Friday, April 6, 2012

#

ނަމާދަކީ ކޮބާ؟

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ރެއާ ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ. (رواه الطبراني) މާނައީ: ކޮންމެ ކަމެއްގެ އަސްލަކީ އިސްލާމް ދީނެވެ. އެދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ އެންމެ އުސް ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ނަމާދަކީ ޞިއްޙަތު ސަލާމަތުން ހުންނަޙާލުގަޔާއި ބަލިޙާލުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. މުޤީމު ޙާލުގައި ކުރަން ޖެހޭފަދައިން ދަތުމަތީގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަމާންޙާލަތުގައި ކުރަންޖެހޭ ފަދައިން ބިރުވެރިކަމުން ފުރިފައިވާ ހަނގުރާމައިގެ މައިދާނުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަދި ނަމާދު އެނަމާދުގެ ވަގުތުން ފަސްކުރުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެފުރަތަމަ ބެއްލެވޭނީ ނަމާދުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَوَّلُ مَايُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاة فَإِنْ صَلُحَتْ صَلُحَ سَائِرُ عَمَلِهِ وَإِنْ فَسُدَتْ فَسُدَ سَائِرُ عَمَلِهِ) (الترمذي وحسّنه الألباني) މާނައީ: ޤިޔާމަތްދުވަހު އަޅާއާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަންރަނގަޅުވެ ޞާލިޙުވެއްޖެނަމަ، އެހެންޢަމަލުތައްވެސް ރަނގަޅުވެ ޞާލިޙު ވެދާހުއްޓެވެ. އެކަންފާސިދުވެއްޖެނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ފާސިދުވެދާނެވެ. ނަމާދު ކުރާއިރު ހުންނަންޖެހެނީ ވަރައްމަޑު މޮޅި ކަމާއި ޚުޝޫޢަތްތެރި ކަމާއެކުގައެވެ. މިގޮތުގައި ނަމާދު ކުރާމީހުންނާ ބެހޭގޮތުން ވާރިދުވެފައިވާއާޔަތެއްގެ މާނައިގައިިވެއެވެ. މާނައީ: މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާސްގެ ފަތްފުއްތަކުން

3 comments:

  1. މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.

    ReplyDelete