Saturday, March 14, 2026

#

ލައިލަތުލްޤަދުރި ވިލޭރޭގެ މަތިވެރިކަމާއި އެރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުން


ލައިލަތުލްޤަދުރި ވިލޭރެއަކީ ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ރެއެވެ. އެރޭގެ މާތްކަން ބަޔާންކުރައްވައި މާތް ﷲ ވަނީ ވަކި ސޫރަތެއް ބާވައިލައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾ (سورة القدر)

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލްޤަދުރި ވިލޭރޭގައެވެ. އަދި ލައިލަތުލްޤަދުރި ވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލްޤަދުރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."

އެރޭ ސިއްރުކުރެއްވުމުގެ ޙިކުމަތް
ޢުބާދަތު ބިން އައްޞާމިތު (ރ.އ) ގެ އަރިހުން ރިވާވެގެންވެއެވެ. ކައު އިތުރު ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ލައިލަތުލްޤަދުރި ވިލޭރޭ އެނގިވަޑައިގަތުމުން، އެރޭގެ ޚަބަރު ތިޔަބައިމީހުންނަށް ދެއްވުމަށް ނުކުމެވަޑައިގަތީމެވެ. ނަމަވެސް، ދެ މީހަކު ކުރި ޒުވާބެއްގެ ސަބަބުން އެކަން (އެރޭގެ ޢިލްމު) އުފުއްލެވުނީއެވެ. އަދި އެކަން އެގޮތަށްވުން ތިޔަބައިމީހުންނަށް ހެޔޮކަމެއް ކަމުގައި ވެދާނެއެވެ. އެހެންކަމުން ތިޔަބައިމީހުން ފަހު ދިހައިގެ އޮނަހިރި ރޭތަކުން އެރޭ ހޯދާށެވެ. (ޞަޙީޙުލް ބުޚާރީ)
މީގެން އެނގެނީ މުސްލިމުންގެ މެދުގައި އުފެދޭ ދެކޮޅުވެރިކަމަކީ ބަރަކާތް ކެނޑިގެންދާ ކަމެއް ކަމެވެ. އަދި އެރޭ ސިއްރު ކުރެއްވުމުގެ ބޭނުމަކީ، އެންމެ ރެއަކަށް މީހުން ހަނިނުވެ، މުޅި ފަހު ދިހައިގައި އަޅުކަމުގައި މަޝްޣޫލުވުމަށް ބާރުއެޅުމެވެ.

27 ވިލޭރެއަކީ ލައިލަތުލްޤަދުރި ކަމަށް ބުނެވެނީ ކީއްވެ؟
އަސްލުގައި އެރޭ ވަކި ރެއެއްގެ ގޮތުގައި ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް ބައެއް ޢިލްމުވެރިން (މިސާލަކަށް އިބްނު ޢައްބާސް ރ.އ) 27 ވިލޭރެއަށް ބުރަވެވަޑައިގަންނަވައެވެ. ބައެއް ޢިލްމުވެރިން ދައްކަވާ ދަލީލުތަކުގެ ތެރޭގައި:
  1. އަކުރުގެ ހިސާބު: "ليلة القدر" (ލައިލަތުލްޤަދުރި) މި ބަސްފުޅުގައިވަނީ 9 އަކުރެވެ. ސޫރަތުލް ޤަދުރިގައި މި ބަސްފުޅު 3 ފަހަރު ތަކުރާރުވެފައިވެއެވެ. 3x9=27 އެވެ.
  2. ސޫރަތުގެ ބަސްތައް: ސޫރަތުލް ޤަދުރިގައިވާ ބަސްތަކުގެ ތެރެއިން "هِيَ" (އެރެއެވެ) މި ބަސް އަންނަނީ ސޫރަތުގެ 27 ވަނަ ބަހުގެ ގޮތުގައެވެ.
މިކަންކަމީ ޢިލްމީ ގޮތުން ފާހަގަކުރާ ލަފާކުރުންތަކެކެވެ. އެހެންނަމަވެސް، ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވަނީ ފަހު ދިހައިގެ ހުރިހާ އޮނަހިރި ރޭތަކެއްގައި (21، 23، 25، 27، 29) ހީވާގިވުމަށެވެ. ހަމައެކަނި 27 ވިލޭރޭ މިސްކިތަށް އަރާފައި އެހެން ރޭތަކުގައި ފަރުވާކުޑަކުރުމަކީ ސުންނަތާ ޚިލާފު ކަމެކެވެ.

ޙައިޟުވެރިންނަށް އެރޭގެ ޘަވާބު ލިބޭނެތަ؟
މިއީ ވަރަށް ގިނަ އަންހެނުން ކުރާ ސުވާލެކެވެ. އުފާވެރި ޚަބަރަކީ، ޙައިޟުގެ ސަބަބުން ނަމާދާއި ރޯދަ ދޫކޮށްލުމަކީ ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމެވެ. އެހެންކަމުން އެއީވެސް އަޅުކަމެކެވެ. ޙައިޟުވެރިންނަށް އެރޭ ކުރެވިދާނެ ކަންތައްތައް:
  • ޒިކުރުކުރުން: ތަސްބީޙަ ކިޔުމާއި، އިސްތިޣްފާރު ކުރުން.
  • ދުޢާކުރުން: ޢާއިޝާ (ރ.އ) ރަސޫލާ ﷺ އަރިހުން އެރޭ ކިޔާނެ ދުޢާއެއް އައްސަވައިގަތުމުން އުނގަންނަވައިދެއްވީ މި ދުޢާއެވެ.
"اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي"
(އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! އިބަރަސްކަލާނގެއީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ، ޢަފޫވަންތަ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކޮށްދެއްވާފާނދޭވެ!)
  • ޞަދަޤާތްކުރުން: ފަޤީރުންނަށް އެހީވުމާއި ހެޔޮކަންތައް ކުރުން.
  • ޤުރުއާން ކިޔެވުން: ހިތުދަސް ބައިތައް ކިޔެވުން ނުވަތަ މުޞްޙަފުގައި އަތްނުލައި ކިޔެވުން (ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތަސް ގިނަ ޢިލްމުވެރިން މިކަމަށް ހުއްދަ ދެއްވައެވެ).
މާތް ﷲ ސޫރަތުލް އަޙްޒާބުގެ 35 ވަނަ އާޔަތުގައި ވަނީ އަޅުކަންކުރާ ފިރިހެނުންނާއި އަންހެނުންނަށް ހަމަހަމައަށް ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރައްވާފައިވާކަން ބަޔާންކުރައްވާފައެވެ.

ލައިލަތުލްޤަދުރި ވިލޭރޭގެ ބައެއް ނިޝާންތައް
އެރެޔަކީ ކޮންރެޔެއްކަން ކަނޑައެޅިގެން ނޭނގުނަސް، ބައެއް ކަހަލަ ޠަބީޢީ ނިޝާންތަކުން އެރޭ ދެނެގަނެވިދާނެ ކަމަށް ރަސޫލާ ﷺ ގެ ސުންނަތުން އެނގެއެވެ. މީގެ ތެރޭގައި ހިމެނެނީ:
  1. މާހައުލުގެ މަޑުމައިތިރިކަން: އެރެއަކީ މާ ހޫނުގަދަ ނޫން، އަދި މާ ފިނިގަދަ ނޫން، މުعتަދިލު (މެދު މިންވަރެއްގެ) ހިތްގައިމު ރެއެކެވެ. މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވާތީ މާހައުލަށް އަމާންކަމާއި މަޑުމައިތިރިކަން ވެރިވެފައިވެއެވެ.
  2. އިރުގެ އަލިކަން: އެރޭ ނިމި، ފަތިހު އިރު އަރާއިރު އިރު ފެންނާނީ ވަރަށް މަޑު، ރީތި ހުދު ކުލައެއްގައެވެ. އިރުގެ ދޯދިތައް ގަދަވެގެންނެއް ނުވެއެވެ. (މިއީ އެރޭ ފާއިތުވުމަށްފަހު ފެންނަ ނިޝާނެކެވެ).
  3. ނޫރުގެ ފާޅުކަން: އެރޭގެ އުޑުމަތި ފެންނާނީ ވަރަށް ސާފުކޮށް، އަލިގަދަކޮށެވެ. އުޑުމަތީގައި ތަރިތައް ފިޔަޖަހާ މިންވަރު އިތުރުވެފައިވާކަން ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ.
  4. ހިތަށް ލިބޭ ހަމަޖެހުން: މިއީ ކޮންމެ މީހަކަށްވެސް އަމިއްލައަށް އިޙްސާސް ކުރެވިދާނެ ކަމެކެވެ. އެރޭ އަޅުކަމުގައި އުޅޭއިރު ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އުފާވެރިކަމަކާއި، މަޑުމޮޅިކަމެއް ލިބިގެންދާނެއެވެ.
ސަމާލުވާންވީ ކަންކަން
  • ނިޝާންތަކަށް އެކަނި ބަލަން ނުތިބުން: ބައެއް މީހުންނަށް ހީވަނީ އެރޭގެ ނިޝާންތައް ފެނުމުން ނޫނީ އަޅުކަން ފަށައިގެން ނުވާނެ ކަމަށެވެ. އެއީ ކުށްހީއެކެވެ. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންވާނީ ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް ގަދައަޅައި އަޅުކަން ކުރުމެވެ.
  • މުޅި ރޭ އަޅުކަމުގައި ހޭދަކުރުން: ހަމައެކަނި ދަމުނަމާދަށް ނުވަތަ ތަރާވީހަށް ނުކުމެފައި ގެއަށް އައިސް ނިދުމުގެ ބަދަލުގައި، މުޅި ރޭ (ފަތިސް ވަންދެން) ޛިކުރުކުރުމާއި ދުޢާކުރުމުގައި ހޭދަކުރުން މުހިންމެވެ.
ނިންމުން
ލައިލަތުލްޤަދުރި ވިލޭރެއަކީ ކޮންރެއެއްކަން އިންސާނުންނަށް ކަނޑައެޅިގެން ނޭނގުނަސް، އެރޭގެ ބަރަކާތް ހޯދުމަށް ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް މަސައްކަތް ކުރަންވާނެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހަކީ ހުރިހާ ހެޔޮކަމަކުން މަޙްރޫމްވެއްޖެ މީހެއް ކަމުގައި ޙަދީޘްގައިވެއެވެ.

No comments:

Post a Comment