Sunday, September 2, 2012

#

އުސޫލުއް ދައުވާ ފެށިގެން އައިގޮތް

އުސޫލުއްދައުވާ އުފެދެން ޖެހުނީ، އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ތިބި އަރަބީންގެ ތެރެއަށް އަޖަމީން ވަނުމުގެ ސަބަބުން ތައާރުފްވީ އާކަންތައްތަކާ ގުޅިގެންނެވެ.

އުސޫލުއްދައުވާ ފުރިހަމަ ކުރުމުގައި އެއްމެ އިސް ދައުރެއް އަދާކުރި އެއް މުއައްސަސާއަކީ މީލާދީ ސަނަތުން ގާތްގަނޑަކަށް 1000 ވަނަ އަހަރު ޤާއިމުވި ޖާމިއުލް އަޒުހަރެވެ. މިސްރުގެ މި ޔުނިވެރސިޓީގެ އާލިމުން ދުނިޔޭގައި އިސްލާމީ އިލްމް ފެތުރުއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މިގޮތުން ސައޫދީ އަރަބިޔާގެ އުއްމުލް ޤުރާ ޔުނިވަރސިޓީއާއި މަދީނާ ޔުނިވަރސިޓީ އުފެދިގެން އައި ދުވަސްވަރު އެތަންތަނުގައި ކިޔަވައިދިނުމަށް އިސްކޮށް އުޅުއްވީ އެބޭފުޅުންނެވެ.

ޓިއުނީޝިޔާގެ ޖާމިޔާ ޒައިތޫނިއްޔާއަކީ ވެސް މި ފަދަ މުހިންމު ދައުރެއް އަދާކުރި ތަނެކެވެ. ނަމަވެސް އެޤައުމު ފަރަންސޭސީންގެ އިސްތިއުމާރުގެ ދަށަށް ދިޔުމާ ގުޅިގެން، އެތަނަށް ފިއްތުންތަކެއް ކުރިމަތިވެފައިވެއެވެ. އަދި އިސްތިއުމާރު ނިމުމަށް ފަހުވެސް ޓިއުނީޝިއާއަކީ އިސްލާމުން ދީނާމެދު ވަރަށް އަނިޔާވެރިގޮތެއްގައި އަމަލު ކުރަމުން އައިސްފައިވާ ޤައުމެކެވެ.

ދައުވާގެ ހުކުމް
ދައުވާއަކީ ވާޖިބެއްކަމާމެދު އެއްވެސް ޚިލާފެއްނެތެވެ. ޚިލާފު އުފެދޭ މައްސަލައަކީ އެއީ ޢައިނީ ވާޖިބެއްތޯ، ނުވަތަ ކިފާޔަތުގެ ފަރުޟެއްތޯ މި ކަމުގައެވެ.

އިލްމްވެރިންގެ ފުރަތަމަ ރައުޔަކީ އެއީ ޢައިނިއްޔާ ވާޖިބެއް ކަމަށެވެ. މީގެ ދަލީލަކީ ކީރިތި ރަސޫލާގެ ހަދީޘެކެވެ. އެ ހަދީޘްގައި އަމުރުކުރައްވަނީ މުންކަރާތެއް ހިނގާތަން ފެނިއްޖެނަމަ އެކަން އަތުން ހުއްޓުވުމަށެވެ. އަތުން ނުހުއްޓުވޭނަމަ ދުލުން ހުއްޓުވުމަށެވެ. އެހެންވެސް ނުހުއްޓުވޭނަމަ ހިތުން ހުއްޓުވުމެވެ.

ބައެއް އިލްމްވެރިން ވިދާޅުވާގޮތުގައި އަތުން ނުވަތަ ދުލުން މުންކަރާތެއް ނުހުއްޓުވޭ ހާލަތެއްގައި އެތަނެއްގައި ހުރުމަކީ އެދެވިގެންވާކަމެއް ނޫނެވެ. އެހެނީ އެއިރުން އމީހަކު ވެސް ވެގެންދާނީ މުންކަރާތުގައި ބައިވެރިވާ މީހުންފަދަ މީހަކަށެވެ.

ދައުވާއަކީ އައިނީ ވާޖިބެއް ކަމަށް ބެލެވޭ އެއް ހާލަތަކީ އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހަކަށް، ނުވަތަ ކުއްޖަކަށް ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ތައް ނަހީ ކުރުމެވެ. މީގެ މިސާލަކީ އާއިލާއެއްގެ ތެރޭގައި މައިންބަފައިންގެ ޒިންމާއެވެ. މަންމައާއި ބައްޕާ ނަމާދަށް ދިޔައަސް، އެވަގުތު ދަރިފުޅު ކާޓޫން ބަލަން ދޫކޮށްލާފައި އިނުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އޭނައަށް ވެސް ނުމާދުކުރުމަށް އަންގަން ވާނެއެވެ. ހަމަ މިގޮތަށް ސްކޫލްގެ މުދައްރުސުންވެސް ދަރިވަރުންނަށް ނުބައި ކަންތައް ނަހީ ކުރުމާއި ހެޔޮކަންތަކަށް އަމުރުކުރުމަކީ ޢައިނީ ވާޖިބެކެވެ.

ދައުވާއަކީ ކިފާޔަތުގެ ވާޖިބެއް ކަމަށް ބެލެވޭ އާއްމު ހާލަތަކީ މުޖުތަމައުގެ ތެރޭގައި ހިންގާ ނުބައިކަންކަން ހުއްޓުވުމުގައި ވަލިއްޔުލް އަމުރުގެ މައްޗަށް އޮންނަ ވާޖިބެވެ. ވަލިއްޔުލް އަމުރަށް މި ވާޖިބު އަދާކުރުން އެހެން މީހަކާ ނުވަތަ ބަޔަކާ ހަވާލުކުރެވިދާނެއެވެ. މިގޮތުން ބައެއް ޤައުމުތަކުގައި ދީނީ ފުލުހުންނާއި މިކަން ހަވާލުކުރެވިފައިވެއެވެ. މުޖުތަމައެއްގެ ތެރޭގައި ނުބައިކަންކަން އާއްމުވެފައި ވުމުން އެ މުޖުތަމަޢަކަށް އަޒާބެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ލޫތުގެފާނުގެ ޤައުމަށް އަޒާބު އައިފަދައިންނެވެ.

އެއްފަހަރަކު ކީރިތި ރަސޫލާގެ އަނބިކަނބަލަކު ސުވާލު ދެންނެވިއެވެ. އަޅުގަނޑުމެންގެ ތެރޭގައި ރަނގަޅު މީހުން ތިއްބާ އަޒާބެއް އަތުވެދާނެތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީޘްުކުރެއްވިއެވެ. އާނއެކެވެ. އެއީ މުޖުތަމައުގެ ތެރޭގައި ނުބައިކަންކަން އާދަވެއްޖެނަމައެވެ.

ރިވާޔަތެއްގައިވެއެވެ. އެއްފަހަރަކު ފަސާދަ މުޖުތަމަޢަކަށް އަޒާބު ދެއްވުމަށް މާތް ﷲ ޖިބުރީލުގެފާނަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ސުވާލު ދެންނެވިއެވެ. އެ މުޖުތަމައުގައި ވަރަށް ޞާލިހު މީހަކު އެބަހުއްޓެވެ. އެ ހިނދު މާއް ﷲ ވަހީ ކުރެއްވިއެވެ. އޭނާއިން ފައްޓަވާށެވެ. އެހެނީ އޭނާގެ ވަށައިގެން މުންކަރާތްތައް ހިންގަމުންދާއިރު އޭނާގެ މޫނުގެ ކުލަވެސް ބަދަލެއް ނުވެއެވެ.

ދައުވާ އަމާޒުކުރެވޭ ފަރާތްތައް
  1. ޣައިރު މުސްލިމުންނަށް 
  2. މުސްލިމުންނަށް
މުސްލިމުންނަށް ދައުވާ އަމާޒުކުރަން ޖެހޭ ސަބަބަކީ މުސްލިމުންގެ ތެރޭގައިވެސް އިސްލާމް ދީނުގެ ހުކުމްތަކުގެ މައުލޫމާތު ކޮށި މީހުން ތިބޭތީއެވެ. މިގޮތުން، ހަމައެކަނި ކީރިތި ޤުރުއާނަށް ތަބާވާ މީހުންނާއި، ހަމައެކަނި ހަދީޘަށް ތަބާވާ މީހނުންނާއި އެމީހުންގެ އަމިއްލަ ވިސްނުމަށް ތަބާވާ މީހުން ތިބެއެވެ. ވީމާ މި މީސް މީހުންނަށް ވިސްނައިދޭން ޖެހެއެވެ.

އެއްފަހަރަކު އަޞހާބު ބޭކަލަކު ކީރިތި ރަސޫލާގެ އަރިހުން ސުވަރުގޭގެ މަގަކީ ކޮބައިތޯ ސުވާލު ދެންނެވިއެވެ. ޖަވާބުގައި އިތުރު އެކަލޭގެފާނު ހަދީޘކުރެއްވިއެވެ. އެއީ މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާން ވުމާއި، ނަމާދު ޤާއިމުކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި ހައްޖުވުމެވެ. އެ ބޭކަލަކު ދެންނެވިއެވެ. އެހެން ވެއްޖެއްޔާ އަޅުގަނޑު ތިޔަ ވިދާޅުވިކަންތައްތައް މަދެއްވެސް ނުކުރާނަމެވެ. އިތުރެއްވެސް ނުކުރާނަމެވެ. ދެން ހަދީޘް ކުރެއްވިއެވެ. އެގޮތުގެ މަތީގައި ހުރެއްޖެނަމަ ކާމިޔާބު މީހަކަށް ވާނެއެވެ.

ދައުވާގައި ކިޔަވައިދޭންވާ ބައިތައް:
  1. އަޤީދާ
  2. އިސްލާމީ އަޚުލާގު
  3. ދީނުގެ ހުކުމްތައް
ކީރިތި ރަސޫލާ ދީނާއިގެން ވަޑައިގެންނެވި އެއްމެ މުހިންމު އަސާސަކީ މަކާރިމުލް އަޚުލާގު ފުރިހަމަ ކުރެއްވުމެވެ. އެހެން ނަމަވެސް، އިސްލާމުނގެ ތެރޭގައި އަޚުލާގަށް އިސްކަން ދެވެނީ ހުޅަނގު މީހުންނަށް ވުރެންވެސް ދަށުންނެވެ.

ދައުވާގެ ޝަރުތުތައް:

1. އިޚުލާސް ތެރިކަން
  • އެއްވެސް އަޅުކަމެއް އިޚުލާސްތެރިކަމާ ނުލައި ޞައްހައެއް ނުވާނެއެވެ.
  • އިޚުލާސްތެރިކަމަކީ ހަމައެކަނި މާތް ﷲ އަށްޓަކައި އަޅުކަމެއް ކުރުމުވެ. އެއީ އަޅާއާއި އެކަލާނގެއާ ދޭތެރޭގަ އޮންން ސިއްރު ގުޅުމެކެވެ.
އިޚުލާސްތެރިކަމުގެ 3 މަރުހަލާއެއް އޮވެއެވެ. އެއީ
  1. އަޅުކަން ފެށުމުގެ ކުރިން އެއީ އަމުރުކުރައްވާފައިވާ ކަމެއްތޯ ބަލައި އެކަމަށް ތައްޔާރުވުން
  2. އަޅުކަމުގެ ތެރޭގައި އިޚުލާސްތެރިކަން ދެމެހެއްޓުން
  3. އަޅުކަން ނިންމުމަށް ފަހު އެއީ ޤަބޫލުކުރެއްވޭނެ އަޅުކަމެއްތޯ ވިސްނައި، އަޅުކަން އެހެން އިންސާނުންނަށް ސިއްރުކުރުން
ހަދީޘެއްގައި ވާގޮތުން 3 ބާވަތެއްގެ މީހުން ނަރަކައަށް ދާނެއެވެ. އެއީ
  • އިޚލާޞްތެރިކަމެއް ނެތި ކިޔަވައިދޭ އާލިމުން
  • ދެއްކުންތެރިކަމުގެ ގޮތުން ފައިސާއިން ޞަދަގާތް ދޭމީހުން
  • އިޚުލާޞްތެރިކަމެއް ނެތި ޖިހާދު ކުރާ މީހުން ޞާލިހުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށްޓަކައި އަޅުކަން ކުރާ މީހުންނެވެ. މުޞްލިހުންނަކީ އެހެން މީހުންނަށްޓަކައި މަސައްކަތް ކުރާ މީހުންނެވެ. މިޒަމާނުގައި މަދު ވަނީ މުސްލިހުންނެވެ.
މިއީ ޑރ. ޒިޔާދު ބާޤިރު ލެކްޗަރ ދެއްވަމުން ދާއިރު، ނޯޓުކޮށްގެން އުފައްދާފައި ލިޔުމެކެވެ. މިލިޔުމުގެ ހައްޤު ވެރީންނަކީ ވިލާކޮލެޖުގެ، ބެޗްލަރ އޮފް ޝަރީއާގެ ފުރތަމަ ބެޗުގެ ދަރިވަރުންނެވެ. މީގެ ދެވަނަ ބައި ވަރަށް އަވަހަށް އަންނާނެ، إن شاء الله

No comments:

Post a Comment