Wednesday, March 20, 2019

#

ޤުރްއާނުގައި ފެން

މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ [الأنبياء :30] މާނައީ "އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ލެއްވެވީމެވެ".  މިއާޔަތުގައި "خلقنا" (ހެއްދެވުން) މިފަދައިން ވަޙީ ނުކުރައްވަވާ، ވަޙީކުރައްވަނީ  "جَعَلْنَا" (ލެއްވުން) މިފަދައިންނެވެ. "ޖަޢަލަ" މިލަފްޡުގައި އުފެއްދުމާއި އަލަށް އީޖާދުކުރުން ހިމެނެއެވެ. މާތް ﷲ ފެން އުފެއްދެވީ އަލަށެވެ. ފެން އީޖާދު ކުރެއްވީ ހަމަ އެކަލަނގެއެވެ. މާތްﷲ ހުރިހާ އެއްޗެއްވެސް އުފެއްދެވީ ފެނުންނެވެ. އިންސާނުންނާއި ޙައިވާނުންނާއި ގަސްގަހާގެހީގެ އުފެދުމުގައިވެސް ފެންވެއެވެ. ފެން ނެތްނަމަ އިންސާނުންނާއި ޖަނަވާރުތައް ނެތި ހިނގައިދާނެއެވެ. އަދި ގަސްގަހާއިގެހި މޯޅިވެ މިލައިގެން ހިގައިދާނެއެވެ. 

ޤުރްއާނުގައި ފެން 
ފެނަކީ އެތެރެ ފެންނަ ދިޔާ އެއްޗެކެވެ. ސާފުގޮތުގައި ހުންނަ އިރު އޭގައި އެއްވެސް ކުލައެއް ނުހުންނާނެއެވެ. އޭގައި ރަހައެއްވެސް ވަހެއްވެސް ނުހުންނާނެއެވެ. ކީރިތިޤުރްއާނު ގައި "ماء" (ފެން) މިކަލިމަ 63 ފަހަރު ވާރިދުވެފައިވެއެވެ. 

މި އާޔަތުން ލިބޭ ޢިލްމީ އިޝާރަތްތައް 

1- ހުރިހާ ޚަލްޤުތަކެއްގެ ކުރިން ފެން ހެއްދެވިކަން: ބިމާބެހޭ ޢިލްމުތަކުގެ ދިރާސާތައް ބުނާގޮތުގައި މި ބިމުގެ ޢުމުރަކީ 4.6 ބިލިއަން އަހަރެވެ. އެކަމަކު މިބިމުން ފެނިފައިވާ އެންމެ ޤަދީމީ ޙަޔާތުގެ އަސަރުގެ ޢުމުރަކީ 3.8 ބިލިއަން އަހަރެވެ. މީގެ މާނައަކީ މި ބިން ދިރޭ އެއްޗެއްސަށް އިސްތިޤްބާލުކުރެވޭ ވަރުގެ ތަނަކަށް ވުމަށްޓަކައި ބޭނުންވާ ތައްޔާރީތައް ވުމަށް 800 މިލިއަން އަހަރު ހޭދަކޮށްފައިވެއެވެ. މާތްﷲ ކަމަކަށް އިރާދަކުރެއްވުމުން، ވާށޭ ވަޙީކުރެއްވުމުން އެކަމެއް ވެގެންދާނެއެވެ. ނަމަވެސް ކޮންމެ އެއްޗެއް ވެސް ޚަލްޤުކުރައްވަނީ އެކަނލާގެ މި ކައުނުގައި ލައްވާފައިވާ އިލާހީޤާނޫނުތަކާއި އެއްގޮތަށެވެ. މިދިގު މުއްދަތުގެ ތެރޭގައި އަރަހުށި މާތްﷲ މިބިމުގެ ހިލަފަށަލަތަކާއި ފެން ފަށަލަތަކާއި، ވައި ފަށަލަތައް، ބިމުގެ ތެރެއިން ނެރުއްވިއެވެ. އަދި ފަރުބަދަތައް ވެސް އުފެއްދެވިއެވެ. 

2- މާތްﷲ މިބިމުގައި ލައްވާފައިވާ "ޙަޔާތް"  ހައްދަވާފައިވަނީ ފެނުންނެވެ. ބިމުގެ ހިލަތަކުން ފެންނަ އާސާރުތައް ބުނާގޮތުގައި އެއްގަމުގައި ގަސްގަހާގެހި ހެއްދެވުމުގެ އެތައްހާސް މިލިޔަން އަހަރު ކުރިން ފެނުގެ ޙަޔާތް މި ބިމުގައި ލައްވައިފިއެވެ. 

3- ފަހުގެ ދިރާސާތައް ބުނާގޮތުގައި މާތްﷲ ޖަނަވާރުތަކުގެ ކުރިން ގަސްތައް ހައްދަވައިފިއެވެ. އެއްގަމުގައި ހެއްދެވުމުގެ ކުރިން ކަނޑުގައި ވަނީ ގަސްގަހާގެހި ހައްދަވައިފައެވެ. މިބިމުގައި އިންސާނާ ލެއްވީ ބިމުގައި ގަސްގަހާގެއްސާއި ދޫނިސޫފާސޫފިންނާއި ޖަނަވާރުތައް އާބާދުކުރެއްވުމަށް ފަހުގައެވެ. އެއީ އިންސާނާ ދިރިއުޅުމަށްޓަކައި މިއެއްޗެހި ބޭނުންވާތީއެވެ. އިއްޔެއާއި މިއަދާއި އަދި ފަހުން ވެސް އިންސާނާ އަށާއި އެހެންވެސް ދިރޭއެއްޗެއްސަށް މިބިމުގައި ދިރިއުޅެވޭނީ، ބިމުގެ ގޭސްފަށަލައިން އޮކްސިޖަން ފަދަ ދިރޭ އެއްޗެއްސަށް ބޭނުންވާ ހަކަތަ ލިބިގެންނެވެ. ގަސްގަހާގެއްސަކީ މިކަމުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ. 

4- ފެން އުފައްދަވައިފައިވަނީ ހައިޑްރޯޖަންގެ ދެ އެޓަމާއި އޮކްސިޖަންގެ އެޓަމަކުންނެވެ. ގަސްގަހާގެހި ފެން ހޯދަނީ އޭގެ މޫތަކުގެ ޛަރީޢާއިން، ބިމުގެ ފަސްގަނޑުގެ ތެރެއިންނާއި ހިލަތަކާއި ގައުތަކުގެ ތެރެއިންނެވެ. ގަސްގަހާގެއްސަށް ބޭނުންވާ ހަކަތަ ހޯދަނީ އިރުގެ އަލިންނެވެ. ދުވާލުގެ ވަގުތުގައި އިރުގެ އަލިކަމުގެ ތެރޭގައި ގަސްގަހާގެހިން އޮކްސިޖަން އުފެދި ޖައްވުގެ ތެރެއަށް ދެއެވެ. މިކަމުގެ ސަބަބުން ޖައްވީ ފަށަލަތެރޭގައި ހުންނަ އޮކްސިޖަން މަދު ނުވެ ހުރެއެވެ. މިއިން ފެނުގެ އަހައްމިއްޔަތު ފާޅުވެގެންދެއެވެ. 

5- އެއްޗެހި އެންމެ ވަރުގަދައަށް ގިރުވައިދޭ އެއްޗަކީ ފެނެވެ. މިފެން ނެތް ނަމަ ދިރޭ އެއްޗެއްސާއި ގަސްގަހާގެއްސާއި އިންސާނާ އަށް އެއެއްޗެއްސަށް ބޭނުންވާ އެއްވެސް އެއްޗަކުން ފައިދާ ޙާޞިލެއް ނުކުރެވޭނެއެވެ. 

6- ކޮންމެ ދިރުމެއްގެ ހަށިގަނޑުގައި ފެނަކީ އެންމެ އަސާސީ ޢުންޞުރެވެ. އިންސާނާގެ ހަށިގަނޑުގެ %71 އަކީ ފެނެވެ. އިންސާނާގެ ލޭގެ %80 އަކީ ފެނެވެ. ގަސްގަހާގެއްސާއި ޖަނަވާރުންގެ ހަށިގަނޑުގެ %90 އަކީ ފެނެވެ. 

7- ޙަޔާތާ ގުޅިފައިވާ ކޮންމެ ޙަރަކާތްތަކަކީ (ހަޖަމުކުރުމާއި، ސާފުކުރުމާއި، ބިނާކުރުމާއި، މަރާމާތުކުރުމައި، ބޭރުކުރުމުގެ ނިޒާމުތަކަކީ) ފެނާ ގުޅިފައިވާ ޙަރަކާތްތަކެކެވެ. 

8- ބިމުގެ ސަޠުޙުގެ %71 އަކީ ފެނެވެ. ހިކިބިމުގެ މިންވަރަކީ ގާތްގަނޑަކަށް %29 އެވެ. އިރުގެ ނިޒާމުގައި ހިމެނޭ ޕްލެނެޓްތަކުގެ ތެރޭގައި ފެނުގެ މުއްސަނދިކަން އެންމެ ބޮޑަށް ލިބިފައިވާ ޕްލެނެޓަކީ ބިމެވެ. ބިމުގައިވާ ފެނުގެ މިންވަރަކީ 1.4 ބިލިއަން ކޮޑިކިލޯމީޓަރެވެ. މީގެ އިތުރަށް މާތް ﷲ ބިމުގެ ސަރަޙައްދުގެ ތެރެއިން ޢަދަދުނުކުރެވޭހާ ގިނަ މިންވަރެއްގެ ފެން އަލިފާންފަރުބަދަތަކުގެ ކެކިއުތުރި އެރުމުގެ ތެރޭގައި ނެރެދެއްވައެވެ. ބިމުގައިވާ ފެނުގެ ބޮޑުބައި އޮތީ ކަނޑުތަކުގެ ސިފައިގައެވެ. ކަނޑުތަކާއި ކޯރުތަކުން އާތްވަށް އަރައިގެން ޖައްވުގެ ތެރެއަށްދާ ފެނުން ވާރޭ ވެއްސަވައެވެ. އެހެންކަމުން ފެނަކީ ދައުރުވެދައުރުވެ ހުންނަ އެއްޗެކެވެ. ބިމުގެ ހޫނުމިން ކޮންޓްޜޯލް ކޮށްދީ ބިމުގައި ދިރޭ އެއްޗެއްސަށް އުޅެވޭނެ ފަދަ ތަނެއްކަމުގައި ވީ ފެނުގެ ސަބަބުންނެވެ. މިބިމުގައި މިގޮތަށް ފެން ލައްވާފައި ނުވަނަމަ ދުވާލުގެ ވަގުތުގައި ބިމުގެ ހޫނުމިން އެތައްސަތޭކަދަރަޖަ އަށްމައްޗަށް ދިޔުމާއި، ރޭގަނޑުގެ ވަގުތުގައި ސުމަކަށް ވުރެ ދަށުން އެތައްސަތޭކަ ދަރަޖަ ދަށުން  ހޫނުކަން ހިގައިދާނެކަމަށް ސައެންޓިސްޓުން ކަށަވަރުކޮށްދެއްވައެވެ. 

9- ފެނުގެ ސަބަބުން ކަނޑުތަކުގެ ފިނި ހޫނުކަން ވެސް ރައްކައުތެރިކުރެވެއެވެ. އެއީ ކަނޑުގެ އޮއިވަރާއި ރާޅުބާނިތަކާއި ޙަރަކާތްތަކުގެ ސަބަބުން ހޫނު ފެނާއި ފިނި ފެން އެކުވާތީއެވެ. ފިނިކަން ގަދަ ސަރަޙައްދުތަކުގައި ގަޑުފެނަކީ އޭގެ އަޑީގައިވާ ފެން ފިނިވައިރޯޅިތަކުން ޙިމާޔަތްކޮށްދީ އެ ފެނުގައި އުޅޭ ދިރޭ އެއްޗެހި ޙިމާޔަތްކޮށްދޭ އެއްޗެކެވެ. 

10- ފެނަކީ އޭގެ ޚާޞިޔަތުތަކަށް ބަލާއިރު އެހެން މާއްދާތަކާއި ޚިލާފު އެއްޗެކެވެ. މިސާލަކަށް ފިނީގެ ސަބަބުން އެހެނިހެން މާއްދާތަކާއި އެއްގޮތަށް ފެން ކުރުގެޅެމުން  (SHRINK)  ދާނެއެވެ. އެކަމަކު ހަތަރު ދަރަޖައާއި ހަމައަށް ދިޔުމަށް ފަހު ފެން އަނެއްކާވެސް (EXPAND) ދެމެންފަށައެވެ. ގަނޑުފެނުގެ އަޑީގައި (ނުވަތަ އުތުރު ތަނޑީގެ ސަރަޙައްދާއި ދެކުނު ތަނޑީގެ ސަރަޙައްދު ތަކުގައި) މަސްމަހާމެއްސަށް ދިރިއުޅެވެނީ މިހެންވެގެންނެވެ. 

11- ފެން ގަނޑުވާން ފަށާނީ ހަތަރު ދަރަޖައަށް ހޫނުކަން ދިޔުމުންނެވެ. ފެން ކެކޭނީ 100 ދަރަޖައިގައެވެ. މިއީ ދިރުން ދެމިހުރުމަށްޓަކައި ވަރަށް މުހިއްމު ޚާޞިއްޔަތެކެވެ. 

12- ސްޕެސިފިކް ހޫނު (Specific Heat] (2] : މިއީ ހަތަރު ދަރަޖަ ހޫނުކަމުގައި ހުރި އެއްގްރާމް ބަރުދަނުގެ ފެނުގެ ހޫނުކަން އެއްދަރަޖަ މައްޗަށް ގެންދިޔުމަށްޓަކައި ބޭނުންވާ ހޫނުކަމެވެ. މިއީ ޖައްވަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި ދިރޭ އެއްޗެއްސަށް ވަރަށް މުހިއްމު ޚާޞިއްޔަތެކެވެ. 

13- ފެން އާތްވަށް ހެދުމަށް ބޭނުންވާ ލެޓެންޓް ހޫނު (latent heat) : އެއީ އެއްގްރާމް ފެން އާތްވަށް ހެދުމަށް ބޭނުންވާ ހޫނުކަމުގެ މިންވަރެވެ. އެއީ 540 ކެލޮރީއެވެ. އަދި އެއްގްރާމް ފެން ވިރުވައިލުމަށް ބޭނުންވާ ހޫނަށް ވެސް ލެޓެންޓް ހޫނޭ ކިޔެއެވެ. އެއީ 80 ކެލޮރީއެވެ. 

14- ތަތްކަމާއި ސަރފަސް ޓެންޝަން (Viscosity and surface Tension) : ތަތްކަމަކީ އޭގޭ ޙަރަކާތަށް ރެސިސްޓްކުރާ ބާރެވެ. ސަރފަސް ޓެންޝަނަކީ ޙަރަކާތް ހުއްޓިފައިހުންނަ ދިޔާއެއްޗެއްސަށް ޚާއްޞަ ޚާޞިޔަތެކެވެ. މި ޚާޞިޔަތުގެ ސަބަބުން އޭތި ތަނެއްގައި އޮތުމަށް ނަގާނީ އޭއްޗަށް ބޭނުންވާ އެންމެ ކުޑަ ތަންކޮޅެވެ. ފެނުގެ މޮލިކިޔޫލްތައް އެކަތި އަނެއްކައްޗާ ވަރަށް ކައިރިކައިރީގައި އޮންނާތީ ފެނަކީ ވަރަށް ތަތްކަން ގަދައެއްޗެކެވެ. ހޫނުކަން ކުޑަވި ވަރަކަށް މި ތަތްކަންގަދަވާނެއެވެ. އެކަމަކު ހަތަރު ދަރަޖައަށް ވުރެ ހޫނުކަން ދަށަށް ދިޔުމުން މޮލިކިޔޫލްތައް ދުރަށް ޖެހެން ފަށާތީވެ، ތަތްކަން ކުޑަވާން ފަށައެވެ. މިތަތްކަމާއި ސަރފަސް ޓެންޝަންގެ ސަބަބުން ފެންތިކިތައް ގަސްގަހުގެ ފަތްތައް މަތިންނާއި ދިރޭއެއްޗެހީގެ ގައިމަތިން ވެއްޓިގެން ދިޔުން ލަސްވެއެވެ. ފެންތިކި ބޭރަށް ނުކުމެ އިރުކޮޅަކު ފަތްމަތީގައި ނުވަތަ ހަންމަތީގައި އޮންނާނެއެވެ.