Wednesday, January 18, 2012

#

ތައުޙީދުގެ މާނައާއި ބައިތައިތަކުގެ ތަފްސީލް

توحيد الربوبية ގެ މާނައާއި ޙަޤީޤަތް

ޝަރީއަތުގެ އިޞްޠިލާޙުގައި ތައުޙީދު ތަޢްރީފަކީ الله سبحانه وتعالى ގެ الربوبية އާއި الأسماء والصفات ގައި އަދި އެކަލާނގެ الألوهية އެކަލާންގެ އެއްކައުވަންތަކަން ތިމާދެނެ އެޔަށް އިޤުރާރުވެ އެގޮތުގެ މަތީގައި ތިމާ އަމަލުކުރުމެވެ. ނުވަތަ އެކަންކަމުގައި އެކަލާނގެ އެއްކައުވަންތަކަމަށް އީމާންވުމެވެ. އިސްވެބުނެވުނު ތައުރީފުންއެގޭ ގޮތުގައި ތައުޙީދު ބެހިގެންވަނީ ތިން ވައްތަރަކަށެވެ. ތައުޙީދުގެ ފުރަތަމަކަމަކީ توحيد الربوبية އެވެ. الربوبية އަކީ ރައްބު ވަންތަކަމުގެ ނުވަތަ އެއްކައުވަންތަ ކުރުމުގެ ތައުޙީދެވެ. توحيد الربوبية އަކީ الله سبحانه وتعالى ގެ އެންމެހައި ޢަމަލުފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ކުރުމެވެ. އެކަލާނގެ ކުރައްވާ އެންމެހައި ކަންތައްތަކުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިނުވާކަން ޤަބޫލުކުރުމެވެ. މިސާލަކަށް ހައްދަވައި ބޮޑު ކުރެއްވުން، ރިޒުޤު ދެއްވުމާއި، ޝިފާދެއްވުން، ބަލިޖެއްސެވުން، ތަކުލީފު ފިއްލެވުން، ތަކުލީފު ޖެއްސެވުން،  އެންމެހާ ކާއިނާތު ތަކުގެ ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ދިރުއްވައި މަރު ހިއްޕެވުމާއި މިފަދަ ހުރިހާ ކަމެއްގައި އެކަލާނގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ވީމާ ربوبية އަށް އީމާންވުމަކީ الله سبحانه وتعالى ފިޔަވައި އެހެން خالق އަކު ނުވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. هَذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ  (لقمان: 11)
މާނައި: "މިއީ ﷲ ގެ ހެއްދެވުމެވެ. އެކަލާނގެ ފިޔައިވައި އެހެން ފަރާތަކުން ހަދައިފައިވަނީ ކޮން އެއްޗެއްކަން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފަހެ ދައްކައިދީބަލާށެވެ!"

އަދި ރިޒުޤު ދެއްވުމުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ނުވާކަންވެސް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި الله سبحانه وتعالى ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. أَمَّنْ هَذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ (الملك: 21)
މާނައީ: "ނުވަތަ އެކަލާނގެ ރިޒްޤުދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް ރިޒުޤު ދޭނޭ މީހަކީ ކާކުހެއްޔެވެ؟"

الله سبحانه وتعالى ފިޔަވައި މިކައުނުގެ ކަންތައްތައް ރާއްވަވާ އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމަކީވެސް ތައުޙީދުލް ރުބޫބިއްޔަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ (الأعراف: 54)
މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. އެއަށްފަހު، އެކަލާނގެ ޢަރުޝީގެ މައްޗަށް އިސްތަވާ ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. އެއިން ކޮންމެ އެއްޗެއް އަވަސްކަމާއެކު އަނެއްކައްޗެއް ހޯދައިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ އަމުރުފުޅަށް ކިޔަމަން ކުރައްވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުން ވަނީ، އެކަލާނގެއަށް ޚާއްޞަވެގެންނެވެ. ޢާލަމްތަކުގެ ވެރި الله މަތިވެރިވެ ވޮޑިގެންފިއެވެ."
الله سبحانه وتعالى ފިޔަވައި ދިރުއްވައި މަރުހިއްޕަވާ އެހެން އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމަކީވެސް ތައުޙީދުލް ރުބޫބިއްޔަތުގެ ތެރޭން ހިމެނިގެންވާ ވަރަށް މުހިންމު ބައެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "هُوَ يُحْيِيْ وَيُمِيتُ وَإِلَيْهِ تُرْجَعُونَ" މާނައީ: "އެކަލާނގެއީ ދިރުއްވައި މަރުހިއްޕަވާ ރަސްކަލާނގެއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟުރަތަށެވެ."

މުސްލިމަކަށް ވުމަށްޓަކައި توحيد الربوبية އެކަނި ނުފުދޭނެއެވެ.
 ހަމަ އެކަނި توحيد الربوبية ޢަމަލު ކުރުމަކުން ފުރިހަމަ މުސްލިމަކަށް ނުވެވޭނެ އެވެ. އެހެނީ ތައުޙީދުގެ އެހެން ބައިތަކަކީ އެއާ ނުލައި ﷲގެ އެއްކައުވަންތަކަން ފުރިހަމަ ނުވާނެ ބައިތަކަކަށްވާތީ އެވެ. توحيد الربوبية އަށް ރަސޫލުالله ޞައްލަ الله ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މައްކާގައި ތިބި މުޝްރިކުންވެސް އިޤުރާރުވިއެވެ. އެމީހުންވެސް އިސްވެބަޔާންކުރެވުނު ކަންކަމަކީ الله سبحانه وتعالى އަށް ޚާއްޞަވެގެންވާ ކަންތައްތަކެއްކަން ޤަބޫލުކުރެއެވެ. ނަމަވެސް ތައުޙީދުގެ މިބަޔަށް އެކަނި އީމާންވުމަކުން އެމީހުންނަކީ މުސްލިމުން ކަމުގައެއް ނުވެއެވެ. އެމީހުންނާމެދު الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. " وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ "
މާނައީ: "އަދި ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައިފިނަމަ އެމީހުން ބުނާނެކަން ކަށަވަރެވެ. الله އެވެ."
އަދިވެސް އެހެން އާޔަތްތަކެއްގައި މިވާހަކަތައް އަންގަވައި ވަޙީކުރައްވާފައިވެއެވެ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ -  قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ -  سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ -  قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ -  سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ (المؤمنون: 85 - 87)
މާނައީ: "އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަތްއުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ ޢަރުޝުގެ ވެރިޔާއަކީ ކާކުހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟

توحيد الربوبية ޝިރުކުކުރެވޭ ގޮތް

 توحيد الربوبية ޝިރުކުކުރެވޭ ގޮތަކީ އިސްލާމީ ޢަޤީދާގައި الله سبحانه وتعالى އަށް އެކަނި ހާލިސްކުރެވޭ ކަންކަމުގައި ނުވަތަ އޭގެތެރެއިން ކަމެއްގައި ނަމަވެސް އިންސާނަކަށް ނުވަތަ އެ ނޫން އެހެން މަޚްލޫޤަކަށް ވިޔަސް ކުރެވޭނެ ކަމަށް ޤަބޫލުކުރުމެވެ. ނުވަތަ އެ ފަދަ ބާރުތަކެއް އިންސާނާއަށް ލިބިގެން ވާ ކަމަށް ޤަބޫލުކުރަމެވެ. މިސާލަކަށް ކޮންޕިއުޓަރ ޕްރޮގްރާމެއް މެދުވެރިކޮއްގެން ވާރޭ ވެއްސިދާނެ ކަމަށް ޤަބޫލުކުރުމަކީ توحيد الربوبية ގައި ޝިރުކު ކުރުމެވެ. މި ގޮތުން އެންމެ ފުރަތަމަ ތައުޙީދުއްރުބޫބިއްޔަތާ އިންކާރުކުރި އެކަކީ މިޞްރުގެ ފިރްޢައުނެވެ. އޭނާ އަކީ "ރައްބު" ވަންތަކަމަށް ދަޢުވާ ކުރި މީހެކެވެ.

ތައުޙީދުގެ މިބަޔާއި މެދު ދެކޮޅުހަދައި، އިންކާރުކުރާ މީހުންނަކީ ބޮޑާވެރިކަމާއި ނުބައި ނުލަފާކަމުން ދެކޮޅަހަދާ މީހުންނެވެ. އެހެނީ މޫސާގެފާނުގެ ޒަމާނުގައި މިޞްރުގެ ފިރްޢައުނުވެސް އިލާހުވަންތަކަމަށް ދަޢްވާކޮށް ހެދި ނަމަވެސް އޭނާއަށްވެސް ﷲ ގެ އެއްކައުވަންތަކަން އެނގެއެވެ. އޭނާއާއި ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.  قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَؤُلاء إِلاَّ رَبُّ السَّمَاوَاتِ وَالأَرْضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَا فِرْعَونُ مَثْبُورًا (الإسراء: 102)
މާނައީ: "(މޫސާގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ބަޔާންވެގެންވާ ޢިބްރަތްތަކެއް ކަމުގައި މި މުޢްޖިޒާތްތައް ބާވައިލެއްވީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ! އޭ ފިރްޢައުނެވެ. ފަހެ އަހަރެންނަށް ޔަޤީންވަނީ ކަލެއަކީ ގެއްލެނިވެ ހަލާކުވެފައިވާ މީހެއް ކަމުގައެވެ."
މިކަލަކަށް އައިސް ވަރަށް ގިނަ އިސްލާމުންވެސް ޤަބޫލުކުރާގޮތުގައި ކޮންޕިއުޓަރު ބޭނުންކޮއްގެން ނުކުރެވޭނެ ކަމެއް ނުއޮންނާނެވެ. މިއެސެއިންމެންޓް ހެދުމުގައި އަޅުގަނޑު ހޭދަކުރި ދުވަސް ތަކުގައި ކޮފީ މޭޒުގައި ތިބެގެން ތައުޙީދުގެ މިބަޔާއި ބެހޭގޮތުން ވަރަށް ގިނަގުނަ ވާހަކަ ދައްކާ ހަދަމެވެ. އަޅުގަނޑު ވާހަކަ ދެއްކި ބައެއްމީހުންގެ ނަޒަރުގައި މެޝިނަރީޒް ބޭނުންކޮއްގެން الله سبحانه وتعالى ޙާއްސަ ބައެއްކަންކަން ކުރެވިދާނެއެވެ. އެމީހުންގެ ނަޒަރުގައި ބައިނަލް އަގުވާމީ ޖައްވީ އިދާރާ (ނާސާ) އިން ބޭނުންވެއްޖެނަމަ އެމީހުން ބޭނުން ކޮންމެ ތަނަކަށް ވާލޭވިލާ ފޮނުވިދާނެއެވެ. އެގޮތުން ވިލާތަށް ފޮނުވާގެން ވާރޭ ވެއްސިދާނެއެވެ. އަދި އިންސާނުން ކޮލޯންވެސް ކުރެވެއެވެ. އެހެން ކަމުން އިންސާނުންނަށް އިންސާނުން ހަލްޤުކުރުމުގެ ބާރު ލިބިގެންވެއެވެ. މިހުރިހާ ޤަބޫލުކުރުން ތަކަކީވެސް توحيد الربوبية ގައި ޝިރުކު ކުރުމެވެ. 
މުސްލިމުންގެ ކިބައިގައި توحيد الألوهية މައުޞޫޢުގައި ހުރި ނުރަގަޅު މަފްޙޫމްތަކާއި ރަގަޅު ކަންކަން
توحيد الألوهية އަކީ الله سبحانه وتعالى ގެ އަމުރުފުޅު ތަކަށް ބޯލަބައި ކިޔަމަން ވުމެވެ. މީގެ އެންމެ ރީތި މިސާލަކީ ބަނގުރާ ބުޔުން ހަރާމް ކުރައްވައި އާޔަތް ބާވައިލެއްވުމުން، މީތަކުންގެ ތުބުގައި ހުރި ރާތަށިތަށް އުކާލާ، ގޭގައި ހުރި ބަނގުރާ ފީފާތަށްވެސް އުކާލާ މުޅި މަދީނާއިން ބަނގުރާގެ ކޯރުތަކުން ފުރާލި ހާދިޘާއެވެ. މިއީ ބޯލަބައި ކިޔަމަން ވުމުގެ ލާމަސީލު މިސާލެވެ.  އެކަލާނގެ އަޅުތަކުކުރާ އެންމެހައި ޢަމަލުތަކެއްގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. ވީމާ ނަމާދުކުރުން ޒަކާތް ދިނުމާއި ޙައްޖުވުންފަދަ ގުނަންތަކާއި މުދަލުން ކުރެވޭ އަޅުކަމުގައި އާއި ހިތުގެ ޢަމަލުތަކުގައިވެސް، މިސާލަކަށް ތަވައްކަލު ކުރުމާއި، އެހީއަށް އެދުމާއި، ބިރުވެތިވުމާއި، ލޯބިވުމާއި މިފަދަ ހުރިހާ ކަމެއްކަގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.
 ދުޢާކުރާ ހިނދު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ދުޢާ ނުކުރުމަށްވަނީ އަންގަވާފައެވެ. " وَقَالَ رَبُّكُمُ ادْعُونِيْ أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِيْ سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (الغافر 60)
މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ. އެއިރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ދުޢާ އިޖާބަ ކުރައްވާނަމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކޮށް އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ. ނިކަންހުރެ، ނިކަމެތިވެގެންވާ ޙާލު އެއުރެން ނަރަކައަށް ވަންނާނެވެ."
 އަދި الله سبحانه وتعالى ފިޔަވައި ބިރުގަންނަ އެހެން ފަރާތެއް ވެގެން ނުވާނެއެވެ. (އާލްޢިމްރާން: 175) " إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ " 
މާނައީ: "ހަމަކަށަވަރުން އެއީ ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިންދެކެ ތިޔަބައިމީހުން ބިރުގަންނަވަނީއެވެ! ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިޔަބައިމީހުން، މުއުމިނުންކަމުގައި ވަނީނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ."
އަދި الله سبحانه وتعالى ފިޔަވައި توكل ކުރާ އެހެންފަރާތެއްވެސް ހުރެގެން ނުވާނެއެވެ. (އައްތަޣާބުން:13) " وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ " މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނީ މުއިމިނުންކަމުގައި ވަނީނަމަ، ހަމައެކަނި الله سبحانه وتعالى އަށް توكل ކުރާށެވެ!"
 އަދި ވާގި އެދުމުގައިވެސް އެކަލާނގެ ނޫން ފަރާތެއް ވެގެންނުވާނެއެވެ.
" إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ " މާނައީ: "އަޅަމެން އަޅުކަންކުރަނީވެސް އަދި ވާގިއެދެނީވެސް އިބަރަސްކަލާނގެ ޙަޟުރަތުންނެވެ."  (އަލްފާތިޙާ: 05)
 އަދި الله سبحانه وتعالى ފިޔަވައި އެހެން އެއްވެސްފަރާތަކުން ރައްކާތެރިކަމަށްވެސް ނޭދުމެވެ.
 " قُلْ أَعُوذُ بِرَبِّ النَّاسِ " މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަމަށް އެދެމެވެ." (އައްނާސް: 01)
ރަސޫލުން ފޮނުއްވުނީ ތައުޙީދުގެ މިބަޔާއިގެންނެވެ. (އައްނަޙްލު: 36)  " وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ " މާނައީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ الله سبحانه وتعالى އަށް އަޅުކަންކުރުމަށާއި، الله سبحانه وتعالى ފިޔަވައި އަޅުކަންކުރެވޭ ތަކެއްޗާ ދުރުހެލިވުމަށް އެންގެވުމަށެވެ."
 ތައުޙީދުގެ މިބަޔަކީ އިހުގެ ކާފަރުންނާއި މިހާރުގެ ކާފަރުންވެސް އިންކާރުކުރި ބައެވެ. ކާފަރުވީ މީހުންގެ ވާހަކަތައް އަންގަވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (ޞާދު: 05) " أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ " މާނައީ: "އެކަލޭގެފާނު ހުރިހާ އިލާހުންތައް އެއްއިލާހަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު ޢާޖާއިބުވާފަދަ ކަމެއްކަން ކަށަވަރެވެ."
 އަޅުކަމުގައި الله سبحانه وتعالى އާ އެހެން ފަރާތެއް ބައިވެރިކޮށްފި މީހާގެ ޢަމަލުތައް ޤަބޫލެއް ނުކުރެއްވޭނެއެވެ.
 " وَاعْبُدُواْ اللَّهَ وَلاَ تُشْرِكُواْ بِهِ شَيْئًا " (النساء: 36)
މާނައީ: "ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއާ އެވެސް އެއްޗެއް ޝަރީކު ނުކުރާށެވެ."
އަދި ޝަރީކު ކުރާ މީހުންގެ ޢަމަލުތައް ބާޠިލުވެގެން ވާކަންވެސްވަނީ އަންގަވާފައެވެ. (އައްޒުމަރު: 65)
 " لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ " (الزمر 65)
މާނައީ: "ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އޭރުން ކަލޭގެފާނު ވެވަޑައިގަންނަވާނީ ގެއްލެނިވެގެންވީ މީހުންގެ ތެރެއިންނެވެ."
މިއަދުގެ މުސްލިމުންގެ ކިބައިގައި ޢަޤީދާގެ ގޮތުން އުލޫހިއްޔަތުގެ މައުޞޫޢުގައި ހުރި ނުރަގަޅު މައްފޫމުތަކާއި މައްސަލަތަށް މިސައްތައިން ސައްތަކަމަށް ދައުވާކުރާ ދިވެހިރާއްޖެއިން ނަގަމާތޯއެވެ. މިރާއްޖޭގައި الله سبحانه وتعالى ގެ ޝަރީޢަތް ޤާއިމު ކުރުމުގެ ބަދަލުގައި ވަޞުޢީ ޤާނޫނު ހިންގުމުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ. މިރާއްޖޭގައި މިހާރުމިވަނީ ގަތުލުއާންމުވެފައި ކަމާމެދު ދެބަސްވެވޭކަށްނެތެވެ. ނަފްސެއް ދުއްވާލުމަކީ ކިހާބޮޑުކަމެއްކަން މިބައިމީހުންނަށް ނޭގެނީބާއެވެ؟ ނޫނީ ޑިމޮކްރެސީން ކުށްވެރިންނަށް ހިމާޔަތްދެނީތޯއެވެ؟ ހަޤީޤަތަކީ ސައްތައިން ސައްތަ އިސްލާމީ މިޤައުމުގައި ޒިނޭކުރުމާއި، ޤަޒުފުކުރުމާއި، ބަނގުރާބުޔުމާއި، ވައްކަންކުރުމާއި، ޙަރާބާއި، މުރުތައްދުވުމާއި، ބަޢާވާތުކުރުމް މިވަނީޢާންމުވެފައެވެ.
ޑިމޮކްރަސީއަކީ الله سبحانه وتعالى ގެޝަރީޢަތުންބައެއް ނާހިޔާތަށް (ކޮންސެޕްޓް) ނަގާގެން ހަދާފައިވާ މަސްހުނި ގަޑެކެވެ. الله سبحانه وتعالىގެ ޝަރީއަތާއި ޑިމޮކްރަސީގެ އަސްލުމަޤުސަދު ނުވަތަ ލަނޑުދަޑި އެއްގޮތްވީނަމަވެސް، މިއެއްގޮތްވުމަކީ ހަމައެކަނި ބޭރުފުށުން އެއްގޮތްވާ އެއްގޮތްވުމެކެވެ. މިކަން އިސްލާމީ ޝަރީއަތާއި ޑިމޮކްރަސީގެ އަސާސްތަކަށް ބަލާލުމުން ފާހަގަވެގެންދާނެއެވެ. 
1. އިސްލާމީ ޝަރީއަތުގެ މަސްދަރަކީ ނުވަތަ އަސްލަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާއެވެ. އެހެނީ އިސްލާމްދީނަކީ އެކަލާނގެ ހަޞުރަތުން އައިސްފައިވާ އެއްޗެކެވެ. ޑިމޮކްރަސީގެ މަސްދަރަކީ ނުވަތަ އަސްލަކީ އިންސާނުންނެވެ. އެޤާނޫނުތަށް ހަދާމީހުންނެވެ.
2. އިސްލާމީ ޝަރީއަތުގެ ހުރިހާ ޙުކުމެއްވެސް ކަނޑައެޅިފައިވަނީ ކީރިތިޤުރުއާނުނާއި ކީރިތި ރަސޫލާ(ޞއވ)ގެ ސުންނަތުންނެވެ. އިސްލާމީ ޝަރީއަތުގައި ޖަރީމާއެއްކަނޑައެޅެނީ އިސްލާމްދީނުގެ މިންގަނޑުތަކުގެ ދަށުންނެވެ. އިސްލާމްދީނުގެ އަސްލުތަކާއި ޢުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ.  މިއުސޫލުތަކަކީ އިސްވެދެންނެވިފަދައިން މާތްﷲއާއި އެކަލާނގެ ރަސޫލާގެ ކިބައިން އައިސްފައިވާ ހުކުމްތަކެކެވެ. މިކަންކަމުގެ ސަބަބުން އިސްލާމީ ޝަރީއަތަށް ލިބިގެންވާ ހާއްސަދެކަމެއްވެއެވެ.
ހ. ސާބިތުކަމާއި ދެމިގެންވުން. އެހެނީ ޙާކިމުންނާއި، މުޖުތަމައުތަކުގެވެރީން ބަދަލިވިކަމުގައިވިޔަސް އިސްލާމީޝަރީއަތް ބަދަލުވުމެއްނުވެއެވެ. އެހެންކަމުން ޙާކިމާއަކީ ކުރިންހުރިމީހާކަމުގައިވިޔަސް، ނުވަތަ ފަހުން އައިމީހެއްކަމުގައިވިޔަސް، ނުވަތަ ވެރިކަން ހިންގުމުގެ ނިޒާމަކީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްކަމުގައިވިޔަސް އިސްލާމީ ޝަރީއަތުގެ ހުކުމްތަކަށާއި ޤަވާއިދުތަކަށް އެއްވެސްބަދަލެއް ނާންނާނެއެވެ. ނަމަވެސް ޑިމޮކްރެސީގައި ޤާނޫނުހަދާމަޖިލީހުގައި އޭރު މެޖީރިޓީ އޮތްބަޔަކު ބޭނުންގަޑިޔަކު ބޭނުން ޤާނޫނަކަށް ބަދަލުގެނެވެއެވެ. ދިވެހި ރާއްޖޭގެ ރައްޔިތުންގެ ޖަމިލިސް އަކީ މިކަމުގެ ލާމަސީލު މިސާލެކެވެ. 
ށ. އިސްލާމީ ޝަރީއަތަށް ފުރިހަމައަށް އިހުތިރާމް ލިބިގެންވެއެވެ. އެހެނީ ޙުކުމް ކުރެވޭމީހާއާއި ޙުކުމް ކުރާމީހާއާއދެމެދު، އިސްލާމީ ޝަރީއަތް ތަންފީޒުކުރުމުގައި އެއްވެސް ފަރަޤެއްނުވެއެވެ.

ފުރިހަމަ މުޢުމިނަކު މަގުމަތީގައި ބަނގުރާ ހިތަކަށް ލިބެންހުއްޓަސް ނުބޯނެއެވެ. މަގުމަތީގައި އޮރިޔާން ހާލުގައި ކަސްބީއަންހެނުން އުޅުނަސް ބަލާވެސްނުލާނެއެވެ. ޒިނޭއެއް ނުކުރާނެއެވެ. މީހުންގެ ގޭގޭގައި ތަޅުނުލައި ހުއްޓަސް ސިއްރުންވަދެ ވައްކަމެއް ނުކުރާނެއެވެ. ފުރިހަމަ މުސްލިމަކީ އަދި ބާއްޖަވެރީންނަކީ އިސްވެމިދެންނެވި ކަންތަށް ފަސޭހަކަމާއި އެކު ވާންހުންނައިރުވެސް އެކަމަކުން މައުރޫމުވެ މުޢުމިނުކަން ކުރިޔަށް ނެރޭމީހާއެވެ. އިސްލާމްދީނޭ ބުނެ ކޮންމެ މީހަކުވެސް ދަޢުވާ ކުރާއިރު އިސްލާމްކަމަކީ ކޮބައިކަން އެނގެނީ ކިތައް ބޭފުޅުންނަށް ބާއެވެ؟ އީމާން ކަމަކީ ކޮބައިކަން އެނގެނީ ކިތައް ބޭފުޅުންނަށް ބާއެވެ؟ އަދި ހަމައެހެންމެ إحسان ކަމަކީ ކޮބައިކަން އެނގެނީވެސް، ފަހެ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށް ބާވައެވެ؟ ޙަޤީޤަތް ހޯދަން ބޭނުންފުޅުނަމަ އެންމެ ފުރަތަމަ އަމިއްލަ ނަފްސާއި ސުވާލު ކޮށްލައްވާށެވެ. ދީނުގެ ފުރަތަމަ ރުކުން ކަމުގައިވާ ޝަހާދަތުގެ ދެކަލިމަ އެއްވެސް އޮޅުމެއްނެތި ޔަޤީންކަމާއިއެކު ދުލުން ކިޔާލަން އެނގެނީ ކިތައް ބޭފުޅުންނަށް ބާވައެވެ؟ އަދި ދެން އޭގެ މާނަ ކޮބައިތޯއެވެ؟
ދެން ދީނުގެ ދެވަނަ ރުކުން ކަމުގައިވާ ނަމާދަށް ބަލާލަމާތޯއެވެ. ފަހެ ނަމާދަކީ އެއަޅުކަމަކާއި ނުލާ އެހެން އެއްވެސް އަޅުކަމެއް ޤަބޫލުނުކުރެވޭ އަޅުކަމެކެވެ. އަދި ހަމަ އެހެންމެ މުސްލިމް އަޅާއާއި ކާފިރުކަމާއި އަދި ޝިރްކާއި ދެމެދުގައިވާ ހުރަހަކީވެސް ނަމާދެވެ. ނަމާދަކީ ތަކްބީރް (الله އަކްބަރް) އަކުން ފެށޭ އަދި ތަސްލީމް (ސަލާމް) އަކުން ނިމޭ އެއްޗެކެވެ. އެހެންނަމަވެސް ފުރިހަމައަށް ނަމާދުގައި ކިޔަންޖެހޭ ހުރިހައި ދުޢާތަކާއި އެކުގައި ނަމާދު ފުރިހަމައަށް ކުރަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށްބާވައެވެ؟ ފަހެ ނަމާދުގެ ރުކުން ތަކަކީ ކޮބައި ހެއްޔެވެ؟ އަދި އޭގެ ތެރެއިން ވާޖިބު ކަންތައްތަކާއި ސުންނަތް ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟ ހަށަމް ބަނުމަށްފަހު ކިޔާ ދުޢާ، ރުކޫއިން ތެދުވެ ކިޔާ ދުޢާ، ދެ ސަޖިދަ ދެމެދުގައި ކިޔާ ދުޢާ އަދި އައްތަޙިއްޔާތުގައި ކިޔާ ދުޢާ އެނގިލައްވާތޯއެވެ؟
ޙަޤީގަތުގައި އަޅުގަނޑުމެން އެންމެންވެސް ފުރިހަމައަށް ނަމާދު ކުރާނެ ގޮތް ދަސްކުރަން ބޭނުންވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ލަދުވެތިކަމާއި އަދި ދީނީ ކަންތައްތައް އޮޅުންފިލުވުމަށް އޮތްމަގު ހަނިވުމުގެ ސަބަބުން އެކަންކަން އެނގިފައި އަދި އެނގެން ނެތީއެވެ. ކުޑައިރު، ނަމާދުގައި ކިޔާ ތަކެތި ދަސްކުރަނީ މަންމަމެން އަމުރުކޮށްގެން ނުވަތަ ސްކޫލުން ބާރު އަޅައިގެންނެވެ. ނަމާދު ކުރުމުން ލިބޭ ޘަވާބާއި އަދި ނުކުރުމުން ލިބޭ ޢަޛާބާއި ބިރުވެރިކަން އެނގިފައި ނެތުމުގެ ސަބަބުން ނަމާދުގައި ކިޔުމަށް ދަސްކުރި އެއްކަލަ ދުޢާތައް ވަނީ ހަނދާން ނެތިގޮސްފައި ދެއްތޯއެވެ.

ވަރަށް ފަހުން ނޫސްވެރިންގެ މިނިވަން ކަމޭ ކިޔައިގެން މިރާއްޖޭގެ ނޫސްވެރިން ތަކެއް ވަނީ ޒިނޭވެސް ތަޖުރިބާ ކޮއްފައެވެ. އެބައިމީހުންގެ ބަހުރުވައިންނަމަ "އިންވެސްޓިގޭޓިވް ޖާނަލިޒަމް" ގައި ކޮންމެ ކަމެއްވެސް ކުރެވޭނެވެ. މިބައި މީހުން الله سبحانه وتعالى ޙައްދު ކަނޑައަޅުއްވާފައިވާ ބޮޑު ސިންގާ ޖަރީމާއަކަށް އަރާގަނެފައި އެއީ މޮޅުކަމެއް ކަމުގައި ހަދައިގެން "ސަންސެޓް އޮޕަރޭޝަން"ގެ ނަމުގައި ހާއްސަ ސަޕްލިމެންޓެއްވެސް ނެރުނެވެ. މިއަދުވެސް އެލިޔުންތަށް އެގޮތުގައި އެބަ ހުއްޓެވެ. އޭގައިވާ ލިޔުންތަށް ކިޔާލުމުން އަމިއްލައަށްވެސް ލަދުގަންނަހާ ހަޑި އިސްލާމީ އުއްމަތުގެ އަހުލާޤު ފަހަނަޅައި ގޮސްފައިވެއެވެ. މިއީ ރައްބުގެ އަމުރުތަކަށް ފުރަގަސް ދިނުމެވެ.

މިހާ ހިސާބުން ތައުޙީދުގެ ފަހުބައި توحيد الأسماء والصفات ބަލާލާނަމެވެ.
توحيد الأسماء والصفات އަކީ، ކީރިތި ޤުރްއާނުގައި އާއި މާތް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ الله سبحانه وتعالى އާއި އެކަލާނގެ ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އެކަލާނގެ ޒާތުފުޅަށް ދެއްވާފައިވާ الله سبحانه وتعالى އިސްމުފުޅުތަކާއި، އެކަލާނގެ އެސިފައަކުން ސިފަކުރައްވާފައިވާ ސިފަފުޅުތައް އޭގެ ހަޤީޤީ މާނައިގައި ތެދުކޮށް އީމާންވުމެވެ. އަދި އިސްމުފުޅުތަކަކީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައްކަމާއި، އެސިފަފުޅުތަކަކީ އެންމެ ފުރިހަމަވެގެންވާ ސިފަފުޅުތައްކަން، އެއްވެސް ބަދަލުކުރުމެއްނެތި، ނުވަތަ މާނަ އަނބުރާލުމެއްނެތި ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއްނެތި، ޤަބޫލުކޮށް އެއަށް އީމާންވުމެވެ.
އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ - هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ - هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاء الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ )الحشر: 22 - 24(
މާނައީ: "އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ޣައިބުގައިވާ ކަންތައްތަކާއި ފެންނަ ކަންތައްތައްވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެއެވެ.(22) އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. ޠާހިރުވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިސަފަތަކަކުން ހުސްޠާހިރުވެގެންވާ ކަލާނގެއެވެ. އަމާންކަން ދެއްވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ކަލާނގެއެވެ. ޢަޒީޒްވަންތަ ކަލާނގެއެވެ. ޖައްބާރުވަންތަ ކަލާނގެއެވެ. ޢަޡަމަތްތެރިވަން ކަލާނގެއެވެ. އެއުރެން ޝަރީކު ކުރާތަކެތިން الله سبحانه وتعالى ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ.(23) އެކަލާނގެއީ الله އެވެ. ހުރިހާ އެއްޗެއް ހައްދަވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ކަލާނގެއެވެ. ޞޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރިވެތި ނަންފުޅުތައް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވައެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ކަލާނގެއެވެ.(24)"
ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " إنَّ لِلّهِ تِسْعَةٌ وَتِسْعِيْنَ اسْمًا، مِائَةٌ إِلاَّ وَاحِدًا، مَنْ أحْصَاهَا دَخَلَ الْجَنَّةَ " (متفق عليه) މަނައީ: "ހަމަކަށަވަރުން الله سبحانه وتعالى އަށް ނުވަދިހަ ނުވަ އިސްމުފުޅެއްވެއެވެ. އެއިސްމުފުޅުތައް ދަސްކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ."
الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. (އައްޝޫރާ: 11)  "لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ" މާނައި: "އެކަލާނގެއާ އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ السَّمِيعُ (އައްސަވައި ވޮޑިގެންވާ) الْبَصِير ބައްލަވައިވޮޑިގެންވާ އިލާހެވެ."
الله سبحانه وتعالى ގެ ކޮންމެ އިސްމުފުޅެއްގައިވެސް އެކަލާނގެ ޞިފަފުޅުތައް ހިމެނެއެވެ. ވީމާ العليم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޞިފަހިމެނެއެވެ. الحكيم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޙިކުމަތްވަންތަކަމުގެ ސިފަ ހިމެނެއެވެ. السميع މި އިސްމުފުޅުގައި އަޑު އެއްސެވުމުގެ ޞިފަހިމެނެއެވެ. البصير މި އިސްމުފުޅުގައި ބައްލަވާވޮޑިގެންވުމުގެ ޞިފަހިމެނެއެވެ.

الله سبحانه وتعالى އަށް އީމާންވުމުން ލިބޭފައިދާތަށް
الله سبحانه وتعالى އަށް މުއުމިނުންގެ ކިބައިން ދަތި އުނދަގޫތައް ފިއްލަވައިދެއްވައެވެ. އަދި މުޞީބާތްތަކުން ނަޖާކުރައްވައި ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވައެވެ. (ޙައްޖު: 38) " إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا "

ހެޔޮވެގެންވާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބުމުގެ މަގަކީ الله سبحانه وتعالى އަށް އީމާންވުމެވެ. (އައްނަޙުލު: 97)
  " مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً "

  ކާމިޔާބާއި ނަޞްރު ލިބުންވަނީ އީމާންކަމުގައެވެ. އަދި ތިމާގެ ބޭނުންތައް ޙާޞިލުވުމާއި ބިރުވެރިކަމުން ސަލާމަތްވުންވަނީ الله سبحانه وتعالى އަށް އީމާންވުމުގައެވެ.
 أُوْلَئِكَ عَلَى هُدًى مِّن رَّبِّهِمْ وَأُوْلَئِكَ هُمُ الْمُفْلِحُونَ) البقرة: 5(

އީމާންކަމުގެ ސަބަބުން ތިމާމެންގެ ނަފްސުތައް ޚުރާފީ ކަންތައްތަކުން ސަލާމަތްކޮށްދެއެވެ. ވީމާ ޙައްޤު ގޮތުގައި الله سبحانه وتعالى އަށް އީމާންވެއްޖެ މީހަކު އޭނާގެ ހުރިހާ ކަމެއްގައި ހަމައެކަނި ވަކީލު ކުރާނީ އެކަލާނގެއަށެވެ. އަދި އޭނާގެ ވެރި ރަސްކަލާނގެއަކީ، އޭނާގެ ޚާލިޤަކީ އަދި ރާޒިޤަކީ އެކަލާނގެކަމުގައި އިޤްރާރުވާ މީހަކަށް، އެއްވެސް ބިރުވެރިކަމެއް ހިތްހަމަނުޖެހުމެއް އެހެން މީހެއްގެ ފަރާތުން ލިބުމެއް ނުވެއެވެ.
الله سبحانه وتعالى އަށް ޙައްޤުގޮތުގައި އީމާންވުމުން މެނުވީ އެކަލާނގެ ރުއްސެއްވުން ޙާޞިލު ނުވާނެއެވެ. އެކަލާނގެ ރުއްސެވުން ލިބިގެން މެނުވީ ސުވަރުގެއަށް ނުވަދެވޭހުއްޓެވެ. އަދި ދާއިމީ ނިޢުމަތާއި ހިތްހަމަޖެހުން ޙާޞިލު ނުވާނެއެވެ.

ބިންމަތީގައި ޝިރުކު އުފެދިގެން ދިޔަގޮތް
ސައްޔިދުނާ އާދަމް عليه السلام އިން ފެށިގެން ސައްޔިދުނާ ނޫޙު عليه السلام އާއި ހަމައަށް އެތަށް ޤަރުނެއް ފާއިތުވެގެން ދިޔައިރުވެސް މިދުނިޔެ އޮތީ ތައުޙީދުގެ މަތީގައެވެ. މިދުނިޔޭފައި ޝިރުކު ކުރާނެ ބަޔަކު ނުވެއެވެ. މިދުނިޔެ މައްޗަށް ޝިރުކު ކުރުމަށް ބޭނުންވާ އާލާތު ޔަޢުނީ ބުދުތަށް ހެދުނީ ސައްޔިދުނާ އިދުރީސް عليه السلام ދުވަސްވަރުއެވެ. އެދުވަސް ވަރު އުޅުއްވި ސާލިޙު ފަސް ބޭފުޅެއްގެ ހަދާނުގައި އިދުރީސް عليه السلام ގެ ޤައުމުގެ މީހުން އެފަސްބޭފުޅުންގެ ސޫރައިގައި ބުދު ހެއްދިއެވެ. މިކަން އިދުރީސްގެފާނު الله سبحانه وتعالى ގެ އަމުރު ފުޅަށް މަނާ ކުރެއްވިއެވެ. މިބުދު ތަކުގެ ތެރެއިން "ޝިއުތު" އެވެ ކިޔުނު ބުދަށް ނޫހުގެ ފާނުގެ ޤައުމުގެ މީހުން އަޅުކަން ކުރިއެވެ. އޭގެ ފަހުން މިދުނިޔެ މަތީގައި ޝިރުކު ކުރަމުން ދެއެވެ. ޔާﷲ މިއަޅާއާއި މިއަޅާގެ އަޙުންނާއި އުޙުތުން މިނުބައި ފާފައިން ސަލާމަތް ކުރައްވާށިއެވެ. އާމީން 

ޝިރުކު ތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރުން
އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ސާބިތުކުރުމުގައި، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ގެ ސުންނަތުން ސާބިތުވާ ޞިފަތައް، ބަދަލު ކުރުމެއްނެތި، ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއް ނެތި ނުވަތަ އުނިކުރުމެއްވެސް ނެތި، އޭގެ ޙަޤީޤީ މާނައިގައި ވާރިދުވެފައިވާ ގޮތުގައި ޤަބޫލުކޮށް އީމާންވުމެވެ. އެއްވެސް މަޚުލޫޤަކާއި އެކަލާނގެއާ ވައްތަރު ކުރުމެއްނެތި އެންމެހައި އުނި ޞިފަތަކުން އެކަލާނގެ ނަފީކޮށް، އެފަދަ ޞިފަތަކުން ހުސްޠާހިރުވެގެންވާކަން ޤަބޫލުކޮށް އީމާންވުމެވެ. ފަރްދީ އަދި އިޖްތިމާޢީ ގުޅުންތަކާއި، އިގްތިސާދި އަދި މާލީ ނިޒާމާއި، ޣައިރު މުސްލިމުންނާއި ގުޅުން ބަހައްޓަންވީގޮތާއި، ޒީނަތްތެރިވުމާއި ހެދުންއެޅުންފަދަ ކަންކަމުގައި އިސްލާމްދީނުގައި ވަނީ އިންތަކަކާއި، އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ހުރިހައި މުޖުތަމަޢެއްގައި އެންމެހައި މުސްލިމުން އެއްގޮތަށް ކުރަންޖެހޭކަންތައްތައް ދީނުގައިވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅުއްވާފައެވެ. އެނޫން ކަންކަމަކީ ހުރިހައި އެންމެން އެއްގޮތް ކުރަންޖެހޭކަމެއް ނޫނެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދާނަމަ އެއީ އިސްލާމީ އުސޫލުތަކާއި ޚިލާފުވީކަމުގައެއް ނުބެލެވޭނެއެވެ.
 އަށް އީމާންވާ ހަމަ ކޮންމެ މުއުމިނެއްގެވެސް އަމާޒަކަށް ވާންޖެހޭނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ މުއުމިނުންގެ ސިފަތަކުން ސިފަލިބިގަތުމަށް މަސައްކަތް ކުރުމެވެ. ދުނިޔެ އާރާސްތު ކުރުމާއި، މީސްތަކުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުންވެސް ހިމެނޭގޮތުން، ﷲ އަށް އަޅުކަން ކުރަންޖެހޭ އެންމެ ފުރިހަމަ މާނާގައި އެކަލާނގެއަށް އަޅުކަންކުރުމަށްފަހު،އެކަލާނގެ ރުއްސެވުމާއިއެކު ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގޭގެ އަހުވެރިއެއްކަމުގައި ވޭތޯ މަސައްކަތް ކުރުމެވެ.

ނިންމުން:
އަޅުގަނޑު ފަހު ބަހެއްގެ ގޮތުގައި ލިޔާން ގަސްތުކުރަނީ ޝުކުރުގެ ލިސްޓެކެވެ. މިގޮތުން އަޅުގަނޑަށް އިލްމު އުގެނުމަށް ހިތްވަރު ދެއްވާ އަޅުގަނޑުގެ މަންމަ އާއި ބައްޕައަށް ޝުކުރުވެރިވަމެވެ. އަދި ދިރިއުޅުމަށްޓަކައި ދުވާލު މަސައްކަތް ކުރުމަށްފަހު އަނބިމީހާ އާއި ދަރިންނާއި އެކު ހޭދަކުރަން ލިބޭ ވަގުތުގައި އަޅުގަނޑު ވިލާ ކޮލެޖުގައި ވަގުތު ހޭދަކުރާތީ އެއްވެސް މައްސަލައެއް ނުޖައްސާ ކުދިންގެ ކަންތަށް ހަމަޖައްސަދޭތީއާއި ކިޔެވުމާއިގެން ކުރިޔަށް ދިއުމަށް ހިތްވަރުދޭތީ އަޅުގަނޑުގެ ލޯބިވާ އަންހެނުން ޖިހާދާ މުހައްމަދަށްވެސް ޝުކުރުވެރިވަމެވެ.
ކުއްލިޔަކަށް ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދާލުމަށް ފޯނު ކޮއްލުމުން ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑަށް ކަންކަން އޮޅުން ފިލުވާދެއްވާތީ އައްޝައިހު ހަސަން ފިކުރީ ޝުކުރުވެރިވަމެވެ.
އަދި އަޅުގަނޑުގެ އިލްމީ އުސްތާޛު އައްޝައިހު މުހައްމަދު ޝަހީމު އަލީ ސައީދަށް ޝުކުރުވެރިވަމެވެ. މާތްﷲ އުސްތާޛުގެ ރަން ދަރިވަރުންގެ ތެރޭގައި އަޅުގަނޑު ލަހައްވާށިއެވެ.
     
މައުލޫމާތު ހޯދި މަސްދަރުތަށް
ފަޟީލަތުއްޝައިޚް ޙަސަން ފިކުރީގެ ދަރުސްތަކުގެ ތެރެއިން 2007 ގައި ދީފައިވާ ދަރުސް އަކުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާޒުގެ ވެބްސައިޓުން
ޔޫޓިއުބުން ވީޑިއޯ ދަރުސް
ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ
ފަޟީލަތުލްޝައިޚުލް މުހައްމަދު އިބުރާހިމް ތަރުޖަމާކުރެއްވި "ތައުޙީދު ފޮތް" (ނޫރުލް އިސްލާމް ވެބްސައިޓް)

No comments:

Post a Comment