Sunday, May 20, 2012

#

ކޮނޑޭ ނަލެޔާ

ފައިބައަހަރު ބޮޑުއީދުގައި އަޅުގަނޑު ކޮނޑޭއަށް ކުރިދަތުރުގައި ކޮނޑޭ ހަރުމީހަކު އަޅުގަނޑަށް ކިޔައިދިންގޮތުގައި، މީލާދީން 18 ވަނަ ޤަރުނު ހުސްވާން ދާދި ކައިރިވެފައި ވަނިކޮށް، ހުވަދު އަތޮޅު އުތުރު ބުރީ ކޮނޑޭގެ ކައިރީގައި އޮންނަ ފަރަކަށް ފަރަންސޭސި ނަވެއް އުރުނެވެ. އެއީ ހުވަދު އަތޮޅު ދެބައި ކުރައްވައި، އެ އަތޮޅުގެ "އުތުރު ބުރި" އާއި "ދެކުނު ބުރި" ކިޔަން ފެށުމުގެ މާ ކުރީގަ އެވެ. 

ވާހަކައިގައި ބުނެވޭ ގޮތުގައި، އެ ނަވުގައި ތިބި މީހުންގެ ތެރެއިން، 15 އަހަރުގެ ފިރިހެންކުއްޖެއް ނޫން އެހެން އެންމެން މި ހާދިސާގައި މަރުވީ އެވެ. މި ކުއްޖާ ގެނައީ ކޮނޑޭއަށެވެ. އަދި ރަށުގެ އިސް މީހަކު މީނާއާ ޙަވާލުވެ ބަލައި ބޮޑުކުރީ އެވެ. މި ކުއްޖާ އަކީ ވަރަށް ރީތި ކުއްޖެއް ކަމުން، ރަށުގެ މީހުން މީނާއަށް ކިޔައި އުޅުނީ "ނަލަޔާ" އެވެ. މި ކުއްޖާ ބޮޑުވެގެން ކައިވެނިކުރީ އެ ރަށުގެ އަންހެންކުއްޖަކާ އެވެ. މި ދެމަފިރިންނަށް ދެ ކުދިން ލިބުނެވެ. އެއީ އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަންހެންކުއްޖާ އަކީ ވަރަށް ރީތި ކުއްޖެކެވެ. އޭނާއަށް ރަށު މީހުން ކިޔައިއުޅުނީ "ދޮންދިޔަ" އެވެ. ފިރިހެންކުއްޖާ އަށް ޅައިރުގައި ކިޔައި އުޅުނީ "ކާކަލިފުތާ" އެވެ. ދުވަސްވެ މުސްކުޅި ވުމުން އޭނާއަށް ކިޔަމުންއައީ "ކާކަލިބެއްޔާ" އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަލަޔާ މަރުވި ފަހުން، ބޭރު ބަޔަކު އޭނާ ހޯދަން އައެވެ. ނަލަޔާ މަރުވެފައިވާ ޚަބަރު ލިބުމުން، އެ މީހުން އެދުނީ އޭނާގެ ދަރިންނާ ބައްދަލުކުރުމަށެވެ. އަދި އެ ކުދީންނާ ބައްދަލުކޮށް އެކުދިންނަށް ވަރަށް ގިނަ ހަދިޔާތައް އެމީހުން ދިނެވެ. އެ ރަށު މީހުން ލަފާކޮށްފައިވަނީ މިއައި މީހުންނަކީ ނަލަޔާގެ ތިމާގެ މީހުން ކަމަށެވެ.
ދޮންދިޔަ މީހަކާ އިނދެގެން ހަ ކުދިން ލިބުނެވެ. އޭނާ ކައިވެނިކުރި މީހެއްގެ މަޢުލޫމާތެއް އަޅުގަނޑަކަށް ލިބިފައެއް ނެތެވެ. މީގެ ތެރެއިން ދެ ކުއްޖަކު މަރުވީ ކޮނޑޭގަ އެވެ. އެއް ކުއްޖަކު ދިރިއުޅުނީ ކޮނޑޭގަ އެވެ. ދެން ތިބި ކުދީންގެ ތެރެއިން ފިރިހެންކުއްޖަކާ އަންހެންކުއްޖަކު ގިމަށް ދިޔައީ (ވަޒަންވެރިވާން ދިޔައީ) ފުވައްމުލަކަށެވެ. އަދި އެހެން އަންހެން ދަރިޔަކު ވަޒަންވެރިވީ ހުވަދޫ އަތޮޅު ދެކުނު ބުރީ ރަށެއްގަ އެވެ. ކޮނޑޭގައި ހުރި އަންހެންކުއްޖާ ކޮނޑޭގެ މީހަކާ އިނދެގެން ދަރިން ލިބި، ދިރިއުޅުން ބިނާކުރީ އެ ރަށުގަ އެވެ. އޭނާއަށް ލިބުނު ދެ އަންހެންކުދިން، ކޮނޑޭ ދޫކޮށް އެއަތޮޅު ގެމަނަފުށްޓަށް ގޮސް ވަޒަންވެރިވީ އެރަށުގަ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދޮންދިޔަގެ މިނިމިނީން (ދަރިފަސްކޮޅު) ފަހުން އުޅުނީ ފުވައްމުލަކު ގައްޔާއި، ގދ ވާދޫގައްޔައި، ގއ ގެމަނަފުށީގައްޔާއި، ކޮނޑޭގަ އެވެ. (މިއީ މިކަމާ ބެހޭ ގޮތުން 2007 އަހަރު، ގއ. ކޮނޑޭ ޢަބްދުﷲ އިސްމާޢީލް ދެއްވާފައިވާ މަޢުލޫމާތެވެ.) 

އިސްވެދެންނެވި ވާހަކައާ ގުޅުމެއް ހުރި ކަމަށް ފެންނަ އެހެން ވާހަކައެއް، 1835 ގައި ދިވެހިރާއްޖޭގެ ޗާޓު ކުރެހުމަށް ކޮމާންޑަރު މޯސްބީގެ ޓީމުގައި ދިވެހިރާއްޖެ އަށް އައި، ބޮއިސް ކިޔުނު އިނގިރޭސިއަކު ލިޔެފައިވެ އެވެ. އެމީހުން އަހާފައިވާ ގޮތުގައި، އެ ހިސާބަށް އުރުނު ނަވެއްގައި އައި ފަރަންސޭސިއަކު، އެއިރު ގއ. ކޮނޑޭގައި ހުއްޓެވެ. މި މީހަކާ ބައްދަލުކޮށްލަން އެމީހުން ބޭނުންވެގެން، އެރަށަށް ގޮސް މިކަން އޮޅުންފިލުވުމުން އެނގުނީ، އެ ފަރަންސޭސި މީހާ އޭގެ އެތަކެއް އަހަރެއް ކުރިން މަރުވެފައިވާ ކަމެވެ. ނަމަވެސް އޭނާގެ އަންހެން ދަރިޔަކު އެއިރު އެރަށުގައި ހުއްޓެވެ. އޭނާ އުޅެނީ އެރަށުގެ އިސް މަޤާމެއްގައި ހުރި މީހަކާ އިނދެގެންނެވެ. މި ފިރހެންމީހާއާ ބައްދަލުކޮށް، އޭނާގެ އަންހެނުން ދެކިލަން އެމީހުން އެދޭ ކަމަށް ބުނުމުން، އެ އަންހެންމީހާ ބަލާ ފޮނުވި އެވެ. ނަމަވެސް މިއައި ބޭރު މީހުން ދެކެ އެ އަންހެންމީހާ ގަންފައިވާ ބިރެއްގެ ބޮޑުކަމުން އެތަނަށް އޭނާ ގެންނަން ޖެހުނީ، ފިރމީހާ އޭނާ ނަގައިގަނެގެން ކޮނޑުމަތީގަ އެވެ. އޭނާގެ ކުޑަ ފިރިހެންދަރިޔަކު ވެސް ގެނަ އެވެ. އޭނާގެ ބިރުކެނޑުމުން، އެއަންހެންމީހާ ރަނގަޅަށް ވާހަކަދައްކަން ފެށި އެވެ. އޭނާގެ އަތުގައި ބައްޕަގެ އެއްވެސް ލިޔުމެއް ނެތް ކަމަށް ބުންޏެވެ. ބައްޕަ ދިރިއުޅެން ކުރި މަސައްކަތަކީ ވަޑާންކުރުމެވެ. މި ގޮތުން ބައްޕަ ޖަހާފައިވާ ލަކުޑިފޮށްޓެއް ދައްކާލި އެވެ. އަދި، ބައްޕަ އަބަދުވެސް ހުންނަނީ ވަރަށް މޮޅިން ކަމަށާއި، މަރުވިއިރު އޭނާ އުޅުނީ ވަރަށް ފަޤީރު ޙާލުގައި ކަމަށް އެ އަންހެންމީހާ ބުންޏެވެ. މީނާއަށް އެއިރުވާނީ، ގާތްގަނޑަކަށް 53 އަހަރު ކަމަށް ބޮއިސް ލަފާކުރި އެވެ. އަދި މީނާގެ މޫނުމަތީގައި ޔޫރަޕް މީހުންގެ ވައްތަރު ހުރި ކަމަށާއި، ޒުވާން ދުވަސްވަރު ވަރަށް ރީތި މީހަކަށް މީނާ ވާނޭ ކަމަށް ވެސް ބޮއިސް ލިޔެފައިވެ އެވެ.

ނޯޓް: މައުލޫމާތު އެއްކޮށްފައިވަނީ އިސްލާމިކް ލައިބްރަރީގައި އޮތް "އިޙުގެ ލިޔުންތެރީންގެ ލިޔުންތަށް" މިފޮތުންނެވެ. 

No comments:

Post a Comment