އިސްލާމްދީނުގައި ކޮންމެ މީހެއްގެ މިނިވަންކަންވެސް ޙިޔާމަތް ކޮށްދިނުމަކީ ވާޖިބެކެވެ. މިހެންވެ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތްތަކެއްގެ މަތިން މެނުވީ މިނިވަންކަން ނިގުޅައި ގަތުމެއް ނެތެވެ. ހަމައެހެންމެ އެއްވެސް ޖަމާޢަތަކުން އަނެއް ޖަމާޢަތެއްގެ މިނިވަންކަމަށް އަނިޔާއެއް ދިނުމަކީ ހުއްދަކަމެއް ނޫނެވެ. މިފަދަ ޢުދުވާނެއް ދެވުނު ޖަމާޢަތަކަށް އެ ޢުދުވާނެއް ރައްދުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި އެޖަމާޢަތެއްގެ ފަރާތުން ނިގުޅައި ގަނެވުނު މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތް ކުރުމުގެ ޙައްޤު ލިބިގެންވެއެވެ. الله سبحانه وتعالى ވަޙީކުރެއްވިއެވެ. فمن اعتدى عليكم فاعتدوا عليه بمثل ما اعتدى عليكم މާނައީ: [ފަހެ ތިޔައިމީހުންގެ މައްޗަށް މީހަކު އަނިޔާވެރި ވެއްޖެނަމަ އޭނާ ތިޔަބައިމީހުންގެ މައްޗަށް އަނިޔާވެރިވީ ފަދައިން ތިޔަބައިމީހުން އެ އަނިޔާއަށް ރައްދު ދޭހުށިކަމެވެ.]
އަދި ހަމައެހެންމެ މީހަކަށް އަނިޔާ ލިބޭތަން ފެންނަ ކޮންމެ މީހަކު އެ އަނިޔާއިން އެމީހަކު ސަލާމަތް ކުރުމަށް އަވަސްވެ ގަތުމަކީ އިސްލާމީ މުޖަތަމަޢުގެ ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އަދި އެކަމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ محمد صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. [لِيَنْصُرَالرَّجْلُ أَخَاهُ ظَالِمًا أَوْ مَظْلُومًا إِنَّهُ كَانَ ظَالِمًا فَلْيُنْهِهِ وَاِنْ كَانَهُ مَظْلُوْمًا فَلْيَنْظُرُهُ މާނައީ: ކޮންމެ މީހަކުވެސް އޭނާގެ އަޚާ އަނިޔާވެރިއެއްގެ ގޮތުގައި ނުވަތަ އަނިޔާ ލިބެވޭ މީހެއްގެ ގޮތުގައިވާ ޙާލުގައި އޭނާއަށް ނަޞްރުދޭ ހުށިކަމެވެ. އޭނާގެ އަޚާވީ އަނިޔާވެރިއަކަށްނަމަ ފަހެ އަނިޔާވެރިވުމުން އޭނާ މަނާކުރާ ހުށިކަމެވެ. އަދި އޭނާގެ އަޚާވީ އަނިޔާލިބެވޭ މީހަކަށްނަމަ ފަހެ އޭނާއަށް ނަޞްރާ މަދަދު ދޭހުށިކަމެވެ.]
ކޮންމެ އިންސާނަކަށްވެސް އޭނާގެ އަބުރު ރައްކާތެރި ކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. އެހެންކަމުން ކޮންމެ ފަރުދެއްގެވެސް އަބުރަކީ ޙުރުމަތްތެރި އެއްޗެކެވެ. އެއްވެސް މީހަކަށް މިކަމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގެ މާނަގައި ވެއެވެ. [ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، މުދާތަކާއި އަދި ތިޔަބައިމީހުންގެ އަބުރުތަކަކީ ތިޔަބައިމީހުންގެ މެދުގައި ޙުރުމަތްތެރި ވެގެންވާ ތަކެއްޗެވެ.]
އިސްލާމްދީން ދެކޭގޮތުގައި ޝަރީޢަތުގައި ކަނޑައަޅާފައިވާ ޢާއްމު އިންތަކުން ނުނެއްޓިހުރެ ވިސްނައި ފިކުރުކޮށް އަދި އޭނާ ވިސްނި ނުވަތަ ފިކުރުކުރި އެއްޗެއް ފާޅުކުރުމުގެ ޙައްޤު ނުވަތަ މިނިވަންކަން އޭނާއަށް ލިބިގެންވެއެވެ. މިގޮތުން ބަލާއިރު ތެދުބަހުން ވާހަކަ ދެއްކުމާއި، ދޮގުހެކި ނުދިނުމާއި ފާޙިޝް ކަންތައްތަކަށް މަގުފަހިވާފަދަ އެއްވެސްކަމެއް ނުކުރުން ހިމެނެއެވެ.
އިސްލާމްދީނަކީ، މީހުންގެ ނަފްސާއި ފިކުރު އަޅުވެތިކަމުގެ ކަސްތޮޅުން މިންޖުކުރުމަށް ގޮވާލާ ދީނެވެ. ތިމާމެންގެ ޙައްޤުތައް ލިބިގަތުމުގައްޔާއި މިނިވަންކަމުގެ ބޭނުންހިފުމުގައި އަނެކުންގެ ޙައްޤުތަކަށާއި މިނިވަންކަމަށް ރައްކާތެރިވުމަށް ގޮވާލާ ދީނެވެ. ދުލުން ބުނާ އެއްޗެއް ބުނަންވާނީ، އެނަކުންނަށް އުނދަގޫނުވާ ގޮތެއްގެ މަތީންނެވެ. ހާމަކުރަން ޖަހޭނީ ތެދު ޙަޤީޤަތެވެ. ހިތަށްއެރިހާ އެއްޗެއް ބުނުމަކީ، އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ. މިކަމަށްޓަކައި رسول الله صلى الله عليه وسلم މުޢާޛުގެފާނަށް ކުރެއްވި ވަޞިއްޔަތުގައި ދުލަށް ރައްކާތެރިވުމަށް އިރުޝާދު ދެއްވާފައިވެއެވެ. ޤިޔާމަތްދުވަހު އެންމެ ގިނައިން މީސްތަކުން އަނގަވަތަށް ނަރަކައަށް ވައްޓާލެވޭނީ، ދުލުގެ ސަބަބުން ކަރުގައި ބަޔާން ކޮށްދެއްވިއެވެ. އަދި ތިމާގެ ޢަމަލުތައް ހިތުހުރި ގޮތަކަށް ކުރާ މީހުންނަކީ، އަނިޔާވެރީން ކަމުގައި އަންގަވާފައި ވެއެވެ. އަދި ހިތަށް އެރިހާ އެއްޗެއް ބުނެ، ޚިޔާލަށް އައިހައި އެއްޗެއް މިނިވަންކަމުގެ ނަމުގައި ފާޅުކޮށް، ހިތަށްއެރި ގޮތަކަށް ކަންތައްކުރާ މީހުންނީ، ހަވާ ނަފްސުގެ އަހްލުވެރީން ކަމުގައި އަންގަވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. [وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَواهُ بِغَيْرِ هُدًى مِّنَ اللَّهِ ] (القصص: 50) މާނައީ: [އަދި ﷲގެ ޙަޟްރަތުން ތެދުމަގަކާ ނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވި މީހަކަށްވުރެ، މަގުފުރެދުން ބޮޑީ ކާކު ހެއްޔެވެ؟]
No comments:
Post a Comment