Friday, October 31, 2014

#

ނަހަލާލު ދަރިއަކަށް ނަހަލާލު ދަރިއެއްލިބުން

މީގެ ދިހަވަރަކަށް އަހަރު ކުރިން ދުބާއީގެ ރިސޯޓެއްގައި މަސައްކަތްކުރަމުންދިޔަ އަޅުގަނޑުގެ ނުހަނު އެކުވެރިޔަކު އަޅުގަނޑަށް އީމެއިލް އެއް ފޮނުވިއެވެ. އެއީމެއިލް ހުޅުވާލުމުން އެއީ މުސްލިމުންގެ ތެރޭގައި އެބުރެމުންދާ އީމެއިލްއެއްކަން އެގުނެއެވެ. އޭގައިވަނީ 

Dear All Muslims
1) Don't write God please Write"Allah" 
because there is No Description of God in The Holy Quran.
2) Don't say "Mosque" Always say "Masjid"
Because: Islamic Organization has found that 
Mosque = Mosquitoes
3) Don't write "Mecca" write always correctly"Makkah" 
Because: Mecca = House of Wines
4) Don't write "Moh'd" write always
completely "Mohammad" 
Because: Moh'd= The dog with big mouth.
AstagFirullah

އޭގެ ފަހުން މިމެސެޖް ނުފެންނަތާ ދުވަސްކޮޅެއްފަހުން މިކަލަކަށް އައިސް މިމެސެޖް ތިލަވެގެންއުޅެނީ ޑރ. ޒާކިރު ނައިކް މުސްލިމުންނަށްދޭ މެސެޖެއްގެ ގޮތުގައެވެ. ބައެއް މުސްލިމުން ވިސްނަވާ ނުލައްވާ މިފަދަ ހުރާފީ ލިޔުންތަށް ޤަބޫލުކޮށް އެއެއްޗެހި އެހެން މުސްލިމުންނާއި ހިއްސާ ކުރަމުންދާތީ، މިކަމާއި ފިކުރުބޮޑުވެ ފައިގެ ބޮޑުވާއިގިލިން ވެލިކޮނެލަކޮނެލާ އިންދާ އައިފިކުރަކީ ޑރ. ޒާކިރު ނައިކްގެ ބަހެއް މިކަމަށް ހޯދާލުމުގެ ފިކުރެވެ. މިހެންހިތާ ޒާކިރު ނައިކުގެ ކިބައިން ކަންކަން އޮޅުންފިލުވުމަށް އީމެއިލް ފޮނުވަންޖެހޭ  އީމެއިލްކަމަށްވާ "askdrzakirnaik" އަށް އެމެސެޖް އީމެއިލް ކުރީމެވެ. މިއީ ޒާކިރުނައިކްގެ މެސެޖެއްތޯ އެހީމެވެ. ހަފްތާއެއްވެގެން ދިޔައިރުވެސް ޖަވާބެއް ނުދެއްވައެވެ. ފޭސްބުކުން ވެސް ފަހުން ފޮނުވީމެވެ. ސީންވެސް އެރިއެވެ. އެހެން ނަމަވެސް ޖަވާބުނުދެއްވިއެވެ.

ޑރ. ޒާކިރު ނައިކްގެ ވާހަކަ ކުރުކޮއްލާފައި މިމެސެޖާއިމެދު އަޅުގަނޑުގެ ދެކޭގޮތް ހާމަކޮއްލާނަމެވެ. މަތީގައި އިގެރޭސި ބަހުން އެވާ މެސެޖް  އޭގެ ކޮންމެ ނަމްބަރެއް ދިވެހިބަހަށް ތަރުޖަމާކޮށްފައި އޭގެ ތިރީގައި އަޅުގަނޑުގެ ރައްދު ހިމަލާނަމެވެ. މިއީ އަޅުގަނޑުގެ މިކަމުގައި ދެކޭގޮތެވެ.

1. ގުރުއާނުން ގޯޑަކީ ކޮންއެއްޗެއްކަން އެގެންނެތުމުން "ގޯޑް" ނުލިޔެ "ﷲ" ލިޔާށެވެ.
އަޅުގަނޑުގެ ރައްދު: އިގެރޭސި ބަހުން މިކިޔާ "ގޯޑް"ގެ ދިވެހި ނަމަކީ "ކަލާނގެ" ނުވަތަ "ދޭވަތާ" އެވެ. އަރަބި ބަހުގައި "އިލާހު" ނުވަތަ "ރައްބު" އެވެ.  ރަސޫލުއްﷲ (ޞއވ) ގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރުއާންގެ ކިތައްމެ ތަނެއްގައި "އިލާހަ" "ރައްބު" މިކަލިމަ އައިސްފައިވެއެވެ. ޒަމާނުންސުރެފެށިގެން ނިދުމުގެ ކުރީން ދިވެހިން ކިޔައި އުޅޭ އާޔަތުލް ކުރުސީގައިވެސް މިކަލިމަ އައިސްފައިވެއެވެ. ވީމާ ޤުރުއާނުން "ގޯޑް" އަކީ ކޮންއެއްޗެއްކަން އެގެން ނެތޭ ބުނާބުނުމަކީ ކަނޑައެޅިގެން ދޮގެކެވެ. އެހެން ކަމުން މުސްލިމުންގެ އިލާހަށް ނިސްބަތްކޮށް ދިވެހިބަހުން "މާތްރަސްކަލާނގެ" ކިޔޭނަމަ އިގެރޭސިބަހުން "ގޯޑް" ބޭނުން ނުކުރެވޭންވީ ސަބަބެއްނެތެވެ.

2. މުސްލިމް ޖަމާއަތަކުން ހޯދިހޯދުންތަކުން އެގުނުގޮތުގައި "މޮސްކް" އަކީ މަދިރިއެވެ. 
އަޅުގަނޑުގެ ރައްދު: އިގެރޭސިބަހުގައި މުސްލިމުން އަޅުކަންކުރާ ތަންތަނަށް ކިޔަނީ "މޮސްކް" އެވެ. ސިންގަޅަ ބަހުން ކިޔަކީ "މުސްލިމް ޕައްޅި" އެވެ. ދިވެހި ބަހުން ކިޔަނީ "މިސްކިތް" އެވެ. މުސްލިމް ޖަމާއަތަކަށް "މޮސްކް" އަކީ "މަދިރި" ކަން ހޯދުނުއިރު ދުނިޔޭގައި ހަމައެކަނިއޮތް ސަތޭކަ ޕަސެންޓް އިސްލާމް ޤަޢުމުގެ ރަދީފުގައި މިސްކިތް ވަރަށް ހަޑިހުތުރު މާނާގައި ބޭނުން ކުރެވިފައިވެއެވެ. މިގޮތުން: 
މިސްކިތްމަތީމިސްކިތް ބެހެއްޓުން - މަޖާޒު: ނަހަލާލު ދަރިއަކަށް ނަހަލާލު ދަރިއެއްލިބުން.
މިސްކިތުވަކަރަށްވުން - މަޖާޒު: މަތީ ދަރަޖައިގެ ބޭފުޅަކު ކާވެނި ބައްލަވައިގެންފައި ވަރިކުރައްވާ އަންހެނަކު ނުވަތަ އެފަދަ ފިރިކަލަކު އަވަހާރަވެފައިވާ އަންހެނަކު ކުރީގެ ފިރިކަލުންނަށްވުރެ ދެރަމީހަކާ އިންނަން ނުކެރިފައި އިންނައިނުން.
މިސްކިތުވޮއްޓި - (1) ގެވައްޓާކަކުނި. (2) (މ.) ގެބުޑުކަކުނި.
މިބަސްތަށް މިހެން ހުރުމުން އިގެރޭސިބަހުން "މޮސްކް" "މަދިރި" އަށް ވާފަދައިން ދިވެހިބަހުގައި "މިސްކިތް" ނަހަލާލަށް ވިހާމީހުންނަށްވެސް އެބަވެއެވެ. އެހެންކަމުން މަދިރިއަކާއި ނަހަލާލަށް ވިހާމީހަކާއި ދެމެދުގައި ހުރި ފަރަގު ވަޒަން ކުރުމަށްފަހު މުސްލިމުން އަޅުކަންކުރާންދާތަނަށް ދިވެހިބަހުން މިކިޔާ "މިސްކިތް" މިނަމާއިމެދު ތިޔަބޭފުޅުން ގޮތްނިންމަވާށެވެ. އަޅުގަނޑު ހުންނާނީ އިހު ހުރިގޮތަށެވެ. އެހެންނަމަވެސް މިސްކިތަށް ނިސްބަތްކޮށް ހަދާފައިވާ މަޖާޒީ މިސާލުބަސްތަށް ނައްތާލަން ޖެހެއެވެ.

3. ވަކިގޮތަކަށް މައްކާ ސްޕެލްކުރީމަ މައްކާގެ މާނަ ފުރޮޅިގެންދަނީ ބަނގުރަލުގެ ބާވަތެއްކަމަށްވާ "ވައިން" އަށޯލަ.
އަޅުގަނޑުގެ ރައްދު:މިވެސް ކަނޑުކޮސް ވާހަކައެކެވެ.  ކޮންމެ ގޮތަކަށް ސްޕެލްކޮށްފައިއިނަސް މައްކާއަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު ހަމަ އެ މުހާތަބުކުރެވޭނީ މައްކާއަށެވެ. ވައިންގެއަށް  ނިސްބަތްކޮށް ވާހަކަ ދައްކާނަމަ ހަމަ ވައިންގެއަށެވެ. ކަންއޮތީ މިހެން ކަމަށްވެފައި ދުނިޔޭގެ އެކިހިސާބުތަކުގެ މީހުން "މައްކާ" ކިޔާއިރުގައި ޕްރޮނައުންސް ކުރުމުގައި ތަފާތުތަކެއް ހުރިކަމުގައިވިޔަސް ހަމަ އެމުހާތަބު ކުރަނީ ހުރުމަތްތެރިވެގެންވާ ރަށް އެބަހީ މައްކާ އަށެވެ.  

4. "މޮހޮދު" ގެ މާނައަކީ ބޮޑުއަގަލީ ކުއްތާއަކަށް ވާތީ "މޮހޮދު" ނުލިޔެ "މުހައްމަދު" ލިޔާށޯ
އަޅުގަނޑުގެ ރައްދު: އަޅުގަނޑު ދެކޭގޮތުގައި ރަސޫލާގެ ނަންފުޅު ލިޔެވޭހިދު"މޮހޮދު" މިހެން ލިޔެގެން ނުވާނެއެވެ.  އަދި "މުހައްމަދު" އެކަނި އެކަހެރިކޮށްވެސް ނުލިޔެވޭނެއެވެ. ލިޔަންޖެހޭނީ މުހައްމަދުއްސައްލަﷲ އަލައިވަސައްލަމް ނުވަތަ މުހައްމަދުއްރަސޫލުﷲ މިހެންނެވެ. އަޅުގަނޑުގެ އުމުރުން ތިރީސް އެތަށް އަހަރެއް ވޭތުވެ ހިގާއްޖެއެވެ. ދުވަހެއްގައިވެސް ރަސޫލާގެ ނަންފުޅު "މޮހޮދު" މިގޮތަށް ލިޔެފައިވާތަން ނުދެކެމެވެ. އަޅުގަނޑުގެ ޤަބޫލުކުރާ ގޮތުގައި މުސްލިމުން އެމީހުންގެ ނަބިއްޔާގެ ނަންފުޅު އެގޮތަކަށް ނުވެސްލިޔާނެއެވެ.

ކަންމިހެން ހުރުމާއިއެކު ފެތުރެމުން، ފޭސްބުކްގައި އެކަކު އަނެކަކަށް ޝެއަރ ކުރެވެމުންދާ މެސެޖަކީ ޙުރާފީ އެއްޗެކެވެ. ބުޙުތާން ދޮގެކެވެ. މިފަދަ ކަންތަކުން އަޅުގަނޑުމެން ސަމާލުވާންޖެހެއެވެ.

ނޯޓް: މިލިޔުމަކީ އަޅުގަނޑުގެ އޮޕީނިއަންއެވެ. ފަހަރެއްގައި އަޅުގަނޑުގެ ވިސްނުން ގޯސްވެސް ވެދާނެއެވެ. ހައްޤުގޮތް ފެނިއްޖެނަމަ އެގޮތުގައި ހިފާށެވެ. އަދި އަޅުގަނޑަށްވެސް ބުނެދޭށެވެ.

1 comment: