު އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައްވެސް މިވަނީ މިފަދަ ޙާލަތަކަށް ގޮސްފައެވެ. ވެރިކަމުގެ ފަރާތުން ކަންތައްކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހޭތީވެ ދީނަށް ލޯބިކުރާ ކަމުގައި ބުނާ ބަޔަކު މިތިބެނީ މިހުރިހާ ކަމަކާދުރުވެގެން ގެއަށްވެދެ ދޮރު ލައްޕައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން އިސްލާމްދީނަށް ބަލައިލުމެއްނެތި ޤާނޫނުތައް ހަދަމުންދާތީ، މަޖިލީހުގައި ބައިވެރިވުމަކީ ކުފުރަށް ވާގިވެރިވުމެކެވެ. މިހެން ކިޔައި މިހުރިހާ ކަމަކާ ދުރުގައި އުޅުމުގެ ނަތީޖާއަކީ ކޮބައިބާވައެވެ. މަޖިލީހުގައި ބަޙުސް ކުރެވޭ ކަންކަމުގައިވެސް އިސްލާމް ދީނުގައި ކަންއޮންނަގޮތް ބަޔާންކުރަން އެނގޭ ބަޔަކު ނެތެވެ.

މަސްދަރު :
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 16 އެޕްރީލް 2010
[1] އަލްޙަދީދު 25 .
[2] ސޫރަތު ޞާދު 26 .
[3] المائدة

No comments:

Post a Comment